އޯކިޑް ބަށި މުބާރާތުގެ ޗެމްޕިއަންކަން ބާރަށުޓީމް ހޯދައިފި — Ihavandhoo.com

އޯކިޑް ބަށި މުބާރާތުގެ ޗެމްޕިއަންކަން ބާރަށުޓީމް ހޯދައިފި

20 ފެބުރުއަރީ 2016 0

މިއަދުގެ ފައިނަލް މެޗްގެ ތެރެއިން ފޮޓޯ: ޓީވީއެމް (ސްކްރިން ކެޕްޗަރ)

އިލެކްޝަން ކޮމިޝަނުގެ ފަރާތުން،  ޑިމޮކްރަސީ ހަފުތާ ފާހަގަކުރުމަށް ހއ ހޯރަފުށީގައި ކުރިޔަށްގެންދިޔަ އޯކިޑް ބަށިމުބާރާތުގެ ޗެމްޕިއަންކަން ބާރަށު ކައުންސިލް އިދާރާގެ ޓީމުން ހޯދާފިއެވެ. މިއަދު ހަވީރު ހޯރަފުށީގައި ކުޅުނު ފައިނަލްމެޗް އެޓިމް ކާމިޔާބުކުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ޓީމާއި ވާދަކޮށް 28 ލަނޑު 18 ލަނޑުންނެވެ.

ގުރުނަގައިގެން އިހަވަންދޫ ކައުންސިލްޓީމަށް ލައްވައިލުމުން އެޓީމުން ގަސްތުކުރީ ހޮވަން އަރާށެވެ. ފުރަތަމަ ސެޓްގައި ބާރަށު ކައުންސިލްޓީމުން ކުޅެންއަރައި 15 ލަނޑު ދިނެވެ. ޖަވާބުގައި އިހަވަންދޫ ކައުންސިލް ޓީމުން ކުޅެން އަރައި ދެވުނީ 10 ލަނޑު ފަސް ފޯއްޔެވެ.

ދެވަނަ ސެޓްގައި ބާރަށު ކައުންސިލް ޓީމް ކުޅެން އަރައި 13 ލަނޑުދީ ޖުމްލަ 28 ލަނޑަށް ހެދިއެވެ. ޖަވާބުގައި އިހަވަންދޫ ކައުންސިލް ޓީމް ކުޅެންއަރައި ދެވުނީ 7 ލަނޑު 7 ފޯއްޔެވެ. އެއާއިއެކު އެޓީމަށް ޖުމްލަ ދެވުނީ 18 ލަނޑެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ބާރަށު ޓީމްގެ ފާތުމަތު ނާޒިލާއެވެ. އެންމެ މޮޅު ހިފުން ތެރިއަކަށް ހޮވުނީ އިހަވަންދޫ ޓީމްގެ ފާތުމަތު ޝަރުމީލާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޖެހުން ތެރިޔާ އަށާއި އަދި މުބާރާތުގެ ބަށި ރާނީއަށް ހޮވުނީ ހޯރަ ޓީމްގެ އަޣްލިމާ އަބުދުއް ރަހުމާނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ބާރަށު ކައުންސިލް އިދާރާގެ ޓީމް ހޯދިއިރު ރަނަރަޕްކަން ލިބުނީ އިހަވަންދޫ ކައުންސިލް އިދާރާގެ ޓީމަށެވެ. އަދި މުބާރާތުގެ ތިންވަނައަށް ހޮވުނީ ހޯރަ ބަށިޓީމެވެ.

އިހަވަންދޫ ކައުންސިލް, ހއ. ހޯރަފުށި, ހއ ބާރަށް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ