އިހަވަންދޫ ބަނދަރުމަތި ގޮނޑުވަނީ!

12 މާރިޗު 2014 3

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު 10 ވަނަދުވަހު ގެޒެޓްކުރެވުނު ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގެ ށަވިޔަނީގައި ވާގޮތުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމަކީ އިހަވަންދޫ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ގަވާއިދު ގެޒެޓްކުރެވުނުތާ ހައެއްކަ މަސްވީއިރުވެސް މިގަވާއިދު ތަންފީޒް ކުރެވެމުންދާތަނެއް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން ބަނދަރު ސަރަހައްދުދަނީ ދުވަހަކަށްވުރެ ދުވަހެއް ގޮނޑުވަމުންނެވެ.

އިހަވަންދޫއަކީ ނިސްބަތުން، އިހަވަންދިއްޕޮޅުގެ ރައްޔިތުން ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. ރަށަށްއަރާ ފަރާތްތަކަށް ރަށުގެ މަލަމަތިން، މިފަދަ ނާތަހުޒީބީ މަންޒަރުތަކެއް ފެނުމީ އިހަވަންދޫގެ ރަތްޔިތުން އެއްގޮތަކަށްވެސް ބޭނުންވާނޭ ކަމެއްނޫންކަން ކަށަވަރެވެ.

އިހަވަންދޫ ކައުންސިލުން ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދެއް ހަދާ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް، ފާސްކުރުމަށް ފޮނުވި ގަވާއިދު ގެޒެޓްކުރުމުން ބަނދަރު ގޮނޑުވަމުންދާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރީމެވެ. ނަމަވެސް މިއަދާހަމައަށްވެސް އެގަވާއިދު ތަންފީޒްކުރުމުގެ އަމަލީ މަސައްކަތެއް ފެންނާކަށްނެތެވެ. އެގަވާއިދު ތަންފީޒް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާއަށާއި ފުލުހުންނަށެވެ.

ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދުގެ 28 ވަނަ މާއްދާގައި ވާގޮތުން އެގަވާއިދު ގެޒެޓްކުރާތާ ތިން މަސްދުވަހުގެ ތެރޭގައި، ކައުންސިލްގެ އިހްތިސާސްތެރޭގައި ހިމެނޭ ސަރަހައްދުތަކާއި ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތައް ހަދައި، އާންމުކޮށް ޝާއިޢު ކުރަންޖެހެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިފަދަ އުސޫލެއް ޝާއިޢު ކޮށްފައެއް ނުވެއެވެ.
ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދުގެ ހަވަނަ މާއްދާގެ ހާގައި ވާގޮތުން އާންމުކޮށް ބަނދަރާއި ބަނދަރުސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ އިހަވަންދޫ ކައުންސިލްގެ ޒިންމާއެކެވެ. އެމާއްދާގެ ށަވިޔަނީގައި ވާގޮތުން، މުދާ އެރުވުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކުން ބަނދަރުސަރަހައްދައް އެޅޭ ކުނިފަދަތަކެތި، އެމަސައްކަތުން ނިމުމުން ގިނަވެގެން ފަސްގަޑީއިރު ތެރޭ އެމަސައްކަތް ކުރުވި ނުވަތަ ކުރިފަރާތުން ސާފުކުރަން ޖެހޭނެއެވެ. އަދި ހަމަ އެމާއްދާގެ ށަވިޔަނީގައި ވާގޮތުން ސިމެންތި، ދޮންވެލި، ހިލަ، ހިލަވެލި، ކާޑުފަދަ ބަސްތާ ބަނދަރުގެ އެއްގަމު ތޮށީގައި ޖައްސަންވާނީ ތަރުފާލު ނުވަތަ ސަތަރި އަޅައިގެން ކަމަށާއި، މަސައްކަތް ނިމުމުން ހަތަރުގަޑީއިރުތެރޭ ސާފުކުރަންޖެހެއެވެ. މިގަވާއިދާއި ހިލާފުވާ ފަރާތްތައް 500 ރ ޔާއާއި 5000 ރ ޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ދީފައިވެއެވެ.

މިފަދަ ބޭނުންތެރި މުހިއްމު ގަވާއިދެއް ހެދިފައިވާއިރު ވެސް ހިތާމައަކީ ތަންފީޒީ އިދާރާތަކުން ތަންފީޒުކުރުމުގައި ފަސްޖެހިފައި ވާކަމެވެ. އުންމީދުކުރަނީ އާކައުންސިލާއިއެކު ބަނދަރުގެ ގޮނޑުކަން ފިލައިގެން ދާނެކަމަށެވެ. ކައުންސިލަށާއި ފުލުހުންނަށް އެކަނި ބަނދަރުތައް ގޮނޑުވުމެއް ނުހުއްޓުވޭނެއެވެ. ބަނދަރު ބޭނުންކުރާ ރައްޔިތުމީހާވެސް ތިމާގެ ޒިންމާ ނަގަންއެބަޖެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ލޯކަލް ގަވަރމެން އޮތޯރިޓީއަށް، ފާސްކުރުމަށް ފޮނުވި ގަވާއިދު ގެޒެޓް ނުކޮށްގެން އެވާހަކަ ދެއްކި އިރު ހީވަނީ އެހެން ކަމެއް ވެގެން އުޅޭހެން. ގެޒެޓު ކުރީމަ މިއޮތި ވާ ވަރު. ކައުންސިލަރުން ތިބެނީ ރަށުގެ ނުފޫޒުގަދަ ދެތިން މީހެއްގެ ބާރުގެ ދަށުގަ ގުޑާ ނުލެވޭ ވަރަށް ފިތި ބާރުވެފަ. ރަށުގެ ތަރައްގީއަށް ކަމެއް ކުރާނެ ވަގުތެއް ނުވޭ. އިންތިހާބު ތަކާއި ކެމްޕޭން ތައް، ރައްޔިތު މީހާއަށް ވުރެ މާ މުހިއްމު.

– 12 މާރިޗު 2014 1

ރަށުގެ މަލަމައްޗާއި ރަށުގެ ސާފު ތާހިރުކަމަށްވުރެ، ސިޔާސީ މަސައްކަތްތައް މުހިއްމުވެ، އެކަންތައްތަކަށް ދޭ ސަމާލުކަން ބޮޑުވީމަ ބަނދަރެއް ނޫން، މަގުތައްވެސް ގޮނޑު ވާނެ.

– 12 މާރިޗު 2014 0

އައު ކައުންސިލުން އެހެން ކަމެއް ނުކުރިޔަސް ހެޔޮ. އަޅެ މޮޅީ އާ މިކަން ހައްލު ކޮށްލަބަ..

– 12 މާރިޗު 2014 0