"ހަ ކިބައިން ހުސް" ތަ؟

9 މާރިޗު 2013 0

"ހަ ކިބައިން ހުސް"

"ކަޅު ފޮއެ އަނދިރި ރޭރޭ، ކަޅު ހިލަ މަތީ، ކަޅު ހިނި ހިރޭ ހިރުންވެސް ދެނެވޮޑިގެންވާ، ހަ ކިބައިން ހުސް، ކަށަ ކުޅަދުންވަންތަ" މި އިބާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ވާހަކަ ދެއްކުމުގެ މުބާރާތް ތަކުންނާއި އެކިއެކި ޖަލްސާ ތަކުންނެވެ. އެކިއެކި މުނާސަބަތު ތަކުގައި ދައްކާ ވާހަކަ ތަކުންނެވެ. މި އިބާރާތުގައި ވާ "ހަ ކިބައިން ހުސް" މި ބަހުގެ މާނައަކީ ހަ ފަރާތުންކުރެ ފަރާތެއްގައި އިންވެގެން އެއްވެސް އެއްޗެއް ނެތުމެވެ. މިބަހަކީ ﷲ ތަޢާލާގެ ޛާތު ފުޅަށް ނިސްބަތްކޮށް ބުނެވޭ ބަހެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންތާކުތޯ ސުވާލު ކޮށްފިނަމަ ބައެއް ކުދިން ޖަވާބު ދެނީ ﷲ ހުރިހާ ތަނެއްގައި ވޮޑިގެން ވާ ކަމަށެވެ. މި ކަންކަމަކީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަންކަމެވެ. ވީމާ މިކަންކަމާމެދު ޤުރުއާނާއި ސުންނަތާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ދިރާސާއެއް ކޮށްލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.

ޣައިބުގައިވާ ކަންކަމާމެދު މުސްލިމުންގެ އަޤީދާ

ﷲ ތަޢާލާގެ ޛާތު ފުޅާއި އެ އިލާހާ ގުޅޭ ކަންކަމަކީ ޣައިބުގައިވާ ކަންކަމެވެ. ޣައިބުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެން ވަނީ ﷲ ތަޢާލާ އެވެ. އިންސާނުންނަށް އަދި އެހެނިހެން މަޚްލޫޤުންނަށް، ﷲ ތަޢާލާ އަންގަވައި ދެއްވި ޢިލްމެއް ފިޔަވައި އިތުރު ޢިލްމެއް ލިބިފައެއް ނުވެ އެވެ. މަލާއިކަތް ބޭކަލުން ވިދާޅުވެފައިވާ ފަދައިންނެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެ އެވެ.

قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿ سورة البقرة ٣٢﴾

މާނައީ "އެ ملائكة ން ދެންނެވޫ އެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާ އެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެ އެވެ."

ވީމާ ޣައިބުގައިވާ ކަމެއް ޘާބިތު ކުރެވޭނީވެސް ނުވަތަ ނަފީ ކުރެވޭނީވެސް ޤުރުއާނުން ނުވަތަ ޞައްޙަ ހަދީޘަކުންނެވެ. މި ދެ މަސްދަރުން ޘާބިތު ނުވާ ކަމެއްގައި ތިމާ އަމިއްލައަށް ބަސްކިޔާ ހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ވާނީ ބޮޑު މަގުފުރެދުމަކަށެވެ.

ޤުރުއާނުންނާއި ޞައްޙަ ޙަދީޘުން ޘާބިތުވާ ގޮތް

ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި، ﷲ ތަޢާލާ ޢަރުޝިމަތީ އިސްތަވާވެ ވޮޑިގެން ވާކަން ބަޔާން ކުރައްވާފައިވެ އެވެ.

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الأعراف ٥٤﴾

މާނައީ "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް އިސްތަވާވެ ވޮޑިގެންވި އެވެ."

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة يونس ٣﴾

މާނައީ "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެވޮޑިގެންވި އެވެ."

اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الرعد ٢﴾

މާނައީ "اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެ އެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެވޮޑިގަތެވެ."

الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿سورة طه ٥﴾

މާނައީ "رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް އިސްތަވާވެ ވޮޑިގެންވި އެވެ."

الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الفرقان ٥٩﴾

މާނައީ "އެކަލާނގެއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެ ވޮޑިގަތެވެ"

اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة السجدة ٤﴾

މާނައީ "اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެ ވޮޑިގެންނެވި އެވެ."

هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الحديد ٤﴾

މާނައީ "އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެ އެވެ. ދެން އެކަލާނގެ عرش ގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ."

ﷲ ތަޢާލާ ޢަރުޝިމަތީ އިސްތަވާވެ ވޮޑިގެންވާކަން އިސްވެދިޔަ ހަތް އާޔަތުން ވަރަށް ސަރީޙަކޮށް ޘާބިތުވެ އެވެ.

ﷲ ތަޢާލާ ވޮޑިގެން ވަނީ ހަތްއުޑު މަތީކަން ބަޔާން ކުރައްވާ ވަހީކުރައްވާފައި ވެއެވެ.

أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿سورة الملك ١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿سورة الملك ١٧﴾

މާނައީ "އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.(16). ނުވަތަ އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ إنذار ކުރެއްވުން ވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.(17)"

 

ރަސޫލާ صلى الله عليه وسلم ގެ ސައްޙަ އެތައް ހަދީޘެއްގައި ﷲ ތަޢާލާ ވޮޑިގެން ވަނީ ހަތްއުޑުމަތީގައި ކަން ބަޔާންކުރައްވާފައިވެ އެވެ.

އެކަލޭގެފާނު ޖާރިޔާއަކަށް ޙަދީޘް ކުރެއްވިއެވެ. ((أَيْنَ اللهُ؟)) قَالَتْ: فِي السَّمَاءِ، قَالَ: ((مَنْ أَنَا؟)) قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: ((أَعْتِقْهَا، فَإِنَّهَا مُؤْمِنَةٌ)) (مسلم وأحمد) މާނައީ : “ﷲ (ވޮޑިގެންވަނީ) ކޮންތާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. އުޑުގަ އެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވި އެވެ. “ކަލޭގެފާނަކީ ﷲގެ ރަސޫލާ އެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. “އެކުއްޖާ މިނިވަންކުރާށެވެ. ފަހެ، އެކުއްޖާއަކީ މުއުމިނާއެކެވެ.” (މުސްލިމް: 537، އަޙްމަދު: 17945، 19455.)

އަދި ޔަހޫދީ ޤަބީލާއެއްކަމުގައިވާ ޤުރައިޟާގެ މީހުންނާމެދު ޙުކުމް ކުރެއްވި ޙާދިސާގައި ސަޢުދު ބުން މުޢާޛަށް އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. ((لَقَدْ حَكَمْتَ فِيهِمْ بِحُكْمِ الْمَلِكِ مِنْ فَوْقِ سَبْعَةٍ أَرْقِعَةٍ)) (البخاري) މާނައީ : “ހަމަށަވަރުން، ތިބާ އެބައިމީހުންނާމެދު ޙުކުމްކޮށްފައިވަނީ، ހަތްއުޑުގެ މަތީ ވޮޑިގެންވާ ރަސްކަލާނގެ ޙުކުމްފުޅެވެ. (އެބަހީ އެއިލާހުގެ ޙުކުމްފުޅާ އެއްގޮތަށެވެ.). (ޞަޙީޙުލް ބުޚާރީ: 3043.)

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިމަތީ އިސްތަވާވޮޑިގެންކަމުގައި މިއުއްމަތުގެ ސަލަފުން ވަނީ އިޖުމާޢުވެވަޑައިގެންފަ އެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. “ﷲއަށް އީމާންވުމުގެ ތެރޭގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެން ވަނީ އެ އިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވަޑައިގެން އުޑުތަކުގެ މަތީ، އެއިލާހުގެ ޢަރުޝި މަތީކަމަށް އީމާންވުންވެ އެވެ. އެއީ ﷲ އެއިލާހުގެ ފޮތުގައި ޚަބަރުދެއްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތަވާތުރުކޮށް އައިސްފައިވާ، އަދި އުއްމަތުގެ ސަލަފުން އިޖުމާޢުވަޑައިގެންފައިވާކަމެކެވެ." (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/66.)

އިބްނު ތައިމިއްޔާގެ މިބަސްފުޅުގެ ޝަރަޙާގައި މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެ އެވެ. “(މިކަމަށް ވެވިފައިވާ) އިޖުމާޢު ދަންނަ އެވެ. ފަހެ، ސަލަފުން ވަނީ މިކަމަށް އިޖުމާޢުވެވަޑައިގެންފަ އެވެ. އެބޭކަލުން އިޖުމާޢުވެލެއްވިކަން އެނގޭގޮތަކީ، ޤުރުއާނާއި ސުންނަތުގައިވާ ގޮތާ އިދިކޮޅަށް (އެބަހީ ބޭރުފުށުގެ މާނައާ އިދިކޮޅަށް) އެބޭކަލުންގެ ކިބައިން ބަސްފުޅެއް ނަޤުލުވެފައިނެތުމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަކީ ޤުރުއާން ކިޔަވައި، (ރަސޫލާގެ ފަރާތްޕުޅުން) ޚަބަރުތައް ނަޤުލު ކުރައްވައި، އޭގެ މާނަތައް ދެނެވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އެބޭކަލުންގެ ކިބައިން (ޤުރުއާނާއި ސުންނަތުގެ) ބޭރުފުށުގެ މާނައާ ޚިލާފަށް ބަސްފުޅެއް ނަޤުލުވެފައިނުވުމުން އަންގައިދެނީ، އެބޭކަލުން (ޤުރުއާނާއި ސުންނަތުން އެ ދޭހަކޮށްދޭ) ބޭރުފުށުގެ މާނަ ނޫން އެހެންގޮތަކަށް އިޢުތިޤާދު ނުކުރައްވާކަމެވެ. އަދި އެއެންމެހާ ބޭކަލުން އެކަމަށް އެއްބަސްވެވަޑައިގެން ތިއްބެވިކަމެވެ. (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67.)

އިމާމް މާލިކާއި އެހެންވެސް ބައެއް ބޭކަލުންގެ ކިބައިން އައިސްފައިވާ ބަސްފުޅަކީ، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްތަވާވޮޑިގަތުމާއި، އަދި އެހެންވެސް އެއިލާހާމެދު އައިސްފައިވާ ނައްޞުތަކާމެދު އީމާންވާން ޖެހޭނެގޮތެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”

ﷲ ތަޢާލާ އަރުޝިމަތީ އިސްތަވާވެ ވޮޑިގެންވާކަން އެއީ ޘާބިތުވާ ކަމެކެވެ. ފޮރުވިފައިވާ ކަމެއް ނޫނެވެ. އަދި އެކަމަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ﷲ ތަޢާލާ އަރުޝިމަތީ ވޮޑިގެން ވަނީ ކޮންގޮތަކަށް ކިހިނެތް ކަމާމެދު، އިންސާނާގެ ވިސްނުން ބޭނުންކޮށްގެން ހޯދައެއް ނުގަނެވޭނެ އެވެ. އަދި މިފަދަ (ﷲ ތަޢާލާ އަރުޝިމަތީ ވޮޑިގެން ވަނީ ކޮންގޮތަކަށް ކިހިނެތް ކަމާމެދު) ސުވާލު ކުރުމަކީ އެއްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ﷲ ތަޢާލާ ގެ ޛާތުފުޅުގެ ވަށައިގެން އެއްވެސް މަޙްލޫޤެއް ނުވާ ކަމަށް (ހަކިބައިން ހުސް ކަމަށް) ބުނާ ވާހަކައާއި އެ އިލާހު ހުރިހާ ތަނެއްގައި ވޮޑިގެންވާކަމަށް ބުނާ ވާހަކައަކީ އެއްވެސް ދަލީލަކުން ޘާބިތުވާ ކަންކަމެއް ނޫނެވެ. އަދި މި ވާހަކަތަކަކީ އަހުލުއް ސުންނަތު ވަލް ޖަމާޢަތުގެ ސާފު އަޤީދާއާ ފުށުއަރާ ވާހަކަ ތަކެކެވެ. ވީމާ މިފަދަ ވާހަކަތައް ނުދެއްކުމަށް ނަސޭހަތްތެރި ވަމެވެ. އަދި ޤުރުއާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން އެކި ކަންކަމާމެދު ދެއްވާފައިވާ ފަތުވާ ތަކާއި ވިދާޅުވެފައިވާ ބަސްފުޅުތައް ހޯދައި ބަލައި އިސްލާމް ދީނުގެ ޞައްޙަ އަޤީދާގެ މަތީ ޘާބިތުވެ ތިބުމައް ނަސޭހަތްތެރިވަމެވެ. ﷲ ތަޢާލާ އަޅަމެންށާއި ތިޔަ އެންމެ ތަކުންނަށް ހިދާޔަތް ދެއްވާ އިސްލާމް ދީނުގެ މަތީ ޘާބިތުވެ ތިބުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި!

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿سورة آل عمران ٨﴾

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ އެވެ.

آمین

މަޢުލޫމާތު ނެގީ

ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ 2008، ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީސް

محمد صالح المنجد. (2012). الأدلة على علوّ الله تعالى على خلقه وأنّه سبحانه فوق السموات  ނެގީ http://islamqa.com/ar/ref/992

މުޙައްމަދު ސިނާން. (2012). ﷲ ވޮޑިގެންވަނީ ކޮންތާކު؟

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ