2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ރަށު ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީ ކެނޑިޑޭޓުން ނުކުންނެވީ މެނިފެސްޓޯއަކާއެކުއެވެ.
"ރަށަށްޓަކައި"ގެ ނަމުގައި މައިގަނޑު 5 ދާއިރާއަކަށް އަލި އަޅުވާލައިގެން ނެރުނު މެނިފެސްޓޯ އަށް ރައްޔިތުން އާބަސް ބުނެ އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ 5 ކައުންސިލަރުން އިންތިހާބުކޮށް އަތޮޅު ކައުންސިލްގެ ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ހޯދައިދިނެވެ.
މެނިފެސްޓޯގައި އަލިއަޅުވާލާފައި ވަނީ ރައްޔިތުން އެކަމަކަށްޓަކައި ލޮލުން ބޮލުން އެދިއެދި ތިބި ކަންތައްތަކެވެ. އިންތިހާބު ނިމި، ކައުންސިލްގެ 3 ވަނަ ދައުރަށް ހޮވުނު ކައުންސިލް ހުވާކުރުމާއެކު ރައްޔިތުން ތިބީ ނުހަނު ފޮނި އުއްމީދެއްގައެވެ. މެނިފެސްޓޯއިން ވިސްނާދިނީ އެއީ "ޕްލޭންކުރެވި ޕުރޮގުރާމް ކުރެވިފައި" ވާ ކަންތައްތަކެއްށެވެ. މުވާއެކު މެނިފެސްޓޯ ތަންފީޒު ވާނޭ ކަމާމެދު ރައްޔިތުންނަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
ކައުންސިލްގެ 3 ވަނަ ދައުރު ނިމުމަށް 3 މަހެއްހާ ދުވަހަށްވެފައިވާއިރު ރަށަށްޓަކައި" މެނިފެސްޓޯއިންވެފައިވާ ވައުދުތައް ފުއްދައިދެވުނީ ކިހާ މިންވަރެއްތޯ ނިންމަވާނީ ރައްޔިތުންނެވެ.
- 4. ތަފާތު ދައްކައި އިތުބާރު ހޯދުން
ކައުންސިލަށް އަމާޒު ވަނީ މަލާމާތް. ކައުންސިލްގެ ގަދަރު ކުޑަވެއްޖެ. އިތުބާރު ގެއްލިއްޖެ. ރައްޔިތުންގެ ކަރު އެލިއްޖެ. ޝަކުވާތައް ފުރި ބަންޑުން ވެއްޖެ. ކައުންސިލްގެ އިއްޒަތް އަލުން އުފުލަން ޖެހޭ. ކައުންސިލަކީ ނަތީޖާ ނެރެދޭ ތަނަކަށް އަލުން ހަދައިދޭން ޖެހޭ. ކައުންސިލަކީ ރައްޔިތުންގެ މަރުކަޒެއްކަން އަލުން އިހުސާސްކޮށްދޭން ޖެހޭ. ކައުންސިލުގެ ހިންގުން ހަރުދަނާ ވާން ޖެހޭ އަލުން އާ އުންމީދާއި ވަރުހުރި ޖޯޝު ގެނެސްދޭން ޖެހޭ. މިހެންވެ އަހަރުމެން މި ވައުދު ވަނީ؛
* ހިންގުންތެރިކަން
- ސަރުކާރުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބިދެވޭނެ ގޮތެއްގެ މައްޗަށް ކައުންސިލްގެ ހިންގުން ބައްޓަންކުރުން.
- ކައުންސިލަރުންގެ ދައުރަކީ ކަންކަން ނިންމައި ވިލަރެސް ކުރުން ކަމުގައި ވީހިނދު، ކައުންސިލްގެ އިދާރީ ހިންގުމާ ވީހައިވެސް ދުރުގައި، އަމުރު މައުރޫފު ހިންގޭ ހިސާބުގައި، ހަމަ އިސްކޮޅުގައި، ނިކަން ގޮތުގައި ތިބެގެން މަސައްކަތްކުރުން.
- ކައުންސިލްގައި ހިފަހައްޓާފައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ހޯދައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް ހިންގުންތެރިކަން ހަރަދުނާކުރުމަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ހިންގައި، އިދާރީގޮތުން ފުރިހަމަ، ތަސައްރަފު ފުދިފައިވާ ނަތީޖާ ނެރެދޭ ކައުންސިލް އިދާރާއެއް ބިނާކުރުމަށް މަސައްކަތްކުރުން.
- ކައުންސިލުން ފޯރުކޮށްދޭ ރަށްވެހި ހިދުމަތްތައް ހޯދުން ފަސޭހަކޮށް، އަވަސްކޮށް، ސަރުކާރުގެ އެކި އިދާރާތަކުގެ ގިނަ ހިދުމަތްތައް ކައުންސިލް މެދުވެރިކޮށް ލިއްބައިދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުން.
- ބަހައިލެވިގެން، ލިޔެވިގެން، ރޭވިގެން، ޕްރޮގްރާމްތައް ބާރު ދުވެލީގައި ހިންގޭނެ ގޮތަށް، އިދާރީ އިންތިޒާމުތައް ހަމަޖައްސައި ރުކުރުވާލުން.
- ކައުންސިލުން ހިންގާ ޕްރޮގްރާމްތައް އެކުލަވައިލުމާއި ކައުންސިލްގެ ނިންމުންތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި މައުލޫމާތު އެއްކުރުމުގައި ދަރިވަރުންގެ އެހީތެރިކަން ހޯދުން.
- ކައުންސިލްގެ ވެބްސައިޓެއް ހަދައި، އެ ވެބްސައިޓްގެ ޒަރީއާއިން، ކައުންސިލުން ނިންމާ ނިންމުންތަކާއި ކައުންސިލުން ކުރާ އިއުލާނުތަކާއި ނޯޓިސްތައް ބަރާބަރަށް އާންމުކުރުން. އަދި މި ވެބްސައިޓްގައި ކައުންސިލަށް ހިޔާލު ފޮނުވޭނެ ހާމަ ސޮފްހާއެއް ބެހެއްޓުން.
- ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ކައުންސިލުން ތައްޔާރުކޮށް އެކިއެކި މުއްސަސާތަކަށް ފޮނުވަން ޖެހޭ ރިޕޯޓުތައް އެއްވެސް ލަސްކުރުމެއް ވަގުތައް ނިންމައި ފޮނުވުން.
- ކައުންސިލުން ފާސްކޮށް ގެޒެޓްކޮށްފައިވާ ގަވާއިދުތައް ތަންފީޒުކުރުމަށް ހަދަން ޖެހޭ އުސޫލުތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި، އެ ގަވާއިދުތައް ތަންފީޒުކުރަން ފެށުން.
- ކައުންސިލަކީ ރަށުގެ އެންމެ އިސް މުއައްސަސާކަމަށް ދެކި، ރަށުގެ އެކި މުއައްސަސާތަކާ ގާތް ގުޅުމެއް އުފައްދައި، ލާމެހިގެން އެކަތިގަނޑެއްގެ ސިފައިގައި މަސައްކަތްކުރުމަށް ސަމާލުކަންދިނުން.
- ކައުންސިލް ހިންގުމުގައި އަދި މެނިފެސްޓޯގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގައި ވަރަށް ހާއްސަ ގޮތެއްގައި ކްލަބު ޖަމިއްޔާތަކުގެ ބައިވެރިވުމާއި އެހީ ހޯދުން.
* މަޝްވަރާ
- ކައުންސިލުން ކަންކަން ނިންމުމުގައި އެ ކަންކަން ސީދާގޮތުން އަމާޒުކުރެވޭ ނުވަތަ އަސަރު ފޯރާ ފަރާތްތަކާ ހިސާބަށް ސީދާ ކައުންސިލަރުން ގޮސް އެ ފަރާތްތަކުގެ ހިޔާލު އަޑުއެހުން.
- ކައުންސިލުން ކަންކަން ނިންމުމުގައި އަދި ކަންކަން ތަންފީޒުކުރުމުގައި ރަށުގެ ކްލަބު ޖަމިއްޔާތައް ހިމެނޭ ގޮތުން އެކި މުއައްސަސާތަކުގެ ފުރިހަމަ ލަފާ އާއި އިރުޝާދު ހޯދުން.
- ކައުންސިލުން ބާއްވާ ބައްދަލުވުންތައް ވީހައިވެސް ބޮޑަށް ހުޅުވާލައި އެ ބައްދަލުވުންތަކުގައި އާންމު ރައްޔިތުންމެ ބައިވެރިވެ ހިޔާލު ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުން.
- ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ ބައްދަލުވުންތައް ވަގުތަށް ބޭއްވުން. މިގޮތުން ބާއްވާ ބައެއް ބައްދަލުވުންތަކަކީ ރަށުގެ ހާލަތާއި ކުރިމަގާމެދު
- ބަހުސްކޮށް ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް އަމާޒުކުރެވޭ މަހާސިންތާ ތަކެއް ކަމުގައި ހެދުން. އަދި މި ފަދަ ބައްދަލުވުންތައް މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށްމެ އަމާޒުކުރުން.
- އިހަވަންދޫގެ އަގުހުރި ހިދުމަތްތެރި ފަހުރުވެރި ދަރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސާ އެވޯޑެއް ތާރަފުކުރުން.
- 5. އިހަވަންދިއްޕޮޅު އެކީއެކަށް ތެދުވެ އަތުގުޅާލުން
ތަރައްގީގެ އަމާޒުތައް ރަށުގެ ވިލުދޮޅިން ބޭރަށް ގެންދަން ޖެހޭ. ތަރައްގީގެ ލަނޑުދަނޑިތައް އިހަވަންދިއްޕޮޅުގެ އަތޮޅު ދުންނާ ހިސާބަށް ފޯރުކުރަން ޖެހޭ. އަވަށްޓެރި ރަށްތަކާއެކު އަތުގުޅާލައިގެން ސަރަހައްދީ ފެންވަރުގެ ތަސައްވުރެއް އެކުލަވައިލަން ޖެހޭ. އިހަވަންދިއްޕޮޅުގެ އެންމެ މަތީ މަސްލަހަތުތަކަށް އިހަވަންދިއްޕޮޅުގެ ފެންވަރުގައި ވަކާލާތު ކުރަން ޖެހޭ. މިކަންކަމަށްޓަކައި އިސްވެ އިސްނަގަންވީ ދަނޑިވަޅަކީ މިއީ. މި ނޫން މަގަކުން ދުރު ރާސްތާގައި މޮޅު ލިބެން ނެތްކަން މުޖައްރިބު. މިހެންވެ އަހަރުމެން ވައުދު ވަނީ؛
- އިހަވަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި މޮޅަދޫ ހިމެނޭ ގޮތުން، އިހަވަންދިއްޕޮޅުގެ ރަށްތައް އެކީއެކަށް ތެދުވެ، ތަރައްގީގެ އެއް ތަސައްވުރެއް ހާސިލްކުރުމަށް އަތުގުޅާލައިގެން މަސައްކަތްކުރުމަށް ގުޅުމެއް އުފެއްދުން. މި ގުޅުމުގައި ބައިވެރިވުމަށް ތަކަންމާރަންދޫއަށް ދައުވަތު ދިނުން.
- މި ގުޅުމުން ހިންގާނެ ހަރަކާތްތަކާއި ކުރާނެ މަސައްކަތްތައް ކަނޑައަޅާނީ މި ގުޅުމުން ކަމުގައި ވިޔަސް، މި ހިނދުގައިވެސް ކޮންމެހެން ނަޒަރު ސީދާކުރަން ޖެހޭ ކަންކަން ކަމަށް ކަނޑިޑޭޓުންނަށް ފެންނަ ކަންކަމުގެ ތެރޭގައި، އައިހެވަން މަޝްރޫއަށް އިހަވަންދިއްޕޮޅުން މަރުހަބާ ކިޔާކަން ހާމަކޮށް އެ މަޝްރޫއު ކާމިޔާބުކުރުމަށް ސަރުކާރުގެ އިރުޝާދާއެކު ކުރާން ވެއްޖެ ކޮންމެ ކަމެއް ކުރުމާއި، ހުވަހަންދޫގައި އެއާޕޯޓު ހެދުން އަވަސްކުރުމަށް ގުޅިގެން ސަރުކާރަށް ބާރުއެޅުމާއި، އަދި އިހަވަންދިއްޕޮޅުގައި ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތައް އިތުރުކޮށް އެ ސިނާއަތުން ހޯދެން ހުރި މަންފާތައް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުން ހިމެނޭ. - އަދި މި މެނިފެސްޓޯގައި ހިމެނޭ، ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ރަށަށް ގެނެސް ހިދުމަތް ދިނުމުގެ ޕްރޮގްރާމް ފަދަ، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ފަދަ، ޕްރޮގްރާމްތައް އިހަވަންދިއްޕޮޅުގެ ފެންވަރުގައި ހިންގައިފި ނަމަ، ކަން ކުރުމުގެ ހަރަދުގެ ގޮތުންނާއި، މަންފާ ލިބޭ މީހުންގެ އަދަދުގެ ގޮތުން ވެސް، އަދި ނެރެވޭ ނަތީޖާގެ ގޮތުން ވެސް، މާ ރަނގަޅުވާނެ ކަމާއި، އަދި މިފަދަ އެތައް އެތައް ކަމެއް މި މަގުން ގެންދެވިދާނެ ކަމަށް ކެނޑިޑޭޓުން ދެކޭ.
- އަދި ހަމަ އެހެންމެ، ތަފާތު އެކި ދާއިރާތަކުން ވާދަވެރި އެކިއެކި މުބާރާތްތައް ވެސް އިހަވަންދިއްޕޮޅު ފެންވަރުގައި ބޭއްވުމީ ވެސް ހަމަ މިހިނދު ކުރެވެން ހުރި މުހިއްމު ކަންކަން ކަމާމެދަކު ކެނޑިޑޭޓުން ޝައްކެއް ނުކުރޭ.
- ކުރިމަގަށް ވިސްނާއިރު، ދަނޑުވެރިކަމުގެ ސިނާއަތު އިހަވަންދިއްޕޮޅުގައި ތައާރަފުކޮށް ކުރިއެރުވުމާއި، އަމިއްލަ ފެރީ ނިޒާމެއް ގާއިމުކޮށް އިހަވަންދިއްޕޮޅުގެ ތެރޭގައި އިތުރު ސިނާއަތްތަކާއި ވިޔަފާރިތަކާއި އެހެންވެސް އިގުތިސޯދީ ހަރަކާތްތަކުގެ ހޭލަމޭލަކަން ގަދަކުރުން ފަދަ ކިތަންމެ ކަމެއް މި ގުޅުމުގެ ތެރެއިން ހާސިލްކުރެވިދާނެ ކަމާމެދަކު ދެބަސްވުމަށް ޖާގައެއް ނެތް.



