މަލިކާއި ރާއްޖޭގެ ގުޅުން ބަދަހިވަނީ

27 ސެޕްޓެމްބަރު 2016 1

މަލިކު މީހުން އިހަވަންދޫގައި- ފޮޓޯ: އިހަވަންދޫ.ކޮމް

"އޭރުވެސް އަހަންނަށް އެނގޭ ދިވެހިން އަހަރެމެނަށް ހޫނު މަރުހަބާއެއް ކިޔާނެކަން، އެކަމަކު އެމީހުންގެ މެހެމާންދާރީ ހުރީ ހީވެސްނުކުރާހާ ފުރިހަމަކޮށް، ޤަބޫލެއްވެސް ނުކުރެވޭ!" ދިވެހިރާއްޖެއަށް ޒިޔާރަތްކުރި، މަލިކު 26 މީހުންގެ ވަފުދުގެއިސްމީހާ އިބްރާހިމް މަނިކުފާނު ބުންޏެވެ. މަލިކަކީ ލަކްޝަދީބް ޖަޒީރާގައި އޮންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެރަށް އޮންނަނީ ކެރެލާ ސްޓޭޓްގެ ބޭރުވަރީގައި އިންޑިއާ ކަނޑުގައެވެ.

"ހީވީ ހަމަ އަމިއްލަ ރަށްހެން، ޔަޤީނުންވެސް އަހަރެމެން ނިސްބަތްވަނީ އެއް ލެއަކަށް" މަނިކުފާނު ވިއޯން އަށް ބުންޏެވެ.

އިންޑިއާގެ މަލިކަކީ ދިވެހިންނާއި އެއްއާއިލާއެއް ފަދަ ބައެކެވެ. ގަރުނެއްކުރިން މަލިކަކީ ދިވެހި ދައުލަތުގެ ބައެކެވެ.

މިއީ މަލިކުގެ ވަފުދެއް ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މަލިކު ވަފުދުގެ ދަތުރު އިންތިޒާމްކުރީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގުން) އެޖަމިއްޔާގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތާއި ގުޅުވައިގެން އަޖަމިއްޔާއިންނެވެ.

އިމަގުގެ ފަރާތުން ވިއޯން އާއި ވާހަކަދެއްކި އަދުނާން މުހައްމަދު ބުނީ މަލިކު މީހުންނަށް ރާއްޖެއައުމަށް ދައުވަތުދިނީ، މަލިކުމީހުންނާއި ބައްދަލުކުރުމީ ދިވެހިންގެ ހުވަފެނަކަށް ވާތީކަމުގައެވެ.

"އެހެން ރަށްތަކުންނާއި އަތޮޅުތަކުންވެސް މީހުން އިހަވަންދޫއަށް އައި. ހަމަ މަލިކުމީހުންނާއި ބައްދަލު ކޮށްލުމަށް" އޭނާ ބުންޏެވެ.

ހަފުތާއެއްހާ ދުވަހަށް މަލިކުމީހުން ރާޖެ ޒިޔާރަތްކުރީ މިދިޔަ ބޮޑު އީދު ދިވެހިންނާއިއެކު ފާހަގަކުރުމަށެވެ. ބޮޑު އީދަށް ރާއްޖެއައި، މަލިކުގެ ހާއްސަ މެހެމާނުންނާއި އެކު އީދުގެ ފޯރިވަނީ އެތައްގުނައެއް ގަދަވެފައެވެ.

ތާރީހީ ގުޅުމާއި ވަކިވުން

މަލިކަކީ އިންޑިއާގެ ރަށެކެވެ. ނަމަވެސް މަލިކު އިންޑިޔާގެ އެހެން ސަރަހައްދު ތަކަށްވުރެ ރާއްޖެއާއި ގާތެވެ. 16 ވަނަ ޤަރުނުގެ މެދުތެރެއާއި ޖެހެންދެންވެސް މަލިކުއޮތީ ރާއްޖޭގެ ރަސްކަމުގެ ދަށުގައެވެ. އޭރު މަލިކު ބަލަނީ ރާއްޖޭގެ އެންމެ އުތުރަށް އޮތް އަތޮޅުގެ ގޮތުގައެވެ. ނަމަވެސް އެއަށްފަހު މަލިކުވަނީ އިންޑިއާގެ ދަށަށް ގޮހެވެ.

މަލިކުމީހުން ބޭނުންވަނީ އިންޑިޔާއާއި ގުޅެންތޯ ބެލުމަށް މަލިކުގައި އިންޑިޔާއިން ވަނީ 1956 ވަނައަހަރު ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައެވެ. އެވޯޓުގައި ގިނަމީހުން ވޯޓްދިނީ އިންޑިޔާއާއި ގުޅުމަށެވެ.

ޕާކިސްތާނުގެ ނޫހެއްކަމަށްވާ ޕާކިސްތާން ޓައިމްސްގައި 1970 ވަނަ އަހަރު ލިޔެފައިވާ ލިޔުމެއްގައި ވާގޮތުން، ދިވެހިންގެ އަތުން އިންޑިޔާގެ ރަސްކަލެއް ފޭރިގަނެފައިވާ މަލިކު އަނބުރާ ނުދީގެން ދިވެހި ސަރުކާރުގެ އޮފިޝަލުންގެ ރުޅިވެރިކަން އިންޑިއާއަށް ވަނީއަމާޒްވެފައެވެ. އަދި ލިޔުމުގައި ބުނެފައިވަނީ މަލިކުގެ މުސްލިމު ރަށްވެހިން ދިވެހި ރާޖެއާއި ގުޅުމަށް އެދިއެދި ތިބިކަމުގައެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައްވެސް ބުނަނީ ޕާކިސްތާނުގެ ސަރުކާރުން ބޭނުންވަނީ މަލިކު ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތުން ކަމަށެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާ ސަރުކާރުން ޕާކިސްތާނުގެ މީޑިޔާގައި ޖަހާވާހަކަތަކަށް އަޅައިލާހެނެއް ހިއެއްނުވެއެވެ.

1976 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާއި ރާއްޖެއިންވަނީ ދެގައުމުގެ މެދުގައި ކަނޑުގެ ސަރަހައްދީއިން ކަނޑައަޅާ އެއްބަސްވުމުގައި ސޮއެކޮށްފައެވެ. އެ އެއްބަސްވުމުގައި ވާގޮތުން މަލިކު ހިމެނެނީ އިންޑިއާގެ ސަރަހައްދީ އިމުގެ ތެރޭގައެވެ.

ނަމަވެސް 1982 ވަނައަހަރުގެ މިނިވަންދުވަހު، ރައީސް މައުމޫންގެ އެއްބަފައި ބޭފުޅެއްކަމަށްވާ އޭރުގެ އަތޮޅުމިނިސްޓަރު އަބުދުﷲ ހަމީދު ވިދާޅުވެފައިވަނީ މަލިކަކީ ރާއްޖޭގެ ބައެއް ކަމަށެވެ. ހަމީދުގެ ވާހަކަފުޅަކީ ރަސްމީ ހައިސިއްޔަތުން މަލިކުގެ މިލްކުވެރިކަމާއިމެދު ކުރެއްވި ދައުވާއެއްކަމަށް އިންޑިއާއިން މާނަކުރުމުން، ދެގައުމުގެ ހާރިޖީ ގުޅުންތަކަށް ކުޑަވަރެއްގެ ލޮޅުމެއްއެރިއެވެ.

ރައީސް މައުމޫން ފަހުންވަނީ، ހަމީދުގެ ވާކަފުޅު ފަހުމްކޮށްދެއްވާފައެވެ. އެބޭފުޅާ ވިދާޅުވީ ހަމީދު މާނައެކުރެއްވީ ރާއްޖެއާއި މަލިކާއިދެމެދުވާ ސަޤާފީ، ދީނީ އަދި ވާހަކަދައްކާ ލިޔެއުޅޭ ބަހުގެ ގުޅުމުގެ ވާހަކަ ކަމުގައެވެ.2015 ވަނަ އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަފުލާގައި މިހާރުގެ ރައީސް ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވީ، ދިވެހިންގެ އަތުން މަލިކު ގެއްލުމީ ދިވެހި ތާރީޙުގެ އެންމެކަޅު އެއް ޞަފުހާ ކަމުގައެވެ. "ރާއްޖޭގެ ދިގުތާރީހުން ދައްކާގޮތުގައި މަލިކަކީ އެއްޒަމާނެއްގައި ރާއްޖޭގެ ބައެއް" އެބޭފުޅާ ވިދާޅުވިއެވެ. އަށްޑިހައިގެ އަހަރުތަކަކުގައި ހަމަ މިފަދަ ވާހަކައަކުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެގެން ދިޔަނަމަވެސް، މިފަހަރު އެއްވެސް ކަމެއް ނުހިނގައެވެ.

ނަސްލީ އަދި ސާގާފީ ގޮތުން އެއްގޮތް ކަންކަން

މަލިކުގެ ސަގާފަތް އިންޑިއާގެ އެހެން ސަރަހައްދުތަކާއި ވަރަށް ތަފާތެވެ. މިހާރުވެސް، މަލިކުމީހުންގެ ދީނާއި، ބަހާއި، ނަސްލު އަދި ސަގާފަތާ އާދަކާދަތައްވެސް އެއްގޮތީ ދިވެހިންނާއެވެ.

އިންޑިޔާ ފަދަ މުއްސަނދި ސަގާފަތެއް އޮތް ގައުމަކާއި ދިވެހިންގެ ބަހާއި އާދަކާދަ ގުޅިފައިވާތީ ދިވެހިން ފަހުރުވެރިވާކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަސްރަފް އަލީ ވިއޯންއަށް ބުންޏެވެ. "އެމީހުން ބޭނުންކުރާ ބަސް، މަހަލްބަސް އައިސްފައިވާ ދިވެހިބަހުން، ސަގާފަތާއި އާދަކާދަ އަދި މޮށެއުޅޭބަސް ދިވެހިންނާއި އެއްގޮތް" އޭނާ ބުންޏެވެ. އޭނާ ބުނީ އިންޑިއާގެ އިދާރާތަކުން މަހަލްބަސް ރައްކާތެރިކުރަން ބޭނުންވާކަމަށާއި، ރާއްޖެއިން މަލިކުގެ މީހުންނަށް ބަސްދަސްކޮށް ދެމުން ދާކަމަށެވެ.

އިމަގުގެ ފަރާތުން ވާހަކަދެއްކި އަދުނާން ބުނީ، މަލިކުމީހުންގެ ދަތުރުގެ ތެރޭގައި ދެފަރާތަށްވެސް ދެބައިމީހުންގެ ތެރޭގައި ހުރި އެއްގޮތްކަން ފާހަގަވިކަމުގައެވެ. "ދިވެހިންނާއި މަލިކުމީހުންގެ މެދުގައި މިގުޅުން އެބައޮތް، އަހަރެމެނަކަށް އިހްސާސެއްނުވޭ އެއީ އެހެން ޤައުމެއްގެ ބައެއްކަމެއް، ދިވެހީން ނޫން ބަޔަކު މާދަރީ ބަހުގެ ގޮތަގައި ދިވެހިބަސް ބޭނުންކުރާބަޔަކީ އެމީހުން އެކަނި" އޭނާ ބުންޏެވެ.

މަލިކުގެ ސަގާފަތާއި އާދަކާދަ ދިރުވާ އާލާކުރަން މަސައްކަތްކުރާ އިބްރާހިމް މަނިކުފާނު ބުނީ، މަލިކުން އަބަދުވެސް ދިވެހިރާއްޖެ ސޫރަކޮށްދޭނެ ކަމަށެވެ. "ދިވެހިންގެ ސަގާފަތާއި އާދަކާދަ މަލިކުން ވަރަށްބޮޑަށް ފެނޭ، އަހަރެމެންނަކީ އެއްލެއެއްހިނގާ އެއްބައެއް" އޭނާ ބުންޏެވެ.

ގުޅުންތައް

މަލިކާއި އެންމެ ކައިރީގައިއޮތްރަށަކަކީ ތުރާކުނު ނަމަވެސް، 1956 ވަނަ އަހަރުން ފެށިގެން ދެރަށުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރުން މަނާކޮށްފައެވެ. މިހާރުވެސް މަލިކަށް ދަތުރުކުރުމަށް، އިންޑިޔާ ސަރުކާރުގެ ހާއްސަ ހުއްދައެއް ނަގަންޖެހެއެވެ.

"މަލިކާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުކުރުމަކީ ފަސޭހަކަމެއްނޫން، ސީދާ ދަތުރުކުރާކަށް އަހަރެމެނަށް ހުއްދައެއް ނޯވޭ. ވަރަށް މަދުން ދިވެހިންނާއި ދިމާވަނީ" މަނިކުފާން ބުންޏެވެ.

މަލިކު މީހުންނަށް ރާއްޖެއަށް ދަތުރުކުރަން އުނދަގޫނަމަވެސް އެއީ ދިވެހިންގެ އާދަކާދަ ދޫކޮށްލާންޖެހޭ ސަބަބަކަށް ނުވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ރޭޑިއޯ ސްޓޭޝަން ކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ ސިނގުނަލް މަލިކަށް ލިބެންފެށުމާއި އެކު، ދިވެހި މީޑިއާގެ ޒަރިއްޔާއިން ދެޤައުމު ގުޅިގެން ދިޔައެވެ. މަލިކު މީހުންގެ ހިތްތަކުން ދިވެހިރާއްޖެ ފިލައި ނުދިއުމުގައި ދަވެހި މީޑިއާގެ ދައުރު ވަރަށް ބޮޑެވެ.

"ދިވެހި ދައުލަތުގެ މީޑިއާއާއި އެހެން ބައެއް ޕްރައިވެޓް މީޑިއާތަށްވެސް މިހާރު މަލިކަށްލިބޭ، އަދި ދިވެހި އޮންލައިން ނޫސްތައްވެސް އެމީހުންކިޔާ" މަނިކުފާނު ބުންޏެވެ.

މަލިކާއި ދިވެހިރާއްޖެއާއި ދެމެދު ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތްހެދުމަށްޓަކައި އަންޑަވޯޓަރ ޓްރެވަލް އެންޑް ޓުއާސްއިންވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ. "އަހަރެމެން ބޭނުންވާނެ ދަތުރުވެރިޔާގެ ޕާސްޕޯޓް ކޮޕީއެއް، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިދެނީ އަހަރެމެން. ހުރިހާކަމެއް ޖަމަޖައްސައިދެނީ އަހަރެމެން" އަންޑަވޯޓަރ ޓްރެވަލް އެންޑް ޓުއާސްގެ ޑައިރެކްޓަރ މުހައްމަދު އިމްތިޔާޒް ވިއޯންއަށް ބުންޏެވެ.

1956 ވަނައަހަރުގެކުރިން މަލިކާއި ރާއްޖޭގެ އުތުގެ ރައްތަކާއިދެމެދު އާނމުކޮށް ދަތުރުކުރެއެވެ. މިހާރުވެސް އެގޮތަށް ދަތުރުކުރެވެން މަލިކު މީހުންނާއި ދިވެހިންވެސް ބޭނުންވެއެވެ. ނަމަވެސް 1956 ގެ ފަހުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކުރެވޭ ދަތުރުވަނީ އެތައް ގަޑީއިރުތަކަކަށް އިތުރުވެފައެވެ. ފެރީގައި މަލިކުން ކޮޗިންއަށް ދިއުމަށް 12 ގަޑީއިރު ނަގައެވެ. ކޮޗިނުން މާލޭ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ފޯރަނީ 2 ގަޑިއެއްހާ އިރުގެ ދަތުރަކަށް ފަހުއެވެ.ރާއްޖޭގެ އުތުރުގެ ރަށްތަކަށް ދިއުމަށް، ދަތުރު ހަމަޖައްސާ ގޮތަށް ރިޔާއަތްކޮށް އެތައް ގަޑިއިރެއް ނެގުން އެކަށީގެންވެއެވެ.

އިމްތިޔާޒް ބުނިގޮތުގައި އެމީހުން މަސައްކަތް ކުރަމުންދަނީ ކައިރި މުސްތަޤްބަލެއްގައި މަލިކާއި ރާއްޖެއާއި ދެމެދު ސިދާ ދަތުރުތައް ފެށޭތޯއެވެ. "އިންޑިޔާ އަދި ދިވެހި ސަރުކާރާ މިދަނީ މިކަމާ ވާހަކަ ދައްކަމުން. ވަރަށް ކައިރި މުސްތަގްބަލެއްގައި މިކަން ވާނެކަމަށް އުންމީދު މިކުރަނީ" އޭނާ ބުންޏެވެ.

މިއީ ހަމަގައިމުވެސް މިކަމުގެ އިންތިޒާރުގައި ތިބި މަލިކު މީހުންނާއި ދިވެހިންނަށްވެސް އުފާވެރި ހަބަރެކެވެ. އިރާދަކުރެއްވިއްޔާ އަހުވަންތަކަން ގާއިމްކުރުމުގެ ދަތުރެއްކުރަން ދެންއަންނަ އީދަށް މަޑުކުރާކަށް ނުޖެހޭނެއެވެ.

ނޯޓް: މިއީ އިންޑިޔާގެ ނޫހެއްކަމަށްވާ ވިއޯން އަށް، އުމައިމާ ރަޝީދު ހުސައިން ލިއެފައިވާ ލިއުމެއްގެ ތަރުޖަމާއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީ ވަރަށް ވެސް އުފާވެރި ޚަބަރެއް!

– 1 އޮކްޓޫބަރު 2016 0