ރަށު ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް ކޯލިޝަނަށް، އަތޮޅު ކައުންސިލް އެމްޑީޕީއަށް

26 ޖެނުއަރީ 2014 3

އިހަވަންދޫ ކައުންސިލް އަށް ހޮވިފައިވާ ކެންޑީޑޭޓުން.

މިހިނގާ ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިހަވަންދޫ ރަށުކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް ކޯލިޝަނުން ހޯދައިފި އެވެ. އަދި ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާގެ ދެގޮނޑިވެސް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ދެކެންޑިޑޭޓުން ނެވެ.

އިހަވަންދޫ ރަށު ކައުންސިލަށް ހޮވިފައިވާ 7 ބޭފުޅުން ނަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވި، 3 ކެންޑިޑޭޓުން ނާއި ޕީޕީއެމް އަދި ޖުމުހުރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވި 4 ކެންޑިޑޭޓުން ނެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު އިހަވަންދޫ ރަށު ކައުންސިލުން އެންމެ ގިނަ ވޯޓު ލިބިލައްވައިގެން ކައުންސިލްގެ ގޮނޑި ހޯއްދަވާފައި ވަނީ މިހާރުވެސް ކައުންސިލްގައި ހުންނެވި އެމްޑީޕީގެ މެމްބަރު ޢަލީ ރަމީޒު އެވެ. އެއީ 877 ވޯޓެވެ. 848 ވޯޓާއި އެކު ޕީޕީއެމްގެ ކެންޑިޑޭޓު މުޙައްމަދު ޢާސިފު ދެވަނާގައި ވާއިރު، 794 ވޯޓާއި އެކު ތިންވަނާގައި ވަނީ ޖުމުހުރީ ޕާޓީގެ ކެންޑިޑޭޓު ޢަބުދުލް މުޢީދު އިބުރާހިމް އެވެ. އަދި 784 ވޯޓާއި އެކު ހަތަރުވަނާގައި ޕީޕީއެމްގެ ކެންޑިޑޭޓު އައިޝަތު އަޒުހާރާ އޮތް އިރު، ފަސް ވަނާގައި ވަނީ 783 ވޯޓާއި އެކު އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޝަހީމް އެވެ. 780 ވޯޓާއި އެކު ޕީޕީއެމްގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު ހަވަނާގައި އޮތް އިރު 777 ވޯޓާއި އެކު ރަށުކައުންސިލްގެ ޓިކެޓު ހަތްވަނައަށް ކަށަވަރު ވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު މޫސާ ޢަބުދުލް ލަތީފް އެވެ.

މިހާރު އިހަވަންދޫ ރަށު ކައުންސިލުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިފަހަރުގެ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދަޢުރަކަށް މެމްބަރުކަން ލިބިފައިވަނީ ހަމަ އެކަނި ޢަލީ ރަމީޒު އެވެ.

ހއ. އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއިން ހޮވާ ދެގޮނޑިވެސް ކާމިޔާބު ކޮށްފައި ވަނީ މިހާރުވެސް އެދެގޮނޑި ފުރުއަވަމުން ގެންދަވާ އެމްޑީޕީގެ ދެކެންޑިޑޭޓުން ކަމުގައިވާ މުޙައްމަދު ރަޝީދު އާއި، ޢަބުދުﷲ ހުސެއިން އެވެ. ޢަބުދުﷲ ހުސެއިން އަށް މި އިންތިހާބުގައި 1309 ވޯޓު ލިބިފައި ވާއިރު، މުޙައްމަދު ރަޝީދު އަށް ލިބިފައި ވަނީ 1144 ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބު, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ, ޖޭޕީ އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ ޕީޕީއެމް ކޯލިޝަން. ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ކޯލިޝަނުގެ ގޮނޑި ވަރުގަދަކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަން.

– 26 ޖެނުއަރީ 2014 0

މަރުހަބާ މޫސާ އަބުދުއްލަތީފް

– 26 ޖެނުއަރީ 2014 0

މަރުހަބާ ޝަހީމް..އަހުރެން އެންމެ ހިތް އެދޭ ޒުވާނާ..ހިހިހި..ހަމަ ހަމަ ކޮއް ރައްޔިތުންގެ ވިންދައް މަސައްކަތް ކުރާތި 3>

– 27 ޖެނުއަރީ 2014 1