ދިވެހިރާއްޖޭގައި ހެޔޮވެރިކަމެއް ޤާއިމްކުރުން - ދިވެހި ރައްޔިތުންގެ އުއްމީދު

13 ޖުލައި 2013 2

އެންމެ އާދައިގެ އިބާރާތުން ދަންނަވާނަމަ، ހެޔޮ ވެރިކަމަކީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އެންމެ މަންފާކުރަނިވި ގޮތަށް ކުރެވޭ ވެރިކަމޭ ބުނެވިދާނެ އެވެ. އެފަދަ ވެރިކަމެއް ކުރަމުން އަންނަ ޤައުމެއްގައި ރައްޔިތުންނަށް އެބައިމީހުންގެ އަސާސީ ޙައްޤުތައް ހޯދުމަށް މިނިވަންކަމާއެކު ބަސް ބުނުމުގެ އިޚްތިޔާރު ލިއްބައިދީ، އެބައިމީހުން ބާރުވެރިވެ އެވެ. ދިމިގްރާތީ ނިޒާމެއްގައި "ހެޔޮ ވެރިކަމަކީ" އެންމެ މުހިއްމު ބަހާ ކަމަށް ޤަބޫލުކުރަންޖެހެ އެވެ. ސަބަބަކީ "ހެޔޮ ވެރިކަން" ޤާއިމް ކުރަނީ ޤައުމުގެ އެންމެހާ ރައްޔިތުންގެ މައްޗައް ކަމުންނެވެ. އަދި ހަރުދަނާ އިޤްތިޞާދެއް ޤާއިމްކުރުމާއި އިޤްތިޞާދީ ފުދުންތެރިކަމަށްވެސް މިފަދަ ހެޔޮ ވެރިކަމެއްގެ ނިޒާމް ވަރަށް މުހިއްމެވެ. މިހެން ކަމުން ބައިނަލްއަޤްވާމީ މާލީ އެހީދޭ އިދާރާތަކުންނާއި ޖަމާޢަތްތަކުން "ހެޔޮ ވެރިކަން" ކުރިއަރުވައި ދިރުވުމަށް މަސައްކަތް ކުރެ އެވެ. މިދަފަ އެއް އިދާރާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އެވެ. ވީހާވެސް ދެފުށްފެންނަ ނިންމުންތަކަށް އަބަދުވެސް އައި.އެމް.އެފް އިން މަރުޙަބާ ކިޔަ އެވެ.

މިދެންނެވި ހެޔޮ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރެވިފައިވާނަމަ ތިރީގައި މިވާ ކަންތައްތައް މުޖުތަމަޢުން އަޅުގަނޑުމެންނަށް ކޮންމެހެން ފެންނަންޖެހެ އެވެ.

  • ފުރިހަމަ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކުގެ ތެރެއިން ހަރުދަނާ މުޖުތަމަޢެއް ޤާއިމްކުރެވި ރައްޔިތުންގެ އުއްމީދުތަކާއި އެއްވަރުގެ މަދަނީ ޚިދުމަތްތަކެއް ފޯރުކޮށްދެވުން
  • ސަރުކާރު ޒިންމާދާރުކުރުވާނެ އަމިއްލަ ވިޔަފާރިތަކާއި މަދަނީ ޖަމާޢަތްތައް އުފަންވުމަށް ފުރުޞަތުދީ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބާރުވެރިކުރުވުން
  • ސަރުކާރުގެ އެންމެހާ ކަންތައްތައް ވީހާވެސް ހާމަކަން ބޮޑު، ދެފުށް ފެންނަގޮތަށް ކުރިއަށް ގެންދިއުން. އަދި މިފަދަ މަޢުލޫމާތު ލިބިމުގެ އާންމު ދޮރުތައް ރައްޔިތުންނަށް ހުޅުވާލެވިފައިވުން
  • ޤައުމުގެ ކުރިމަގު ވަޒަންކުރާ ބަހާތައް ކަމުގައިވާ، ޤައުމީ އުފެއްދުންތެރިކަން ހިފަހަށްޓައި، ވަޒީފާގެބާޒާރު ހަމަ މަގަށް އަޅުވައި އެއްޗެހީގެ އަގުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން. އަދި ޤައުމުގެ ދަރަނި އެކަށޭނެ މިންގަޑެއްގައި ހިފެހެއްޓުން
  • މުދާވެރިކަމާއި ވިޔަފާރީގެ އެއްބަސްވުންތަކަށް ޖާގަދިނުން
  • އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރު ޒިންމާދާރު ކުރުވޭނެފަދަ ސިޔާސީ ނިޒާމެއް ރާވައި ހިންގުން
  • އަސާސީ ޚިދުމަތްތައް އެއްވެސް ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުން
  • އަންހެނުންނާއި ކުޑަކުދިންގެ މަންފާއަށްޓަކައި ސިޔާސަތުތައް ރާވާ ހިންގުން
  • ޢަދުލު އިންސާފު ހަމަހަމަ ކަމާއެކު ޤާއިމް ކުރުމާއެކު، އެމަސައްކަތުގައި ޝާމިލްވާ އެންމެހާ މުޢައްސަސާތައް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރުން

ނަމަވެސް، މި ރާއްޖޭގެ ވޭތުވެދިޔަ ކުރު ދިމިގްރާތީ ސިޔާސީ ހަޔާތުގައި ފެނިގެން ދިޔައީ، ނަމުން "ހެޔޮވެރިކަން"ކޮށް ކަމުން ދިވެހިރައްޔިތުންނަށް "އަހުވަ" ދައްކަމުން ދިޔަ މަންޒަރެވެ. ސިޔާސީ ފިކުރުން ދިވެހި ރައްޔިތުން ތަފާތުކޮށް، ޒަމާންވީ އަހުވަންތަކަމާއި ލޭގެ ގުޅުމަށް ބުރޫ އެރުވި މަންޒަރެވެ. ސިޔާސީ މަޤްޞަދުތައް ހާޞިލްކުރުމަށް މުޅި ޤައުމުގެ ބަޖެޓު، ސިޔާސީ ވާދަވެރިން އަމާޒު ކުރުވި މަންޒަރެވެ. ޤާނޫނޫތައް، ހަމައެއް ލަމައެއް ނެތި ޢަދަދުން ގިނަކޮށް، އިސްފަސްކޮށް ޤާނޫނުތައް ހަދާ ސީދާ ރައްޔިތުމީހާ އަށް ލިބިދޭންޖެހޭ މަންފާތައް ލަސްކުރުވި މަންޒަރެވެ.

ދާދި މިދާކަށް ދުވަހު ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކުރި ސާވޭއަކުން ދައްކާގޮތުގައި ރާއްޖޭގައި ކޮރަޕްޝަން އެންމެ އާއްމުވެފައިވާ މުއައްސަސާ އަކީ ރައްޔިތުންގެމަޖިލިހެވެ. ދެވަނައަށް އެންމެ ބޮޑު ކޮރަޕްޝަން ހިމެނެނީ ސިޔާސީ ޕާރޓީތަކުގައިކަމަށް ވެސް މި ސާވޭއިން ދައްކަ އެވެ. ސާވޭގެ 69 ޕަސެންޓް ބައިވެރިން ދެކޭ ގޮތުގައި ތިންވަނަ އަށް އެންމެ ގިނައިން ކޮރަޕްޝަންގެ އަމަލުތައް ހިނގަނީ ޝަރުއީދާއިރާގަ އެވެ.

ހެޔޮވެރިކަން ކުރުމުގެ ވާހަކަދައްކާ އިރު، މި ޤައުމުގައި ހެޔޮވެރިކަމެއް ޤާއިމް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ "ނަގޫ ފިތި ބާރުވެފައިވާ ސިޔާސީ ވެރިން" ތިބުމުންނެވެ. ބޮޑެތި ދަރަނިވެރިންނާއި، ދިވެހި ދައުލަތަށް ޓެކްސް ނުދައްކާ ވިޔަފާރިވެރިންނެވެ. ކޮރަޕްޝަންގެ ހައްދެއް ނެތް މިންވަރަށް ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ވެރިންނެވެ. ބަރަހަނާވެފައިވާ ވެރިންނެވެ. ވީމާ، ހެޔޮވެރިކަން ޤާއިމްކުރުމަށް ތިބި ވެރިންގެ ހާލަތު މިގޮތަށް ހުރި އިރު، "ހެޔޮ ވެރިކަމުގެ" ވާހަކަ އެވެރިން ދެއްކުމަކީ ލަދުވެތިކަމެކެވެ. އަދި "ހެޔޮ ވެރިކަމެއްގައި" ދިރިއުޅުން ރައްޔިތު މީހާ ބިނާ ކުރުމަށް ވިސްނުމަކީ ކުރަން އެކަށީގެންވާ ވަރުގެ ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް މި ޤައުމުގައި ވެފައި ވަނީ "ވަކި ފަރުދެއް" ވަށައިގެން އެބުރޭ، ވަކި ފަރުދެއްގެ މަޞްލަޙަތު ހިމާޔަތްކުރާ، ޖަމިއްޔާއަކަށެވެ. ޤައުމިއްޔަތުގެ ވާހަކަދައްކަން ކެރޭ ހަމަ އެއްވެސް ސިޔާސީ ޕާރޓީއެއް ނެތެވެ. ޒާތީ މަސްލަހަތު ކުރިއަރުވައި ދިރުވަމުން، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުން އަބަދުވެސް ކުރަމުން ގެންދެ އެވެ.

 ވީމާ، ރައްޔިތު މީހާ އެދޭ "ހެޔޮ ވެރިކަން" މި ޤައުމުގައި އުފެދުމަށްޓަކައި އެތައް އަހަރު ތަކެއްގެ ރާސްތާ ބޭނުންވެ އެވެ. އަދި މިކަމަށް މިހާރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން ފުރުޞަތު ދޭން ޖެހެ އެވެ. މިފަދަ ފުރުޞަތު ރައްޔިތުންނަށް ނުދީފިނަމަ، އެ ފުރުޞަތު ރައްޔިތުން ހޯދާނެކަން ކަށަވަރެވެ. މިއީ މާޟީގައި ދުނިޔޭގެ ޤައުމުތަކުގެ ތާރީޚުން ހެކިދީފައިވާ ކަމެކެވެ.

ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހެޔޮވެރިކަން ކުރުމަށް އޯގާތެރި މަހުޖަނަކާ ގައުމުގެ ތަހުތު ހަވާލުކުރާށެވެ.

– 13 ޖުލައި 2013 4

ހިޔާލު ފާޅުކުުރުމުގެ މިނިވަންކަން ލިބިފައި އޮވެ އެ ހިޔާލު އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤަވާއިދުތަކާ ހިލާފުވުމެއް ނެތްކަމަކުވެސް މި ސައިޓުން ހިމަނަނީ ބޭނުން ފަރާތެއްގެ ޚިޔާލު. މިނިވަންކަމެއް ނެތް....

– 14 ޖުލައި 2013 2