ގެވަޅު ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެން

29 ސެޕްޓެމްބަރު 2013 4

އިހަވަންދޫން ގޯތި ދޫކުރުން ލަސްވެގެންދަނީ އެއް އަތޮޅުން ލިބެންޖެހޭ މަޢުލޫމާތުތައް ނުލިބިގެންކަމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެއެވެ. އަތޮޅު ތަކުން ބަލާ މަޢުލޫމާތަކީ ގެވަޅަށް އެދި ފޯމު ލާފައިވާ ފަރާތްތަކުން އެއްވެސް ރަށެއްގައި، ގެއެއް އަދި ގެއަކުން ބައެއް ނަމަވެސް ރަޖިސްޓްރީ ވެފައިވޭތޯ ބެލުން ކަމަށެވެ. ސަމީރު މިހެން ވިދާޅުވީ ގެވަޅު ދޫކުރުމުގެ އެންމެހާ ކަންތައްތައް ކުރަމުންގެންދާ ގޮތާއި އަދި މިހާރު އެކަންތައް ގޮސް ހުރި ހިސާބެއް، ގެވަޅަށް އެދި އިހަވަންދޫ ކައުންސިލް އިދާރާއަށް ފޯމު ލާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

 ގެވަޅު ދިނުމަށް އިހަވަންދޫ ކައުންސިލުން ދީފައިވާ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާފައިވާ ފޯމު ހުށަހަޅާފައިވަނީ 335 ފަރާތަކުން ކަމަށާއި އޭގެތެރެއިން ޝޯޓްލިސްޓް ކުރެވިފައިވަނީ ގާތްގަނޑަކަށް 260 ފަރާތްކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އެކައުންސިލުން ބެލި ބެލުމުން މިހާރު މިރަށުން 260 ގޯތި، "40 ފޫޓޫ "40 ފޫޓުގެ ރޭޓުން ދެވެން އެބައޮތްކަމަށާއި އެގޮތަށް ގޯތި ދޫކުރަން ހަމަޖައްސާފައި އެވަނީ މި ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދުމަށް ފަހުގައި ކަމަށެވެ. އަދި ހަމައެއާއެކު މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގެވަޅުތަކުގެ ކޮންމެ ބްލޮކެއްގައި 12 ގެވަޅު ހިމެނެނޭ ގޮތަށް ހަމަޖައްސާފައިވާކަމަށާއި އެގޮތަށް ހަދާފައިއެވަނީ ރަށުން ގެވަޅު ދޫކުރެވޭނެ މިންވަރު އިތުރުކުރުމަށް ކަމަށްވެސް ސަމީރުވަނީ ވިދާޅުވެފައެވެ.

"" މިހާރު ހައުސިން މިނިސްޓްރީން ހުއްދަ ދީފައިވަނީ 60 ގޯއްޗަށް. ނަމަވެސް އަޅުގަނޑުމެން މިބަލަނީ މިހާތަނަށް ގޯއްޗަށް އެދި ލާފައިވާ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަކަށްވެސް ގެވަޅު ދޫކުރެވޭތޯ. އެކަމަކު އޭރުން މިރަށުން ބިން އެށްކޮށްހުސްވާނެ. 260 ގެވަޅުގެ ހުއްދަ ހޯދުމަށް އަޅުގަނޑުމެން މިނިސްޓްރީއާއި ވާހަކަ ދައްކައިގެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން"" ސަމީރު ވިދާޅުވިއެވެ. އަދި އިތުރަށް ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އޭރު ހައުސިން މިނިސްޓްރީން 60 ގޯއްޗަށް ހުއްދަ ދީފައިއެވަނީ އެންމެ ފަހުން ގެވަޅު ދޫކުރި އަހަރުން ފެށިގެން މިހާތަނަށް ކައިވެނި ކޮށްފައިވާ މީހުންގެ ތަފާސްހިސާބުގެ މަށްޗަށް ބިނާކޮށް، އެކައުންސިލުން ފޮނުވާފައިވާ މަޢުލޫމާތަށް ބަލައިގެން އެ މިނިސްޓްރީން ކަނޑައެޅުއްވި އަދަދަކަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭރު ކައުންސިލުން ހުއްދައަށް އެދިފައިވަނީ 100 ގޯއްޗަށެވެ.

" އަޅުގަނޑުމެން މިބަލަނީ ޝަރުޠު ހަމަވާ ކޮންމެ މީހަކަށްވެސް ގެވަޅު ލިބޭނެކަމަށް. މިހާރު މަޢުލޫމާތު ނުލިބޭ އަތޮޅުން ވެސް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ އެ މަޢުލޫމާތުތައް ލިބޭނެކަމަށް އުންމީދުކުރެވޭ. ލިބޭހާއަވަހަކަށް ގޯތި ދޫކުރަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންވަރު އިތުރުކުރަން ހުށަހަޅާނަން. އަދި ހުއްދަ ނުލިބޭނަމަވެސް އެބޭފުޅުންގެ އަތުގައި މިހާރު އެހުރި ހުރިހާ މަޢުލޫމާތުތަކުގެ އެހީގައި އެހެން ކޮންމެވެސް ގޮތަކުން ނަމަވެސް 260 ގެވަޅުގެ ހުއްދަ ލިބޭތޯ މަސައްކަތް ކުރާނަން."" ވަރަށް އުންމީދާއެކު މަޢުލޫމާތުތައް އަޑުއަހަން ދުރުވެތިއްބެވި ފަރާތްތަކަށް ވަރަށް ބޮޑު ޔަޤީންކަމެއް ދެއްވަމުން ވިދާޅުވިއެވެ.

 

ކައުންސިލުން ހާމަކުރައްވާ ގޮތުގައި ގެވަޅު ދޫކުރަން ހަމަޖެހިފައިވަނީ ރަށުގެ އެކި ހިސާބުން ނަމަވެސް މައިގަނޑު ގޮތެއްގައި ގެވަޅު ދޫކުރާނީ ރަށުގެ ހުޅަނގު ފަރާތުގައިވާ ހުސް ބިމުންނެވެ. އަދި ރަށުގެ އެކި ހިސާބުގައި ހުރި މީހުން ނޫޅެ ބޮޑެތި ފޫޓުތައް ހުސްކޮށް ހުރުމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކުރެއްވިއެވެ. ނަމަވެސް ގެވަޅު ދޫކުރަން ފަށާނެ ތާރީޚެއް ކައުންސިލުން ހާމައެއް ނުކުރައްވައެވެ.

 

ގެވަޅު ދޫކުރުން, ކައުންސިލްގެ ރައީސް, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަބްދުއްﷲ ހުސޭނާއި، ރާނާ މުޙައްމަދު އަތޮޅު ކައުންސިލަށް ލައިގެން ވީކަމެއްނެތެއްނު

– 30 ސެޕްޓެމްބަރު 2013 2

އެމްޑީޕީ ވެރިކަމަށް އެރި ދުވަހަކުން ތިކަން ވާނީ

– 1 އޮކްޓޫބަރު 2013 0

ޝަރުޠު ހަމަވާ ދެމަފިރިންވެސް ގޯއްޗަށް އެދި ފޯމު ލާފައިވާނެ. މިޙާލަތުގައި ޢަމަލު ކުރާނެ ގޮތާބެހޭގޮތުން ސުވާލު ނުކުރެވި އޮތުމަކީ ރިޕޯޓް ތައްޔާރު ކުރުމުގައި ކޮރުކަމެއް ކަމުގައި ފާހަގަ ކުރެވޭ.

– 2 އޮކްޓޫބަރު 2013 0

އަތޮޅު ތަކުން ލިބެންޖޭ މައުލޫމާތު ނުލިބިގެން ކަމަށް ސަމީރު ބުނީ . ނަމަވެސް މިހާރަށް ނުލިބި އޮތީ އެއް އަތޮޅުގެ މައުލޫމާތު ކަމަށް އޭނާ ބުނީ. ސުރުހީ ގޯސް

– 2 އޮކްޓޫބަރު 2013 1