ނާކާމިޔާބީގެ ބަނޑުން ކާމިޔާބީ ކުންނުވި ވީރުން

"ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑި އެވެ."، "ކާމިޔާބުގެ ވަގުތުގައި ހިތްތިރިކޮށް ނާކާމިޔާބުގައި ހިތްވަރު ގަދަކުރާށެވެ."، "ކާމިޔާބަކީ ތަކުރާރުކޮށް ކުރެވޭ މަސައްކަތެއްގެ ނަތީޖާއެވެ." އަދި "ކާމިޔާބަކީ އަމިއްލައަށް ލިބޭ އެއްޗެކެވެ. އެކަމަށް ކުރަން ޖެހޭނީ މަސައްކަތެވެ" މިއީ ކާމިޔާބާއި ގުޅޭގޮތުން، އެކިއެކި ފޮތްތަކުންނާއި އެކިއެކި ފިލޯސަފަރުންނާއި އެކިއެކި މުފައްކިރުންގެ ފަރާތުން އަޑުއިވޭ ބުނުންތަކެކެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ކޮންމެ ކާމިޔާބެއް ލިބެނީ ހަމަ ހުރެފައި ނޫންކަމެވެ. ކާމިޔާބެއްގެ ފަހަތުގައި ފޮރުވިފައި އެތައްކަމެއް ތަކުރާރުވާ ކަމެވެ. ކާމިޔާބު އުފަންވަނީ ނާކާމިޔާބުގެ ބަނޑުންކަމެވެ. އެހެން ޢިބާރާތަކުންނަމަ ކާމިޔާބަކީ ނާކާމިޔާބުގެ ހަލާލު ދަރިއެއްކަމެވެ. މިކަން ދުނިޔޭގެ މަޤްބޫލު ޝަޚްޞުންގެ ޙަޔާތު ނާމަތަކުން ކަށަވަރު ކުރެވެ އެވެ. އަލްބަޓް އެނިސްޓަން، އިސާކް ނިއުޓަން، އަބްރަހަމް ލިންކަން ވިންސްޓަން ޗާޗިލް ފަދަ ސިޔާސީ ޢިލްމީ ބޭބޭފުޅުންގެ ޙަޔާތުގެ އުސްއަލިތަކުންނެވެ. ބިލްގޭޓާއި ހެންރީ ފޯޑް ފަދަ ވިޔަފާރި ވެރިންގެ ޙަޔާތުން ނާމާތަކުންނެވެ. މިގޮތުން، މި ލިޔުމުގައި ބަލައިލާފައިވާނީ ނާކާމިޔާބީގެ ބަނޑުން އުފަންވެ ކާމިޔާބީގެ ކުންނަށް ވާސިލުވެފައިވާ މަޤްބޫލު ދިހަ ވީރުންގެ ކާމިޔާބީގެ ޚުލާޞާ ނާމާއަށެވެ.

އަލްބަރޓް އެނިސްޓަން

ވިހިވަނަ ޤަރުނުގެ ތެރޭގައި ދުނިޔެ ދުށް އެންމެ ޤާބިލު އެންމެ ކުޅަދާނަ ފިޒިސްޓަކީ އަލްބަރޓް އެނިސްޓަނެވެ.  މިއީ ތިއަރެޓިކަލް ފިޒިކްސްގެ ދާއިރާއަށް ޚިދުމަތްކުރުމާއި 1905 ވަނަ އަހަރު ފޮޓޯއިލެކްޓްރޯކިސްގައި ކަންހިނގާ ނުހިނގާގޮތް އާއްމުކޮށް ކިޔައިދިނުމާއި އެ ޢިލްމަށް އަގުހުރި ޚިދުމަތްކުރުމުގެ ދާއިރާއިން 1921 ވަނަ އަހަރު ނޯބަލް އިނާމު ލިބިފައިވާ މަޝްޙޫރު ސައިންސްވެރި އެކެވެ.

ކަންމިހެން ހުރި ނަމަވެސް، އެނިސްޓަންގެ އެންމެ ޒުވާން ދުވަސްވަރު މީނާގެ ސިކުނޑި ތަރައްޤީވާ ނިސްބަތް ދަށްކަމަށް އޭނާގެ ބެލެނިވެރިންނާއި މުދައްރިސުން ޤަބޫލުކުރި އެވެ. މަދަރުސާގައި އުޅުނު ދުވަސްވަރު އޭނާއަކީ އާއްމުކޮށް އެންމެ ދަށުން ނަތީޖާ ލިބޭ ފަރާތެކެވެ. އެހެންވެ އާއްމުގޮތެއްގައި އޭނާގެ މުދައްރިސުން އޭނާއަށް ބުނަނީ "އެނިސްޓަން ކަލޭއަކީ އެއްވެސް އެއްޗެއް ނޫން (ކަނޑުގައި އަޅާފަދަ ރޮނގެއްފަދަ މީހެއް) ކަމަށެވެ. މީނާ މަދަރުސާއިން ކިޔެވުމުގެ ޙަޔާތާއި އަލްވަދާޢު ކިޔާފައިވަނީ އުމުރުން އެންމެ 15 އަހަރުގަ އެވެ.

 

ބިލް ގޭޓް

ބިލްގޭޓަކީ ޔުނިވަރސިޓީގައި ކިޔަވަން އުޅުމަށްފަހު ކިޔެވުން ދޫކޮށްލި ފަރާތެކެވެ.  އެއީ ސޮފްޓްވެއަރ ކުންފުންޏެއްގައި (މައިކްރޯސޮފްޓުގައި) ސޮފްޓްވެއަރ ތަރައްޤީކޮށް  ވިއްކުމަށެވެ. މިގޮތުން،  އޭނާ ސޮފްޓްވެއަރ ވިއްކަން ފެށި އަގަކީ އެންމެ 50 ޑޮލަރެވެ. އެހެންނަމަވެސް، މީނާއަކީ މިހާރު ދުނިޔޭގައި ތިބި އެންމެ މުއްސަނދި މަހުޖަނުންގެ ތެރެއިން އެކަކު އެވެ. މިއީ މައިކޮރޯސޮފްޓްގެ ބާނީ އެވެ.

އަބްރަހަމް ލިންކަން

އަބްރަހަމް ލިންކަނަށް އޭނާގެ ޙަޔާތުގައި 5 އަހަރަށްވުރެ ގިނަދުވަހަށް ރަސްމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ލިބިފައެއް ނުވެ އެވެ. ޒުވާން ދުވަސްވަރު އޭނާވަނީ ސިޔާސީ މައިދާނަށް ނުކުމެފަ އެވެ. އަދި އެމެރިކާގެ 16 ވަނަ ރައީސްކަމުގެ މަޤާމަށް އައުމުގެ ކުރިން އޭނާވަނީ 12 ފަހަރު ނާކާމިޔާބު ވެފަ އެވެ.

 

 

އިސާކް ނިއުޓަން

އިސާކް ނިއުޓަނަކީ އިނގިރޭސިވިލާތުގެ މަޝްޙޫރު ހިސާބު ޢިލްމުވެރިއެކެވެ. މިއީ އަހަރުމެން މިހާރު މިކިޔަވާ އޮޕްޓިކް ޢިލްމާއި ގްރެވިޓޭޝަނަލް ބާރު ތައް ދެނެގަނެ އެކަން ފުރަތަމަ ފަހަރަށް ދިރާސާކޮށް އެ ޢިލްމު ވުޖޫދު ކުރި ފަރާތެވެ. މީނާގެ ޒުވާންކަމުގެ ދުވަސްވަރު ގްރޭޑް ތަކުން އޭނާއަށް ލިބިފައިވަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. މިކަން ހައްލުކުރުމަށްޓަކައި އޭނާގެ މުދައްރިސުންނަށްވަނީ  ގޮތް ހުސްވެފަ އެވެ.  

ސްޓެވެން ސްޕެއިލްބަރގް

މިއީ އެމެރިކާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެކެވެ. ފިލްމީދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމަށްވާ އެކެޑެމީ އެވޯޑް، ތިން ފަހަރެއްގެ މަތިން ސެޓެވެން ސްޕެއިލްބަރވަނީ ހާސިލުކޮށްފަ އެވެ. މީގެއިތުރުން، ސްޓެވެން ފާހަގަކުރެވިފައިވަނީ ވިޔަފާރީގެ ރޮނގުން އެންމެ ކާމިޔާބު ފިލްމުތައް އުފައްދާ ފަރާތުގެ ގޮތުގައިވެސް ފާހަގަކޮށްލެވި ފަ އެވެ.  އެހެނަސް، ސްޓެވެންގެ ޅަދުވަސްވަރު އޭނާ ވަނީ ޖޫނިއަރ ހައި ސްކޫލުގައި އުޅުނު ދުވަސްވަރު ރަސްމީ ތަޢުލީމާ އަލްވަދާޢު ކިޔައިފަ އެވެ. ފަހުން އޭނާ ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާހަކަށް ގުޅިފަ އެވެ. ނަމަވެސް، އެ ކުލާހަށް ދިޔައީވެސް އެއް މަސް ދުވަހަށެވެ. އޭގެ ފަހުން ރަސްމީ ތަޢުލީމާ އަބަދަށް ވަނީ އަލްވަދާޢު ކިޔައިފަ އެވެ.

ތޯމަސް އެޑިސަން

ވިހިވަނަ ޤަރުނުގެ ތެރޭގައި އުފެއްދި ގިނަ އުފެއްދުންތަކެއް ވުޖޫދު ކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ އެއް ފަރާތަކީ ތޯމަސް އެޑިސަން އެވެ. މިގޮތުން، އެމެރިކާގައި 1093 ވައްތަރެއްގެ އުފެއްދުންތަކުގެ ފިކުރީ މުދަލުގެ ޙައްޤުވެރިކަން (ކޮޕީރައިޓް) ތޯމަސް އަށް އޮވެ އެވެ. އެހެނަސް، ތޯމަސްގެ ތުއްތު އިރު، އޭނާގެ މުދައްރިސުން އޭނާއަށް ނިސްބަތްކޮށް ބުނެފައިވަނީ "ތޯމަސް އަކީ ދަސްކުރުމުގައި ޤަމާރެއް" ފަދަ ކުއްޖެއް ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ހަޤީޤަތަކީ ދުނިޔެއަށް ފުރަތަމަ ފަހަރަށް އީޖާދުކުރެވުނު ކާމިޔާބު ބޮކި އުފެއްދުމަށްޓަކައި އޭނާ 9000 ތަޙްލީލުކޮށް އެކަން ކާމިޔާބު ކޮށްފައިވާ ކަމެވެ.

ވިންސްޓަން ޗާޗިލް

ވިންސްޓަން ޗާޗިލްވަނީ ގްރޭޑް 6 އަކުން ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިފަ އެވެ. އެހެނަސް، އޭނާ އެ ނާކާމިޔާބީން ހިތްވަރު ލިބިގަތެވެ. ކާމިޔާބުގެ މަންޒިލަށް ވާސިލުވުމަށް ޢަޒުމު ކަނޑައެޅި އެވެ. ނަތީޖާއެއްގެ ގޮތުން، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރެއްގެ މަޤާމު އަދާކޮށްފަ އެވެ. އެހެންމެ، އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ވީރުންގެ ލިސްޓުގައި ޗާޗިލްގެ ނަން ފަވާލެވިފައިވެ އެވެ. މީގެއިތުރުން، ދުނިޔޭގެ ތާރީޚުގައި މަޤުބޫލު ޝަޚުޞުންގެ ލިސްޓުގައިވެސް ޗާޗިލްގެ ނަމަކީ ވިދަވިދާ ހުންނަ ނަމެކެވެ. 2002 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެންމެ ނުފޫޒުގަދަ އެއް މީޑިއާ ބީބީސީއިން ކުރިއަށްގެންދިޔަ ޚިޔާލުހޯދުމުގެ ޕޯލެއްކަމަށްވާ "100 ގްރޭޓެސްޓް ބްރިޓަންސް" ގައި ވޯޓުދިން ފަރާތްތަކުގެ އިއްތުފާގުން އެ ޕޯލް ކާމިޔާބުކޮށްފައިވަނީ ވެސް ވިންސްޓަން ޗާޗިލް އެވެ.

ހެންރީ ފޯޑް

ހެންރީ ފޯޑްގެ އެންމެ ފުރަތަމަ ދެ އޮޓޯމޮބައިލް ކުންފުނިން އޭނާވަނީ ގެއްލުންތަކާ ކުރިމަތިލާންޖެހި، ނާކާމިޔާބުވެފަ އެވެ.  އެހެނަސް އޭނާ ހިތްވަރު އެލުވައެއް ނުލަ އެވެ. ބަދަލުގައި އޭނާވަނީ އޮޓޯ މޯބައިލް ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ "އެސެމްބުލިން ލައިން"އެއް ޤާއިމުކޮށް ދުނިޔޭގެ އެންމެ ފުރަތަމަ އެފަދަ ކުންފުންޏެއްގެ ގޮތުގައި ފޯޑް މޮޓޯ ކުންފުނީގެ ނަން ތާރީޚުގެ ތެރެއަށް ފަވާލައިފަ އެވެ. ޔޫރަޕާއި އެމެރިކާގެ ސިނާއީ މަސައްކަތްތަކާއި ސިނާއީ ކާރުޚާނާތަކަށް އިންޤިލާބެއް ގެނުވި ލީޑަރެއްގެ އިތުރުން، ފޯޑްވަނީ ވިހިވަނަ ޤަރުނުގެ ތެރޭގައި އިޖުތިމާއިއްޔަތާއި އިޤުތިސާދުގައިވެސް ފާހަގަކޮށްލެވޭ ޝަޚުޞުންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ. ބޮޑު އުޖޫރާގައި އަގުހެޔޮކޮށް ވުނަދާނަކުރުމުގައި އެކަމަށް ޤާއިމުކުރައްވާފައިވާ ވުނަދާނަ ސްކޫލު، "ފޯޑިސަމް"ގެ ސަބަބުން ހެންރީ ފޯޑްވަނީ ދުނިޔޭގެ އެންމެ މުއްސަނދި ތިން މަހުޖަނުންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.  

 އަކިއޯ މޮރިޓާ

ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް އިފެއްދުންތަކުގެ ބާނީ އަކީ އަކިއޯ މޮރިޓާ އެވެ. ސޮނީ ކޯޕަރޭޝަންގެ ފުރަތަމަ އުފެއްދުންކަމަށްވާ ކަރަންޓުން ބަތްކައްކާ ތެލި (މި ތެލީގެ ތެރެއިން ވިއްކުނީ އެންމެ 100 ތެލި، ސަބަބަކީ ބަތްކެކުމުގެ ބަދަލުގައި މި ތެލިން ބަތް އަނދާތީ) އީޖާދުކުރީ އަކިއޯ މޮރިޓާ އެވެ. އެހެނަސް، މިއަދު ދުނިޔޭގެ އިޤްތިޞާދުގައި އަހަރެއްގެ މައްޗަށް 66 އެމެރިކާ ޑޮލަރުގެ ރެވެނިއުއަކާ އެކު ދުނިޔޭގެ 6 ވަނަ އަށް އެންމެ ބޮޑު އިލެކްޓްރިކް ކުންފުނީގެ ގޮތުގައި މާކު ކުރެވިފައިވަނީ އަކިއޯ މޮރިޓާގެ ސޮނީ ކުންފުންޏެވެ.

ޖޯން ގްރިޝަމް

ފޮތް ޗާޕުކުރާ ސޯޅަ ތަނަކުންނާއި ބާރަ ޗާޕުޚާނާއަކުން، ޖޯން އެންމެ ފުރަތަމަ ލިޔުނު ދިގުވާހަކަ ވަނީ ޗާޕުނުކޮށް ފޮނުވާލާފަ އެވެ. އެހެނަސް، ޖޯން މާޔޫސްވެ ހިތްވަރު އެލުވަ އެއް ނުލަ އެވެ. އޭނާގެ ފުރަތަމަ މަސައްކަތުން ލިބުނު ނާކާމިޔާބީއަށްފަހު ވާހަކަ ލިޔުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. ފުލުފުލުގައި ވާހަކަ ލިޔަމުން ދިޔަ އެވެ. އާޚިރު ނަތީޖާއަކަށްވީ ދުނިޔޭގެ މަޝްހޫރު ވާހަކަލިޔުންތެރިންގެ ލިސްޓުން ޖީން ގެ ނަން ވިދަން ފެށުމެވެ. އޭނާގެ ވާހަކަތައް ޑްރާމާތަކުގެ ސިފަ ޖެހިގެން ތަފާތު މީޑިއާ ތަކުގައި ދައުރުވަން ފެށުމެވެ. 21 ވަނަ ޤަރުނުގައި އުފެއްދި އެންމެ އުފެއްދުންތެރި އެންމެ މޮޅު ވާހަކަލިޔުންތެރިންގެ ޝަރަފު މީޑިއާތަކުން އޭނާއަށް ވަނީ ދެއްވާފަ އެވެ.

   ނާކާމިޔާބުގެ ބަނޑުން ކާމިޔާބު ކުންނުވި ވީރުންގެ ތެރެއިން މި ލިޔުމުގައި ބަލައިލެވުނު ކޮންމެ ވީރަކީވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނާކާމިޔާބީއާ ކުރިމަތިލާފައިވާ ވީރުންތަކެކެވެ. ބައެއް ވީރުންނަށް ޢަމަލީ މައިދާނަށް ނިކުތުމުގެ ކުރިން މަދަރުސީ ދައުރުގަ އެވެ. އަނެއްބައި ބޭފުޅުންނަށް ޢަމަލީ މައިދާނުގެ ފުރަތަމަ މަސައްކަތުގަ އެވެ. އެހެނަސް، ލިބުނު ކޮންމެ ނާކާމިޔާބަކުން ހިތްވަރު ލިބިގެން ކޮންމެ ވީރެއްވެސް އެވަނީ ކާމިޔާބުގެ އެންމެ މަތީ ހަރުފަތަށް ނުވަތަ ކުންނަށް ވާސިލުވެ ކާމިޔާބު ވީރެއްގެ ގޮތުގައި ވިދާލައިފަ އެވެ. އެހެންކަމުން، ކާމިޔާބުގެ ކުންނަށް ވާސިލުވާ ކޮންމެ ފަރާތެއް ކުންނަށް ވާސިލުވެފައިވަނީ ނާކާމިޔާބުގެ ހިތިކަން ތަހައްމަލުކޮށްފަ އެވެ. ނާކާމިޔާބުން ޢިބްރަތް ލިބިގެންނެވެ. ވީމާ، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ހިތްވަރާއެކު ކުރިމަތިލުމަކީ މި ހުރިހާ ވީރުންގެ ފުށުން ލިބޭ ޢިބްރަތެވެ. ނާކާމިޔާބީ ލިބޭ ކޮންމެ ފަހަރަކު މައިދާން ދޫކޮށްލުން އެއީ އަދި ބުއްދިވެރި ގޮތެއް ނޫނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވީމަ ދެވަނަފުރުސަތު މުހިންމުތާދޯ!!!

– 19 ޖުލައި 2013 0