[HEADER BANNER]
[AD]

އުގެނޭށެވެ. އުގަންނައިދޭށެވެ.

6 ޖުލައި 2013 0

ކުރީގެ ރައީސް ނަޝީދު އިހަވަންދޫ މަދަރުސާގެ ސްކައުޓުންނާ ސަލާން ކުރަނީ / ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

ލިޔުނީ: ފާތިމަތު ނާހިދާ، ހދ. ކުމުންދޫ

އިންސާނާ ދުނިޔެއަށް އުފަންވަނީ އެކައްޗެއްވެސްނޭގޭ މަހުލޫޤެއްގެގޮތުގައެވެ. އެހެންނަމަވެސް އޭނާ ދުނިޔެއަށް އުފަންވާ ފުރަތަމަ ދުވަހުން ފެށިގެން ކަންތައްތައް އުގެނޭން ފަށައެވެ. އަދި އޭނާގެ ވަށައިގެންއުޅޭ އެންމެން އޭނާއަށް އުގަންނައިދޭން ފަށައެވެ. އެކުޑަކުޑަ މައުސޫމް ކުއްޖާގެ ހިތަށް އަރާ އެއްޗެހި ނޭގުނުކަމުގައިވިޔަސް އެކުއްޖާގެ މައިންބަފައިން ރެޔާއިދުވާލު އެކުއްޖާއަށް ހޭހަށްކުރަން ތިބެއެވެ. އެކުޑަކުޑަ ދަރިފުޅުގެ މަޑުމަޑު ކޯތާފަތުގައި މަންމަ ފިރުމާލަނީ އުފަލުން ފުރިގެންވާ ހާލުގައެވެ.

އެދަރިފުޅު މަޑުމަޑުން ފަރާތްފަރާތަށް އެބުރެން ފަށައެވެ. ބައެއްފަހަރު ރޯން ފަށައެވެ. މަޑުމަޑުން ދިމަދިމާބަލަން ފަށައެވެ. ފިރުކުމުގެ މަރުހަލާ ކަޑަތުކުރުމަށްފަހު ހިގުމުގެ މަރުހަލާވެސް ކަޑަތުކުރަނީ ވަރަށްގިނަކަންތައްތަކެއް ދަސްކުރަމުންނެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ “ދުނިޔޭގައިވާ އެންމެބުރަ އަދި އެންމެއުނދަގޫ ކަމަކީ ކޮބައިބާވައެވެ؟” އާދެހެވެ! އެއީ އުގެނުމާއިއުގަންނައިދިނުން ކަމާމެދަކު އެއްވެސް ސައްކެއްނެތެވެ.

ކޮންމެމަންމައަކީ އެދުރެކެވެ. ސަބަބަކީ ކުއްޖަކު ތަރުބިއްޔަތުކުރުމުގެ ހުރިހާ އުކުޅުތަކެއް ލިބިފައިވާތީއެވެ. ހެޔޮކަންތަކާއި ނުބައިކަންތައްތައްވެސް ބުނެދެނީމަންމައެވެ. ކުރަންވީ ކަންތަކާއި ނުކުރަންވީކަންތައް ބުނެދެނީވެސް މަންމައެވެ. މީހުންބުނެއެވެ. ރަންމެޑެލާއި ރިހިމެޑެލާއި އަދި ސިލްވަރ މެޑެލްވެސް ލިބެންވީ މަންމައަށެވެ.

މަންމައަށްފަހު ކުއްޖާއާއި ހިނިތުންވެފައިވާ މޫނަކާއެކު ބައްދަލުކުރަނީ މުދައްރިސެވެ. މުދައްރިސުންނަކީ ވަރަށް ޒިންމާބޮޑުބައެކެވެ. އަދި އެހާމެ ބުރަކޮށް އުޅެންޖެހިފައިވާ ބައެއްވެސް މެއެވެ. ތަފާތު ފޮތްތައްކިޔާ ހަދަންޖެހެއެވެ. ފިލާވަޅަށް ތައްޔާރުވާން ޖެހެއެވެ. ފިލާވަޅަށް ބޭނުންވާ އިތުރުއެހީ ހޯދަންޖެހެއެވެ. ކުދިން ޝައުޤުވެރިވާނީ ކޮންގޮތަކަށް ފިލާވަޅު ގެންދިޔައީމާތޯވެސް ވިސްނާ ދިރާސާކުރަންޖެހެއެވެ. އަދި ކުދިންނަށް ބުނެދޭންއުޅޭ އެއްޗެއް އެންމެ ފަސޭހައިން ނަގައިގަނެވޭނެގޮތަކީ ކޮބައިތޯވެސް ބަލަންޖެހެއެވެ. އަދި ތަފާތު އުކުޅުތައް އުގެނޭންޖެހެއެވެ.

ދެން އޮތީ ކުދިންގެރޯލެވެ. ކިޔެވުގެ މަރުހަލާގައި ތަފާތުމިޒާޖުގެ ކުދިންނާ އަދި މުދައްރިސުންނާވެސް ބައްދަލުވެއެވެ. ކޮންމެމީހަކީ ތަފާތު މީހެކެވެ. ކުލާހެއްގެ ތެރޭގައި ތިބެނީ އެކިފެންވަރުގެ ކުދިންނެވެ. ބައެއްކުދިންނަށް ބައެއްފިލާވަޅުތައް އުނދަގޫވެއެވެ. ކިޔާކިޔާވެސް ދަހެއް ނުވެއެވެ. މިމައްސަލަ ހައްލުކުރާނީ ކިހިނެއްބާއެވެ؟ ފިލާވަޅު ދަސްކުރަން އެންމެ ފަސޭހަ ގޮތަކީ ކޮބައިބާއެވެ.؟ މީކޮންމެ ކިޔަވާ ކުއްޖެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ.

ދަސްކުރަން އެންމެފަސޭހަވާނީ މުދައްރިސު ފިލާވަޅު ކިޔާދޭވަގުތު ކަނުލާ އަޑުއަހައިގެންނެވެ. މުދައްރިސު ފިލާވަޅު ކިޔާދޭވަގުތު ކުރުނޯޓް ނެގުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ސަބަބަކީ އޭރުން ފަހުން ބަލާލަން އޭހުންނާނެތީއެވެ. އަދި މުދައްރިސު ފިލާވަޅު ކިޔާދެމުންދާއިރު ކުދިން ތިބެންވާނީ ވަރަށް “ކަމާވެގެންނެވެ”. ގިނަގިނައިން ސުވާލު ކުރުމާއި ލިބޭޖަވާބު ހަނދާނުގައި ހަރުލެއްވުމަކީވެސް ވަރަށްބޭނުންތެރި ކަމެކެވެ. އަދި މުދައްރިސު ފިލާވަޅު ނަގާދޭތާ 24 ގަޑީއިރުހަމަނުވަނީސް ދެވަނަފަހަރަށް ފާހަގަކުރި ނުކުތާތައް ކިޔާލުމަކީ ވަރަށް މުހިންމުކަމެކެވެ.

ކޮންމެމީހަކުވެސް އެމީހަކަށް އެގިފައިވާ އެއްޗެއް އެހެންމީހަކަށް އަންގާދިނުމަކީ ތިމާއަށް ލިބިފައިވާ ޢިލްމު އުނިވާ ކަމެއް ނޫނެވެ. އަދި ކޮންމެކަމަކީވެސް ތިމާއެކަމަކަށް އަޒުމް ކަނޑައަޅާ އެއަޒުމުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބު ވާނެކަމެކެވެ. އެހެންކަމުން މަސައްކަތް ކުރާށެވެ. ކާމިޔާބުވާނެއެވެ. އުގެނޭށެވެ. އަދި އުގަންނައިދޭށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ