ދީން

ރަމަޟާންމަސް: ރަމަޟާންމަސް ފައިދާހުރި ގޮތުގައިހޭދަކުރާނީ ކިހިނެއް؟

(18 އޭޕްރީލް ވަނަ ދުވަހުގެ ލިޔުމާ ގުޅޭ) ރަމަޟާންމަސް ފައިދާހުރި ގޮތުގައިހޭދަކުރާނީ ކިހިނެއްހެއްޔެވެ؟ އާދެ އެކަން ކުރެވޭނެ ގޮތަކީ އެމަހުގެ ހުކުމްތަކާއި ކަންތައްތައް ދަސްކޮށް އަޅުގަނޑުމެންގެ މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ މަތިވެރި ޞަހާބީން އެމަސް ހޭދަކުރެއްވިގޮތް ދެނެގަނެވިގެންނެވެ. އަދި އެގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށްގެންނެވެ. މިގޮތުން އެ މައްސަރުގެ ފައިދާ ހޯދުމަށް ކުރެވިދާނެ ބައެއްކަންކަމަށް ބަލާލަމާ ހިނގާށެވެ.
  • ފުރިހަމަ ތައުބާއަކާއިގެން ރަމަޟާން މަހާއި ކުރިމަތިލުން.
ތެދުވެރި ތައުބާއަކުން ތައުބާވެ ރޯދަމަހުގެ ދުވަސްތަށް ފުރިހަމަ ގޮތުގައި ހޭދަކުރަން މަތިވެރި އަޒުމަކާއިއެކު އެމަހާ ބައްދަލުކޮށް ހީވާގި ކަމާއި އެކު އެމަހުގެ ދުވަސްތައް ހޭދަކުރުމަށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ އެ މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބިގަނެވޭނެއެވެ. ގޭތެރެއާއި ގޯތިތެރެ ޒީނަތްތެރިކުރުމަށް ވުރެ ރަމަޟާން މަހަށްޓަކައި ތިމާގެ އެތެރެފުއް އިޞްލާޙްކޮށް ތައުބާވުން މާ މުހިއްމުވެގެންވެއެވެ.
  • ހާރު ކެއުން
ހާރު ކާށެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމަށްބާރު އަޅުއްވާފައިވާކަމެކެވެ. އަދި މިޒަމާނުގެ މެޑިކަލްހޯދުން ތަކުންވެސް އެކަމުގެ ފައިދާތައްވަނީ ހޯދިފައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَة.  رواه البخاري ومسلم. މާނައީ: ''ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތް ވެއެވެ.'' އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. مَنْ أَرَادَ أَنْ يَصُومَ فَلْيَتَسَحَّرْ بِشَيْءٍ. މާނައީ: "ރޯދަހިފަން ގަސްދުކުރާމީހާ ފަހެ، ކޮންމެވެސް އެއްޗަކުން ހާރުކާށެވެ." ހާރުކެއުމުގައިވެސް ކަދުރުކެއުމަކީ މާތްނަބިއްޔާގެ ސުންނަތުން ސާބިތުވާކަމެކެވެ. ކާނެ އެއްޗެއް ނެތްނަމަ ފެންފޮދަކުން ނަމަވެސް ހާރުކެއުމުގެ ސުންނަތް ޙާޞިލްކުރުމަށް ރަސޫލާ އަމުރުކުރައްވާފައިވެއެވެ. އަދި ހާރުކެއުމަކީ ބަރަކާތް ލައްވާކަމެއްކަމަށާއި އަދި ހާރުކާމީހުންނަށް ﷲ ތަޢާލާއާއި މަލާއިކަތުން ޞަލަވާތްލައްވާނެ ކަމަށް ޞައްޙަ ޙަދީޡުން ސާބިތުވެގެން އައިސްފައިވެއެވެ.
  • ހާރުފަސްކުޅައުން
ވީހާވެސް ފަސްކޮށް ހާރުކާށެެވެ. ސުންނަތް ގޮތަކީ އެއީއެވެ. ޒައިދު ބުނު ޘާބިތު ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމުލް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވެއެވެ. تَسَحَّرْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَامَ إِلَى الصَّلَاةِ قُلْتُ كَمْ كَانَ بَيْنَ الْأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً.  މާނައީ: "އެކަލޭގެ ފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކު ތިމަންބޭކަލުން ހާރުކެއީމެވެ. ދެން އެކަލޭގެފާނު ނަމާދަށް ތެދުވެވަޑައިގަތެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެދެމެދުގައި (އެބަހީ: ބަންގިގޮވުމާއި ހާރުކެއުމާއި ދެމެދުގައި) ހޭދަވީ ކިހާ ވަގުތެއްހެއްޔެވެ؟ ވިދާޅުވިއެވެ. 50 އާޔަތުގެ (އެބަހީ:ކިޔާވާނެހާ) މިންވަރެވެ." މިތަނުގައި އަޛާން ގެ މާނައަކީ ޤަމަތްކަމުގައި އިލްމުވެރިން ޝަރަޙަކުރައްވާފައިވެއެވެ. ބަންގިގޮވުމާއި ހަމައަށް ހާރުކެރުން ކުރިޔަންގެންދެވޭނެއެވެ. ރޭގަނޑުގެ ދެބައިވުމުން ހާރުކެއުމަކީ ސުންނަތާއި ޚިލާފްގޮތެކެވެ.
  • ނަމާދަށް ރައްކާތެރިވުން
ނަމާދުތަކަށް ރައްކާތެރިވާށެވެ. ޖަމާޢަތުގައި ހުރިހާ ނަމާދެއްކުރެވޭތޯބަލާށެވެ. ނަމާދުނުކޮށް ރޯދަހިފުމުގެ އެއްވެސްބޭނުމެއްނެތެވެ. އަދި ނަމާދަކީ ﷲ ތަޢާލާގެ ހަޟުރަތުގައި އެންމެލޮބުވެތިކަންބޮޑު ޢަމަލެވެ. ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމާއި އެކު ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމަކީ މިފަދަމަހެއްގެ ދަރުމައާއި ސަވާބު ހޯދުމަށް ކުރެވިދާނެ މުހިއްމުކަމެކެވެ.
  • ފަތިސްނަމާދަށްފަހު އިރުއަރަންދެން ޛިކުރުކުރުން.
ފަތިސް ނަމާދަށްފަހު އިރުއަރަންދެން ޒިކުރުކުރުމުގައި ހޭދަކުރެވޭތޯބަލާށެވެ. އޭގެފަހުގައި ބޮންތިއަކަށް އިރުއެރުމުން 2 ރަކުޢަތް ނަމާދެއްކޮށްލާށެވެ. ޟުޙާ ނަމާދުގެ ދެރަކުޢަތަށްވެސް މި ދެރަކުޢަތް ފުދޭނެއެވެ. އޭގެފަހުގައި ތިމާގެ މަސައްކަތުގެ މައިދާނަށް ނުކުންނާށެވެ. އަދި މެންދުރުވާން ގާތްވުމުން މެންދުރު ނަމާދަށް ތައްޔާރުވާށެވެ. މެންދުރު ނަމާދުކޮށް ނިމުމަށްފަހު، މަސައްކަތުގެ ނުނިމިހުރިބައި ނިންމާލުމަށްފަހު އަސުރުވަގުތުގެ ކުރިން ޤުރްއާންކިޔެވުމާއި ނޫނީ ކުޑަކޮށް އަރާމުކޮށްލުމުގައި ވަގުތުކޮޅެއްހޭދަކޮށްލާށެވެ. ދެން އޭގެ ފަހުގައި އަސުރުނަމާދަށް ތައްޔާރުވެލާށެވެ. ބައެއްމީހުންނަށް މިމަސްވެފައި އޮންނަނީ ކެއުމާއި ނިދުމުގެ މަހަކަށެވެ. އަދި ދުވާލުދާ ހަތަރުދަމު ނިދުމުގެ ސަބަބުން ނަމާދު ނުކުރެވި ނުވަތަ ޖަމާޢަތް ގެއްލި، ރޭގަނޑު ނުނިދިގެން ހޫރެން ޖެހެއެވެ.
  • ދޫ ރައްކާތެރިކުރުން
ރޯދަ އަށް ހުރެގެން، ހަޑި އެއްޗެހި ކިއުމާއި ގޮވުމާއި ޒުވާބު ކުރުމާއިި ދޮގު ހެދުމަކީ ރޯދައިގެ ބަރަކާތް ކެނޑޭ ކަމެކެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައިވަނީ މިފަދަ ކަންތަކުން ދުރުހެލި ނުވާނަމަ، ނުކައި ނުބޮއެ ހުރުމުގެ މާނައެއް ނެތް ކަމަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. مَنْ لَمْ يَدَعْ قَوْلَ الزُوْرِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابهُ. رواه البخاري وأبو داود واللفظ له. މާނައީ: " ދޮގުހެދުމާއި ޣީބަ ބުނުމާއި އެފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި އެފަދަ ކަންތައްތައް ކުރުން ހުއްޓާ ނުލައިފި މީހަކު ކެއުމާއި ބުއިމުން ދުރުހެލިވުމުގެ ބޭނުމެއް މާތް ﷲ އަކަށް ނުވެއެވެ." ރޯދައަށް ހުރެ ހުރިހާ މުންކަރާތްތަކަކުން ދުރުވާން ޖެހޭނެއެވެ. ޣީބަ ބުނުމާއި، ދެބަ އޮޑުވުމާއި ދޭތެރެ ޖެއްސުމާއި މަކަރު ހެދުމާއި ޙަރާމް ތަންތަން ބެލުމަކީ ރޯދައިގެ ރޫޙާއި މުޅިން ޚިލާފު ކަމެކެވެ. ފިލްމާއި ލަވައާއި ސިލްސިލާ ބެލުމާއި އަދި ހުސް އަނގަ ތަޅަން އެއްވެ ތިބުމާއި، ގޯޅިގޯޅީގެ ކަންމަތީ، ހޮޅުއަށިތަކަށް އެއްވެ ތިބުމާއި ރޯދަކުރުކުރުމޭ ކިޔައިގެން ބުރުޖަހަންނުކުމެ މަގުތައް ހަލަބޮލިކުރުމާއި މިކަންކަމަކީ މި މައްސަރަށް އެކަށީގެންވާ ކަންކަމެއްނޫނެވެ.
  • ޤުރްއާން ކިޔެވުމާއި ދީނުގެ ޢިލްމަށް ވަގުތުހުސްކުރުން
އަޞްރު ނަމާދަށްފަހު، ނުވަތަ އެނޫންވެސް ހުސްވަގުތުގައި ދީނީ ދަރުހެއްއަޑުއެހުންފަދަ ނޫނީ ފޮތެއްކިޔާލުންފަދަ ކަމެއްކުރެވިދާނެއެވެ. އަދި، ގުރްއާންކިޔެވުމުގައި ވަގުތުހޭދަކުރާށެވެ. ކޮންމެ ރަމަޟާންމަހެއްގައި ޖިބުރީލް ޢަލައިހިއްސަލާމާއި އެކު ރަސޫލާ ޤުރްއާން މުރާޖާކުރައްވައެވެ.
  • ރޯދަވީއްލުން އަވަސްކުރުން.
މަޣްރިބުވަގުތާއި ކައިރިވުމުން ރޯދަވީއްލުމަށް އަވަސްވެގަންނާށެވެ. ރޯދަ ވީއްލާވަގުތު ޖެހުމުން ރޯދަ ވީއްލުން އަވަސް ކުރުމަކީ ސުންނަތެކެވެ.  އެއީ ބައެއް މީހުން ހީކުރާހެން ''ކެތްތެރިކަން ކުޑަވުމެއް'' ނޫނެވެ. ކަދުރުން ރޯދަ ވީއްލުމަކީ ވެސް ސުންނަތެކެވެ. އަދި ހަށިގަނޑަށް ފައިދާ ވެސް ބޮޑު ކަމެއް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެއެވެ. ކަދުރު ނުލިބިއްޖެމީހާ ފެނުން ރޯދަވީލުމަށްވެސް ސުންނަތުގައި އިރުޝާދު ދެއްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގައިވެއެވެ. إِذَا كَانَ أَحَدُكُمْ صَائِمًا فَلْيُفْطِرْ عَلَى التَّمْرِ، فَإِنْ لَمْ يَجِدِ التَّمْرَ فَعَلَى الْمَاءِ، فَإِنَّ الْمَاءَ طَهُوَرٌ. رَوَاهُ أَبُو دَاوُدَ.  މާނައަކީ: "ތިޔަބައިމީހުންކުރެ މީހަކު ރޯދައަށްހުރެއްޖެނަމަ އެމިހާ ކަދުރުން ރޯދަ ވީއްލާހުށިކަމެވެ. ދެންފަހެ ކަދުރުން ރޯދަވީއްލާން ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާހުށިކަމެވެ. ފަހެ އެއީ ޠާހިރު ކުރާ އެއްޗެކެވެ." އަދި ރޯދަވީއްލާ ވަގުތަކީ ދުޢާކުރުމަށް ޚާއްޞަވަގުތެކެވެ. ރޯދަވެރިޔާގެ ދުޢާ ﷲ އިޖާބަކުރައްވައެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅެއްގައިވަނީ: " ތިން މީހެއްގެ ދުޢާ ރައްދު ނުކުރެވޭ ހުއްޓެވެ. އެއީ ދަރިއަކު އޭނާގެ މައިބަފައިންނަށް ހެޔޮއެދިގެން ކުރާ ދުޢާއާއި، ރޯދަވެރިޔާ ރޯދަވީއްލާ ހިނދުކުރާ ދުޢާއާއި، އަދި ދަތުރުވެރިޔާގެ ދުޢާއެވެ." ދުޢާގެ މުހިއްމުކަން، ﷲ ތަޢާލާ ރޯދަފަރުޟު ކުރެއްވިކަން ބަޔާންކުރައްވައި ވަޙީކުރެއްވި އާޔަތް ތަކާއިވިދިގެން ދުޢާކުރުމަށް އަންގާވާ ވަޙީކުރެއްވުމުން އަޅުގަނޑުމެންނަށް އެގިގެން ދެއެވެ. އެއިލާހު ވަހީކުރައްވަނީ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ.  މާނައީ: "އަދި ތިމަން الله އާއި މެދު ތިމަންގެ އަޅުތަކުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، ފަހެ ތިމަން الله ވަނީ އެމީހަކާއި ކައިރިވެ ވޮޑިގެންނެވެ. އަދި ތިމަން اللهގެ ކިބައިން ކަމަކަށްއެދި އެކަމަށް ދުޢާކޮށްފި މީހަކަށް އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ.”
  • ކެއުމާއި ބުއިމުގެ މައްސަރަކަށް ނުހެދުން.
އާދެ، ބައެއްމީހުން މިމަހުގައި ކާންހުންނަ ވަރެއްގެ ސަބަބުން އަނބީންނަށް ބުރަކަށި ޖައްސާލާނެ، ނުވަތަ އަޅުކަމުގައި ހޭދަކޮށްލާނެ ވަގުތެއްނުލިބެއެވެ. ހެނދުނުހޭލާގޮތަށް ވަންނަނީ ބަދިގެއަށެވެ. އަދި، ޚަރަދުގެ ގޮތުންބަލާއިރު އެހެނިހެން މަސްތަކަށްވުރެ، އެތައްގުނައެއް ޚަރަދު އިތުރުވެގެން ދެއެވެ. ކެއުމުގައި ހައްދުފަހަނަ އަޅާދިޔުމުގެ ސަބަބުން ރޯދައިގެ ޙަޤީޤީ ފައިދާއިން މަޙްރޫމްވެންދެއެވެ. ވިޔަފާރިތަކާއި، ރެސްޓޯރެންޓްތަކަށްވެސް ހީވަނީ ވިޔަފާރީގެ ރަންޒަމާނެެއްލައިގަނެގެން އުޅޭހެނެވެ. މިފަދަކަންކަން އިސްލާހުކޮށް މިމަހުގެ ބޭނުން ހެޔޮގޮތުގައި ހިފާބަޔަކަށް އަޅުގަނޑުމެން ވަމާހިގާށެވެ. ކެއެމަށް މިކުރާހޭދަ ޞަދާގާތްކުރުމާއި ނިކަމެތިންނަށާއި ޔަތީމުންނަށް އަދި ރޯދަވީއްލުމަށް އެހެންމީހަކަށް ދަޢުވަތެއްދިނުމަށް ނުވަތަ ކާއެއްޗެއްދިނުމަށް ހޭދަކުރެވިދާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އީ އެންމެދީލަތި ސާހިބާއެވެ. އެކަލޭގެފާނު ދީލަތިކަންވެސް މިމަހުގައި އިތުރުވެގެންދެއެވެ. ނަލަވައިރޯޅިއެއްފަދައިންނެވެ.
  • އެހެން މީހަކަށް ރޯދަވީއްލުމަށް އެއްޗެއް ފޯރުކޮށްދިނުން.
މީހަކަށް ރޯދަވީއެްލުމަށް އެއްޗެއްދިނުމަކީ، މިމަހުގައި ލިބޭސަވާބު އިތުރުކުރެވިދާނެކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.‏ ‏مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا. މާނައީ: ''ރޯދަވެރިއެއްގެ ރޯދަ ވީއްލުވައި ދިން މީހަކަށް، އެރޯދަވެރިއާގެ ޘަވާބާއި އެއްފަދަ ޘަވާބު ލިބެއެވެ. އެހެން ނަމަވެސް ރޯދަވެރިއާގެ އަޖުރުން މަދުވުމެއްނެތިއެވެ.''
  • ތަރާވީޙް ނަމާދުކުރުން.
މަޣްރިބު ނަމާދުކޮށްލައިގެން އިޝާނަމާދާއި ތަރާވީޙްނަމާދަށް ތައްޔާރުވެލާށެވެ. އަދި އިމާމާއާއި އެކު އޭނާކުރާ އަދަދަކަށް ތަރާވީޙްނަމާދު ކުރާށެވެ. އެންމެމޮޅުގޮތަކީ އެއީއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. ((مَنْ قَامَ مَعَ الإمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)). [الترمذي والنسائي وابن ماجه] “އިމާމާއި އެކުގައި އޭނާ ސަލާން ދީފުމަށް ދާންދެން ގިޔާމުކޮށްފި މީހަކަށް އެރޭގެ ރޭއަޅުކަން ލިޔުއްވިއްޖެއެވެ.” ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.  مَنْ قَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ. رواه البخاري ومسلم މާނައީ: "އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާގެ ވޭތުވެދިޔަހާ ފާފައެއް ފުހެވިދެއެވެ." ރޭގަނޑުގެ ނަމާދު ރޭގަނޑޫގެ ފަހުބައިގައި ކުރެވޭނަމަ އެންމެ ރަގަނޅުގޮތަކީ އެވަގުތަށްލަސްކުރުމެވެ. އެހެންނަމަވެސް އެގޮތަށްލަސްކުރުމުން ހޭލަންއުނދަގޫވެ ފަރުވާކުޑަކުރެވޭނަމަ ރަނގަޅުގޮތަކީ ޖަމާޢަތުގައި އިމާމާއާއި އެކުކުރުމެވެ.
  • ދަމުނަމާދު ކުރުން.
ތަރާވީޙްނަމާދަށްފަހު ކުޑަކޮށް ކައި އަދި އަވަހަށް ހޭލުމަށްޓަކައި އަވަހަށްނިދާށެވެ. މުޅި ރޭގަނޑު ހޭލައިތިބެ ކުޅިވަރާއި މަޖަލުގައި ހޭދަނުކުރާށެވެ. ހާރުކެއުމުގެ ކުޑަވަގުތުކޮޅެއްކުރިން ހޭލައި ދަމުނަމާދުކޮށް ޤުރްއާން ކިޔަވައިހަދާށެވެ.
  • އިޢްތިކާފުކުރުން.
ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފްކުރެވޭތޯ ބަލާށެވެ. ލައިލަތުލްޤަދުރި ވަނީ ފަހުދިހައިގެ އޮނަހިރި ރޭތަކުގައެވެ. أم المؤمنين عائشة رضي الله عنها ވިދާޅުވެފައި ވެއެވެ. ((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْتَهِدُ فِي الْعَشْرِ الْأَوَاخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ)) مسلم. أم المؤمنين عائشة رضي الله عنها ވިދާޅުވިއެވެ. رسول الله صلى الله عليه وسلم އެހެން ވަގުތެއްގައި އަޅުކަމަށް މަސައްކަތް ނުކުރައްވާހާ ގިނައިން ފަހު ދިހައެއްގައި މަސައްކަތް ކުރައްވައެވެ. (އެހެން ރިވާޔަތެއްގައި ވަނީ [ފަހު ދިހައެއް އައުމުން، އެކަލޭގެ ފާނުންގެ އިޒާރު ބަނދެލައްވައެވެ. ރޭގަނޑު އިހްޔާކުރައްވައެވެ.] ލައިލަތުލް ޤަދްރިވިލޭރޭ ދިމާވެއްޖެނަމަ ދަންނަވާނެ ދުޢާއަކާއިމެދުގައި އުންމުލް މޫމިނީން އާއިޝާ ރަޟިޔަﷲ އަންހާ އިތުރުއެކަލޭގެފާނަށް ދެންނެވުމުން ދަސްކޮށްދެއްވީ  اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي މި ދުޢާއެވެ. މާނައީ: "އޭ ﷲ! އިބަރަސްކަލާނގެއީ އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުގެ ފާފަ ފުއްސަވާންދޭވެ!" އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުން ހަދީޘްކުރެއްވިއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)). [البخاري] "އީމާނާއި ޘަވާބުގެ ނިޔަތުގައި ލައިލަތުލް ޤަދުރިވިލޭރޭ ގިޔާމު ކޮށްފި މީހެއްގެ އިސްވެދިޔަ ފާފަ ފުހެވިއްޖެއެވެ." ފަހުދިހާގައި އިޢުތިކާފްކޮށްފިނަމަ އަޅުގަނޑުމެންނަށް އެދުވަހާއި ދިމާވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މިގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓޭތޯ ބަމަމާތޯއެވެ. މި ރަމަޟާންމަހަކީ އަޅުގަނޑުމެންގެ ފާފަތައްފުހެވި ނަރަކައިން ދިންނަވާމަހެއްކަމުގައި ﷲތަޢާލާ ލައްވާށި.
އައްޝައިޙު ޢަބުދުލްޤާދިރު މުޙައްމަދު