ނިދިން ހޭލާށެވެ.
ހޭލާންވީ ކޮންނިންޖަކުންތޯއެވެ. ސިޔާސީ ނިދިންނެވެ. ހޭލަމޭލަ އަށް ކޮޅުކޮޅުމައްޗަން ސިޔާސީ ކަންތައްތަކުގައި ރަށުތެރޭގައި ދުވޭއިރު، އިންތިހާބުތައް ބޯމަތިންވަމުން އަންނަ ކަން އަޅުގަނޑުވެސް ދެނެހުރީމެވެ. ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބު ތަކާއި އިލެކްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުން ލައްވައި ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންނާއި އަދި އިދާރީ ދާއިރާގެ މަޖިލިސް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ޢާންމު އިންތިހާބުތަކެވެ. ސިޔާސީ ޕާޓީތަކަށް ބޮޑު އަޤުލަބިއްޔަތު ލިބުނީމާ ފެނުނީ "ޖެއްސުމާއި ޒާތީ ހަޞަދަ" ކުރިއަށް ނެރުނު މަންޒަރެވެ. ސިޔާސީ ޕާޓީއަކުން އިންތިހާބަށް ކުރިމަތި ލުމަކީ ކޮންމެހެން ޕާޓީގެ ޢާންމު ނިންމުންތަކަށް ބޯލެބުމަށް މަޖްބޫރުކުރާ ކަމަކަށްވެއްޖެ ނަމަ، ވޯޓުދިން ރައްޔިތުންގެ ޙައްޤުގައި ތިމާ ބަސްބުނުމުގެ ފުރުޞަތު ގެއްލުނީއެވެ. މުޅި ޕާޓީގެ މަސްލަހަތާއި ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ފުށުއަރާގޮތް މަދުފަހަރެއްގަ ނަމަވެސް ދިމާވެދާނެކަމަށް ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ.
ސިޔާސީ ޕާޓީތައް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އުފަންވުމުން "މެނިފެސްޓޯ" ގެ ލީފު ލެޓާއި ލަވަތައް އާންމުވި މިންވަރު، އިންތިހާބު ތަކާއި ދިމާކޮށް މަގުމައްޗަށް އެޅޭ ކަރުދާހުގެ މިންވަރުން ހާމަވެއެވެ. ނަމަވެސް، ހަޤީޤީ މާނައެކުލެވޭ އާންމުދަނީ ހޯދޭނެ ވަޞީލަތްތައް މި މެނިފެސްޓޯތަކުން ފެންނަލެއް ވަރަށް މަދެވެ. އަދި ކުރާނެ ކަންތައްތަކުގެ ވަޢުދުތަކުގެ ލިސްޓުތައް ހާމަކޮށްލާއިރު މި ހުރިހާ ކަމެއްވެސް ގޮސް ނިމެނީ ދަޢުލަތުގެ ޙަޒާނާއަށް އިތުރު ބުރައަށް ވެގެންނެވެ. ވީމާ، މިފަދަ މެނިފެސްޓޯ ތަކާއި މެދު ސަމާލުވެ، ރައްޔިތުން ސިޔާސީ ނިދިން ހޭލާންޖެހެއެވެ.
ސިޔާސީ ކަންކަމުގައި ތިމާގެ ޤާބިލްކަން ކަނޑައެޅި މިންވަރު ކުރެވިގެން ރައްޔިތުންގެ ކުރިމަތީގައި ދަނީ ތިމާއަށް ލިބޭ ތާޢީދާއި ވޯޓުންނެވެ. ތިމާގެ ތަޢުލީމީ ފެންވަރާއި ރައްޔިތުންނަށް ވީ އިޙްލާޞްތެރިކަމަކުން ނުމެ ނޫނެވެ. ސިޔާސީ މައިދާނުގައި ޢިހްލާޞްތެރިކަމާއި، ހިތްހެޔޮކަމާއި، ވަފާތެރިކަމާއި އަދި ތެދުވެރިކަމަކީ މިހާރު އެހާ މަޢުނަ އެކުލެވޭ ބަސްތަކަކަށް ނުވެއެވެ. ސިޔާސީ ޕާޓީގެ ނިޒާމުއުފެދުމަށްފަހު، ކޮރަޕްޝަނާއި ޙިޔާނާތް މިންވަރު ބެލުމަށް ކުރެވުނު ހުރިހާ ސާރވޭއަކުންވެސް ދައްކަނީ މި ދެކަންތައް އެންމެ މަތީގައި އުޅެނީ ސިޔާސީ ފަރާތްތަކުގައި ކަމެވެ. ވަކިން ޙާއްޞަކޮށް ރައްޔިތުންގެ މަޖިލީސްގެ މެމްބަރުންގެ މެދުގައެވެ. ޓެކްހަށް މަކަރު ހެދުމާއި، ނާޖާއިޒު ފައިދާ ނެގުމާއި، ޙިޔާނާތާއި، ސިޔާސީ ނުފޫޒާއި ބާރުން ނިކަމެތި ރައްޔިތުންނަށް އަނިޔާވެރިވުން މިއަދު މި ރާއްޖޭގައި އާންމުވެފައިމިވަނީ ނުހަނު ކަންބޮޑުވާ ދަރަޖައަށް ކަމަށް ވުމުން، އަޅުގަނޑުމެން ލަދުވެތިވާންޖެހެއެވެ. ދުނިޔޭގެ ޙަބަރު ފަތުރާ ވަޞީލަތްތަކުގެ ސުރުހީ ޙަބަރުތައް ކިޔާލުމުން، މި ފަދަ ޙަބަރެއް ނުލިބޭ ދުވަހެއް ވަރަށް މަދުވާނެއެވެ. އެހެންކަމުން، މިއީ މުޅި ދުނިޔޭގެ ތަބީޢަތު ކަމަށްވެސް ބުނެވިދާނެއެވެ. ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އެއްކުލަބުން އަނެއް ކުލަބުން ކުޅުންތެރިން ޓްރާންސްފަރ މާކެޓުގައި ވިއްކާ ގޮތަށް، ސިޔާސީ ޕާޓިތަކުން މެމްބަރުން ބަދަލުވަމުން ދިޔައީވެސް އަޅުގަނޑުމެން ގެ ލޯމަތީގައިއެވެ. ދިމިގްރާތީ ނިޒާމެއްގައި އޮންނަގޮތް ކަމަށް ނުވިނަމަވެސް، ސިޔާސީ ޕާޓީ ބަދަލުކުރުމުން، އިންތީހާބުވި ގޮޑި ގެއްލޭގޮތަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭނީ ސިޔާސީ ވެށީގެ ނަޒާޙަތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ. ކުރީގެ ރައީސް ނަޝީދު އެ ވިދާލުވާގޮތަށް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި މި ފަހަރު "ފީހޮވަން" ޖެހެއެވެ. މިއީ ހަމަގައިމުވެސް ރައްޔިތުންނަށް އުދަގޫ ކަމެކެވެ. މިފަދަ ދަތި އުދަގޫކަމެއް ކުރުމަށް ސިޔާސީ ނިދިން ހޭލާންޖެހެއެވެ.
ތިމާގެ ވޯޓުގެ ހައްޤަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުކުރިޔަނުދިނުމަށްޓަކައި ސިޔާސީ ނިދިން ހޭލަން ޖެހެއެވެ. އިންތިހާބަކީ ތިމާގެ ނުފުދިފައިވާ މުހުތާދުތައް ފުއްދުމަށްޓަކައި ބޭނުންކުރާ ނިވާފަތް ގަޑަކަށް ހެދުމަށް ވިސްނާނަމަ، ތިމާގެ ވޯޓަށް ނުފޫޒު ފޯރުކުރުމުގެ ފުރުޞަތު ފަހި ކޮށްދެވުނީއެވެ. އަބަދުވެސް ވޯޓުލުމުގެ ޙައްޤު ތިމާ ބޭނުންވާ ގޮތަށް ހިތާ އެއްކޮޅަށް ލައި ، ހިތްހަމަ ޖެހުން ހޯދާށެވެ. ތިމާ ވޯޓުލާ ކެންޑިޑޭޓު ހޮވުން އެއީ ކޮންމެހެން ލާޒިމުކަމެއްކަމުގައި ތިމާ ދެކޭނަމަ، އެއް އިންތިހާބެއްގައި އެއް ކެންޑިޑޭޓަން ވުރެން ގިނައިން ވާދަ ކުރުމުގެ ބޭނުމަތީ ކޮބައިތޯއެވެ؟ އިންތިހާބަކަށް ކުރިމަތިލަނީ ވާދަ ކޮށް އިންތިހާބުގައި ކާމިޔާބީ ހޯދުމަށެވެ.
ރަށްރަށުގެ ރަށު ކައުންސިލަރުން ހޮވުމުގައި މިހާރު ތިއްބެވި ޕާޓީތަކުގެ މަޖިލީސް މެމްބަރުންނަށް ބުރަދަނެއް ހުރި ދައުރެއް އަދާކުރެވިދާނެކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. ވަކިން ޙާއްޞަކޮށް ދާއިރާތަކަށް ނިޞްބަތް ނުވާ މަޖިލިސް މެމްބަރުންނަށް އެއްވެސް ދަޢުރެއް އަދާކުރުވޭނެކަމަށް އަޅުގަނޑުގެ ޟަމީރެއް ޤަބޫލެއް ނުކުރެއެވެ. ރާއްޖޭގެ ގިނަރަށްތަކުގެ އާބާދީ ތިނެއް ހާހާއި ގާތްކުރާއިރު، ތިން ހާސް އަށްވުރެން ގިނަ ޢާބާދީ ތަކަށް 7 ރަށު ކައުންސިލަރުން އިންތިހާބުކުރެވޭ ހިނދު، މި ޢާއިލާތަކުން ނެރޭ ވޯޓާއި ގާތަށް އެއްމެ ވޯޓެއްވެސް މި ފަދަ ބޭފުޅުންނަށް ނެރެވިދާނެހެއްޔެވެ؟ ދާއިރާގެ މަޖިލިސް ގޮޑި ދާއިރާގެ ރައްޔިތަކަށް ދިނުމަށް އަޅުގަނޑަށް ތާޢީދު ކުރެވެނީ މި ސަބަބާހެދިއެވެ. މަންޑޭލާއާއި އެކު، ނަޞްލީ ތަފާތުކުރުންތައް ނިމިގޮސްފައިވާކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް، އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އެމް.ޑީ.ޕީގެ މަޖިލިސް ގޮޑި ގެއްލިގެން ދިއުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމަކަށް ވާހިނދު، ރައްޔިތުން ސިޔާސީ ނިދިން ހޭލުމަށް ގޮވާލަމެވެ.
ޚިޔާލު ފައުޅުކުރުން