ޚަބަރު

އިހަވަންދޫ ކުނިކޮށީގައި ދަނީ އާއްމުންނަށް ދަތިވާގޮތަށް އަލިފާން ރޯކުރަމުން :ކައުންސިލް

އިހަވަންދޫ ކުނިކޮށީގައި އާއްމު ފަރާތްތަކަށް ދަތިވާގޮތަށް އަލިފާން ރޯކުރަމުންދާކަމަށް ބުނެ އެއީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިހާރަކަށް އައިސް އާއްމު ފަރާތްތަކަށް ދަތިވާ ގޮތަށް ކުނިކޮށީގައި ސިލްސިލާކޮށް އަލިފާންރޯކުރަމުން ދާކަމަށް ބުނެފައެވެ. އިންތިހާބުތަކަށް ދިމާކޮށް މިފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކައުންސިލުން ބުނެފައިވާއިރު، ރޭ އިހަވަންދޫ ކުނިކޮށީގައި ރޯކޮށްލި އަލިފާން ނިއްވުމުގައި ފުލުހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ހއ. އިހަވަންދޫގައި ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ކުނި އުފެދޭއިރު ކުނިކޮށްޓަށް އުކާލެވޭ ކުނިތައް ނައްތާލަމުންދަނީ އެކުނިތައް އަންދައިގެންނެވެ. އިހަވަންދޫގެ ކުނިކޮށި ގާއިމުކޮށްފައިވާ ސަރަހައްދުގެ ގޮތުން ހުޅަނގު އަދި އިރުވާ މޫސުމުގައިވެސް ކުނި ކޮށީ ކުނިއަންދާނަމަ އެކަމުން އާއްމުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ޢަބުދުﷲ ޙަމީދު