ހަހަރު

3 މާރިޗު 2014 8

ޒީޝާ ފޮތަކަށްފަހު ފޮތެއް ދަބަހަށް އަޅަމުންގެންދިޔައީ ފަރިތަކަމާއެކު، އަވަސް އަވަހަށެވެ. އިސްކޫލައް ދާގަޑި ކައިރިވަމުންދާތީވެސް މެއެވެ. ހޫނުކޮށް ހުރި ކޮފީތަށީގެ މަތީފަށުގައި ދެތިން ފަހަރަކު އެ ފިޔާތޮށި ކުލައިގެ ތުންފަތް ޖައްސާލުމަށްފަހު، އެއް އަތުން ނޫކުލައިގެ ދެފޮތް ބަނޑާލައި ހެޔޮވަރު ކޮށްލިއެވެ. އެނެއް އަތުން ކަޅުކުލައިގެ ގޯޏެއްފަދަ ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ހިނގައިގަތެވެ. ހެނދުނު ހެނދުނާ އެހާ ކުރިން ޒީޝާ ގެއިން ނުކުތީ އިސްކޫލަށް ދާންޖެހޭ ފުރަތަމަ ދުވަސްކަމަށް ވުމުންނެއް ނޫނެވެ. ޒީޝާގެ ގޭ އިސްކޫލާ އެހާ ދުރުގައި ހުންނާތީއެވެ.

   ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ހުރި ޗަކަސްކަމަށް ބޮޑު އިންޤިލާބެއް އައިސްފައިވުމުން އުނދަގޫތަކާ ކުރިމަތިލުމުގެ ބަދަލުގައި ފަސޭހަމަގުތަކަށް ޒީޝާގެ ވިސްނުން ބެހެއްޓިއެވެ. ހެނދުނުގެ ހިތްގައިމުކަން ފޫދުއްވަމުން ދިޔައީ ގޭގެއިން ކުނި ނަގަމުންދާ ކުނި"ޕިކަޕެވެ." އެހެނަސް ޒީޝާގެ ޚިޔާލްތައް ހުރީ މަތިން އުދުހިލާފައިދާ ކޮވެލިތަކާއި ކާޅުތަކުގެ ގޮވެލީގެ އަޑަށެވެ.

   ކުއްލިއަކަށް މީހަކު މާބާރަކަށް އައިސް ޒީޝާގެ ގައިގާ ޖެހުމުން، އަވަސް އަވަހަށް ބަލައި ލެވުނެވެ. ޒީޝާގެ ތުންފަތަށް ހިނިތުންވުމެއް ގެނެސް، ހިނިފަޅައިގެން ދިޔައެވެ. އަމީރާއަކީ ކުޑައިރުންސުރެއް ޒީޝާޔާއެކު އިސްކޫލަށް ހިނގާ ކުއްޖެކެވެ. ދެކުދިންވެސް ކިޔަވަމުންދަނީ އެއްކިލާހެއްގައެވެ. "ގުރޭޑް"ހަޔަކުން ފަށައިގެން އަށަކާ ހަމައަށް އާދެވުނުއިރު އެކަކު އެނެއްކެއްގެ ދެމެދުގައި ފޮރުވާ ރައްކާކުރަން ޖެހޭ އެއްވެސް އެއްޗެއް ނެތެވެ.

   މަޑުމައިތިރިއެއްކަމުގައި ޒީޝާ ވީކަމުގައިވިއަސް އަމީރާއަކީ، އެޔާ ޚިލާފަށް ވަރަށް ހަލަނިކޮށް މަޖާގޮތެއް ހުންނަ ރަނގަޅު ކުއްޖެކެވެ. ދެކުދިން ތުން ގުޅުވައިލައިގެން ވާހަކަޔަކަށްފަހު ވާހަކައެއް ވިހުއްވަމުން ދަނިކޮށް، އިސާހިތަކު ރަށުގެ ބޮޑުމަގަށް އެކި ހޮރު ހޮރުން ހުދުމީދާ ނިކުންނަހެން އިސްކޫލް ދަރިވަރުންތައް ނުކުންނަށް ފަށައިފިއެވެ.

   ކިލާހަށް އައިސްވަދެވުނު އިރުވެސް އަމީރާގެ އެ ހުދުދަތްތައް ހުރީ ހާމައަށް ފެންނާނެހެން "ސޭލް"ކޮށްފައެވެ. ދަތްތައް ފެންނަގޮތައް އަމީރާއަށް ވެލެވޭ ހިނިތުވުމުގެ އަވާގައި އެތައް ކުއްޖަކު ޖެހި، އޮޔާ ގޮއްސައިވެއެވެ. ޠަބީޢީގޮތުން ލިބިފައިވާ ޖާދޫގެ ބޭނުން އަމީރާ ހިފަން ބޭނުން ނުވާކަން އަންގައިދެނީ ފިރިހެންކުދިން ކުރި މައްޗަށް އައިސް ހުއްޓުމުން ހުރުވާލާ ބޮލުގެ ސަބަބުންނެވެ. ކިޔަވަނީއޭ ބުނެ ބުނާ ޖުމުލަތަކުންނެވެ.

   ފަހު ރަނގަބީލުގެ އަޑުން މުޅި އިސްކޫލް ގުގުމާލިއިރު ކިލާހަށް ކުދިން އައިސް ހަމަވިއެވެ. ޒީޝާ މުޅި ކިލާހަށް ނަޒަރު ހިންގާލިއިރު މުޅިން އައު ކުދިންވެސް ކިލާހުގައި ތިއްބެވެ.

   "ގަޔާވާ ކުއްޖަކު ނެތް ދޯ؟" އަމީރާ، ސުނީއަށް ލޯ ކުޑަކޮށްލަމުން ދިމާކޮށްލިއެވެ.

   ޒީޝާ ތުންފަތް އޫކޮށްލަމުން ބުންޏެވެ."މަ ނޫޅެން."

   މުދައްރިސް ކިލާހުގެ ޤަވާޢިދުތަކާއި އިސްކޫލުގެ އުސޫލުތައް ކޮންމެވެސް ވަރަކަށް އަލުން ބަލުން ކުދިންތަކަށް ކިޔާދެއްވަން ފައްޓަވައި އިރުކޮޅެއް ނުވަނީސް، ކުއްޖަކު ވަރަށް ބާރަށް އައިސް ދޮރަށް ޖެހިގަތުމުން ހުރިހާ ކުދިންނަށް ކަހަލައިން އެއްފަހަރާ އެދިމާއަށް ބަލައިލެވުނެވެ.

   ޒީޝާއަށް ބަލައިލުމުގެ ބަދަލުގައި ސިއްސައިގަތެވުނީއެވެ. ނުރުހުމުގެ ލޮލަކުން އެދިމާއަށް އަވަހަށް ބަލައިލެވުނެވެ. އެއީ ކުރިން ދަންނަ ކުއްޖެއް ނޫނެވެ. ރަށައްވެސް އައު ކުއްޖެއްކަމަށް ޒީޝާއަށް ޤަބޫލުކުރަން ޖެހުނީ އަރީޒް ދުވަހަކުވެސް އިހަވަންދޫއިން ފެނިފައި ނުވާތީވެއެވެ. އެހެންނަމަވެސް ކަންތައްވީ މުޅިން އެޔާ ދިމާ އިދިކޮޅަށެވެ. އަރީޒަކީ ހަތަރުކަށިމަތި އިހަވަންދޫ ކުއްޖެކެވެ. އަރީޒްމެންގެ ޢާއިލާވަނީ މާލެއަށް ބަދަލުވެފައެވެ. ތަހުޒީބާއި ތަމައްދުންގައި ކުރިއަރާފައިވާތަނަކަށް މުއްސަނދިން އަބަދުވެސް ދަތުރުކުރާ ބީދައިންނެވެ.

   އަރީޒް ކައިރީ މުދައްރިސް ކުރަމުން ދިޔަ ސުވާލުތަކަށް، ބައެއް ކުދިން ހެމުން ދިޔައިރު، ޒީޝާއަށް އިދެވުނީ އަރީޒްގެ ފަންއިސްތަށިގަނޑުގައި އޭނާގެ އަމިއްލަ އަތުން ފުނާ އަޅަމުންދާގޮތް ބަލަން ހުއްޓުން އަރާފައެވެ. ބައެއްފަހަރު ކުރު ކުރު އިލި ތުބުޅީގައި އަރީޒް އަތްކާތާލުމުން ޒީޝާއަށް ރަކި ހިނިތުންވެލުމެއް އެދިމާއަށް ދެވެއެވެ. އަރީޒްގެ މޫނަށް ބަލަހައްޓައިގެން ހެވިފައި ޒީޝާ އިންދައި، މީހަކު މޫނު މަތީ އަތް ހޫރުވާލުމުން ޚިޔާލީ ދުނިޔެއިން ހޭލެވުނެވެ.

   "ވާވް، ވަޓް އަ ޑްރީމީ ގާރލް؟ މިފަހަރު ހަމަ ރަގަޅަށްވެސް ހިތް ކިޔާފި." ފޮނިފޮނި ކޮށް ލަފުޒުތަކަށް ދަމާލަމުން އަމީރާ ބުންޏެވެ.

   "މަށަކަށް ނޭނގެ." ޒީޝާ ހެދީ ކުރިންވެސް ހަދާހެން ނޭނގޭ ކަމަށެވެ.

   އަރީޒް ޤަތުލުކޮށްލީ ހަމައެކަނި ސުނީގެ ހިތް އެކެންޏެއް ނޫނެވެ. ކިލާހުގެ ގިނަ ޢަދަދެއްގެ އަންހެން ކުދިންތައް ތިބީ އަނގައިން ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރީޒް ހަމަ އެހާވެސް ރީތިވީމައެވެ. ބައެއް ފިރިހެން ކުދިން އޭނާއާ ދިމާ ކުރަމުން ގެންދިޔައީ މަލާމާތްކުރުމުގެ ބޭނުމުގައެވެ.

   ފިލާވަޅު ހަދަން އިށީން ގޮތައް އަދިވެސް ޒީޝާ އެއިނީ ފުން ޚިޔާލީ ކަނޑަކަށް ގެނބިފައެވެ. ގަލަމުގައި ދަތްގަނެގެންނެވެ. ބަލަމުން ދިޔައީ ފާރާ ދިމާއަށެވެ. ހީވަނީ ފާރުގެ ތެރެއިން ކޮންމެވެސް އެއްޗެއް ފެންނަހެންނެވެ. ނޫނީ ސިފަވާހެންނެވެ. ބައެއްފަހަރަށް ބޯ ކުޑަކޮށް އަރިކޮށްލައި، އެ ފިޔާތޮށި ދެ ތުންފަތުގެ ތެރެއިން ސާފު ހުދު ދަތްތައް ދައްކާލައެވެ. އެދިމާއަށް ހިނިތުންވެލެވެއެވެ. ކައިރީގައި ދިއްލާފައިހުރި ހޮޅިބުރީގެ އަލިން ޒީޝާގެ އެދޮންދޮން މޫނުގެ ރީތިކަން ހާމަވާން ހުއްޓެވެ. އެ ފަންފަން ރާޅުބާނި އިސްތަށިގަނޑުވަނީ ވައްޓާލާފައެވެ. ކުއްލިއަކަށް ދޮރު ހުޅުވިގެން ދިޔައެވެ. ޒީޝާއަށް ސިއްސައިގެން ގޮސް އެދިމާއަށް ބަލައިލެވުނެވެ.   (ނުނިމޭ)

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަހަރުގެ ވާހަކަ ވަރަށް ސަޅި ވާނެހެން ހީވޭ. މިބައި ތަންކޮޅެއް ކުރީ. ކިޔާހިތުން ހުއްޓަ ނިމުނީ

– 3 މާރިޗު 2014 1

މާބޮޑަށްވެސްކުރު........ރަނގަޅުކޮށްލާ

– 4 މާރިޗު 2014 1

ވަރަށް ޒަމާނީ. މިއަށްވުރެ ދިގުކޮށްލަދީ.

– 4 މާރިޗު 2014 1

ދެވަނަ ބަޔަށް އިންތިޒާރު ކުރާނަން.ކުރިޔަށް ގެންދޭ.މާކުރު.ކިޔަން އިންދަ އެނިމުނީ.........

– 6 މާރިޗު 2014 1

ދެވަނަ ބަޔަށް އިންތިޒާރު ކުރާނަން.ކުރިޔަށް ގެންދޭ.މާކުރު.ކިޔަން އިންދަ އެނިމުނީ.........

– 6 މާރިޗު 2014 1

ދެވަނަ ބަޔަށް އިންތިޒާރު ކުރާނަން.ކުރިޔަށް ގެންދޭ.މާކުރު.ކިޔަން އިންދަ އެނިމުނީ.........

– 6 މާރިޗު 2014 0

ކުރިއަށް އޮތް ބަޔަށް އިންތިޒާރުގަ....

– 6 މާރިޗު 2014 0

މިޔަކީ މަކިޔާފަ އޮތް ވާހަކަ އެއް؟؟؟؟؟ ކޮޕީ ކެޓު؟؟؟

– 6 މާރިޗު 2014 2