"މަވެސް މިހެންގަނަނުތެޅި ދާންވީ ޖަލަށް"

12 ފެބުރުއަރީ 2014 4

ކުރީގައިނަމަ ޖަލަށް ދިއުމަކީ، ބިރުހުރިކަމެކެވެ. މުޖުތަމަޢުގައި ޖަލަށްލާފައި ހުރި މީހަކަށް އެއްވެސް ޤަދަރެއް ނޯވެއެވެ. ޖަލަށް ލެވޭމީހާވެސް ބިރުން ތުރުތުރުއަޅައަޅާ ހުރެއެވެ. ޖަލަށް ނުލުމަށް އެދި އާދޭސް ކުރެވެއެވެ. ބިރުންނެވެ. އަނބިދަރިންނާ ވަކިވާންޖެހޭތީއެވެ. ޙުކުމް ކުރެވި، އެޙުކުމުގައިވާ މުއްދަތު ހަމަވުމަށްފަހުގައި ނޫނީ ޖަލުން ނުނިކުމެވޭތީއެވެ. ޖަލުގެ ބިރުވެރިކަމާ، އެތަނުގައި ދޭ އަދަބުތަކަށް ޖެހިލުންވާތީއެވެ.

އެހެންކަމުން ކުށްކުރާމީހާވެސް، ޖަލަށް ލުމަށް ޙުކުމްކޮށްދާނެކަމަށްޓަކައި ބިރުގަނެއެވެ. ރަށަކަށް އަރުވާލުން ނޫނީ އެނޫންގޮތެއް އޮވޭތޯ ބަލައެވެ. ތަންތަނަށް ސިޓީއަޅާ އާދޭސް ކުރެއެވެ. ނަމަވެސް، ދެން މިހާރުތޯއެވެ؟ ޖަލަށް ވަންނަ މީހާ މުޖުތަމަޢުގައި އުޅޭ އެހެން އަފުރާދުންނަށްވުރެ އުފާކުރެއެވެ. ސަބަބެއް ނެތިއެއްނޫނެވެ؟ އަދި މިހާރު އެންމެ ޢާއްމުކޮށް އިވޭ އަޑަކީ، “މަވެސް މިހެން ގަނަނުތެޅި ދާންވީ ޖަލަށް” މިލަފުޒެވެ.

ވެރިކަމުގެ ދަޢުރުތައް ބަދަލުވަމުން އައެވެ. ރަސްކަމަކަށްފަހު، ޖުމްޙުރީއްޔަތެއް އުފެދުނެވެ. އަދި އެޖުމުޙުރިއްޔަތު ވެއްޓުމަކަށް އައިސް، ރަސްކަމަކަށް ބަދަލުވިއެވެ. އެރަސްކަން ނިމުމަކަށްއައީ، އަނެއްކައިވެސް ޖުމްޙޫރީވެރިކަމަކާ ހަމައިންނެވެ. އަދި ދެވަނަ ޖުމްޙުރިއްޔަތުގެ ދެވަނަރައީސާ ހަމައަށް އައިއިރުގައިވެސް ޖަލަކީ، ބިރުހުރިތަނެކެވެ. އަދި އެއިރުގައިވެސް ޖަލުގެ ބިރުވެރިކަމާ ބެހޭގޮތުން ލަވަތައް ހަދާ ކިޔަމުން ދިއައެވެ.

“ނިމިދާންވީހޭ، ގާމާދޫ ޖަލުގެ މިއަޒައިބުގައި،

މީ ދުނިޔޭގައިވާ ބޮޑު………. ”

މިފަދަ އެތަކެއް ލަވަތަކެއް ހަދާ ކިޔަމުން ދިއައެވެ. ނަމަވެސް ދުވަސްތައް މާޒީއާއިއެކުވަމުން، ދިވެހިރާއްޖެވެސް ޒަމާނީ އޮއިވަރުގެ ތެރެއިން އެތައްގޮތަކަށް ބަދަލުތަކާއި ކުރިމަތިލަމުން ދިޔައެވެ. އަދި ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ވެރިކަން ދެމެހެއްޓުމަށް އަދި ހަމައެހެންމެ ރައްޔިތުންނާ ދޭތެރޭގައި އޮންނަ އޯގާވެރިކަން ހާމަކޮށްދިނުމަށް ބޭނުންހިފާ އެއްވަސީލަތަކަށް ޖަލުގައި ތިބޭ ކުއްވެރިން ވެގެން ދިއައެވެ.

ދެވަނަ ޖުމްހުރީއްޔަތުގެ ދެވަނަ ރައީސްގެ ދުވަސްވަރުގައި ޖަލަށްލެވޭ މީހުންނަށް ޙާއްޞަ މަޢާފެއް ދޭން ފެށިއެވެ. އަދި ކުށްވެރިންނަށް ދެވޭ ކެއުމުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅުވެ އެމީހުންނަށް ފާހާނާކުރުމާއި ފެންވެރުމުގެ ނިޒާމު މާބޮޑަށްވެސް ރަނގަޅުކޮށްދިނެވެ. އަދި އެމީހުންގެ އަނބިދަރިންނާ ބައްދަލުވެ އުޅުން ގޭގާ އުޅޭ މިނިވަން މީހެކޭ އެއްގޮތްވެގެން ދިއައެވެ.

ޖުމްޙޫރީ ވެރިކަމުގައި ބާބުތައް އެއްބާބަކަށްފަހު އަނެއްބާބު އުފަންވަމުން ގޮސް، މިހާރު ހުޅުވައިލެވި ކިޔެމުންމިދަނީ، ޑިމޮކުރަސީގެ ފެށުމުގެ ބާބެވެ. މިހާހިސާބުން ޖަލުގެ ޙާލަތުގެ ވާހަކަ ގަދައަށް ދެކެވެން ފެށުނެވެ. އަދި ހިއުމަން ރައިޓުސް ކޮމިޝަން ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، މުޢައްސަސާތައްވެސް އުފެދުނެވެ. އަދި މިތަންތަނުގެ އިތުރުން ކުށްވެރިންގެ ޙައްޤުތަކުގެ ވާހަކަ ދައްކާ އެންޖީއޯ ތައްވެސް އުފެދި އެފަރާތްތަކުގެ އަޑުތައްވެސް އުފުލި ގަދަވަމުން ދިއައެވެ.

ނަތީޖާއަކަށްވެގެން ދިއައީ، ކުށްވެރިންނަށް އެމީހުންނަށް އެމީހުންފެނުމެވެ. އަދި ދެންފެށީ ރީތި ކުޅިވަރުތަކެކެވެ. އެތަން ބެލެހެއްޓުމަށް ތިބޭ ސިފައިންނާ، އެހެން ފަރާތްތައް ތިބެންޖެހުނީ، އެމީހުންގެ ދަށުވެފައެވެ. ޖަލަށް އަމުރުހިންގާ ބައެކޭ އެމީހުންނެކޭ އެއްގޮތެވެ. ލަސްތަކެއްނުވެ، ހަޅުތާލުތައް ޖަލުތެރޭގައިވެސް ހުޅުހިއްޕާލިއެވެ. މިހިފިހުޅުގަނޑު މައިތިރިނުވެ ޖަލުގެ އެތައްތަނެއް އަނދައިގެން ދިއައެވެ. ކުއްވެރިއެއްގެ ގައިގާ ކިރިޔާ ޖެހިލާއިރަށް އިންސާނީ ޙައްޤުތަކެއްގެ ވާހަކަ ދައްކާބައެއްގެ އަޑު ކެނޑިނޭޅި އުފުލަން ފަށައެވެ.

ކޮންބައެއްގެ ޙައްޤުތަކެއްގެ ވާހަކަ ދައްކާ ބައެއްބާވައޭ ހިތަށް އަރައެވެ. މިއުޅެނީ ރައްޔިތުމީހާ އޭނާގެ ޙައްޤު ގެއްލުވާލާ މީހުންގެ ޙައްޤު ހޯދަން ނިކުމެގެންނެވެ. މިގޮވަނީ އަހަރެމެންގެ ޙައްޤަށް އަރައިގަނެގެން ޙައްޤު އަދަބެއް ދިނުމަށް ޖަލަށްލާފައިތިބި ފަރާތަކަށް ޙައްޤު ހޯދައިދިނުމަށެވެ.

ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގެން ޖަލަށް ލެވިފައިވާ މީހުން އެތަނުގައި އެބަތިއްބެވެ. މުސްކުޅިންނާ، ޒުވާނުންނާ، ކުޑަކުދިންނަށް ޖިންސީ ހާނީއްކަ ކޮށްފައިވާ މީހުންވެސް އެތަނުގައި އެބަތިއްބެވެ. އަހަރެމެންގެ މުދަލަށް އަރައިގަނެ އަހަރެމެންގެ ޙައްޤު ފޭރިގެންފައި ތިބި ބަޔަކު އެތަނުގައި އެބަތިއްބެވެ. މަސްތުވައިތަކެތީގެ ވަބާގައިޖެހި ސަލާމަތްނުވެވޭ ދަރަޖައިގެ މީހުންވެސް އެތަނުގައި އެބަތިއްބެވެ. ވައްކަންކުރުމާ، ފޭރުމާއި، މާރާމާރީގައި ޙައްދުފަހަނަ އަޅާފައިވާ ބަޔަކުވެސް އެތަނުގައި އެބަތިއްބެވެ. ދެންވެސް، ހަމަ އެމީހުންގެ ޙައްޤުތަކުގެ ވާހަކައެވެ. މިއަށްވުރެ މަންޒަރު ރީތިވާނޭ ފިލުމެއް ނިކަން ތިޔަކިޔުންތެރިން ބުނެދީބަލާށެވެ.

ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ވާހަކަ އެންމެ ވަރުގަދައަށް ދައްކާ އެމެރިކާގެ ޖަލެއްގެ ތެރެ ދެކުނިންހެއްޔެވެ؟ ނެޝަނަލް ޖިއުގުރަފީން ދައްކާ، ކުރައިމް އިންވެސްޓިގޭޝަން ބެލިންހެއްޔެވެ؟ އެތަނުގައި ދައްކާ ޖަލުތަކުގައި ފާރުތައް ލެވިފައިއެވަނީ ދަގަނޑުންނެވެ ނުވަތަ ވަރުގަދައަށް ކޮންކުރިޓް ކުރެވިގެންނެވެ. ތަނުގެ ތެރޭގައި ފަންކާއެއް ނުހުރެއެވެ. ފާހާނާ ހުންނަނީ ގޮޅިގަނޑުގެ ތެރޭގައި ހާމައަށެވެ. ކާންގެންނަނީ، ދަގަނޑުތައްޓަކަށް ރިހަކޮޅަކާ ބަތްކޮޅެއް ޖަހައިގެންނެވެ. ކެއްޔާ ކެއީއެވެ. ނުކެއްޔާ ނުކެއީއެވެ.

ނަމަވެސް ރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ވާހަކަ ހުރިގޮތް އދ ގެ ރިޕޯޓެއްގައި ދައްކަމަށް ފާހަގަކޮށްލާއިރަށް ދުއްވާގަންނަނީ، ޖަލުތަކުގައިތިބި ކުއްވެރިންނަށް ކުކުޅުރިހަޔާ ބަތާ ކާންދޭށެވެ. އެތަނުގައި ފެންވަރާނޭ ޝަވަރާއި ބިލިގާ ބަހައްޓާދޭށެވެ. އދ އިން މިދައްކަނީ ކޮންބައެއްގެ ޙައްޤަށް އުނިކަން އައިސްގެން ކޮންބައެއްގެ އިންސާނީ ޙައްޤުތައް ގެއްލޭވާހަކަތޯ ބަލައެއްނުލައެވެ.

ޖަލުމީހުންނަށް ދޭއިނާޔަތްތައް ކޮޅުންލައި އެއިން މީހެއްގެ ބޮލަކަށް ދުވާލަކަށް 500 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޚަރަދުވާކަމީ އަޖާއިބުވެ އަންތަރީސް ވާން ޖެހޭ ކަމެކެވެ. މިހާވަރުންދާތީ އެމީހުންނަށް މަހެއްގެ މައްޗަށް ބޮލަކަށް 15000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް އެބަ ޚަރަދުކުރެވެއެވެ. މިއީ ދުވާލަކު 8 ގަޑިއިރު ކެނޑިނޭޅި މަސައްކަތްކުރާ މީހާއަށްވެސް މަހަކަށް ނުލިބޭ އަދަދެކެވެ. ސުކޫލުކުދިންނަށްވެސް، ދުވާލަކަށް ބޮލަކަށް 500 ރުފިޔާ ޚަރަދު ނުކުރެވެއެވެ.

ޖަލުމީހުންނަށް ލިބޭ ޙައްޤުތައް ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް މަސައްކަތްކުރާވާހަކަ ޑީޕީއާރުއެސްއާއި ހޯމް މިނިސްޓްރީން ކެނޑިނޭޅި ދައްކާއިރު ރާއްޖޭގައި ދިރިއުޅޭ ފަޤީރުންގެ ޙައްޤުތަކުގެ ވާހަކަ ދައްކާނޭ ބަޔަކު ނެތީ ކީއްވެގެން ހެއްޔެވެ؟ ޙައްޤޭ ކިޔާ އެއްޗެއް އޮންނަނީ ހަމައެކަނި، ޖަލުމީހުންގެ ތޯއެވެ؟

ޖަލަށްލެވިފައިވާ މީހަކީ، ޙައްޤެއް އޮންނާނޭ ބައެއްކަން އެނގެއެވެ. އެހެންނަމަވެސް، އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެހެންމީހުންގެ ޙައްޤަށް އިޚްތިރާމްކުރާބައަކަށް ނުވެއެވެ. އަދި ހަމަ އެހެންމެ އެމީހުންވަނީ ކޮންމެވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެފައެވެ. ދެންއެހެންވީރު، ވަރުނެތްކޮޅަށް އެމީހުންގެ ޙައްޤަށް އިޚްތިރާމްކޮށް އެމީހުންނަށް ކާލޯނު މޮޅު ގޮދަޑިއާއި، ސީލިންގ ފަންކާ ހަރުކޮށްފައިވާ ކޮޓަރިއެއް ބެޑުރޫމް ސެޓާއެކުގައި ހޯދާދޭން ބަޔަކު މިގޮވަނީ ކީއްވެގެން ހެއްޔެވެ؟

ޖަލުމީހުންގެ ޙައްޤުތައް ހޯދާދިނުމަށް، ހިލޭ މަދަނައިގެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދޭންވީ ކީއްވެގެން ހެއްޔެވެ؟ އެމީހުން (ކުއްވެރިން) ސަރުކާރުގެ މުޥައްޒަފުންގެ ފެންވަރަށް ދިޔައީ ނޫންތޯއެވެ؟ ސަރުކާރުގެ މުޥައްޒަފުންނަށްވެސް، އަތުންފައިން މަސައްކަތެއް ނުކޮށް ތިބެގެން ކެވޭނޭ އިންތިޒާމެއް ހަމަޖެހިފައިނުވެއެވެ. އެހެންވީމާ، ޖަލުމީހުން މިއީ، ސަރުކާރުގެ ވަޒީފައިތަކުގައި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ތިއްބެވި މުޥައްޒަފުންނަށްވުރެ މާމަތީބައެކެވެ.

ކަންމިގޮތަށް ހުރުމުން ޖަލުތަކަށް ލެވޭ މީހުނަށް އެމީހުނަކީ ކުއްވެރިންކަމެއް އިޙްސާސެއް ނުވެއެވެ. އަދި ކިއެއްތަ، މިގޮތަށް ކަންތައްތައް ވީމާ، ޖަލަށް ދިޔުމަށް އެހެންމީހުންނަށް ހިތްވަރެއްލިބެނީއެވެ. އާޚިރު ނަތީޖާއަކަށްވާނީ، ޤައުމުގައި ކުއްވެރިން އިތުރުވެ، ރާއްޖޭގެ އަމަންއަމަންކަން އިތުރަށް ގެއްލިގެން ދިއުމެވެ. އެހެންކަމުން ސަރުކާރާ އެހެނިހެން ތަންތަނުން މިވަގުތު މިނިވަން ރައްޔިތުމީހާގެ ކިބައިން ގެއްލޭ ޙައްޤުތައް ހޯދައި ދިނުން މާބޮޑަށްވެސް މުޙިއްމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތި އާޓިކަލް ކަމަކު ނުދޭ ކަޑަ ކަލޭވެސް ދާނަވި ޖަލައް އޭރުން ހުރިހާ އުފަލެއް ލިބޭނެ އޭ ތިބުނަނީ،

– 12 ފެބުރުއަރީ 2014 0

އާސިމް މި ކަނޑައޭ، މިތަނަށް ލިޔުމެއް ލާއިރު ތަންކޮޅެއް ރަނގަޅަށް ބަލާފަ ލާބަލަ. ކުޑަކުދިންގެ ވިސްނުން އަދިވެސް ތި ހުންނަނީ!

– 12 ފެބުރުއަރީ 2014 0

މި ލިޔުން ވަރަށް ފުރިހަމަ.

– 13 ފެބުރުއަރީ 2014 1

ވަރައް ރަނގަޅު ވާހަކަ ކޮޅެއް

– 16 ފެބުރުއަރީ 2014 0