ޚަބަރު

ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި

ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން ކުރިއަށް ގެންދިޔަ ދެވަނަ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހއ. މާރަންދޫ ޓީމެއް ކަމަށްވާ މާރަންދޫ ޔޫތް ސޮސައިޓީން ހޯދައިފިއެވެ. ރޭ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު މާރަންދޫ ޔޫތް ސޮސައިޓީން ކާމިޔާބު ކޮށްފައިވަނީ ދިއްދޫ އެޗްއެން ސްޕޯރޓްސްއާ ވާދަކޮށް، މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 2-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާރަންދޫ ޔޫތް ސޮސައިޓީގެ ގޯލް ކީޕަރ ނައުފަލް މޫސާއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ. މުބާރާތުގެ ވަނަތައް: * މުބާރާތުގެ އެންމެ މޮޑު ޑިފެންޑަރު: އެންއެން ސްޕޯސްޓްގެ އާދަމް ނަސީމް * މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރު: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު ސާޖިދު * މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ ސާލިމް މުހައްމަދު * 19 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ މުހައްމަދު ރިޝާން * މުބާރާތުގެ އެންމެ މޮޅު ފޯވާޑް: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ މާތު އަދުނާން * މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރ: އެންއެން ސްޕޯސްޓްގެ އަޙްމަދު ޝާހިދު * މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު ސާޖިދު * މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާ: އެންވީކޭގެ ސައުދުއްﷲ އަބްދުއް ރަޝީދު * މުބާރާތުގެ އެންމެ މޮޅު ކޯޗް: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު މޫސާ * މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ މާތް އަދުނާން، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ މުހައްމަދު ރިޝާން އަދި ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ އަޙްމަދު ޔާސިރު (މިއިން ކޮންމެ ކުޅުންތެރިޔަކު 3 ގޯލް ޖަހާދީފައިވޭ) * ފެއަރ ޕްލޭ ޓީމް: އެންވީކޭ * މުބާރާތުގެ 2 ވަނަ ޓީމް: ދިއްދޫ އެޗްއެން ސްޕޯރޓްސް ކްލަބް * މުބާރާތުގެ ޗެމްޕިއަން ޓީމް: މާރަންދޫ ޔޫތް ސޮސައިޓީ މިއީ އިހަވަން ކަޕްގެ 2 ވަނަ މުބާރާތެވެ. އިހަވަން ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރީ ހދ. ނޮޅިވަރަމްގެ ޓީމެއް ކަމަށްވާ ކުލަބު ޕެނީ އެވެ. އިހަވަން ކަޕްގެ 3 ވަނަ މުބާރާތް މިއަހަރުގެ ޑިސެމްބަރ މަހު އޮންނާނެކަން، ކްލަބް ޕޯލްސްޓާގެ ރައީސް މުހައްމަދު ސުޖާއުވަނީ ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އިއުލާންކޮށްފައެވެ.
މުޙައްމަދު އަކުރަމް