"އައްސަލާމް އަލައިކުމް"
"ވާލައިކުމުއް ސަލާމް... ހިމޭ.. ބިޒީތަ؟" އަނެއްކޮޅުން ވާހަކަ ދެއްކީ އޭނާއަށް ފަރިތަ އަޑެކެވެ. ފޯނުގެ ރިންގް ޓޯނަށް އެއަޑެއް ލާފައިވާ އަޑުގެ ވެރިޔާ އެވެ. އޭނާގެ ޙަޔާތުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުންދާ، އޭނާއަށްޓަކައި އިންތިޒާރުގެ ދުވަސްތައް ގުނަމުންދާ އަޑުގެ ވެރިޔާ އެވެ. ނަވީނާ އެވެ.
"ނޫނޭ... ފާޚާނާއިން މި ނުކުތީ... ކިހިނެއްވީ؟ ކަމެއް އޮތީތަ؟" ހިމޭޝް އެއްފަހަރާ ހުރިހާ ސުވާލެއް ކޮށްލި އެވެ.
"ނޫނޭ ހަމަ ގުޅާލީ... ނުފެންނަތާ ދެތިން ދުވަސްވީމަ... ދެން ކޮންކަމެއް އޮތީ؟" ޝައުޤުވެރިކަމާއި ހުޝިޔާރު ކަމާއެކު ނަވީނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އެހެންތަ ހާދަ ރަނގަޅު ކުއްޖެކޭދޯ!" ހިމޭޝް ބޭނުންވީ ނަވީނާ ހައްދާށެވެ. އެއީ އޭނާގެ އާދަ އެވެ. ނަވީނާއަށްޓަކައި އޭނާގެ ހިތުގައި ޖަޒުބާތުތަކެއް އުތުރި އަރަމުންދާތީ އޭނާ ބޭނުންވަނީ އެކަން އިތުރަށް ވަރުގަދަ ކުރާށެވެ. ހަރުދަނާ ކުރާށެވެ. އެކަން ފާޅުކުރުމުގެ ކުރިން އެ އިޙްސާސްތައް އޭގެ އެންމެ ފުރިހަމައަށް ތަރައްޤީކުރާށެވެ. ދުނިޔޭގެ އެންމެނާ ސިއްރުންނެވެ. ވައިރޯޅިއަށްވެސް މޭރުން ނުވާނޭ ހެންނެވެ.
"އަދިވެސް އެކަމެއް ނޭގޭތަ؟ އަސްލު ނަވީ މިވަރުން އުޅޭ އިރުވެސް ހިމޭ..." ނަވީނާ އަށް ކުރިއަށް ނުގެންދެވުނީ ހިމޭޝް ވާހަކަ ފެށީމަ އެވެ.
"އެނގޭ ނަމަ ސުވާލެއް ނުކުރާނެދޯ؟ ނޭނގޭތީނު މި ސުވާލު ކުރަނީ..." ހިމޭޝް ހުރީ މަޖާކުރާ މޫޑެއްގަ އެވެ. ނަމަވެސް ނަވީނާ ވާހަކަދައްކަމުން ދިޔައީ އިންތިހާއަށް ސީރިއަސްވެ ހުރެ އެވެ.
"އެނގޭނަމަ ދެން ކީއްކުރާނީ... އެނގުނަސް ހިމޭ ހަދާނީ ނޭނގޭ ކަމަށް" ނަވީނާގެ ރާގުވެސް ބަދަލުވާން ފެށި އެވެ.
"އެނގޭނަމަދޯ... އެނގޭނަމަ..." ހިމޭޝް ފޯނުން ވާހަކަދައްކަމުން އެނދުގައި އޮށޯވެލި އެވެ.
"ހޫން... އެނގޭނަމަ ކީކޭ..." ނަވީނާގެ ކެތްތެރިކަން ކޮޅުންލި އެވެ.
"އެނގޭނަމަ ބުނާނީ... އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތެއް ލޯތްބަކީ... ހިތްހަވާލޭ ހިތުގަ ވާނޭ މިބުނާ ޖަޒުބާތާ އިޙްސާސާ... ހިތް ރޮއްވާ ނުލާނަމޭ... ތި ހިތް ރޮއްވާނުލާނަމޭ" ހިމޭޝް ޕަކަޕަކަލާ ހޭންފެށި އެވެ.
"ވާ ވާ... އަސްލުވެސްތަ؟ ވަރަށް އުފާވެއްޖެ ތިއީ ހިމޭގެ ހިތުގެ އަޑިން ކިޔައިދިން ލަވައެއް ނަމަ...؟ ދެން ކިހާ ދިގު އިންތިޒާރެއް ކުރަން މިޖެހެނީ މި ހިތް ރޮއްވަން ބޭނުން ނެތިއްޔާ..." ނަވީނާގެ އަޑުން އުފާވެރިކަން ފާޅުވަމުން ދިޔަ އެވެ.
"ނަވީ ބޭނުންވަނީ މުށުން ދެމިގެން ފިޔޭ އަތަށް ފުށްކޮޅު ދިފާ މަގޭ ތުނި ރަންކޮކާ އެލަވަ ކިޔާލަ ކިޔާލާ ހުންނަންތަ؟ ނޫނީ..."
"ނޫނީ ކޮންކަމެއް؟"
"ނޫނީ.. ދޫކޮށް މަ ދިޔައިމާ މެހެފިލް ހިތްހާސްވެ ނުރޯށޭ މިތުރާއޭ... މި ހިތަށް ތިތަސައްލީ ދޭނެއްޏާ ހިތް ހާސްވެ ނުރޯށޭ މިތުރާއޭ... ކިޔަންތަ؟"
"ނޫނޭ ތިއިން އެއްވެސް ލަވައެއް ނޫން... ތީ މި ޙަޔާތާ ގުޅޭ ލަވައެއް ނޫން... ތީ ކޮންމެވެސް އެހެން ބައެއްގެ ޙަޔާތުގެ ފަލްސަފާއެއް... އަހަރެން ބޭނުންވަނީ..."
"ކޮން ލަވައެއްކިޔަން؟" ހިމޭޝް ހޭން ފެށި އެވެ. ނަވީނާގެ ސީރިއަސް މޫޑް އޭނާއަށް ޔަޤީންވާތީ އެވެ.
"ހުވާކޮށްފައިބުނަން ލޯބިވޭ ކަލާދެކެ އިންތިހާ ލޯބިވޭ... ހުވާކޮށްފައި ބުނަން ހިތްގަޔާވޭ... މި ޖާނު ދޭނަމޭ ލޯބިން ހުވާ" ނަވީނާ ރާގު އަޅުވާލި އެވެ. އެއަޑު އިވިއްޖެ ކޮންމެ މީހެއްގެ ހިތަށް ފުން އަސަރު ތަކެއް ކުރުވާނެ ފަދަ ބީދައަކުންނެވެ. އެފަދަ ޖާޒުބީ އަސަރަކުން ނެވެ.
"އައްދޭ ތިއީވެސް ކޮންމެވެސް އެހެން މީހެއްގެ ޝާއިރާނާވި ޚިޔާލުތަކެއް... ތިވެސް ވާނީ އެހެން މީހެއްގެ ޙަޔާތުގެ ފަލްސަފާއަކަށް... ނަވީ ދައްކާ ވާހަކަދޯ!"
"އަހަރެންމީ ހިމޭހާ މޮޅު ޅެންވެރިއެއް ނޫނޭ... ހިމޭ ނިކަން އަހަރެންގެ މި ޙަޔާތާ ގުޅޭ ލަވައެއް ކިޔާދީބަ"
"ކޮންމެ މީހަކު ޅެންވެރިއަކަށް ނުވިޔަސް ރާގަކަށް އެއްޗެއް ކިޔާލުމުން އެ ލަވައަކަށް ފުދޭ ޒަމާނެކޭ މީ... އިހުގަ މީހުން ރައިވަރު ކިޔާ އުޅުނު ގޮތަށް މިޒަމާނު މީހުން ކިޔާ އުޅެނީ ލަވައޭ... އަނެއްކާ އެކިޔާ އެއްޗަކީ އެމީހެއްގެ ހިތުގެ އިޙްސާސްތަކާ ވިންދާ ގުޅިފައި ހުންނަ އެއްޗެއް ނަމަ އެހާ ހިސާބުން އެއީ ފުރިހަމަ އަސަރު ގަދަ ލަވައަކަށް ވާނޭ އައިޝަމްމެން ބުނާތީ އަޑު އެހިން" ހިމޭޝްގެ ވާހަކަތަކުގެ ފޫޅު ކެނޑީ އެންމެ ފަހުން އައިޝަމް އަށެވެ.
"ތިވަރަށް ފިލާވަޅު ނަގާ ނުދިނަސް މަވެސްމި ހިތުގެ އިޙްސާސްތައް ބޭރުކޮށްލަފާނަމޭ... އެހެން ނޫނަސް އަހަރެންވެސް މީ ދިވެއްސަކަށްވަންޏާ ދިވެހި ލަވަ އިވޭ މީހަކަށްވަންޏާ އަދި އެ ދާއިރާގަ އުޅޭ މީހަކަށްވަންޏާ ތި ބުނާކަހަލަ ހާސަރެއް ނަމަވެސް ކިއިދާނެ ކަންނޭގެ!" ނަވީނާވެސް ދުލެއް ނުކުރެ އެވެ.
"އެންމެ ރަނގަޅޭ... ހިތްވަރެއް ހުރިއްޔާ ނިކަން ފަށާބަލަ..."
"ހިތްވަރު ގަދައީ ކާކުތޯ ބަލަމާ..." ނަވީނާ ފުންނާވާއެއް ލުމަށްފަހު ލަވައެއް ކިޔާލުމަށް ތައްޔާރުވެލި އެވެ. ހިމޭޝްވެސް ނަވީނާއަށް ފުރުޞަތު ދިނުމުގެ ގޮތުން ސުކޫތަކަށް ހިމޭން ވެލި އެވެ. ނަވީނާގެ ލަވައަށް ސަމާލުވުމަށެވެ.
"އިންތިހާއަށް ލޯބިވީމާ
ކެތްކުރުންހޭ އިޝްޤަކީ
ހިތް ޙަވާލުކޮށް އަޙުދު ވީމާ
އިންދިރާސްހޭ އަދަބަކީ
މިހިތް އާރޯ ކުރާލަދީ... ހިތް އާރޯކުރާލަދޭނުހޭ"
ހިނދުކޮޅަކަށް އަޑުތައް މެދުކެނޑިގެން ދިޔަ އެވެ. ހިމޭޝް އެނދުގައި އިށީނދެ ދެފައިވަށް ކޮށްލަމުން ހަމަޖެހި ލިއެވެ. އަދި ނަވީނާއަށް ރައްދު ދޭން ފެށިއެވެ.
"އިންތިޒާރުން ކުލުނު އުފެދުން
ކެތްތެރިންނަށް ޙައްޤުވޭ
ހިތް ހަލާސްވާ ވަގުތު އައުމުން
މިލްކުވާނީ ލޯބި އިޝްޤަށް
ހިތް ހުޅުވާލަ ދޭނަމޭ، މިހިތް ހުޅުވާލަ ދޭނަމޭ"
ނަވީނާ ފުންނޭވާ އެއް ދޫކޮށްލި އެވެ. ހިމޭޝްގެ ހުޝިޔާރުކަމުންނެވެ. ނަމަވެސް ނަވީނާ ހުރީ ބަލި ޤަބޫލުކުރާ ކަހަލަ މޫޑެއްގަ އެއް ނޫނެވެ. ކުޑަކޮށް ރާގު ބަދަލުކޮށްލަމުން އަނެއްކާވެސް ފެށީ އެހެންވީމަ އެވެ.
"ފުރާނައިން ދެހިތް ގުޅުން
ކުރާ ދުޢާ އަނާ މިއީ
ފިރާލުމުން ކަލާގެ ހިތް
ތުރާ ހިތުން ނަޖާވެޔޭ"
ހިމޭޝް މަޑުމަޑުން ނަވީނާގެ މަޅީގައި ޖެހެމުން ގެނބެމުން ދިޔަ އެވެ. ނަވީނާ ނިމޭ އިރަށް ފަށަނީ އޭނާގެ އިޙްތިޔާރުން ބޭރަށް ދެވުމުން ކަމަށް އޭނާވެސް ޤަބޫލުކުރެ އެވެ.
"ކުރާ ދުޢާ ކަލާހިތުން
އިޖާބައިން އަނާ މިރޭ
ފިރާލިކަން ޔަޤީން މިހިތް
ފުރާނައިން ގުޅާލުމަށް
ފުރާނައިން ގުޅާލުމަށް"
"އޭ ހާދަ ވަރުގަދަ ލަވަކިޔުންތެރިން ތަކެއް އުފަންވި ވާހަކަ އެފް އެމް ޗެނަލް އަކުން އަޑު އެހީމޭ..." އައިޝަމް ވާހަކަދައްކަމުން ދިޔައީ ހިމޭޝް އާއެވެ. ކޮފީއަކަށް އިންސާފުކުރަން ލެމަން ގުރާސް ސީވިއުގައި ތިބެގެންނެވެ. ތަނަށް ވެރިވެފައިވާ ހަލަބޮލި ކަމާއެކު އެދެމީހުންވެސް ތިބީ އާދައިގެ މަތިން އެކަކު އަނެއްކަކާ ދިމާކުރާށެވެ. ސާފު ހިތްގައިމު ވައި ޖެހޭ ހިސާބުގަ އެވެ. ރޭގެ ތެތްފިނިކަމުން އުފާލިބިގަތުމަށް ތައްޔާރުވެގެން ތިބި ފަދައިންނެވެ.
"ހެއް... ކޮންމެ ގޮތަކަށް ކަންވިޔަސް އެކަންވެސް ވެއްޖެ... މަވެސް ބޭނުންވެގެން އެކަންވީވެސް.. އިޙްތިޔާރުން ހިތްނެއްޓީމަ ނިކަމެއްޗަކަސް، ނަކަތްތެރިއަކަށްވެސް، ކަންވެރިއަކަސް، އެދުރަކަސް، މުދިމަކަސް، ކައުންސިލަރަކަސް، މޭޔަރަކަސް، ވަޒީރަކަސް، ރައީސަކަސް ދެން އެ ހޯދާ ރަމަލު ޖެހުމަކީ ނެތްކަމެއް... އެހެންވެ މުސްކުޅިން ބުނާކަމަށް ހަނީފުމެން އެބުނަނީ ލޯބިވާކަށް ވަކި ވަގުތެއް ވަކި ތަނެއް ވަކި މީހެއް ނޯންނާނޭ... އަނެއްކާ ލޯބި ހުށަހަޅާކަށް ވަކި ގޮތެއް ނޯންނާނޭ... އެމީހަކަށް އެންމެ ފިޓް ގޮތަކަށް ހުށަހެޅީމަ ވީއޭ"
"ތިކަން އޯކޭ އޭ... މަށަށް މައްސަލައަކީ އެވާހަކަ ރާއްޖެ އެފް އެމްގެ ޝޯވ އެއްގަ ކީމަ... ދެން ކިހާ އިޝްތިހާރު ދޯ" އައިޝަމް ކޮފީތަށީގައި ތުންޖަހާލި އެވެ.
"އޯކޭ ދޯ މިހާރު މީ ނުލާހިކު ޓްރާންސްޕޭރަންޓް ޒަމާނެއް... ދެމަފިރިންވެސް މިޖެހެނީ ނުލާހިކު ޓްރާންސްޕޭރަންޓްކޮށް އުޅެން... އަނިބިމީހާއާ ދިމާއަށް ރުޅިއައިސްގެން ކާން ހަދާށޭވެސް ނުބުނެވެޔޯ... އެވެސް ވަނީ ގެވެށި އަނިޔާއަކަށޯ...އެހެންނޫނަސް ނަވީ އެއީ އެތަނުގެ ޕްރެޒެންޓަރެއް ދެން ކޮބާ މައްސަލައަކީ؟ އެމީހުންގެ ފޭނުން ކުރާ ސުވާލަށް ތެދުބަހުން ޖަވާބު ދިނީމަ ފޭނުންވެސް ކިހާ ހެޕީވާނެ... އަނެއްހެން އަހަރެންގެ މައްސަލައެއް ނެތް އެކަމުގަ އެއީ ޤައިމު ދޮގަކަށް ނުވާނެ މިހާރު.." ހިމޭޝް ތިން ހަތަރު ވާހަކަ އެއްކޮލަމުން ވާހަކައިގެ ކުރިމަރާލުމަށް މަސައްކަތްކުރި އެވެ.
"މަށެއް ނުހުންނާނަށް ދެފުރާނަ އެކުވެފައިވާ ލަވަ ޖަހަމުން ތިގޮތަށް ސުނާމީ ބިނާގެ ބުރުގަ އަލީ ރަމީޒު މަތިން ހަނދާންކޮށްކޮށްފަ އޭނާ ލަވަ ކިޔަން ފަށާ ދުވަހަކުން ނޫނީ ބިޓަކާ ގާތް ނުވާކަށް" ހިމޭޝް އައިޝަމްއާ ދިމާކޮށްލީ އޭނާގެ މަޤްޞަދު ޙާޞިލުވާނެ ކަމަށް އުއްމީދުކޮށްގެންނެވެ.
"އައްދޭ... މަ މީކީ އިމްރާން ޙާޝިމީއެއް ނޫނޭ... ވަން ޓަޗް ފިނިޝިން ހަދާކަށް... އެހެން ނޫނަސް ވަގުތު ޖެހުނީމަ އެކަމެއް ވާންވީމަ އެކަމެއް ވާނެ... އަހަރެން ހިތް ކިޔާކަހަލަ ސަޅި ބިޓުން މި މާލޭގަ ނޫޅޭ... އުޅެނީ ހުސް..." އައިޝަމް ވާހަކަ ހުއްޓާލީ ވާރޭ ކަނި ޖަހަން ފެށުމުން އެތެރެއަށް ދިއުމަށް ހިމޭޝް ތެދުވުމުންނެވެ.
"ހިނގާ ބިލް ކަނޑާލާފަ ދެވޭތޯ އުޅެމާ... މަ އެބައޮތް ވަރަށް މުހިއްމު އެއްޗެއް ކިޔަންވެފަ... އަސްލު މިއައީވެސް ޝަމް ގުޅީމަ ޑްރޮޕްކޮށްލަން... މަ ހީކުރީ ސައިކު ހުޅުމާލޭގަ ބަހައްޓާފަ އައީ ކަމަށް..." ހިމޭޝް މިސްރާބު ހުރީ ކައުންޓަރާ ދިމާއަށެވެ. ފަހަތުން އައިޝަމްވެސް އައެވެ. ދެމީހުން ދެމީހުންނަށް ވާހަކަ ދައްކަމުންނެވެ.
"މިހާރު ލޯބީގެ ވާހަކަވެސް ކިޔަން ފެށީތަ؟" އައިޝަމް ދިމާކޮށްލި އެވެ.
"އާނ... އެވެސް ކުރަން ޖެހޭ ކަމެއްނު... ކުދިން ކުދިންގެ ލޯބީގެ ވާހަކަތަކަކީ ހަޤީޤީ ކަންކަމުގެ މައްޗަށް ލިޔާ ޙަޤީޤީ އެއްޗެކޭދޯ" ކާޑުގެ ޕިން ނަންބަރު ޖަހަމުން ހިމޭޝް ވާހަކަ ދެއްކި އެވެ. ކައުންޓަރުގައި ހުރި އަންހެން ކުއްޖާއަށް ހީލަމުން ހިމޭޝް އެއްލޯ ކުޑަކޮށްލަމުން އާއެކޭ ބުނަން އިޝާރާތްކޮށްލި އެވެ. ރައްދުގައި ކޭޝިއަރ ވެސް ހިނިތުންވެލަމުން ހިމޭޝް އަށް ބޯ ޖަހާލި އެވެ.
"ތޭންކްސް ދަނީ"
"ހިމޭ ކަމެއްތަ އެއީ؟" އެތަނުން ނިކުންނަމުން އައިޝަމް ސުވާލުކުރި އެވެ.
"ސާބަސް! ތަނަކުން އަންހެން ކުއްޖަކު ފެންނައިރަށް މަ އެބައުޅޭތަ ހޭބަލިވެގެން... އެހެންނޫނަސް އޭނަ ކިހާ ކިއުޓް، ނުވެސް ދަންނަ ވާހަކައަކަށް ވެސް ސްމައިލް އެއް އެ ދިނީ... އެ މިބުނާ ތަހުޒީބަކީ އަނެއްކާގެ އުފަލަށްޓަކައި ޚިދުމަތް ދިނުމަކީ އެއީ... އެހެންވެ ތޭންކްސް އޭ ބުނީ... ޝަމް ނޭނގޭ ކަމަށް ހަދަނީތަ ނޫނީ ނޭނގެނީތަ... ހަމަ މަ ގޮއްވަން ދޯ ތިއުޅެނީ" ސައިކަލުގެ މަޑިމަތީގައި ހުރި ވާރޭ ފެންތައް އަތުން ފޮހެލަމުން ދެމީހުން ދެ ސައިކަލަށް އަރާ އިސްޓާޓްކޮށްލި އެވެ. އެއާއެކު ހެންވޭރާ ވީކޮޅަށް ދުއްވާލަމުން ކާނިވާ ފަސްދިނެވެ.
****** ***** ***
"އޯކޭ ބައި ނަވީ... ލަވް ޔޫ! ފަތިހު ގުޅައްޗޭ!" ހިމޭޝް ފޯނު ބާއްވަމުން އެނދުގައި ހަމަ ޖެހިލި އެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ ކަމެއް ހަނދާން ވުމުންނެވެ. އެއާ އެކު ފޯނު ނަގާ ގުޅާލި އެވެ.
"އޭ އައި ބުނީ އިހަށް ގުޅާލަ ބަލާށޯ! އޭނަ ވާހަކައެއް ދައްކަން ވެގެންނޭ!" ހިމޭޝް ވާހަކަދައްކަމުން ދިޔައީ އައިޝަމް އާ އެވެ.
"ނޭނގެމަށަކަށް! އެމަންޖެ އަށް ތިހެން ނުހަދަބަލަ! އެވެސް އިންސާނެކޭ... ޝަމްގެ ލޯބީގަ އެފަކީރު އެހަލާކު ވަނީ! މަށަށް މެސެޖުކޮށްފަ އެބައޮތް ޝަމް ގާތު ބުނެބަލާށޯ އެފް ބީއަށް ވަދެލާދީ ބަލާށޭ!" ހިމޭޝް މެދު ކަނޑާލީ ފޯނުން އައިޝަމްއަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
"މަ ނެތިން ތި ދެމީހުންގެ މެސެޖް ފޯރުކޮށްދޭ ޕިޔޯނަކަށް ވާކަށް! އެމަންޖެ މަ ކައިރީ ބުނި ކަންތައް މަ މިކުރީ! އެވެސް އެމަންޖެ އަށް ހަމްދަރުދީ ވާތީ! ދެންވެސް ގޮތްދޫކޮށް ވަދެބަ! އެނގޭނެ މަ އަވަހަށް ގެއަށް މިއައީ އެއްޗެއް ކިޔަންކަންވެސް! އޯކޭ ބާއްވަނީ! ގުޑް ނައިޓް ޓީކޭ!" ހިމޭޝް ފޯނު ބޭއްވުމަށްފަހު އެނދުގެ މަގަތުގައިވާ ކަބަޑުގެ ވަތްގަނޑު ދަމާލަމުން ފޮތެއް ނެގި އެވެ. ރީތި ފުރިހަމަ ބޭރުގަނޑެކެވެ. އުފުލިފައިވާ ރަތްކުލައިގެ ފިނިފެން މަލަކުން ފޮތުގެ ބޭރުވަނީ ޖަރީކުރުވާފަ އެވެ. ފިނިފެން މަލުގެ ތަނޑުގައި ރަތްކުލައިގެ ރިބަން ފަށެއް އެލުވާލެވިފައިވެ އެވެ. ފޮތުގެ ބޭރު ގަނޑަށް ބަލާލުމުން ލޯބީގެ އިޙްސާސްތައް ކިތައްމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ބޭރުގަނޑުގެ އެއްކަނުގައި ރީނދޫ ރަންކުލައިން ވާ ހިތުގައި ލިޔެފައިވާ ޢިބާރާތްކޮޅު ހިމޭޝް ތަކުރާރުކޮށްލި އެވެ. "ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ... ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ"
ހިމޭޝް ހަމަޖެހިލަމުން އެނދުގައި އިށީނދެލި އެވެ. ބޯދަށަށް ބާލީހެއްލަމުން އެދުގެ ބޯލާކޮޅުގައި ލެނގިލިއެވެ. އަތުގައިވާ ފޮތުގެ ތެރެއަށް ނަޒަރު ހުއްޓާލި އެވެ. އެންމެ ފުރަތަމަވެސް އަޅައިގަތީ ރީތި ތަސްވީރަކުން ފަވާލެވިފައިވާ ނަމެކެވެ. "އިއުރާޒް" އުފުލިފައިވާ އަކުރުތަކުގައި އަތްކާއްތާލެވުނީ ފަރުމާކުރުން ފުރިހަމަ ކަމުންނެވެ. ވިދަމުން ދިޔަ ވިދުވަރެއް ފަދައިން ފޮތެއްގެ ފުރަތަމަ ޞަފްޙާގައި އެހާ ރީތިކޮށް އަތުން ލިޔެފައިވާ ލިޔުމެއް އޭނާއަށް ދުވަހަކުވެސް ނު ފެނެ އެވެ. އެހެންވެ ފޮތުގައިވާ އާދަޔާ ޚިލާފުކަންކަން އޭނާ ވަޒަންކޮށްލަން ހިތް ބުނަމުން ދިޔަ އެވެ.
ހަމަޖެހިލަމުން ފުރަތަމަ ޞަފްޙާ ކިޔަން ފެށި އެވެ.
= ނުނިމޭ =
