ޚަބަރު

މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް

ހޯރަފުށީ އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ހަދަމުންދާ ޖެޓީގެ މަސައްކަތް 31 ޖުލައި 2023 ގެ ކުރިން ނިންމަން މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މިހެން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރު، އަލްއުސްތާޒް އަބުދުލް މާނިއު ހުސައިން، ހޯރަފުށީ އެއާޕޯޓްގެ ފާލަން ދަނީ މަޑުމަޑުން ހިލެމުންކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ހޯރަފުށީ އެއަރޕޯޓްގައި ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުން ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން 2 އޮކްޓޯބަރ 2020 ގަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިއްސާކޮށްފައެވެ. އެއާއިއެކު ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ފިޔަވާ ހއ އަތޮޅަށް ނިސްބަތްވާ އަނެއް ހަތަރު މެމްބަރުންވެސްވަނީ ރައީސްގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. މި މަސައްކަތުގެދަށުން 18000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. އަދި ނެރު ބައްތި ޖެހުންވެސް ހިމެނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5.99 މިލިއަން ރުފިޔާއަށެވެ. ހޯރަފުށި އެއަރޕޯރޓްގެ ޖެޓީގެ އަމަލީ މަސައްކަތްފެށީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.
މުޙައްމަދު އަކުރަމް