އިހަވަންދޫ ކައުންސިލާ ގުޅޭ މައްސަލަތަކެއް އެސީސީން ބަލަނީ

23 ސެޕްޓެމްބަރު 2020 1

ހއ. އިހަވަންދޫ ކައުންސިލުން ހިންގާފައިވާ 5 ހަރަކާތަކާއި ގުޅޭ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އެސީސީން) ބަލަން ފަށާފިއެވެ.

އެ ގޮތުން އެސީސީން ތަހުގީގު ކުރަނީ، މަގުމަތީގައި ރުއްގަސް އިންދާ ހެއްދުމާ ގުޅޭ މައްސަލައަކާއި، މިސްކިތް މަގު މައިޒާންގެ މައްސަލައާއި، ރަށުގެ ބަނދަރު ސަރަހައްދުގައި ފައިބަރު މަސައްކަތްކުރަމުންދާ މައްސަލަ، އަދި ޒުވާނުންނަށް ފުޓްސެލް މުބާރާތެއް ހިންގި މައްސަލައިގެ އިތުރުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މައްސަލައެވެ.

މީގެ ތެރެއިން މަގުމަތީގައި ރުއްގަސް އިންދާ ހެއްދުމާ ގުޅޭ މައްސަލައަކީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގޭގެ އިމުން ބޭރުގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ހައްދާފައިވާ ގަސްތައް ނެގުމަށް ކައުންސިލުން އަންގާފައިވާތީ އެކަމާ ގުޅޭގޮތުން ހުށަހަޅައިފައިވާ މައްސަލައެކެވެ. އަދި ފުޓްސެލް މުބާރާތުގެ މައްސަލައަކީ، ކައުންސިލާއި އިމަގު ޖަމިއްޔާއާއި ގުޅިގެން ރަށުގެ ޒުވާނުންނަށް ބޭއްވި ފުޓްސެލް މުބާރާތުގެ ޚަރަދު ކޮށްފައިވާ ގޮތް ބެލުމަށްޓަކައި ބަލަމުންދާ މައްސަލައެކެވެ.

މީގެ އިތުރުން، މިސްކިތް މަގު މައިޒާނުގެ މައްސަލައަކީ, ރަށުގެ ޒުވާނުންތަކެއް އިސްނަގައި ކައުންސިލާއި ގުޅިގެން، ރަށުގައި މޫދަށް އެރެ ހިތްފަސޭހަކޮށްލެވޭނެ ފަދަ މައިޒާނެއް ތަރައްޤީ ކުރުމަށް ކުރިއަށް ދިޔަ މަސައްކަތުގައި ކައުންސިލުން އެހީތެރިވެފައިވާތީ އެކަމާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. މީގެ ކުރިންވެސް ވަނީ މިސްކިތް މަގު މައިޒާނާ ގުޅޭ މައްސަލައެއް އެސީސީން ބަލައި، ކޮރަޕްޝަން ނެތްކަމަށް ނިންމާފައެވެ.

ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ވިދާޅުވަނީ، އެ ކަންތައްތަކުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލު ކޮށްފައި ނުވާނެ ކަމަށެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

No

– 25 ސެޕްޓެމްބަރު 2020 0