[HEADER BANNER]
[AD]

މަންމައާއި ކުޑަދަރިފުޅު – ފުރަތަމަ 4 ހަފުތާ


ބަނޑަށް ހަތަރު ހަފުތާގައި ދަރިފުޅު ސިފަކުރެވޭނީ ގަނޑުލޭކޮޅެއްގެ ސިފާގައި

ޑޮކްޓަރަށް ދެއްކުމަށްފަހު ހަދާ ޓެސްޓްތަކެއްގެ އެހީގައި ބަލިވެއިންކަން ދެނެގަނެވޭނެއެވެ. އަދި ހަމައެހެންމެ، އެއަށްފަހުގައި ބައެއް އިތުރުމަޢުލޫމާތު ޑޮކްޓަރު ދެނެގަންނާނެއެވެ. އޭގެތެރޭގައި މާބަނޑުމީހާއާބެހޭ މަޢުލޫމާތު، ކުރިން ބަލިވެ އިނދެފައިވާ މީހެއްނަމަ، ކުރީފަހަރު ފަހަރު، މުޙިއްމު އެއްވެސް ކަމެއް ދިމާވެފައިވޭތޯ ސުވާލުކުރާނެއެވެ. އަދި ހަމަ އެހެންމެ، ސިއްރުކުރުމަކާނުލާ އެހުރިހާ މަޢުލޫމާތެއް ޑޮކްޓަރާ ހިއްސާ ކުރަންވާނެއެވެ. ޖެހިލުންވެގެން ނުވާނެއެވެ.

ބަނޑަށް ވީދުވަސް އޮޅުންފިލުވުމަށްޓަކައި، އެންމެ ފަހުން މައްސަރުކަންތައް ޖެހުނުދުވަސް (އެލް.އެމް.ޕީ) ޑޮކްޓަރު އޮޅުން ފިލުވާނެއެވެ. އެއީ މިހާރު ބަނޑަށްވީދުވަސް ދެނެގަތުމަށާއި ވިހާނޭ ތާރީޚް ލަފާކުރުމަށްޓަކައެވެ. އެހެންކަމުން ކުރިންލިޔެފައިވާ ލިޔުމުގައި އިޝާރާތް ކުރިފަދައިން އެންމެފަހުން މައްސަރުކަންތައް ޖެހުނު ތާރީޚް ހަނދާން ބެހެއްޓުން ވަރަށް މުޙިއްމެވެ.

ބަލިވެއިންކަން ޔަޤީންވުމަށްފަހު އިތުރު އުނދަގުލެއް ނުވަތަ މައްސަލައެއް ކުރިމަތިނުވާނަމަ، އާދަވެގެން ކޮންމެ މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަންވާނެއެވެ. ވިހަން ގާތްވުމުން މިއަށްވުރެ އަވަސް އަވަހަށްވެސް ޑޮކްޓަރަށް ދައްކަންޖެހޭނެއެވެ. ޑޮކްޓަރަށް ދައްކާ ކޮންމެފަހަރަކު ކުޑަކަމުދާ ތަކެތީގެ ޓެސްޓްތަކެއް ކުރާނެއެވެ. ބައެއްފަހަރު ލޭގެ ޓެސްޓެއްވެސް ހަދާފާނެއެވެ. އަދި ހަމައެހެންމެ ތިމާގެ ބަރުދަނާއި، ވިންދުހުރި މިންވަރާއި، ލޭގެ ޕްރެޝަރުވެސް ޗެކުކުރާނެއެވެ. މިހުރިހާކަމެއް ނޯޓްކުރުމަށް ހާއްސަފޮތެއް (ޗައިލްޑް ހެލްތު ރެކޯޑް) ވެއެވެ. ޑޮކްޓަރަށް ދެއްކުމަށް ދުރުވާއިރު މިފޮތް ގެންދިޔުމަށް ހަނދުމަކޮށްދެމެވެ.

ކުޑަކަމުދާ ތަކެތި ޓެސްޓްކުރަނީ ލޭގައި ހަކުރުހުރި މިންވަރު އޮޅުންފިލުވުމަށެވެ. އެހެނީ، ހަށިގަނޑުގައި ހަކުރުހުރި މިންވަރު މައްޗަށް ދިއުމަކީ، ތިބާއަށާއި، ތިބާގެ ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވެދާނޭ ކަމެކެވެ. އަދި ހަމައެހެންމެ އެއްވެސް ބާވަތެއްގެ ޖަރާސީމެއް އަށަގެންފައިވާނަމަ އެކަމެއްވެސް ދެނެގަނެވޭނެއެވެ. މިއާއެކުގައި ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިތޯ ޓެސްޓްކޮށް އެކަން ޔަޤީން ކުރެވޭނެއެވެ. ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުމަކީ، ބައްޔެއްގެ އަލާމާތެކެވެ.

ދަރިފުޅު:

ބަނޑުގައިވާ ދަރިފުޅު އަށަގަތުމުގެ ފުރަތަމަ މަރުހަލާ ކަޑައްތުކުރަނީ ފުރަތަމަ 4 ހަފުތާގެ ތެރޭގައެވެ. ދަރިފަނީގެ ދަތުރު ފުރިހަމަކޮށް ބިހާ ބައްދަލުވާނީ 2 ނުވަތަ 3 ވަނަ ހަފުތާގެ ތެރޭގައެވެ. މިހާ ހިސާބުން ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެއެވެ. ނަމަވެސް، ގަނޑުލޭކޮޅެއްގެ ސިފައިގައިވާ ކުޑަކުޑަ މަހުލޫގު ސުކޭންއެއްގެ އެހީގައިވެސް ދެނެގަތުންވާނީ އުނދަގޫ ކަމަކަށެވެ. ދަރިފުޅުގެ ބޮޑުމިނަކީ، ޕިން އެއްގެ ބޮލުގެ ބޮޑުމިނެވެ. ނުވަތަ ދަރިފުޅުވާނީ ދޮނަޅަ ފުކެއްގެ ބޮޑުމިނުގައެވެ. މިކުޑަކުޑަ ގަނޑު ލޭކޮޅު އުފެދިފައިވަނީ ގާތްގަނޑަކަށް އެންމެ 100 ސެލް އެކުވެގެންނެވެ. ނަމަވެސް ވަރަށް ހަލުވިކަމާ އެކުގައި ދަރިފުޅު އުފެދި ބޮޑުވަމުން ދާނެއެވެ.

 

މަންމަ:

އެއްވެސް ތަފާތެއް އިހްސާސް ނުވެދާނެއެވެ. އަދި ދަރިފުޅު އަށަގަތްކަން ނޭނގިވެސް ދާނެއެވެ. ނަމަވެސް، 4 ވަނަ ހަފުތާއާ ހަމައަށް އަންނައިރު ވަރަށް ހަލުއި މިނެއްގައި ބަނޑުގައިވާ ގަނޑުލޭކޮޅު އުފެދެމުން، ސެލްތައް ގިނަވަމުންދާނެއެވެ. އާއްމުކޮށް މައްސަރުކަންތައް ޖެހުން ލަސްވެ، ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހެދުމަށްފަހު، ބަލިވެއިންކަން ޔަޤީންކުރަނީ ބަނޑަށް 3 ހަފުތާގައެވެ. އެހެނީ، ދަރިފުޅު ބަނޑުގައި އަށަގަންނަން ފަށާނީ، އެންމެ ފަހުން މައްސަރުކަންތައް ޖެހުނު ދުވަހުން ފެށިގެން 14 ވަރަކަށް ދުވަސް ފަހުންނެވެ. މާނައަކީ، ޑޮކްޓަރުން ބަނޑަށްވީދުވަސް ގުނާއިރު، ދަރިފުޅުގެ އުމުރަށް އިތުރު ދެހަފުތާ ލާފައިވާނެއެވެ. ނަމަވެސް، ބަނޑަށްވީދުވަސް ގުނާނީ، އެންމެ ފަހުން މައްސަރުކަންތައް ޖެހުނު ދުވަހުން ފެށިގެންކަމުގައިވާތީ، މިލިޔުމުގައިވެސް، އަލިއަޅުވާލާ ބަލައިލާނީ އެގޮތަށެވެ. މި4 ހަފުތާ ނިމޭއިރު ގާތްގަނޑަކަށް ތިބާގެ ބަނޑަށް 1 މަސް ފުރިހަމަވީއެވެ.

 

ދިމާވެދާނެ އުނދަގޫތަކާއި އެކަންތައްތަކާ ކުރިމަތިލުން:

ކުދިކުދި އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ ފުރަތަމަ 4 ހަފުތާ ނިމުމުންނެވެ. މާބަނޑުވިކަމުގެ ދެވަނަ ނިޝާނެއްގެ ގޮތުގައި އާއްމުކޮށް، އެންމެންވެސް ފާހަގަކުރާ އެއްކަންތައް ކަމުގައިވާ މޭނުބައިކޮށް ހޮޑުލުމުގެ އުނދަގޫ ތަހައްމަލު ކުރަންޖެހެނީ ބަނޑަށް 4 ހަފުތާގެ ފަހުންނެވެ. ނުވަތަ 1 މަސްވުމަށް ފަހުގައެވެ. މާގިނައިން މޭނުބައިކޮށް ހޮޑުލެވޭނެމަ، ހިކިފާރޮށި، ލޮނުބިސްކޯދުކަހަލަ ކާއެއްޗެހި ގިނަކޮށްލެވިދާނެއެވެ.

މޭނުބައިކޮށް ހޮޑުލެވޭކަމަށްބުނެ، އެއްޗެއް ނުކާ ހުރުމަކީ ހައްލެއްނޫނެވެ. އޭރުން ހުސްބަނޑާ ހުރުމުގެ ސަބަބުން، ބަނޑުގައި ގޭސް އުފެދި މާބޮޑަށް ހޮޑުލަވާގޮތްވާނެއެވެ. ގިނަގިނާން ދިޔާ އެއްޗެހި ބޯށެވެ. އޭރުންވެސް، މިކަމަށް ލުޔެއް ލިބިދާނެއެވެ.

ނޯޓް: މާބޮޑަށް ހޮޑުލެވި ވަރުދެރަވާގޮތްވާނަމަ، ސިއްހީއެހީތެރިއެއްގެ ލަފާއާއި އިރުޝާދު މުޙިއްމުވާނެއެވެ.

[BOTTOM CONTENT BANNER]
މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ