[HEADER BANNER]
[AD]

މަންމައާއި ކުޑަދަރިފުޅު – 12،11 އަދި 13 ވަނަ ހަފުތާ

5 ފެބުރުއަރީ 2014 1

ބަނޑަށް 12 ވަނަ ހަފުތާގައި ތިބާގެ ހަށިގަނޑުން ބޭރުން ބަނޑު ފާހަގަވެ އެނގޭނެއެވެ.

މަންމައާއި ކުޑަދަރިފުޅު –  12،11 އަދި 13 ވަނަ ހަފުތާ

ދަރިފުޅު:

11 ވަނަ ހަފުތާ އަދި 12 ވަނަ ހަފުތާގެ ތެރޭގައި ދަރިފުޅުގެ އިސްކޮޅު 3 އިންޗިއާ ގާތަށް ދެމިލާނެއެވެ. ދަރިފުޅުގެ ހިރުގަނޑުގެ ތެރޭގައި ދަތްތައް އުފެދެންފަށާނެއެވެ. ނަމަވެސް، ހިރުގަނޑު ފަޅައިލާ ދަތްތައް ހެދެން ފަށާނީ، ދުނިޔެއަށް އުފަންވުމަށްފަހު މަސްތަކެއްގެ ފަހުންނެވެ. އިނގިލިތައް ވާނީ ފުރިހަމަވެފައެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދަރިފުޅުގެ އިނގިލިތައް ހަރަކާތްކުރަން ފަށާނެއެވެ. ހަށިގަނޑު މޯޅިއަށް ދެމުމާއި އާފުރުންފަދަ ކުދިކުދި ޚަރަކާތްތައް ކުރަންފަށާނެއެވެ. ކަށިތަށް ވަރުގަދަވެ ހަރުވެގެންދާނެއެވެ. ލޮލުގެ ހަންގަނޑު ވަރުގަދަވެގެންދާނެއެވެ.

އެއްޗެއް ބުއިމަށްޓަކައި، އަނގަޔަށް ގެންނަންފަށާ ޚަރަކާތްތައް ދަރިފުޅު ގެންނަން ފަށާނީ ބަނޑަށް 12 ވަނަ ހަފުތާގައެވެ. އެގޮތުން މަންމަގެ ރަހިމުގެ ތެރޭގައި ދަރިފުޅަށްޓަކައި ލެވިފައިވާ ރައްކާތެރިކަމުގެ ކޮށީގެ (ފެންދުލީގެ) ތެރޭގައި ހުންނަ ފެން ދަރިފުޅު ބައެއް ފަހަރަށް ބޯނެއެވެ. އަދި މިކަމުގެ ސަބުން ކުޑަކަމުދެވޭނެއެވެ. ދަރިފުޅުގެ ގުރުދާ (ކިޑުނީ) ފުރިހަމަވެ، ގުރުދާގެ ޒަރިއްޔާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ފޮނުވައިދެއެވެ.

އިޙްސާސް ނުވާނޭ އަނެއް ހާއްސަ ކަމަކީ، މިހަފުތާގެ ތެރޭގައި ދަރިފުޅަށް އުކުނޑި ކޮށްޓުމާ ދޭތެރެ ދޭތެރެއިން ކުރިމަތިވުމެވެ. މިދުވަސްވަރުގައި މަންމަ އޭނާގެ ބަނޑުގައި އަތްލައިފިނަމަ އެކަން ދަރިފުޅަށް އިހްސާސްވާން ފަށާނެއެވެ. އަދި މަޑުމަޑުން ބަނޑުގައި ޖަހާލުންފަދަ ޚަރަކާތްތައް ކުރުމުން، ދަރިފުޅަށް ސިހުންލިބުންފަދަ ކަންތައްތައް ދިމާވެއެވެ. ނަމަވެސް، މިޚަރަކާތްތަށް ތިބާއަކަށް އިޙްސާސެއް ނުވާނެއެވެ.

ދަރިފުޅުގެ އިނގިލީގެ ނިޝާން (finger print) އުފެދެން ފަށާނީ ބަނޑަށް 13 ވަނަ ހަފުތާގައެވެ. ދަރިފުޅުގެ ތުނިތުނި ހަމުގެ ތެރޭގައިވާ ލޭނާރުތައް ސާފުކޮށް ފެންނަން ހުންނާނެއެވެ. އެންމެ ހާއްސަ އަދި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ތިބާގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަމުގައިވާނަމަ ، އެކުއްޖާގެ ބިސްރަވާގައި (ovary) ގާތްގަނޑަކަށް 2 މިލިޔަންބިސް ނުވަތަ އެއަށްވުރެ އިތުރަށް ބިސް އުފެދި ރައްކައު ކުރެވިފައި ހުންނާނެއެވެ. ދަރިފުޅުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3 އިންޗިއެވެ.

މަންމަ:

މިދުވަސްވަރު، ތިބާޔަށް އިހުސާސްވާނެ އެއްކަމަކީ، ކުރިއަށްވުރެ ބޮޑަށް ހެލިފެލިވެ އުޅެވޭ ކަމެވެ. އަދި ހަމައެހެންމެ ކުރިން ކުރިމަތިވަމުންދިޔަ މޭނުބައިކުރުމުގެ އުނދަގޫ މަޑުމަޑުން ފިލަމުންދާނެއެވެ. ނަމަވެސް، މިދުވަސްވަރު ބައެއްކުދިކުދި އެހެން އުނދަގޫ ވާން ފަށާނެއެވެ. އެގޮތުން، އެންމެ ގިނަ އަންހެނުންނަށް ދިމާވާ އުނދަގުލަކީ، ބަނޑު ހިކުމުގެ މައްސަލައެވެ. އަދި މޭއެންދުމުގެ މައްސަލައެވެ. މިގޮތަށް ދިމާވަނީ ހަށިގަނޑުގައި އުފެދޭ ހޯމޯންއެއްގެ ސަބަބުން ކާނާ ހަޖަމު ކުރުން ލަސްކުރާތީއެވެ. ގިނައިން ދިޔާތަކެތި ބޯށެވެ. އެއީ އެކަމަށް އޮތް ހައްލެކެވެ.

މޭ އެންދުމާއި ބަނޑު ހަރުވުންފަދަ ކަންކަމުގެ ސަބަބުން، ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް އޮންނާނީ، ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކެއުމަކާ ދިމާލަށް ދިއުން އުނދަގޫވުމެވެ. އެހެންގޮތަކަށް ބުނަނީނަމަ އެފަދަ ކާނާތަކާއި ތިމާ ދުރުވުމެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރު ނުވެހިނގާދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ދާދި އަވަހަށް މިކަން ހައްލަކަށްއެޅިދާނެއެވެ.

މާބަނޑުވިކަމުގެ އަސަރުތައް ބޭރުން ކޮންމެވެސް ވަރަކަށް ފެންނަންފަށާނެއެވެ. ތިބާގެ ސިއްހީއެހީތެރިޔާއަށް، ތިބާގެ ބަނޑުގައި އަތްލައި ދަރިފުޅު ދެނެގަނެވޭނެއެވެ. މިދުވަސްވަރު ދަރިފުޅު އޮންނާނީ، ތިބާގެ ދަށްބަނޑުކޮޅުން ކުޑަކުޑަތަންކޮޅެއް މަތީގައެވެ. ބަނޑަށް 12 ހަފުތާ ފުރޭއިރު ތިބާގެ ހެދުންތަކުގެ ސައިޒާ ބައްޓަމަށް ބަދަލުގެންނަން ޖެހިދާނެއެވެ. ހާއްސަކޮށް، މިއީ ތިބާ ފުރަތަމަ ފަހަރަށް ބަލިވެ އިންނަ ފަހަރުކަމުގައި ނުވާނަމައެވެ. ގަޔަށް ބާރު ހެދުމެއް ލެވޭނަމަ ހާސްވުމާއި މީހާ ފިތުމުގެ އިހާސާސެއް ކުރެވުމަކީ އެކަށީގެންވާކަމެކެވެ. މިކަމަށް ހައްލު ގެނެސްދޭނެ އެއްގޮތަކީ، ގަޔަށް ދޫކޮށް ފަހާފައި ހުންނަ ހެދުމެއް ލުމެވެ. އަދި މާބޮޑަށް ހޫނުވިޔަ ނުދިނުމަށްޓަކައި، ކޮޓަންފޮތީގެ ހެދުން ބޮޑަށް ހިޔާރު ކުރާށެވެ.

ތިބާގެ ބަނޑަށްވާ މުއްދަތު ތިންޓްރިމިސްޓާރ އަކަށް ބަހާލެވޭއިރު 13 ވަނަ ހަފުތާއަކީ، ފުރަތަމަ ޓްރިމިސްޓާރގެ އެންމެ ފަހު ހަފުތާއެވެ. މިހަފުތާ ރައްކާތެރިކަމާއެކުގައި އަދި ދުޅަހެޔޮކަމާއެކުގައި ނިންމާލެވިއްޖެނަމަ، ތިބާގެ ދަރިފުޅު ބައިގެންދިޔުމުގެ ފުރުސަތު ކުރިއަށްވުރެ ކުޑަވެގެންދާނެއެވެ. އަންނަ ހަފުތާގައި ތިބާގެ ދެވަނަ ޓްރިމިސްޓާރ ފެށޭނެއެވެ. ކުރިން އުނދަގޫތަކެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމެއްކަމުގައިވާ، މޭނުބައިކުރުމުގެ އަސަރު ކެނޑިގެން ދާނެއެވެ. ގިނަމީހުންނަށެވެ.

[BOTTOM CONTENT BANNER]
މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Manma aai kuda dhari fulhuge ithuru part thakah vvvvvvvv inthizaaru Kuran.... Plxxxxxxxx avahah liyela dhybala

– 13 ޑިސެމްބަރު 2018 0