ޤައުމީ ދުވަހު އަޅުގަނޑުގެ ދުލުން… — Ihavandhoo.com

ޤައުމީ ދުވަހު އަޅުގަނޑުގެ ދުލުން…

1 ޖެނުއަރީ 2014 0

މިއަދަކީ ދިވެހިންގެ ދީނާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ޤައުމާއި، ދިވެހިންގެ ސަޤާފަތް އަދި ދިވެހިންގެ ރަމްޒުތައް މިހާތަނަށް ދިފާޢުކޮށް ދެއްވާފައިވާ ހަމަ ކޮންމެ ބަޠަލަކަށްމެ ދަންނަވަންޖެހޭ ޝުކުރުގެ މަތީން ހަނދާންކޮށް އެބަޠަލުންނަށް އަޅުގަނޑުމެން އަދާކުރަންޖެހޭ ދަރަނީގެ މަތިން މުރާޖާ ކުރަންވީ ދުވަހެވެ. މިއަދަކީ އެބޭކަލުންގެ ހަށިކޮޅުން ދިވެހި ޤައުމަށްޓަކައި އޮހޮރިގެން ގޮސްފައިވާ ޤައުމީ ލޯތްބާއި ކުލުނު ރަމްޒުކޮށްދޭ، ދިވެހި ލޭގެ ހަމަކޮންމެ ތިއްކެއްގެ އަގު، ހިތުގެ އެންމެ ފުންމިނުން ވަޒަންކުރަންވީ ދުވަހެވެ. މިއަދަކީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭ މިނިވަންކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވި ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ޒިކުރާ އާކުރަންވީ ދުވަހެވެ. މިއަދަކީ ދިވެހިން އެދުވަހަކަށްޓަކައި ފަޙްރުވެރުވުން ޙައްޤު ޤައުމީ ދުވަހެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި ދިވެހިރާއްޖޭގައި އެންމެފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނީ 4 ފެބުރުއަރީ 1946 އެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އެކިގޮތްގޮތަށް ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަތާ ބަރާބަރު 65 އަހަރުފުރޭ، މިއަދަކީ ޤައުމުގެ މާޒީއާމެދު ފުންކޮށް ވިސްނައި ޤައުމިއްޔަތުގެ ލޯބިން ދިވެހިންގެ ހިތްތައް ފުރުމާއެކު ދިވެހީންގެ މާދަމާއާމެދު ފިކުރު ހިންގުމަށް ވަރަށްވެސް އެކަށީގެންވާ ދުވަހެކެވެ. އެހެނީ ޤައުމެއް ޤައުމެއްގެ ގޮތުގައި އޮތުމަށް، އެޤައުމެއްގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫޙް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެން ދިވެހީންނަކީ މުސްލިމުންނަށް ވީހިނދު މިއަދާ ހަމައަށްވެސް ދިވެހީން މަޝްހޫރުވެފައިވަނީ އެއްބައިވަންތަ ބައެއްގެ ގޮތުގައެވެ. ނަމަވެސް ހިތާމަކުރަންޖެހެނީ ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި މުހިންމު ރޯލެއް އަދާކުރަންޖެހޭ ދިވެހިންގެ އެއްބައިވަންތަކަން މިއަދު ހީނަރުވެފައިވަތީއެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިކަން މިގޮތަށް އެވަނީ ޤައުމަށްޓަކާ ޚިދުމަތްކުރުމުގެ ބަދަލުގައި، ވަކި ޕާޓީއަކަށް ޚިދުމަތްކުރުމުގެ ވިސްނުން މިމުޖުތަމަޢުގައި އަށަގަންނުވައި، އެގޮތަށް ޤައުމު “ޕްލޭން” ކޮށްފައި ވާތީކަމެވެ.

ދެން އުފެދޭ ސުވާލަކީ ވަކިޕާޓީއަށް ޚިދުމަތް ކުރުމަކީ މައްސަލައެއްތޯއެވެ؟ ނޫނެކެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ޤައުމީ ރޫޙަށްވުރެއް ޕާޓީގެ ރޫޙު އިސްކުރެވޭތީއެވެ. ފުރަތަމަ އިސްކަމެއް ދޭންޖެހޭނީ އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫވަ ތަޢާލާ ދެއްވާފައިވާ އެންމެބޮޑު ނިޢުމަތް ކަމަށްވާ އިސްލާމް ދީނަށެވެ. އެއަށްފަހު ދިވެހި ޤައުމެވެ. ޕާޓީ އިސްކުރިޔަސް ކުރަންވާނީ މިއަށްފަހުގަ އެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފުވެ، ޤައުމީ އެކިއެކި މުނާސަބަތު ތަކުގައާއި ދަޢުލަތުގެ އެންމެ އިސްވެރިޔާއިން ފެށިގެން ސަރުކާރުގެ އެކިއެކި ބޭފުޅުން، ތަންތަނަށާއި ރަށްރަށް ވަޑައިގަންނަވާއިރު ތަން ޒީނަތްކުރުމުގައި ޤައުމީ ކުލަ ފަނޑުކޮށް، ޤައުމީ އެއްވެސް ކަމެއް ރަމްޒުނުވާ ތަފާތު ކުލަލައިން ޒީނަތްތެރިކުރާ ކަމީ ހަޤީގަތުގައިވެސް ހިތާމަކުރަންޖެހޭ ކަމެކެވެ. އަކުރު ތަކަކާއި ފިލިތަކަކުން ގަތާލުމަށްފަހު ޖުމުލައެއްގެ ސިފާގައި މިގޮތަށް ލިޔެލިޔަސް މިއީ “ސީރިއަސް” މައްސަލައެކެވެ. މާދަމާ އެކަމުގެ ނަތީޖާ ހިތިވެދާނެފަދަ ނުރައްކާތެރި ކަމެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ