ސަލީމު ދޫކޮށްލުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި


އިބްރާހީމް ސަލީމް މެދުގައި.. ފުޓް ބޯޅައިގެ ގިނަ ހަރަކާތްތަކުގައި ސަލީމް ބައިވެރިވޭ

ކުޑަ ފިރިހެންކުދިން ތަކަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރު އިހަވަންދޫން ހައްޔަރުކުރި މ. މުލި، ބްލޫވެއިޓް / އިބްރާހީމް ސަލީމް ހައްޔަރުން ދޫކޮށްލާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު ޙުކުމްކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެވި ނިޔާ ކަނޑައެޅުނު މި ޤަޟިއްޔާ އަކީ އިބްރާހީމް ސަލީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤު ނިމިފައި ވާތީ އާއި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ދެއްކިފައި ނުވާ ކަމަށް ބުނެ 8 މެއި 2013 ވަނަ ދުވަހުން ފެށިގެން އޭނާ ބަންދުން ދޫކޮށްލުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައި އަމުރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު: 2009/12 (ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލު ކުރުމުގެ ޤާނޫނު) އާއި، "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ނުކޮށް ކަމަށް ފެންނާތީ ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި އިސްތިޢުނާފީ މައްސަލައެކެވެ.

މި މައްސަލަ ނިންމުމުގައި ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައި ވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" ގައި ބަޔާންވެފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދީފައި އޮންނަ ބާރެއް ކަމަށާއި، މިގޮތުން ކަނޑައަޅާ ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ކަނޑައެޅި ކަނޑައެޅުމެއްކަން ސާބިތުނުކޮށް ދެވޭހާ ހިނދަކު އެ ކަނޑައެޅުމަކީ އިސްތިޢުނާފީ ކޯޓަކަށް ބަދަލުގެނެވޭނެ ކަނޑައެޅުމެއް ނޫންކަމަށާއި، މި ގޮތުން މި މައްސަލާގައި ބަޔާންކުރެވޭ އަމުރު ނެރެފައި ވަނީ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ވަޒަންކުރަން ޖެހޭނެ ކަންކަންކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތަކުގެ ބޭރުންކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބެއް މި މައްސަލާގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި، އަދި ޤާނޫނު ނަންބަރު: 2009/12 (ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލު ކުރުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތެއް ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓަން ޖެހެނީ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ޚާއްޞާ އުޞޫލަކުން ޚާއްޞަ އިޖުރާޢަތުތަކަކަށް ޢަމަލުކުރުމުން ކަމަށްވި ނަމަވެސް، މި މައްސަލާގައި ފުލުހުން ޢަމަލުކޮށްފައި ވަނީ ޖިނާޢީ ތުހުމުތެއް ކުރެވިފައިވާ މީހެއް ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރަން ޖެހޭ ޢާއްމު ޖިނާޢީ އިޖުރާޢަތުތަކާ އެއްގޮތަށް ކަމަށްވާތީ މި މައްސަލާގައި ޙަވާލާދެވުނު ޤާނޫނުގައި ބުނާފަދަ ޚާއްޞަ ހަމައެއް ފަނޑިޔާރު ކަނޑައަޅަން ޖެހޭނެ ތަނެއް ނެތްކަމަށެވެ.

އިހަވަންދޫ ޑޮޓް ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ މައްޗަށް ތުހުމަތުވި މައްސަލައިގެ ތަޙްޤީޤު ނިންމައި މިހާރު ވަނީ އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން, ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ