ޚަބަރު

އިއްސެގެ ގާތިލު ސުމޮން މެރުމަށް ކޯޓުން ހުކުމްކޮށްފި

އިއްސެގެ ގާތިލު ސުމޮން މެރުމަށް ކޯޓުން ހުކުމްކޮށްފި
Advertisement Advertisement

ވަޒީފާ އަދާކުރަމުން ދިޔަ ތަނުގެ ބޮޑުމީހާ އަނިޔާވެރިގޮތަކަށް މަރާލި ކަމުގެ ކުށް ސާބިތުވެ ބަންގްލަދޭޝްގެ ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

ހއ. އިހަވަންދޫ އައިސްޕްލާންޓް މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއިލް އުމަރު، 52، މަރާލާފައި އޮއްވާ ފެނުނީ ޖޫން 16، 2017 ގަ އެވެ. އެ މަރަށް އެއް ދުވަސް ފަހުން ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށް އެ ގަތުލުގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން ހައްޔަރު ކުރި އެވެ. ގަސްތު މަރުގެ ތުހުމަތަށާއި ދައުވާއަށް ހުލާސާ ބަޔާނާއި ހަމައަށް ޝަރީއަތް ދިޔައިރު ވެސް އޭނާ އިންކާރުކޮށްފައި ނުވެ އެވެ.

ނަމަވެސް ހުލާސާ ބަޔާން އިއްވި އިއުތިރާފުން ރުޖޫއަވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ރޭގަނޑުގެ ވަގުތެއްގައި އޭނާގެ މޫނަށް ޕެޕޭސްޕްރޭ ޖަހައި މޫނުގަ ތަޅައި, އަނިޔާކޮށް ބިރު ދެއްކި ކަމަށް ބުނެ އެވެ. އެހެންވެ, ޝަރީއަތުން ނިންމީ ސުމޮންގެ ފަރާތުން އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށެވެ.

"ދިފާއީ ހެކީގެ ބަހުން ސުމޮން މިއާއަށް އަނިޔާކޮށް ބިރުދައްކާފައި ނުވާނެ ކަމަށް ބުނެފައިވާތީ އާއި އެފަދަ އަމަލެއް އިތުރު ފަރާތަކުން ކޮށްފައި ނުވާނެ ކަމަށް ބުނެފައި ވާތީ، މުއްދަތު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި ސުމޮން މިއާ ވެފައިވާ އިއުތިރާފަކީ މަޖުބޫރުކަމެއް އޮވެގެން ވެފައިވާ އިއުތިރާފަކަށްނުވާތީ ފަނޑިޔާރު ސުވާލުކޮށް އިއުތިރާފް ކަށަވަރުކޮށްފައި ވާތީ އިންކާރު ކުރި ސަބަބު ސާބިތުކޮށްދިނުމުގެ ގޮތުން ޝުމޮން މިއާގެ ފަރާތުން އެކަށީގެންވާ ހުއްޖިއްޔަތެއް ޝަރީއަތަށް ދެއްކިފައި ނުވޭ،" ފަނޑިޔާރު އަލީ އާދަމް އިއްވި ހުކުމުގައި ބުނެފައިވެ އެވެ.

ދައުވާ ސާބިތުވާތީ އެ މައްސަލައިގައި އިއްސެގެ ވާރިސުންގެ ބަސް ނެގި އެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރަށް މަރުގެ އަދަބު ކަނޑައެޅޭނީ ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ނަމަ އެވެ. އެންމެ މީހަކުވެސް އެގޮތް ބޭނުން ނުވާނަމަ އެ އަދަބު ކަނޑަނޭޅޭނެ އެވެ.

ގިސޯސް ހިފުމަށް ހުކުމްކުރި ނަމަވެސް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރާތާ 60 އަހަރު ވެއްޖެ އެވެ. ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަން ބޭނުންވާ ވަސީލަތްތައް ވެސް ގާއިމްކުރި އެވެ. ނަމަވެސް މިހާތަނަށް ތިން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާއިރު، އަދިވެސް ހުކުމް ތަންފީޒު ނުކުރެ އެވެ.

މީގެ ކުރީ ޝަރީއަތުގެ މަޖިލިސްތަކުގައި އިއްސެ މަރާލި ސަބަބު ވެސް ތަފްސީލުކޮށް ސުމޮން ކިޔައިދީފައިވެ އެވެ. އެގޮތުން ސުމޮން ބުނި ގޮތުގައި، އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ އާއި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި އޭނާއާ ދިމާލަށް އިއްސެ އެއްޗެހި ކިޔާތީ އެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި އިއްސެ މަރާލާފައިވަނީ ކަރުގައި ވާގަނޑެއް އައްސައިގެން ނޭވާ ހާސްކޮށް އަދި ވަޅިން ހަމަލާތައް ދީގެންނެވެ. އެ ހަމަލާތައް އިއްސެއަށް ދިނުމަށްފަހު އޭނާ އަވަހަށް އިހަވަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދިޔައީ އެވެ. އޭނާ ހައްޔަރުކުރީ އެ ރަށުގައި ފިލައިގެން އުޅެނިކޮށެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް