ދީން

ހަތް ޙަރްފުން ކީރިތި ޤުރްއާން ބާވައިލެއްވުން

އަލްއަޙްރުފުއް ސަބްޢަ ޢަރަބި ބަހުގައި ޙަރްފުގެ މާނައަކީ އެއްޗެއްގެ ކޮޅު ނުވަތަ އަރިމަތި ނުވަތަ މިޔައެވެ. އަޙްރުފްއަކީ ޙަރްފުގެ ޖަމްޢުއެވެ. ޙަރްފުގެ ލުޣަވީ މާނައަކީ އަކުރެވެ. އަދި ޙަރްފުގެ މާނަތަކުގެ ތެރޭގައި “ބަހުރުވަ” ނުވަތަ ލަހުޖާވެސް ހިމެނެއެވެ. ސަބްޢަގެ މާނަ އަކީ ހަތެކެވެ. އަޙްރުފުއް ސަބްޢައޭ މި ބުނެވެނީ ހަތް ބަހުރުވައަށެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނީ ޙަތް ބަހުރުވައިންނެވެ. ނުވަތަ ޙަތް ޙަރްފުންނެވެ. ހަތް ޙަރްފުން ޤުރްއާން ބާވައިލެއްވުނު ކަމުގެ ދަލީލު ފުރަތަމަކޮޅު ކީރިތި ޤުރްއާން ބާވައިލެއްވުނީ އެއް ބަހުރުވައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަތް ބަހުރުވައިން ކީރިތި ޤުރްއާން އުނގަންނަވައިދެއްވައިފުމަށް ދަންދެން، ޖިބްރީލްގެފާނު އަރިހުން އެކަމަށް އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ދަލީލު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިކަމަށް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ގެ ކިބައިން ރިވާވެގެންވެއެވެ. ޖިބުރީލު ޢަލައިހިއްސަލާމު ތިމަންކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ދަސްކޮށްދެއްވަނީ އެއްޙަރުފަށެވެ. (އެބަހީ؛ އެއް ބަހުރުވައަށެވެ.) ފަހެ ތިމަންކަލޭގެފާނު އެގޮތަށް ޤުރުއާންކިޔަވާ ވިދަޅުވާން ދަސްކުރައްވަމެވެ. އެއަށްފަހު ޤުރުއާން ކިޔަވާވިދާޅުވެވޭނެ އިތުރުގޮތްތައް އުނގަންނަވައިދެއްވުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ. ދެން ޖިބުރީލު އަލައިހިއްސަލާމު އިތުރުގޮތެއް ދަސްކޮށްދެއްވައެވެ. އެގޮތުގެ މަތިން، ހަތް ޙަރުފަށް ( އެބަހީ؛ ހަތް ގޮތަށް) ޤުރުއާން ކިޔަވާވިދާޅުވާން ދަސްކޮށްދެއްވިއެވެ.” رواه البخاري ( 3047 ) ومسلم ( 819 ) .   ހަތް ޙަރްފުގެ މުރާދު ޢުލޫމުލް ޤުރުއާނުގައިވާ އަލްއަޙްރުފުއް ސަބްޢާގެ މާނައާއި މެދު ތަފާތު 40 ހަކަށް ރައުޔު ވާ ކަމުގައި އިމާމު ސުޔޫޠީ ވިދާޅުވެއެވެ. އިބްނު ޙިއްބާނު ރަޙިމަހުﷲ ވިދާޅުވެފައިވަނީ އަޙްރުފުއް ސަބްޢަގެ މާނައާއި މެދު 35 ރައުޔުވާކަމުގައެވެ. ނަމަވެސް ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވާ ތަޢުރީފެއް ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މި ތާނގައި މި ޛިކްރު ކޮށްލަނީ އަޙްރުފުއް ސަބްޢަގެ މާނައާމެދު ވާރިދުވެފައިވާ ބަސްފުޅުތަކުގެ ތެރެއިން އެންމެ މަޝްހޫރު ބަސްފުޅުތަކެވެ.   1- އެއީ އެއްމާނައެއް ދޭހަވާ، ހަތް ބަހުރުވައެވެ. މިސާލަކަށް ޢަރަބި ލަފުޒުތައް ކަމުގައިވާ هَلُمَّ تَعَالَ أَقْبِلْ މި ލަފުޒުތައް ތަފާތުވިކަމުގައި ވިޔަސް މިއީ އެއް މާނައެއް ދޭހަވާ ލަފުޒުތަކެކެވެ. މިސާލަކަށް، كُلَّمَا أَضَاءَ لَهُمْ مَشَو فِيْهِ ” އަށް ” كُلَّمَا أَضَاءَ لَهُمْ سَعَو فِيْهِ “ މިފަދައިންވެސް ކިޔެއެވެ. 2- ޢަރަބީން ވާހަކަ ދައްކައި އުޅުނު ހަތް ބަހުރުވައެވެ. އޭގެ ތެރޭގައި ޤުރައިޝު، ހުޛައިލް، ތަމީމް، ޟައްބަތު، ކިނާނަތު، ޤައިސް، ބަނޫ އަސަދު ހިމެނެއެވެ. ބޮޑުބައިވަނީ ޤުރައިޝުންގެ ބަހުރުވައިންނެވެ. 3- ޤުރްއާނުގައި އެކުލެވިގެންވާ ހަތް ޖިހާއެވެ. އެއީ އަމުރު، ނަހީ، ޙަލާލު، ޙަރާމް، އަލްމުޙްކަމު، އަލް މުތަޝާބިހު، އަލްއަމްޘާލު. 4- ޢަރަބި ބަހުގެ މުފްރަދު ޖަމްޢު، މުޛައްކަރު މުއައްނަޘް، އިޢުރާބު، އިސް ފަސްވުން، އުނި އިތުރު، ލަހުޖާ. ފަދަ ކަންކަމެވެ.   ޤިރާއާތާއި ހަތް ބަހުރުވަ އެއީ އެކައްޗެއް ހެއްޔެވެ؟ ޤިރާއަތާއި ހަތްބަހުރުވައަކީ އެކައްޗެއް ނޫނެވެ. އިއްތިފާޤަކުން ޢަދަދު ދިމާވަނީއެވެ. ކީރިތި ޤުރްއާން ޢުޘްމާން ރަޟިޔަﷲ ޢަންހުގެ ޒަމާނުގައި ޖަމާކުރައްވާ ލިޔުއްވާފައިވަނީ އެންމެ ޙަރްފަކަށެވެ. އެ ޙަރްފުން ހަތް ޤިރާއަތަށް ކިޔެވެއެވެ.   ހަތް ޙަރްފުން ޤުރްއާން ބާވައިލެއްވުމުގެ ޙިކުމަތް ހަތް ޙަރްފުން ކީރިތި ޤުރްއާން ބާވައިލެއްވުމުގެ ޙިކުމަތަކީ، މީސްތަކުންނަށް ފަސޭހަކޮށްދިނުމެވެ. އެއީ މީސްތަކުން ވާހަކަދައްކާ ޢާއްމުކޮށް ވާހަކަދައްކާ އުޅޭ ލަހުޖާ ބަހުރުވައިން ކީރިތި ޤުރްއާން ބާވައިލެއްވުމުން، ފަހުމްވުން އަވަސްވާނެއެވެ. އަދި ކިޔެވުމަށްވެސް ފަސޭހަވާނެއެވެ.   މަރްޖިޢުތައް المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار المقدمات الأساسية في علوم القرآن  عبد الله بن يوسف الجديع
އައްޝައިޚު މުޙައްމަދު ޝާފިޢު