ހަތެއް ސެޕްޓެމްބަރު ދެހާސް ތޭރަ — Ihavandhoo.com

ހަތެއް ސެޕްޓެމްބަރު ދެހާސް ތޭރަ

4 ސެޕްޓެމްބަރު 2013 3

މިއީ ވަރަށް ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ މަޤާމު ހަވާލުކުރާނެ ފަރާތެއް ރައްޔިތުންގެ އަޤްލަބިއްޔަތުން ހޮވާދުވަހެވެ. އެތައް ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހި އެމީހުންގެ އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭނޭ ދުވަހެވެ. އަނެއް ބަޔަކު ދެރަވެ ހިތާމަކޮށް ޤައުމަށް ވާނެގޮތެއް ނޭނގިގެން ހަދާނެގޮތް ބޮޑުވެގެން އުޅޭނެދުވަހެވެ. ދިވެހިރާއްޖޭގައި ފެހި ޤާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އައްޔަންކުރުމަށް ބޭއްވޭ ރިޔާސީ އިންތިޚާބު ބޭއްވޭނޭ ދުވަހެވެ. އާދެ އެއީ އެންމެ އިސް ވެރިންވެސް އާދައިގެ ނިކަމެތިންގެ ކިބައިން ސަލާންޖަހާ ދުވަހެވެ.

މިފަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތި ލާފައިވަނީ އޮނަރަބްލް ޤާސިމް އިބްރާހީމް (ކެންޑިޑޭޓް ނަންބަރު 1)، ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން (ކެންޑިޑޭޓް ނަންބަރު 2)، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް (ކެންޑިޑޭޓް ނަންބަރު 3) އަދި އަލްފާޟިލް މުޙައްމަދު ނަޝީދު (ކެންޑިޑޭޓް ނަންބަރު 4) އެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން، ކުރިއަށް އޮތް 5 އަހަރުދުވަހަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް، 2013 ނޮވެމްބަރު 11 ވަނަ ދުވަހު ހުވާކުރައްވައި ޤައުމާ ހަވާލުވާނެ ފަރާތެއް ކަނޑައެޅުމުގެ ކުރިން އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށްބޮޑެތި ކަންތައްތަކެއް އެބަހުއްޓެވެ. އެންމެފުރަތަމަ ކަމަކީ ތިމާލާވޯޓަކީ އެހެންމީހަކަށް ވިއްކާލާ ވޯޓަކަށް ނެހެދުމެވެ. އެއީ ރިޝްވަތެވެ. މިހާރުވެސް ރާއްޖެމިވަނީ ދުނިޔޭގެ އެންމެ ކޮރަޕްޓް ޤައުމުތަކުގެ ލިސްޓުން ޖާގަހޯދާފައެވެ. މިއީ އަޅުގަނޑުމެން ވިސްނާނުލާ ތިބެންޖެހޭ ވަރުގެ ކަމެއް ނޫނެވެ. މީހަކު ބުނެގެން ބުނާމީހަކަށް ވޯޓުލުމަށްވުރެ، އެމީހަކު އަމިއްލައަށް ކަނޑައަޅާ ކެންޑިޓޭޓަކު އިޚްތިޔާރުކުރުން އެމީހަކަށް މާރަނގަޅުވާނެއެވެ. ޚާއްސަކޮށް މިއީ ކެމްޕެއިން ޙަރަކާތްތަކުގައި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ޙަރަކާތްތެރިވަމުންދާ ދުވަސްވަރެކެވެ.

ޙަޤީޤަތުގައި ގިނަ ދިވެހި ރައްޔިތުންނަކީ ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓުންގެ ޝަޙްޞިއްޔަތަށް މާބޮޑަށް ވިސްނާ ބައެއް ނޫނެވެ. އަދި އެހެންނޫނަސް އެއްވެސް އިންތިޚާބެއްގައި އެގޮތަށް ވިސްނާފައިނުވާކަން ފާހަގަކުރެވެންވެސް އެބައޮތެވެ. ޚާއްސަކޮށް ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓުންގެ ސިޔާސަތުތަކާއި މެނިފެސްޓޯއަށް ވިސްނައި، ހުށަހަޅާ ކަންތައްތަކަކީ އެބުނާ މުއްދަތުގައި ކުރެވޭނެ ކަންތައްތައްތޯވެސް ބަލައެއް ނުލައެވެ. އަދި އެކުރަން ކަނޑައަޅާ ކަންތައްތަކުގެ ސަބަބުން ދިވެހި ޤައުމަށް ކުރާނެ ފައިދާއެއް ނުވަތަ ގެއްލުމެއް އޮތްތޯ ބަލާލާނެ ދިވެއްސަކުވެސް މިހާރު މިއޮތީ މަދުވެފައެވެ. މިކަމުގައި މައިގަނޑު އަސްލަކީ، ސިޔާސީ ޕާޓީތަކުގެ ފިކުރާއި ނުވަތަ އެނޫންވެސް ކޮންމެވެސް ސަބަބަކަށްޓަކައި ވޯޓުދޭނޭ އިންތިހާބުގެ އެތައްދުވަހެއްގެ ކުރިން ވޯޓު ދޭނޭ ފަރާތް ކަނޑައަޅައި ނިންމާފައިވުމެވެ. އެހެންކަމުން ކުރާ ކެމްޕެއިނަކުން އިންތިހާބުގެ ނަތީޖާއަށް އިތުރު ބަދަލުތަކެއް ގެނައުމަކީ ދުރުކަމެކެވެ. އެހެންނަމަވެސް ""ވޯޓެއްދޭށޭ"" ކިޔާފަ އަންނަ ރައްޓެހިމީހާގެ ކައިރީ ދުނިޔޭގެ ލަދަށްޓަކައި، އާނ މަވޯޓު ލާނަމޭ ބުނިނަމަވެސް އެއީވެސް ބަދަލުވާނެ ވޯޓެއް ނޫންކަން ޙަޤީޤަތްވިސްނާލާ ކޮންމެ މީހަކުވެސް ހެކިވާނެކަން ޔަޤީނެވެ. މިހާރު ގިނަ މީހުންބަލަނީ އެމީހުންނަށް އެވެރިކަމެއްގައި އާރާއި ބާރު ލިބޭފަދަ ވެރިކަމެއް ގެނައުމަށެވެ. ރައްޔިތު މީހާވެސް ވެރިއެއް ފަދައިން ބޮޑުކަންމަތީ ހުރެ އަނެއް މީހުންނަށް އާރާއި ބާރު، ވެރިކަމުގެ ނުފޫޒު ހިންގުމެވެ. ނަމަވެސް އަދި މިހެންބުނިނަމަވެސް ވޯޓު ދޭނޭ ފަރާތެއް ނުނިމިގެން އުޅޭ މީހުންވެސް އުޅޭނޭކަން ގައިމެވެ.

މިފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އުޞޫލުތައް ބައްޓަންވެފައި އެއޮތްގޮތެއްކަމަށް ފެންނަނީ، ޑިމެކޮރަސީގެ މި ޅަފަތުގެ ހަރުފަތުގައި ސިޔާސީ ޕާޓީތަކުން ހިންގާފައިވާ ކުއްލި، ބޮޑެތި މިޤައުމުގެ ސަޤާފަތާއި ނުގުޅޭ ބައެއް ޢަމަލުތަކެވެ. މިހެން ދިމާވުމުން ބައެއް މީހުންގެ އަޚްލާޤީ ރީތިސިފަތައް ގެއްލި، އެއްބަޔަކު އަނެއްބަޔަކާ އޮންނަ އަޚްވަންތަކަމުގެ ގުޅުންކެނޑި، މައިންނާއި ދަރިންގެ މެދުގައި ހަމަނުޖެހުން އުފެދި އެންމެ ކުޑަކުއްޖާގެ ދުލުންވެސް ސިޔާސީ ރުޅިވެރިކަމުގެ ބަސްތައް ދަނީ އަޑު އިވެމުންނެވެ. އެހެންކަމުން މިހުރިހާކަމެއް މީހާގެ ގައިގާ ހަރުލާ ނިމޭއިރު، އެމީހާ ހުންނަނީ އެނާ ތާއީދުކުރާ ޕާޓީއަށް ނުވަތަ ފަރާތްތަކަކަށް ގޮސް ގެއްލި ހުސްވެފައެވެ. އެޕާޓީން ނުވަތަ ފަރާތްތަކުން ކިތަންމެ ބޮޑެތި ގޯސްތަކެއް ހަދައި ހަމަނުޖެހުން އުފައްދައި ނޭދޭވޭ ތަފާތު ވާހަކަތައް ދެއްކިނަމަވެސް އެއީ އަޑުއަހާނޭ، އަދި ފެންނާނޭ ކަންތައްތަކަކަށް ނުވެއެވެ. މަސްތުވާތަކެއްޗާއި މާރާމާރީއާއި ރިޝްވަތާއި ބޮޑެތި ޚިޔާނާތުގެ މައްސަލަތައްފަދަ މައްސަލަތަކުގައި ޕާޓީގެ މެންބަރުންނާއި އިސްވެރިން ބެދި ކޯޓާހަމައަށް މައްސަލަ ދިޔުމުން ކޯޓު ގޯސްވެ، އަދި އެފަދަ މައްސަލަތަކުގައި ޕޮލިހުން ގޮސް އެފަދަ މީހަކު ހައްޔަރުކުރުމުން ޕޮލިސް ގޯސްވެ، އެ މުއައްސަސާތަކާ ދެކޮޅަށް މުޒާހަރާކޮށް ހެދުން މިއޮތީ އާންމުވެފައެވެ.

ދިވެހި ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ ކެނޑިޑޭޓުންގެ ސިޔާސަތާއި މެނިފެސްޓޯ އާއެވެ. އެ މެނިފެސްޓޯގައި އާންމުކޮށްފައިވާ މަޝްރޫޢުތައް ހިންގައި ތަންފީޒްކުރުމަށްޓަކައި ފައިސާ ހޯދާނެކަމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިނގައިގަންނަށް ނުފަށަނީސް މި ޤައުމުގެ ތަރައްޤީގެ އެއްވެސްކަމެއް ނާންނާނެއެވެ. ހަޤީޤަތުގައި މެނިފެސްޓޯއަކީ ވަރަށް ބޮޑަށް ދިރާސާކޮށް އާދައިގެ ކުދިކުދި ރަށްރަށުން ފެށިގެން ބޮޑެތި ރަށްރަށާވެސް ގުޅޭގޮތަށް ހެދިފައިވާ އެއްޗަކަށް ވާންޖެހޭނެއެވެ. ހަމައެއާއެކު މެނިފެސްޓޯގައި ހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ޤައުމުދަރުވާލައި އެތައް ބޮޑެތި ލޯންތަކެއް ނަގައިގެން އެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ބޭނުންތަކެއް އޮންނާނެކަމުގައި ނުދެކެމެވެ. ޙަޤީޤަތަށް ބަލާއިރު ގިނަ ކެނޑިޑޭޓުންގެ މެނިފެސްޓޯއަކީ ""ވެރިކަންކުރަން"" ހަދާފައިވާ މެނިފެސްޓޯއެއް ނޫނެވެ. ބޮޑަށް ބެލެވެނީ ވެރިކަމަށް ކުރިމަތިލާން ހަދާ ފައިވާ އެއްޗެއްގެ ގޮތުގައެވެ. އެހެނީ ކުރުމުއްދަތެއްގެ ތެރޭގައި ނުނިންމޭނެވަރުގެ ބޮޑެތި މަޝްރޫޢުތައް ހިމަނާފައިވުމާއި، އަދި އެމަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތައްވެސް ބައެއް މެނިފެސްޓޯގައި ނެތުމުން އެކަން ދޭހަވެއެވެ. ދެން މިހެންގޮސް ދެކޮޅު ނުޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ބައެއް މެނިފެސްޓޯތަކުގައި ހުރިކަން ފާހަގަކުރެވޭނެއެވެ.

ކެމްޕެއިން ގެ ސީދާ ޙަރަކާތަށް މުސްކުޅިންނާއި ކުޑަކުދިން ނެރެ، އެމީހުން ބައިވެރިކޮށްގެން ކެމްޕެއިންގެ ޙަރަކާތްތައް ހިންގަމުން ގެންދާކަން ފާހަގަކުރެވެއެވެ. ކުޑަކުދިންނަކީ މާދަމާގެ މުސްތަޤްބަލުކަމުގައި ކޮންމެ މީހަކުވެސް އިއްތިފާޤްވެއެވެ. އެކުދިންނަށް ރަނގަޅު އަޚްލާޤާއި ރަނގަޅު ތަރުބިއްޔަތެއް ދޭންޖެހޭނެކަމަށްވެސް ޤަބޫލުކުރެއެވެ. ނަމަވެސް، ޤަބޫލުކުރާ ގޮތާ ޚިލާފަށް، އެކުދިންނާ ނުގުޅޭ އެތައް މަންޒަރުތަކާއި އަޑުތަކެއް ގޭތެރެއިންނާއި ގެއިން ބޭރުންވެސް ފެނި، އިވި އެކުދިންގެ އުޅުން ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގައެއް ނުކުރެއެވެ.  އަދި ހަމައެހެންމެ މުސްކުޅިންނަކީ އެމީހުންގެ އުމުރު މުސްކުޅިވެ، ގައިބާރު ދެރަވެ، އެހެންމީހުންގެ ލޯތްބާއި އަޅާލުން ދީގެން ރީތިކޮށް ބަލަހައްޓަން ޖެހޭ ބައެކެވެ. އަޅުކަމުގައި ގިނަ ވަގުތު މަޝްއޫލުވެ އުޅުމަށްވެސް ބޭނުންވާނެއެވެ. އެހެންކަމުން ކުޑަކުދިންނާއި މުސްކުޅިންވެސް ސިޔާސީ ބޭފުޅުންގެ މުށުތެރެއިން ދޫކޮށް، އެމީހުން އިހު އުޅުނު ރިވެރި އުސޫލުތަކަށް އުޅެވޭނެގޮތް އަނބުރާ ހޯދައިދިނުމަށް ކޮންމެ ދިވެހިރައްޔިތަކުވެސް ސަމާލުކަންދޭންޖެހެއެވެ.

އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި އެމީހަކު ވޯޓުލާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ހަމަ އެމީހަކު އަމިއްލައަށެވެ. ތިބާ ތިބާގެ ނަފްސަށް ޚިޔާނާތްތެރި ނުވާށެވެ. ޙަޤީޤަތުގައި މިޤައުމަށް އެންމެ ބޭނުންވަނީ ޤައުމު މިހާރު އޮތް އިޤްތިޞާދީ ދަތިކަމުން ސަލާމަތްކޮށްދިނުމާއެކު ޤައުމުގެ ދަރަނި ކުޑަކޮށް އަރަނިކޮށްދޭނޭ ވެރިއެކެވެ. ޤައުމުގައި ސުލްޙަ މަސްލަސްކަން ޤާއިމްކޮށްދީ އަމާން ވެއްޓެއް މި ޤާއިމްކޮށްދޭނޭ ވެރިއެކެވެ. ކޮންމެ ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް މިދަނީ ކުޑަތަންވަމުންނެވެ. ހަމަ ޔަޤީނުންވެސް ކޮންމެ މީހަކުވެސް ވޯޓު ލާން ޖެހޭނެއެވެ. މިއަދު އެއީ ހަމަ ޤައުމީ ވާޖިބެކެވެ. މިއަދު މިޤައުމަށްޓަކައި ކޮށްދެވޭނެ ވަކިން މިއަށްވުރެ ބޮޑު ހެޔޮކަމެއް ނެތެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު ވޯޓުނުލާ ދޫކޮށްނުލާށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަހަރު ބުރުމާއައް. ދެން އެނގިދާނެތާ!

– 5 ސެޕްޓެމްބަރު 2013 2

ވަރަށް ރީތި ލިޔުމެއް! އެކަމު ވަކިބަޔަކު އުޅޭ ތިޔަ ފާޑުގެ ކަންކަން ނުބަލާ ބަޔަކު.

– 5 ސެޕްޓެމްބަރު 2013 0

ހަމަ ވަރަށް ދިމާވާކަހަލަ ވާހަކަތކެއް ތިހުރީ ލިޔެފަ. މިހާރު ކަންވެސް އެދިމާވީ އެގޮތަށް

– 9 ސެޕްޓެމްބަރު 2013 1