ސަރުކާރުން ހއ އަތޮޅުގެ 3 ރަށެއްގައި އަންނަނީ ހޮސްޕިޓަލް އިމާރާތް ކުރަމުންނެވެ. އެގޮތުން ހއ. އަތޮޅުގެ ވެރިކަންކުރާ ދިއްދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރަމުންދާއިރު، ހއ. އަތޮޅުގެ ދެން އެންމެ އާބާދީ ބޮޑު ދެރަށް ކަމަށްވާ އިހަވަންދޫ އަދި ހޯރަފުށީގައި އަންނަނީ 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރަމުންނެވެ.
މީގެ ތެރެއިން 2 ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތްފެށީ ކުރީ ސަރުކާރުގެ ދުވަސްވަރުއެވެ. ނަމަވެސް ދެ ސަރުކާރުގައިވެސް މިހޮސްޕިޓަލްތަކުގެ މަސައްކަތް ކުރިޔަށްދަނީ ބަރަވެލި ސްޕީޑްގައިކަން ފާހަގަކުރެވެއެވެ.
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް
ހއ. އަތޮޅުގައި ސަރުކާރުން އިމާރާތްކުރަމުންދާ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެފަހުން އަމަލީ މަސައްކަތްފެށީ ދިއްދޫގައި އިމާރާތްކުރާ 50 އެނދުގެ ހއ. އަތޮޅު ހޮސްޕިތަލްގެ އައު އިމާރާތުގެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށްދާ މިއިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތްފެށީ މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މިއީ މިއީ 185.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމަޝްރޫއު ނިންމަންޖެހެނީ 780 ދުވަހުގެ ތެރޭގައެވެ. އެހެންކަމުން އެހޮސްޕިޓަލްގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހަށް ނިންމަންޖެހެއެވެ. ދިއްދޫއިން ވާހަކަދެއްކި މީހަކުބުނީ އެރަށުގެ ހޮސްޕިޓަލްގެ މަސައްކަތްދަނީ ބަރަވެލި ސްޕީޑްގައި ކަމަށެވެ. މަސައްކަތް ފެށިފަހުން 266 ދުވަސް ވެފައިވާއިރު، އަދިވެސް ކުރިޔަށްދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކަމަށް އެމީހާ ބުންޏެވެ. "ކޮންމެ ދުވަހަކުވެސް 2-3 މީހަކު މަސައްކަތުގައި އުޅޭތަންފެނޭ. ތަނބަށާ ފައުންޑޭޝަނަށް ޖަހާފައިހުރި ދަގަނޑުތައް ދަބަރަށްގޮސް ހުސްވާތަން ފެންނަނީ" އެމީހާ ބުންޏެވެ.

ހއ. ހޯރަފުށީ ހޮސްޕިޓަލް
ހއ. އަތޮޅުގައި ސަރުކާރުން އިމާރާތްކުރަމުންދާ ހޮސްޕިޓަލްތަކުގެ ތެރެއިން ދެވަނަޔަށް އަމަލީ މަސައްކަތްފެށީ ހޯރަފުށީ ހޮސްޕިޓަލްގެއެވެ. އެ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު، 6 ސެޕްޓެންބަރު 2023 ގައެވެ.
ހއ. ހޯރަފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލަކީ 85.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމަސައްކަތް ކުރަމުން އަންނަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލް އިމާރާތުގެ ފުރަތަމަ ޝީޓް އެޅުމުގެ މަސައްކަތެވެ.
އެމަސައްކަތް ނިންމަންޖެހޭ ތާރީހަށްވުރެ މިހާރުވެސް 527 ދިވަސް އިތުރަށް ހިނގާފައި ވާނަމަވެސް، ހއ. އަތޮޅުގައި އިމާރާތް ކުރަމުންދާ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ބޮޑަށް ނިންމިފައިވަނީ ހޯރަފުށީ ހޮސްޕިޓަލްކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން އުންމީދުކުރިނަމަވެސް އެއީ ވާނެކަމެއް ކަމަކަށް ނުބެލެވެއެވެ.

ހއ. އިހަވަންދޫ ހޮސްޕިޓަލް
ހއ. އަތޮޅުގައި ސަރުކާރުން އިމާރާތްކުރަމުންދާ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ފުރަތަމަ އިމާރާތްކުރަންފެށި ހޮސްޕިޓަލަކީ އިހަވަންދޫގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލެވެ. ބަރަވެލި ސްޕީޑްގައިވެސް ކުރިޔަށްނުދާ މި ހޮސްޕިޓަލްގެ އިމާރާތުން މިހާރު ފެންނަންހުރީ ބޭކާރުވެފައިވާ ދެ ކޮންކުރީޓް ބުޑާއި ވަޅުގަނޑެކެވެ.
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢު ފުރަތަމަ ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ހެލްތުން ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފެށީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން އިހަވަންދޫގައި ކުރަމުންދިޔަ މަސައްކަތް ވަކިހިސާބަކުން ހުއްޓުވިއެވެ. އެއަށްފަހު ހޮސްޕިޓަލް އިމާރާތްކުރުމަށް ކޮނެފައިވާ ސަރަހަށްދަށް އެމްޓީސީސީގެ ވެހިކަލްތައް ބޭނުންކޮށްގެން "ބަޔަކު" ފަސްއަޅައި ފޮރުވާލިއެވެ.
އެއަށްފަހު 2025 ވަނަ އަހަރުގެ ޖެނުއަރީމަހު އެމަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކުރިއެވެ. އެމަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ 99.6 މިލިޔަން ރުފިޔާގެ އަގަކަށެވެ. 540 ދުވަހެވަހުގެ ތެރޭގައި ނިންމަންޖެހޭ މިމަސައްކަތުގެ ކޮންކުރީޓް މަސައްކަތް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އާރު.ޑީ.ސީ އިން ފެށިއެވެ.
ނަމަވެސް ފަހުންވަނީ އެމަސައްކަތް ހުއްޓާލައި، އޭރު ތަނބު ޖެހުމަށްޓަކައިޖެހި ރިބަރ ތައްވެސް ނަގައިފައެވެ. މިހާރު އެސަރަހައްދުގައި ބޮއް އާލާ ފެންގަނޑެއް އޮތްއިރު އޭގެފަހުން ދެމެހެއްޓެނިވި ގޮތުގައި އެބިމުގައި ކުރިޔަށްދަނީ އެންމެ މަސައްކަތެކެވެ. އެއީ އެބިމުގައި ފަޅާ ވިނަ ނޮޅުމުގެ މަސައްކަތެވެ. އެމަސައްކަތް ނުކުރާނަމަ އެސަރަހައްދު މިހާރު އޮންނާނީ ގޮނޑުވެފައެވެ.

ކޮމެންޓް
އަދި ކޮމެންޓެއް ނެތް