ޚަބަރު

ފުޓުސަލް ދަނޑު ބަންދު ކޮށްފި

ހއ. އިހަވަންދޫގެ ފުޓުސަލް ދަނޑު ބަންދުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ ފުޓުސަލް ދަނޑުގެ ހާލަތު ގޯސްވެ، އެތަނުގައި ކުޅޭ ފަރާތްތަކަށް އެކިވަރުގެ އަނިޔާ ލިބެމުންދާތީއާއި، ދަނޑުގެ ޓާރފު މިހާރު އޮތް ހާލަތަކީ، ކުޅުމަށް އެކަށީގެންވާ ހާލަތެއް ކަމަށް ކައުންސިލަށް ނުފެންނާތީ، ފުޓުސަލް ދަނޑު ބަންދުކުރެވިފައިވާކަމަށެވެ. ދަނޑުގެ ޓާރފް ރަނގަޅުކުރުމަށް ކަމާބެހޭ މިނިސްޓްރީއަށް ތަކުރާރުކޮށް ހާލަތު ހިއްސާކޮށް، ދަނޑުގެ ހާލަތު ރަނގަޅުކުރެވޭތޯ ކައުންސިލުން މަސައްތަކް ކުރަމުންއަންނަ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޞަބާޙު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުޓުސަލް ދަނޑު ބަންދު ކުރުމަށް ކައުންސިލްގެ ބައްދަލުވުމަކުން ނިއްމާފައިވަނީ، އެދަނޑުޝެޑިއުލްކޮށްގެން ޒުވާނުންނަށް ކުޅެން ދޭއިރު، އެތަނުގެ ހާލަތު ކުޅުމަށް އެކަށީގެންވާ ހާލަތެއްގައި އޮންނަން ޖެހޭނެ ކަމަށް ކައުންސިލް މެމްބަރުންނަށް ފެންނާތީއާއި ދަނޑުގެ ހާލަތާއިމެދު އާންމުންގެ ގިނަ ޝަކުވާތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. [caption id="attachment_2317" align="alignnone" width="581"] ނިމިދިޔަ 2020 ވަނަ އަހަރު ފުޓުސަލް ދަނޑު އޮތްގޮތް. ފޮޓޯ: ލުޤުމާން އަޙްމަދު / އިހަވަންދޫ ޑޮޓްކޮމް[/caption] ޞަބާހު ވިދާޅުވީ ދަނޑުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޔޫތު މިނިސްޓުރީއާއި ވާހަކަ ދެކެވި، މިނިސްޓަރުގެ ސަމާލުކަމަށްވެސް އެކަން ގެނެވިފައިވާއިރު އެކަމަށް މިވަގުތާ ހަމައަށްވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ. ފުޓުސަލް ދަނޑުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ވަރަށްބޮޑަށް ބޭނުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުގެ މަރާމާތުތައް ކުރެވޭނެ އަގު އެމަސައްކަތް ކުރާ ފަރާތްތަކުން  ކައުންސިލުން ހޯދާފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ މިވަގުތުގެ މާލީ ހާލަތު ހުރި ގޮތުން އެމަސައްކަތް ކައުންސިލަށް ކުރެވެން ނެތްކަމަށް ޞަބާޙު ވިދާޅުވިއެވެ. ފުޓުސަލް ދަނޑު ބެލެހެއްޓުމުގެ ޒިންމާ ކައުންސިލަށް އޮންނައިރު އެތަނުގެ މަރާމާތުތައް ކުރުން އޮންނަނީ ޔޫތު މިނިސްޓްރީއަށް ކަން ފާހަގަ ކުރައްވަމުން ޞަބާޙު ވިދާޅުވީ ފުޓުސަލް ދަނޑުގެ ލައިޓިން ސިސްޓަމް ހަލާކުވުމުން ކައުންސިލްގެ ހަރަދުގައި އެމަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ދަނޑުގެ ހާލަތު މިނިސްޓްރީއާ ތަކުރާރުކޮށް ހިއްސާކުރެވިފައިވާއިރުވެސް، ހައްލެއް ލިބިފައި ނުވާކަމަށް ޞަބާޙު ވިދާޅުވިއެވެ. އިހަވަންދޫގެ ހުރަވީ ދަނޑު ޓާރފު އެޅުމަށްޓަކައި ބަންދު ކުރެވިފައިވާތީ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތް އިހަވަންދޫގައި ކުޅިވަރު ކުޅުމަށް ވަނީ ހުރަސްއެޅިފައެވެ.
ޢަބުދުﷲ ޙަމީދު