ފެބުރުވަރީ މަސްތެރޭ ބަނދަރުގެ މަސައްކަތް ފެއްޓޭނެ : ޝިފާޢު

25 ޖެނުއަރީ 2020 1

މެމްބަރު ޝިފާޢު. ފޮޓޯ: ނެކްސްޓެ އިފެކްޓްސް ފޮޓޯގުރަފީ

އިހަވަންދޫގެ ބަނދަރު މަރާމާތު މަސައްކަތް އަންނަ ފެބުރުވަރީ މަހު ފެއްޓޭނެ ކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ.

ހުކުރުދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝިފާޢު ވިދާޅުވީ އިހަވަންދޫގެ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފަހިކޮށްދޭން ޖެހޭކަމަށާ މިހާތަނަށް އާއިރު ސަރުކާރުން، އިސްކަމެއް ދެއްވައިގެން އައިސްޕުލާންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިހާރުވެސް އިހަވަންދޫގައި ބޮޑު ބަނދަރެއް އޮންނަކަން ފާހަގަ ކުރައްވާ ޝިފާޢު ވިދާޅުވީ ބަނދަރުގެ ދަތިކަން އިހަވަންދޫގައި ވަރަށް ބޮޑު ކަމަށެވެ. ބޮޑެތި، ގިނަ މަސްއޮޑިފަހަރު އޮންނަ ރަށަކަށްވެފައި މިހާރު އޮތް ބަނދަރުން ބޭނުންވާ މިންވަރު ފުރިހަމަ ނުކޮށްދެވޭކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ބޭނުންވާ ގޮތާ، ސަރުކާރަށް އެކަން ކުރެވެން އޮތްގޮތާ މެދު ނެގޯޝިއޭޓު ކުރެވި، ސަރުކާރުން އަދި ރައްޔިތުންގެ ފަރާތުން ބައެއް ދޫދިނުންތަކާއެކު މިދިޔަ ހަފުތާތަރޭ ދެފަރާތުންވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިހާރު އެފަށަނީ އީއައިއޭ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާ، "ކުރިއަށް މިއޮތް ފެބުރުވަރީ މަހުގެ ތެރޭގައި އިހަވަންދޫގެ ބަނދަރުގެ މަސައްކަތްވެސް ފެއްޓޭނެ" ކަމަށް ޝިފާޢު ވިދާޅުވިއެވެ. އެމްޓީސީސީއާ މަސައްކަތް ހަވާލުކުރެވި، މޮބިލައިޒްކުރެވިފައިވާ ކަމަށާ މަސައްކަތަށް ބޭނުންވާ ތަކެތިވެސް އިހަވަންދޫގައި ހުރި ކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ދިގުލައިގެން ދިޔައީ ރައްޔިތުން ބޭނުންވާ ގޮތާ ސަރުކާރަށް އެކަން ކުރެވޭނެ ގޮތާ، ދެފަރާތުގެ ހިޔާލުތަފާތުވުން ތަކެއް ހުރުމުގެ ސަބަބުން ކަމަށް ޝިފާޢު ވިދާޅުވިއެވެ.

އިހަވަންދޫގެ ބަނދަރު މަރާމާތު މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި ބައެއް މެޝިނަރީޒް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އިހަވަންދޫއަށް ގެނެސްފައި ވަނީ 2019 އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ.

އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިހަވަންދޫ ބަނދަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިންތިހާބު ބޯމަތިވީ ދޮއްތަ؟

– 26 ޖެނުއަރީ 2020 0