ޚަބަރު

ނައިފަރު ލޭނާރު ދޯނީގެ ފަޅުވެރިންނާ ކޮންޓެކްޓިވި އިހަވަންދޫގެ ފަރާތްތައް ހޯދަނީ

ޅ. ނައިފަރު ލޭނާރު ދޯނީގެ 3 ފަޅުވެރިން ކޮވިޑު19 އަށް ފައްސިވުމާ ގުޅިގެން އެދޯނީގެ ފަޅުވެރިންނާ ކޮންޓެކްޓް ވެފައިވާއިހަވަންދޫގެ ފަރާތްތަށް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އާމިނާދިޔޯ ސިއްހީމަރުކަޒުން މިރޭ އާއްމުކޮށްފައިވާ ގޮތުގައި ޅ. ނައިފަރު ލޭނާރު ދޯނި ހއ. އިހަވަންދޫ އަށް އައިސްފައިވާތީ ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި އެދޯނީގެ އެއްވެސް ފަޅުވެރިއަކާ ކޮންޓެކްޓްވެފައިވާ އިހަވަންދޫގެ ފަރާތްތަކުން އާމިނާދިޔޯ ސިއްހީމަރުކަޒަށް އެކަން އެންގުމަށް އެދޭކަމަށެވެ. މައުލޫމާތު ހިއްސާކުރުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ ފޯނު ނަންބަރު 6500501 އަށް ގުޅުއްވުމަށް ނުވަތަ އެމަރުކަޒުގެ ވައިބަރ ނަންބަރު 9930501 އަށް މައުލޫމާތު ހިއްސާކުރެއްވުމަށް އެމަރުކަޒުން އެދިލައްވައެވެ. ޅ. ނައިފަރު މަސްދޯންޏެއް ކަމަށްވާ ލޭނާރު ދޯނން 3 ފަޅުވެރިން ކޮވިޑަށް ފައްސިވެފައިވާއިރު، އެދޯނި ބަނދަރުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ، ނ. ވެލިދޫ، އަދި ޅ. ފެލިވަރު ހިމެނެއެވެ.
އިބްރާހިމް ނަޝީދު