-
0 - 400 ޔުނިޓަށް: ޔުނިޓަކަށް 1.50ރ.
-
401 - 500 ޔުނިޓަށް: ޔުނިޓަކަށް 2.66ރ. (%77 ބޮޑުވުމެއް)
-
501 - 600 ޔުނިޓަށް: ޔުނިޓަކަށް 3.20ރ.
-
601 ޔުނިޓުން މައްޗަށް: ޔުނިޓަކަށް 3.83ރ.
ވީމާ، ހޫނުވުމުގެ ސަބަބުން ކުޑަކޮށް އިތުރަށް އޭސީ ޖެއްސުމުން، ތިބާގެ ބިލް އެންމެ އަގުބޮޑު ބޭންޑަށް ފުންމާލަނީއެވެ. މިހެންވެ، ބޭނުންކުރާ މިންވަރު ކުޑަކޮށް އިތުރުވިޔަސް، މަތީ ބޭންޑްތަކުގެ އަގު ބޮޑުކަމުން ބިލް ބޮޑުވާ ނިސްބަތް އިންތިހާއަށް މަތިވެގެންދެއެވެ.
މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިކަމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރަށް ބޮޑު ބަދަލެއް އާދެއެވެ. އިންވާޓަރު އޭސީއަކީ އާންމުކޮށް ކަރަންޓު ސަލާމަތްކުރާ އެއްޗެކެވެ. ނަމަވެސް، ބޭރުގެ ފިނިހޫނުމިން ވަރަށް މަތިވުމުން (39-34 ޑިގްރީ ސެލްސިއަސް)، އޭސީގެ ކޮމްޕްރެސަރަށް ކޮޓަރި ފިނިކުރަން "ފުލް ޕަވަރުގައި" މެދުނުކެނޑި މަސައްކަތްކުރަން ޖެހެއެވެ. ކޮމްޕްރެސަރު ނުކެނޑި ހިނގުމުން، އިންވާޓަރުގެ ފައިދާ ކެނޑި، އާދައިގެ އޭސީއަށްވުރެ ގިނައިންވެސް ކަރަންޓު ދަމާފާނެއެވެ. ބޭރުގެ ހޫނުމިން މަތިވުމުން ފްރިޖްގެ އެތެރެ ފިނިކޮށް ބެހެއްޓުމަށްޓަކައި މޮޓަރު ގިނައިރު ހިންގަންޖެހެއެވެ. މިއީވެސް ބިލަށް އިތުރުވާ ޔުނިޓްތަކެކެވެ.
ރަމަޟާން މަހު ސަރުކާރުން ދިން ލުޔަކީ ބިލް 400ރ އަށްވުރެ ބޮޑުނުވާނެ ގޮތަށް ހެދުމެވެ. ނަމަވެސް އޭގެ މާނައަކީ އެމަހު ކަރަންޓު ބޭނުންކުރި މިންވަރު މަދީއެއް ނޫނެވެ. ރަމަޟާން މަހު ގޭގޭގައި ކެއްކުމާއި، އޭސީ ބޭނުންކުރުން އާންމު މަސްމަހަށްވުރެ ގިނަވެއެވެ. އެމަހުގެ ބިލުން ދެއްކީ ހަމައެކަނި 400ރ ކަމަށްވިޔަސް، ހަގީގަތުގައި ބޭނުންކުރެވުނު ޔުނިޓްގެ އަދަދު ހުރީ ވަރަށް މަތީގައެވެ. މިމަހުގެ ބިލް ލިބުނުއިރު ސަބްސިޑީ ކެނޑި، އަސްލު ބޭނުންކުރި ޔުނިޓަށް ބިލްކުރުމުން، ކުއްލިއަކަށް ބޮޑު ބަދަލެއް އައިހެން އިހުސާސްވަނީއެވެ.
މީގެ އިތުރުންވެސް ކަރަންޓް ބިލް ބޮޑުވުމަށް މަގުފަހިވާ ކަންކަންހުރެއެވެ. ވައިރިން ދޯހަޅި ވުމުގެ ސަބަބުން ނުވަތަ "އާތު ލީކް" ވުމުގެ ސަބަބުން ކަރަންޓު އިސްރާފުވެ ބިލް ބޮޑުވެދާނެއެވެ. އަދި ވަޔަރިން ކޮށްފައި ހުންނައިރު ކަރަންޓް ނަރަށް ހޫނުވާގޮތަށް ނަރު އަޅާފައި ހުރުމުން ކަރަންޓްގެ ހަރަދު ބޮޑުވާނެއެވެ. ވަރަށް މަދުން ނަމަވެސް މީޓަރުގައި މައްސަލަ ޖެހިގެން ރީޑިންގް ނުބައިކޮށް ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.
ކަރަންޓު ބިލް ބޮޑުވުމަކީ ހަމައެކަނި އަގަށް އައި ބަދަލެއް ނޫނެވެ. މިއީ މޫސުމީ ހޫނުގަދަވުމާއި، އަގު ކަނޑައެޅިފައިވާ "ބޭންޑް" ތަކުގެ އުސޫލާއި، އަދި ރަމަޟާން މަހުގެ ސަބްސިޑީއަށްފަހު އައި ބަދަލުގެ ނަތީޖާއެވެ. މި ދުވަސްވަރު ކަރަންޓު އިސްރާފު ކުޑަކުރުމަކީ ބޮޑު ބިލަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގެވެ.
ސަރުކާރުން އަދި ކަރަންޓް ކުންފުނިންވެސް ކަރަންޓްގެ އަގު އަތްނުފޯރާވަރުވާ އަސްލު ސަބަބުގެ ވާހާކައެއް ނުދައްކައެވެ. އެއީ ޓެރިފް ރޭޓުތައް އެއްހަމަކުރުން ނުވަތަ ބެއިސިލް ބޭސް ލައިން ބޮޑުކުރުމަކީ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ކަރަންޓް ކުންފުނިތައް ބަނގުރޫޓްވާނެ ކަމަކަށް ވާތީއެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ހާހުން އެކުންފުނިތަކަށް މުވައްޒަފުންނަގައި ހާހުން މުވައްޒަފުންނަށް ޕްރޮމޯޝަން ދިންނަމަވެސް އެކަން ނުކޮށް ޕްރޮގްރެސިވް ޓެރިފް ރޭޓްތަކުގައި އަތްލަން ކެރުނު ވެރިއަކު އަދި މިޤައުމު ނުދެކެވެ. އެއީ ކަރަންޓް ބިލްތައް ބޮޑުވުން ނުހުއްޓުވިގެން އުޅޭ އަސްލު ސަބަބެވެ.
ވީމާ ކަރަންޓު ބިލް ބޮޑުވުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. އެއީ މޫސުމާއި، ބޭންޑްތަކަށް އަގު ކަނޑައެޅިފައިވާ "ބޭއިންސާފު" އުސޫލާއި، އަދި ކުންފުނިތަކުގެ އިދާރީ ހިންގުމާ ގުޅިފައިވާ ކަމެކެވެ. މި ނިޒާމަށް ބަދަލެއް ނައިސް، ކޮންމެ އަހަރަކުވެސް ރައްޔިތުން ޖެހޭނީ "ހޫނުގަދަވީމާ" އޭ ބުނާ ބުނުމަށް ހިތްހަމަޖައްސާލައިގެން ތިބޭށެވެ.



