ޚަބަރު

އިހަވަންދޫގައި އައިސްޕްލާންޓެއް ހުރިކަން ޔާމިނަކަށް ނޭގުނު : އެމްޕީ ޝިފާއު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔަ ފެއްޓެވި ދަތުރުފުޅުގައި އިހަވަންދޫގައި ރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެއްމްގެ ސަރުކާރަކުން އިހަވަންދޫގައި އައިސްޕްލާންޓެއް އަޅައިދޭނެކަމަށް ވައުދުވުމުން، އެކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރިމެމްބަރު މުހައްމަދު ޝިފާއު ފާޑުވިދާޅުވެއްޖެއެވެ. ޝިފާއުވިދާޅުވީ ގަބޫލުކުރެވޭގޮތުގައި ޔާމިންއަށް އިހަވަންދޫގައި އައިސް ޕިލާންޓްހުރިކަން ނޭގުނީ،ރައީސް ޔާމިނަކީ އެއްއިރެއްގަވެސް ރަށްފުށުގެ ތަރައްގިގެ ކަންކަމާ ޝައުގުވެރިވާ ބޭފުޅަކަށް ނުވާތީއެވެ. "ޔާމިން ވެރިކަމުގަ އައިސްޕުލާންޓްހުރީ ވަރަށްބޮޑަށް ވީރާނާވާން ދޫކޮއްލާފައި. އެއީ ގަވާއިދުން އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ތަނެއްނޫން. އެހެންވީމަ އެކަމުގެ މަޢުލޫމާތު ނުހުރެދާނެ" ޝިފާއު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރަކުން އެންމެ ފުރަތަމަ އައިސްޕްލާންޓް އަޅާ ތެޔޮ ލިބޭނެގޮތް ހަދާކަމަށްވަންޏާ އެރަކަށްވާނީ އިހަވަންދޫ ކަމުގައެވެ. "އިހަވަންދޫގެ މަސްވެރިންނަށް އިހަވަންދޫން ޑީސަލް ލިބޭނެ ގޮތް އަޅުގަނޑުމެންގެ ސަރުކާރުގަ ކުރާނަން އެކަން. އަދި އެގޮތަށް އިހަވަންދޫގެ މަސްވެރިންނަށް އައިސްލިބޭނީ ހަމަ އިހަވަންދޫއިން. އިހަވަންދޫގެ މަސްވެރިން ނުޖެހޭނެ ފެލިވަރަށް ދާކަށް. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ކުރާނަން ކޮށްދޭނަން." ޔާމީން ވިދާޅުވިއެވެ. އެމްޕީ ޝިފާއު ފާހަގަކުރެއްވި ގޮތުގައި އިހަވަންދޫގައި ހުރި އައިސްޕްލާންޓަށް މިސަރުކާރުން ވާނީ ހެއޮބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:  - އައިސް ޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އިތުރުކުރުން - ފެނަކައިގެ ކަރަންޓް ނެޓްވޯކާއި ޑިއިރެކްޓް ގުރިޑަކުން ގުޅައިލުން - އައިސްޕްލާންޓުން ވިއްކާ އައިހުގައި ދަބަރުގެ އަސަރު ހުންނާތީ، އައިސް ޓްރޭތައް ގަލްވަނައިޒް ޓްރޭތަކަށް ބަދަލުކުރުން - އައު ޖެނެރޭޓަރުސެޓެއް ގެނެސް އިންސްޓޯލްކުރުން - 24 ގަޑީއިރު މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން މީގެ އިތުރުންވެސް އައިސްޕްލާންޓުންދޭ ހިދުމަތް ރަނގަޅުކުރުމަށް ތަފާތު މަޝްރޫއުތައް ޕްލޭންކުރެވިފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.
މުޙައްމަދު އަކުރަމް