ހަހަރު (2ވަނަބައި)

12 މާރިޗު 2014 3

3 މާރިޗް 2014 ވަނަ އަދަދާއި ގުޅޭ

"ދަރިފުޅާ! ނިދާކަށް ނުވޭތަ؟" ހައިރާންވެ ހުރެ އާމިނަގެ، ހަމައެކަނި އަންހެންދަރިފުޅާ ދިމާއަށް، ސުވާލެއް ފޮނުވާލަން ޖެހުނީ ރޭނގަޑު 10:30 ވުމުންނެވެ. ޒީޝާ ނިދާވަގުތު ކައިރިވުމުންނެވެ.

   "މިދަނީ މަންމާ" މޭޒު ކައިރިން ތެދުވެ ޒީޝާ ފާރާ ދިމާއަށް ބަލައިލިއެވެ. ހިނިތުންވުމެއް އެތުންފަތުގައި ކުޅެލިއެވެ. މަޑުމަޑުން އެ ކަޅުކަންގަދަ، ތޫނުކަޅިރަވައެއް، ލިބިފައިވާ ދެ ލޯ ދެތިންފަހަރަކު މަރައިލިއެވެ. ދެކޮޅަށް ދެކޮޅަށް ބޯ ހޫރުވައިލުމަށްފަހު ޒީޝާ އެނދާ ދިމާއަށް ހިނގައިގަތެވެ.

   އެނދުމަތީގައި ޒީޝާ ފުރޮޅިލަ ފުރޮޅިލައި އޮތީ، ސިކުޑީގައި ހިޔާލުތައް އެނބުރެމުން ސެބުރެމުންދާތީވެއެވެ. އަރީޒްގެ މޫނު ޒީޝާގެ ހިތުގައި ކުރެހެމުން ދިޔައެވެ. އެފަން އިސްތަށިގަނޑުން އަރީޒްގެ ނިތްކުރި ފޮރުވިފައިވެއެވެ. އެ މަޑު ފިޔާތޮށި ހިމަ ތުންފަތުގައި ހުރީ ލާނެތްކަމެވެ. އިލި ތުބުޅީގެ އިސްތަށިތައް ކުރުވެފައި ވަރަށް އެއްވަރެވެ. ދޮންކަމުން ދޮންބައްޓެއްފަދައެވެ. އިސްތަށިގަނޑާ އެއްވަރަށް ބުމައިގެ ކަޅުކަންގަދައެވެ. ވާހަކަ ދައްކާއިރު އެފެންނަ ހުދުކުލައިގެ ދަތްތަކެކޭ، ސާފު ހުދު ސަންގުމަރުމަރު ކުދި ހިލަތަކެކޭ ތަފާތެއްނެތެވެ.

   ޒީޝާއަށް ހޭލެވުނީ މަންމަ ގޮވުމުންނެވެ. ނިދުނީ ކޮން އިރަކުކަމެއްވެސް ޒީޝާއަކަށް ނޭނގެއެވެ. އެއިރުވެސް ޒީޝާގެ ހިތުގައި ކުރެހެމުންދިޔަ އަރީޒްގެ މޫނުގައި ކުލަތައް ޖެއްސެމުން ދިޔައެވެ. މޮޅިވެރިގޮތަކަށް ޒީޝާ އެނދުމަތިން ތެދުވީ އަރީޒް ސޫރައިގެ އައު ކުރެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ޒީޝާ ފާޚާނައިން ނުކުމެ ވަރުގެ ކޮޅަށް ނަލަ ހެދިލިއެވެ. އެފަންފަން ރާޅު ބާނިތަކެއް ލިބިފައިވާ އިސްތަށިގަނޑު ފަހަތައް ގާތައިލުމުން އެ އިސްތަށިގަނޑުގެ ރީތިކަން ފޮރުވުނެވެ. އެ ސާފު ދޮންދޮން މޫނުގައި ފުށްމާ ކާތައިލުމުން އެ މޫނުގެ ބަނިޔާދުކަން ފާހަގަވެއެވެ.  ލޯގަނޑު ކުރިމައްޗަށް ޒީޝާ ހުއްޓެމުންދިޔައީ ޢަދަދު ކުރާމީހަކަށް ޢަދަދު ނުކުރެވޭނެހާވެސް ގިނަކޮށެވެ. އެންމެފަހުން ހުދުކުލައިގެ ޔުނީފޯރމް ޒީޝާއާ ނުގުޅޭކަމަށް ޒީޝާގެ ހިތް ބުނަމުން ދިޔައެވެ. އެ ޔުނީފޯރމްގެ ސަބަބުން ޒީޝާގެ އެތަކެއް ރިވެތިބުރުސޫރައަކަށް ފަސްއެޅި ފޮރުވެމުންދާތީވެއެވެ.

   ކުރީދުވަހާ ޚިލާފަށް ޒީޝާ މިއަދު ސުކޫލަށް ދާން ނުކުތީ މާ އަވަހަށެވެ. އަމީރާއާ ދިމާނުވީ އެހެންވެއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ޒީޝާ އިސްކޫލަށް ދިޔައީ ފަރާތްފަރާތައް ބަލަމުންނެވެ. ޒީޝާއަކީ ގުރޭޑް ހަތެއްގައި އުޅުނުއިރު ޕުރިފެކްޓް ކުއްޖަކަށްވުމުން ރަނގަބީލް ޖެހުމުގެ ކުރިން އިސުކޫލަށް ވަނުމުގެ ހުއްދަ ޒީޝާއަށް އޮވެއެވެ. އެހެންނަމަވެސް މިއަދު ޒީޝާ އިސުކޫލަށް އަވަހަށް އެދިޔައީ މުޅިން އެހެން ބޭނުމެއްގައެވެ. ލިބޭ ފުރުޞަޠުގެ ބޭނުން ހިފުމަކީ ޒީޝާގެ އާދައެކެވެ. ޒީޝާ އެހާ ކާމިޔާބުކަންމަތީ ކިޔެވުމުގެ ދައުރު ކުރިއަށް ގެންދިއުމުގެ ސިއްރަކަށް، އެ ސިއްރުވެއެވެ.

   ވަރުބަލިކަމާއެކު ގޮނޑީގައި ލައްވެލައިގެން ޒީޝާ އިންތިޒާރެއްގައި އިންނަތާ ފަސްވަރަކަށް މިނެޓްފަހުން، އެ އިންތިޒާރަށް ނިމުން އައެވެ. ރަނގަބީލްގެ އަޑަށްފަހު އެންމެފުރަތަމަވެސް ކުލާސްތެރެއަށް ދެމިގަތީ އަމީރާއެވެ. އަމީރާގެ މޫނުމަތިން ހާސްކަން ފެންނާން ހުއްޓަސް އަމީރާއަކީ ވަރަށް ހަމަޖެހޭ ކުއްޖެކެވެ. އަމީރާ ޒީޝާއާ ދިމާއަށް ހިނގައިގަތީ އަނގަތަންމިނަށް ހުޅުވައިގެންނެވެ.

   "ބާރބީ. ހާދަ އަވަހަކަށް މޯރނިންވީ؟" އަމީރާގެ ޖެއްސުމުގެ ބަސްތައް ޒީޝާއަށް އަމުނަމުން ދިޔައިރުވެސް ޒީޝާ ބަލަމުން ދިޔައީ ދޮރާ ދިމާއަށެވެ.

   "ހެލޯ! މިސް.. ހާދަވަރަކަށް... ކާކު ތި ހޯދަނީ؟" އަމީރާގެ ފުރަތަމަ ސުވާލުގެ ޖަވާބު ނުލިބުމުން އެނެއް ސުވާލު ޒީޝާއާ ކުރިމަތިކުރުވިއެވެ.

   "އަމީރާ ކަންތައް ބޮޑޭ ދޯ؟ މަ މިހޯދަނީ މުދައްރިސްއޭ.. ކިލާހަށް ނާންނަނަމަ އަހަރެމެންނަށް މުޅިން އެގަޑި ފުރީ ވާނެއެއްނުން؟" ޒީޝާ ކަނޑައެޅިގެން ހެދީ ދޮގެކެވެ. ޒީޝާ ހޯދަމުން ދިޔައީ އާރިޒްއެވެ.

   ހުރިހާކުދިންތައް ކިލާހަށް ވަދެ ހަމަޖެހުނުއިރުވެސް އާރިޒްއެއް ކިލާހަކަށް ނާދެއެވެ. ޒީޝާގެ މޫނުމައްޗަށް މޮޅިވެރިކަން ގެނުވިއެވެ. މާޔޫސްވެ އަމީރާގެ ހުސްއަނގަތެޅުމައިގެން ކުރިއަށް ދިޔައެވެ. ދިވެހި މުދައްރިސް ކިލާހަށް ނާންނާނެތޯ، ކުދިން ކުދިން ދައްކަމުންދިޔަ ވާހަކައަށް ހުއްޓުމެއް އައީ އާރިޒް ކުލާސް ދޮރުމައްޗަށް ހުއްޓުމުންނެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އާރިޒްގެ ގޮނޑިއަށް އާރިޒް ހިނގައިގަތީ ވަރަށް އަވަހަށެވެ.

   އާރިޒްގެ ހަރަކާތްތަކަށް ޒީޝާ ބަލަންއިނީ ފުންނަޒަރަކުންނެވެ. ޒީޝާއަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. އަމީރާގެ ލޮލަށް ކުޅަދާނައެއް ނުވިއެވެ. "ޒީ. ތި ކޮންކަމެއް؟" މަޖާ ގޮތްގަނޑު ފޮހެވި އަމީރާ ހައިރާންވިއެވެ.

   ޒީޝާ ރަކި ހިނިތުންވެލުމެއް އަމީރާއަށް ދިނެވެ. "މަ މިއުޅެނީ އާރިޒްކައިރީގައި އަހަން.." އަމީރާގެ މޫޑް އެއްކޮށް ސީރިއަސްކޮށްލިއެވެ. ޒީޝާގެ ހިނިތުންވެލުމަށް ހިތާމަވެރިކަން ގެނުވިއެވެ. ހުނުން ހުއްޓައިލީ ހިތުގަ ޖެހުމުންނެވެ. ބުނާނެ އެއްޗެއް ނޭނގި ޒީޝާގެ މޫނު މަތި އަނދިރިވެގެން ދިޔައެވެ.

   އަނގައިން އިތުރު އެއްޗެއް ބުނަން ނުބުނަން ހުއްޓާ ދެންވެސް ވާހަކަ ދެއްކީ އަމީރާއެވެ. "ދަރިފުޅާ! ޒީ... ކުރިންވެސް މަންމަ ގާތު ބުނިނަމަ ތިމަންނަ ހިތް އާރިޒް ގެން ގޮށްސިއޭ.." އަމީރާގެ ހުނުމުގެ އަޑުން ކިލާސްތެރެ ގުގުމާނުލަނީ ކިރިޔާއެވެ.

   "ދެން އަމީރާ.. މަހިތް ހަލާކުނުވީ ހަމަ ކިރިޔާ.. މަށަށް އެނގޭ ތިއީ ކާޖަލްގެ ފޭނެއްކަން.. ތިވަރުނުކުރިޔަސް" އެ ހިމަހިމަ ބުމަ ގޮށްޖަހާލަމުން ޒީޝާ އަމީރާއާ ދިމާއަށް ހިނިތުންވެލިއެވެ.

   "އެހެންވާނެ ދޯ؟ ތި އުޅެނީ އަދިވެސް ފޮރުވަން ވިޔަ.. އެކަމު އެންމެ ގާތް ފުރެންޑޯ.. ކިރިޔާއެއްނުން މަށައް އާރިޒް ކައިރީ ނޭހުނީ" އަމީރާގެ ހިނިތުންވުން ކުރިޔަށްވުރެއް ބޮޑަށް ފުޅާކޮށް ލާނެތްވެލިއެވެ.

   އެކި ކުދިން އެކި ވާހަކައިގައި ތިއްބާ ދިވެހި މުދައްރިސް ކިލާސްތެރެއަށް ވަނުމުން ހުރިހާ ކުދިންތައް ހިތާމަވެރިކަމާއެކު ކޮޅަށް ތެދުވިއެވެ. އެންމެފަހުން ގިނަ ކުދިން ބޭނުންވި ބޭނުން ފުރިހަމަ ނުވީއެވެ. އެހެންނަމަވެސް ޒީޝާގެ މޫނުމަތިން ޒީޝާ ބޭނުންވާ ކަންތައް ވެއްޖެކަމުގައި ބުނަމުން ދެއެވެ. ޒީޝާގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެމުންދާކަން އެމޫނުމަތިން ފެނިހާމަވެއެވެ.

   ވަށްކަޅިން އާރިޒްއާ ދިމާއަށް ސިއްރު ސިއްރުން ޒީޝާ ބަލަމުން ދިޔައެވެ. ގަޑިޔަކަށްފަހު ގަޑިއެއް ނިމޭވަގުތު މަދުވަމުން ދާކަމަށް ޒީޝާއަށް ހީވަމުން ދިޔައެވެ. ވަގުތު ހާދައަވެހޭވެސް، ދެތިންފަހަރަކު ޒީޝާގެ އަނގައިން ބޭރުވިއެވެ.  ޒީޝާ ބަލަމުން ދަނީ އާރިޒްގެ އުޅުމަށެވެ. އޭނާގެ ވާހަކަދެއްކުމަށެވެ. އާރިޒް ގެ މިޒާޖާއި ވާހަކަ ދައްކާ ގޮތް ޒީޝާއަށް ކަމުދިޔައެވެ. މާލޭގައި އެތައް ދުވަހެއް ވަންދެއް ހުރެފައި އަޔެއްކަމަކު ރާއްޖެތެރޭ ކުއްޖެކޭ އާރިޒްއެކޭ އެއްވެސް ތަފާތެއްނެތެވެ. އެހެންނަމަވެސް އިގިރޭސި ބަހުން ވާހަކަ ދެއްކުމަކީ އާރިޒްއަށް އާދަވެފައިވާ ކަމެއްކަން އޭނާ ބުނެލައި ބަސްބަހުން ދޭހަވެގެންދެއެވެ.

   އިސްކޫލުގެ ފަހު ރަނގަބީލްގެ އަޑު އިވިގެން ދިޔައިރުވެސް ޒީޝާ އިނީ އާރިޒްއާ ދިމާއަށް ބަލައިށެވެ. ކުއްލިއަކަށް އާރިޒްއަށް ޒީޝާއާ ދިމާއަށް ބަލައިލެވުނެވެ. އެއިރުވެސް ޒީޝާ އިނީ ހުއްޓުން އަރާފައެވެ. ޒީޝާއަށް ފެންނަމުންދަނީ އާރިޒް އެކަންޏެވެ. އާރިޒްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވެލުމެކެވެ.

   ޒީޝާއަށް ހަމަބިމަށް އާދެވުނީ އާރިޒް ކިލާހުން ނުކުތުމުންނެވެ. އެއިރު ޒީޝާ ޖަހާ ސަކަރާތް ބަލަން އުނަގަނޑުގައި އަތްވިއްދާލައިގެން އަމީރާ ހުއްޓެވެ. "އަދިވެސް ނުނިމޭތަ.. ކަމަނާގެ އިންތިޒާރުގައޭ، ނިކަމެތި އަޅުގަނޑު މިހުންނަނީ.."

   ޒީޝާ މޯޅިއަކަށް ދެމިލަމުން ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. "އަމީރާ ކޮން ދުވަހަކުން ތި ސަމާސަގޮތްގަނޑު ފިލުވާލައިނީ؟"

   "މަށައް އާރިޒް ކުއްޖާފުޅު ލިބުނު ދުވަހަކުން.." އަމީރާ ހިނގައިގަންނަމުން ވަގުލޮލުން ފަހަތް ބަލައިލިއެވެ.

   "ހުވާ.. މިފަހަރު.." ޒީޝާ ގޮށް މުއްކަވާލާފައި ދަތްތައް ވިކާލިއެވެ. އެއިރު އަމީރާ ކިލާސް ދޮރުން ނުކުންނަނީއެވެ. ޒީޝާ އަވަހަށް އަމީރާ އަތުލުމަށްޓަކައި ދުއްވާގަތެވެ. ދޮރާ ހަމައަށް ދެވުނު ވަގުތަކީ އާރިޒް ކިލާހަށް ވަންނަން އައި ވަގުތެވެ. ދެމީހުންނަށް އެއްފަހަރާ އެކަކު އަނެއް ކެއްގެ މޫނަށް ބަލައިލެވުނެވެ. ހަތަރު ކަޅި ހަމަވިއެވެ. ވަގުތު ހުއްޓުނުކަހަލައެވެ. ޒީޝާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ޒީޝާއަކަށް އޭނާގެ ހަށިގަނޑު ނުހިފެހެއްޓޭނެކަން އެނގެއެވެ. އާރިޒް ކުރިމަތީގައި ހުއްޓެވެ. އޭނާގެ އަތް ޒީޝާގެ ދިފާޢުގައި އޮތްކަހަލައެވެ. (ނުނިމޭ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ސޯާާދުބޭ

– 12 މާރިޗު 2014 0

ވަރަށް ސަޅި މޭން..އިންތިޒާރުގަ ދެން އޮށް ބަޔަށް......

– 14 މާރިޗު 2014 0

ވ ސަޅި........

– 9 އޮކްޓޫބަރު 2014 0