[HEADER BANNER]
[AD]

ސްކްރަބް ޓައިފަސް

16 ޑިސެމްބަރު 2013 0

ސްކްރަބް ޓައިފަސް އަކީ ރިކެޓްސިޔާ ސޫސުގަގަމޫޝީ ކިޔާ ޖަރާސީމް އަކުން ޖެހޭ ބައްޔެކެވެ. މިބައްޔަށް ސޫސުގަމުޝީ ބަލި މިހެންވެސް ކިޔައެވެ. ސޫސުގަމުޝީ އަކީ ޖަޕާން ބަހުން ވަކި ދެލަފުޒެވެ. ސޫސުގަަ މިލަފްޒުގެ މާނައަކީ ""ކުޑަ އަދި ނުރައްކާތެރި އެއްޗެއް"" މިއެވެ. މުޝީ މިލަފުޒުގެ މާނައަކީ ""މަޚްލޫޤް ނުވަތަ ދިރޭއެއްޗެއް"" މިއެވެ. އެހެންކަމުން މިބަހުގެ ޖުމްލަ މާނައަކީ ""ކުޑަ އަދި ނުރައްކާތެރި ދިރޭއެއްޗެއް"" މިއެވެ. މިޖަރާސީމް ދިރިއުޅެނީ މީދާ، ހިކަނދި ފަދަ ތަކެތީގެ ކެހެރި ތަކުގެ ތެރޭގައި އުޅޭ ޗިގަރ މައިޓް ކިޔާ ސެއްޅި އެއްގެ ހަށިގަނޑުގައެވެ. މިބަލި ފަތުރާ ސެއްޅި އޭގެ ކާނާހޯދުމަށް އިންސާނުންނާއި އެހެނިހެން ޖަނަވާރުންގެ ގައިގައި ދަތްއެޅުމުން މިބަލި ޖައްސާޖަރާސީމް އެމީހެއްގެ ނުވަތަ އެޖަނަވާރެއްގެ ހަށިގަނޑަށް ވާޞިލްވެއެވެ.

ސްކްރަބް ޓައިފަސް ޖައްސާ ޖަރާސީމް ދިރިއުޅޭ ސެއްޅި ކުރިން ބުނި ޖަނަވާރު ތަކުގެ ކެހެރިތަކުގެ ތެރޭގައި ދިރިއުޅުމުގެ އިތުރުން ޖަންގަލީ ތެރޭގައި ހުންނަ ބައެއް ކަހަލަ ކުނި ބުނި ތަކުގެ ތެރޭގައި ވެސް ދިރިއުޅޭކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް ފަހަރު ބިންގަނޑާއި ވިނަގަނޑުގެ ތެރޭގައި ވެސް ދިރިއުޅެއެވެ. ޚާއްޞަކޮށް، ވާރޭ ވެހިގެން ތެމިފައި ހުންނަ ބިންގަޑުގައި ވަރަށް ފަސޭހަ ކަމާއެކު އާލާވެއެވެ.

މިބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1899 ވަނަ އަހަރު ޖަޕާނުގައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އާންމު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިބަލި އެއްމެ އާންމުކޮށް ފެންނަނީ އިރުމަތީ އޭޝިޔާ އާއި ދިވެހި ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ އިތުރުން އޮސްޓްރޭލިޔާގެ އުތުރު ހިސާބުތަކުންނެވެ.

ދިވެހިރާއްޖެއިން މިބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އައްޑުއަތޮޅުންނެވެ. އިނގިރޭސިން ދިވެހިރާއްޖެ ދޫކޮށްދިޔަ ފަހުން މިބަލި ޖެހިގެން މީހަކު ފަރުވާހޯދައި ނުވަތަ ދުނިޔެ ދޫކޮށްދިޔަކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް 2002 ވަނަ އަހަރުގެ ހުޅަނގު ތެރޭގައި ދިވެހިރާއްޖެއިން ސްކްރަބް ޓައިފަސްގެ ކޭސްތައް ފެންނަމުންދާކަމަށް ސިއްޙީ ދާއިރާއިން ހާމަކުރަންފެށިއެވެ. އަދި އެއަހަރު ޖުލައި – އޮގަސްޓް މަސްތެރޭގައި މިބަލިޖެހިގެން 3 މީހަކު ގދ.ގައްދޫއިން މަރުވެފައިވާކަމަށް ރިޕޯޓް ކުރެވިފައިވެއެވެ. އޭގެ ފަހުން ގާތްގަނޑަކަށް ކޮންމެ އަހަރެއްގެ ޖެނުއަރީ- ފެބްރުއަރީ ނުވަތަ ޖުލައި – އޮގަސްޓް މަސްތެރޭގައި ރާއްޖޭގެ އެކިއަތޮޅުތަކުން މިބަލީގެ ކޭސްތައް ފެނެއެވެ.

މިއަހަރުގެ މިހާތަނަށް އިހަވަންދޫއިން ސްކްރަބްޓައިފަސްގެ ހަތަރު ކޭސް ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 12 – 10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ބަލިޖެހުމުން ފުރަތަމަ ހުންއަންނަނީއެވެ. ސެއްޅި ނުވަތަ މިސޫފި ހެފުމުގެ ސަބަބުން އާންމުކޮށް ދަތިހިސާބެއްގައި ބިއްސެއް ނުވަތަ ފޮޅެއް ނަގާފައި ހުރެއެވެ. މިސޫފި އެންމެ ގިނައިން ހަފަނީ ކިހިލިފަތްދޮށް ނުވަތަ އުކުޅުވަޅު ފަދަ ތަންތަނުގައެވެ. ފޮޅު ނެގުމަށްފަހު ދެންއަންނަ ސްޓޭޖުގައި މަތިބެދިފައިހުރި ފާރުކޮޅުތަކަކަށް ބަދަލުވެއެވެ. މިބަލީގެ ސަބަބުން ހުންއަންނަތާ 5 ވަނަ ދުވަހުހަށިގަނޑުގެ މެދުގައި ރަތްކުލައިގެ ބިހިތަކެއް ފާޅުވާން ފަށައެވެ. އެއަށްފަހު އަތާއި ފަޔަށްވެސް މިބިހިތައް ފެތުރިގަނެއެވެ.

މިބަލީގައި އާންމުކޮށް 3 މަރުހަލާއެއްވެއެވެ. ފުރަތަމަ މަރުހަލާގައި 40 ޑިގްރީއަށްވުރެ މަތީގައި ހުން ހުރެއެވެ. އެއާއިއެކު ހީކެރުވުމާއި ދާހިތްލުން ފަދަ ކަންކަން ދިމާވެއެވެ. އަދި ބޮލާއި މުޅިގައިގައި ރިހުމާއި، ކާހިތްނުވުމާއި ވަރުދެރަވުންފަދަ އަލާމާތްތައް ފެނިގެންދެއެވެ.

ދެވަނަ މަރުޙަލާގައި ހުންކޮށި ދުޅަވެފައި ނުވަތަ ބޮޑުވެފައިވެސް ހުރެދާނެއެވެ. އާންމުކޮށް މިމަރުހަލާގައި ލޯ ރަތްވެއެވެ. ކަރުދޮށާއި ކިހިލިފަތް، އަދި އުކުޅުވަޅުގައި ގޮށްލާފައި ހުރެއެވެ. އަދި ފާރުކޮޅު ފެންނަން ހުންނަ ހިސާބުގައިވެސް މިގޮތަށް ގޮށްލާފައި ހުރެއެވެ. މިމަރުހަލާ ނިމޭއިރު ސެއްޅި ދަތްއެޅި ހިސާބުގައި ފޮޅެއް އުފެދި، އަދި އެފޮޅު ފާރުކޮޅަކަށް ބަދަލުވެ، އެހިސާބުގެ ޓިޝޫތައް މަރުވެގެންދެއެވެ.

ބަލީގެ ފަހު މަރުޙަލާގައި ވާހަކަދެއްކުމަށް އުނދަގޫވެއެވެ. އަދި ކަރަށްފިތި ބާރުވެފައި ހުރެއެވެ. ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް އަސަރު ފޯރައި، މީހާ ތުރުތުރު އަޅާގޮތްވެއެވެ. މީގެއިތުރުން ކުޑަކަމުދާތަކެތި ރީނދޫކުލަޔަށް ބަދަލުވުމާއި، ބީރުވުން ނުވަތަ ކަންފަތުގެ ތެރެއިން އަޑުގޮވާހެން ހީވާނެއެވެ.

އެހެން ބަލިތަކެކޭ އެއްފަދައިން މިބަލީގައިވެސް ކުރީކޮޅުގައި ފަރުވާ ނުދެވިއްޖެނަމަ، ނުރައްކާތެރި ޙާލަތަކަށް މީހާބަދަލުވެއެވެ. އޭގެ ތެރޭގައި ކިޑްނީ ފެއިލްވުން ނުވަތަ މަސައްކަތް ނުކުރުމާއި ހިތުގެ މަސްގަނޑުގެ ބޭރުފަށަލަ ދުޅަވާގޮތް މެދުވެރިވެއެވެ. އަދި ފުއްޕާމޭގައި ޖަރާސީމު އުފެދުމުގެ ސަބަބުން ނޭވާލާން އުނދަގޫވެއެވެ. ލޭގެ ޕްރެޝަރު ދަށްވެ ހިތުގެ ތެޅުން އަވަސް ވުމުގެ ސަބަބުން ޝޮކްޖެހުމަކީ މިބަލީގެ ފަހު މަރުޙަލާގައި ގިނަމީހުންނަށް ދިމާވާ ކަމެކެވެ. އަދި ހޭވެރިކަން ނެތުމާއި، ފަރުވާ ނުކޮށް ލަސްވުމުގެ ސަބަބުން މިހާ މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްކްރަބް ޓައިފަސް އަށް ދެވޭ ފަރުވާ މެދުކަނޑާނުލާ ބޭސް ހުސްވަންދެން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނޫނީ ބަލި ފަސޭހަނުވެ އާލާވާގޮތް ވެއެވެ. ބަލި މުޅިން ފަސޭހަވަންދެން ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމާއެކު، ބަލީގެ ޙާލަތާއި ރަގަޅުވަމުންދާ މިންވަރު ޞިއްޙީ އެހީތެރިޔާއަށް އެންގުން މުހިއްމެވެ.

ސްކްރަބް ޓައިފަސް އިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއްކަންކަން:

ސްކްރަބް ޓައިފަސްއާއި ދެކޮޅަށް އަދި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. ސްކްރަބް ޓައިފަސް އިން ދުރުވެ ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

  • މީދާ، ހިކަނދި ފަދަ (ސްކްރަބް ޓައިފަސް ޖައްސާ ޖަރާސީމް އުފުލާ ސެއްޅި ދިރިއުޅޭ) ޖަނަވާރުތައް މަދުކޮށް ނައްތާލުމުގެ ޕްރޮގްރާމްތައް ހިންގުން
  • ދަނޑުފަދަ ތަންތަނުގައި މަސައްކަތްކުރާއިރު ރައްކާތެރިވުމުގެ ގޮތުން އަންގި، ބޫޓް ފަދަ ތަކެތި ބޭނުންކުރުން
  • ސެއްޅި ފަދަ ތަކެތި ގާތްވިޔަ ނުދިނުމަށްޓަކައި އުފައްދާފައި ހުންނަ ސްޕްރޭ އެތަކެތި އުޅޭ ހިސާބުތަކަށް ޖެހުން
  • ދަނޑުތަކާއި އެހެނިހެން ހިސާބުތަކުގައި ކުނިބުނި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުން: އެއީ މިފަދަ ތަންތަނަކީ މީދާ ފަސޭހައިން އާލާވާނެ ތަންތަނަށްވާތީ އެވެ.
  • ބިންގަނޑަށް ފަނިފަކުސަ މަރާ ސްޕްރޭކުރުން: މިގޮތަށް ހެދުމުން ސެއްޅީގެ ދިރިހުރުމުގެ ބުރުގައި ބިމުގައި ހޭދަކުރާ މަރުހަލާ ފަނާކޮށް ނެތިކޮށްލުމުގައި އެހީއަކަށް ވެއެވެ.
[BOTTOM CONTENT BANNER]
ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ