މަންމައާއި ކުޑަދަރިފުޅު – ބަލިވެއިންކަން ޔަޤީންކުރުން
ވިހާ އުމުރުގެ ކޮންމެ އަންހެނަކުވެސް އެމީހަކަށް އެންމެ ފަހުން މައްސަރުކަންތައް ޖެހުނު ތާރީޚެއް ފާހަގަކުރުމަކީ ވަރަށް މުޙިއްމުކަމެކެވެ. ހަނދާން ނެތިދާނެކަމަށްޓަކައި ނޯޓްކޮށްލެވިދާނެއެވެ. ސަބަބަކީ، ބަލިވެ އިންކަމުގެ ފުރަތަމަ އަލާމާތަކީ މައްސަރުކަންތައް ނުޖެހުމެވެ. ޤަވާއިދުން މައްސަރުކަންތައް ޖެހޭ އަންހެނަކުނަމަ، މައްސަރުކަންތައް ޖެހޭ ދުވަސް ފާއިތުވުމުން، ބަލިވެ އިންކަމަށް ޝައްކުކުރެވެއެވެ.
ނަމަވެސް، ބަލިވެއިންކަމަށް ޝައްކުރެވޭނަމަ ވީހާ އަވަހަކަށް އެކަން ޔަޤީން ކުރުން ވަރަށް މުޙިއްމެވެ. ސަބަބުތައް ބައިވަރެވެ.
ފުރަތަމަ ކަމަކީ، ތިމާބަލިވެއިންކަން ޔަޤީންވުމުން، ތިމާގެ ހަށިގަނޑަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށް އެޅޭ ބާރަކަށް އެކަން ވެގެން ދިއުމެވެ. އެހެނީ، މައިމީހާގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ، ދަރިފުޅު ފުރިހަމައަށް އުފެދުމައްޓަކައި ވެދެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ.
ބަލިވެއިންކަން ޔަޤީންވުމުން މާބަނޑު ދުވަސްވަރު ކުރިމަތިލާންޖެހޭ އުނދަގޫތަކާއި ކުރިމަތިލުމަށް ފަސޭހަވެގެންދާނެއެވެ. އަދި ހަމައެހެންމެ ތިމާއަށް ހެދިދާނޭ ގޯހަކުން ރައްކާތެރިވުމަށްވެސް، އެހީއަކަށް ވެގެންދާނެއެވެ. މިސާލަކަށް މައިބަނޑުމީހާ ކާންނުޖެހޭ ބޭހެއްކެވިގެން ދަރިފުޅު އައިބުވުން، ނުވަތަ އުފެދުމުގައި އުނިކަން ހުރުން، ނުވަތަ ބައިގެންދިޔުންފަދަ ކަންކަން ހިމެނެއެވެ.
ބަލިވެއިންކަމުގެ އަލާމާތް ތަކުގެތެރޭގައި ބައެއްކަންކަން ނޯޓްކުރެވިފައިވެއެވެ. ނަމަވެސް، ހަގީގަތަކީ، މިއިން ކޮންމެކަމެއްވެސް، ކުރިމަތިވަނީ އެކިމީހުންނަށް އެކިމިންވަރަށް ކަމެވެ. އަދި ހަމައެހެންމެ، މީގެތެރެއިން ބައެއް ކަންކަން ފާހަގަނުކުރެވިވެސް ހިނގާދާނެއެވެ. މިކަންކަމަކީ، ބަލިވެއިނުމައި ވިއްދައިގެން ހަށިގަނޑުގައި އުފެދޭ ހޯމޯންސްތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ. މިކަންކަމަކީ، އެއްގޮތަކަށްވެސް ފިކުރުބޮޑުވަންޖެހޭ ކަންތައްތަކެއް ނޫނެވެ.
މިކަންތައްތަކުގެތެރޭގައި:
1- ވަރުބަލިވުން.
2- މޭނުބައިކުރުން / ހޮޑުލަވައިހެން ހީވުން / ހޮޑުލެވުން.
3- އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން.
4- ކުދިކުދި ކަންކަމާ ހާސްވުން، އަދި ރުޅި އަންނަގޮތްވުން.
5- އުރަމަތި ވާންވާގޮތްވުން / ނުވަތަ ތަދުވުން
6- ވައްގަނޑު ކަޅުވުން.
ބަލިވެއިންކަން ޔަޤީންކުރުމަށްޓަކައި، ޒަމާނީ ޓެސްޓްތަކުގެ އެހީގައި ވަރަށް އަވަހަށް ޔަޤީންކޮށް ދެނެގަނެވެއެވެ. މައްސަރުކަންތައް ނުޖެހިލަސްވާތާ 2 ދުވަސް ނުވަތަ 3 ދުވަސްފަހުން، ލޭގެޓެސްޓެއްގެ އެހީގައި އެކަން ދެނެގަނެވެއެވެ. އަދި ހަމައެހެންމެ ބޭސްފިހާރަތަކުން ގަންނަން ލިބެންހުންނަ، ކިޓެއް (ޕްރެގުނަންސީ ޓެސްޓް ކިޓް) ގެ އެހީގައި، މައްސަރުކަންތައް ނުޖެހި ލަސްވާތާ ހަފުތާއެއްގެ ތެރޭގައި އެކަން ދެނެގަނެވެއެވެ. މިފަދަ ކިޓެއްބޭނުންކޮށްގެން ގޭގައިވެސް ޓެސްޓެއް ހަދާލެވިދާނެއެވެ. ނަމަވެސް، ޑޮކްޓަރަށްދައްކާ އެކަން ޔަޤީންކުރުން ވަރަށް މުޙިއްމެވެ.
ބަލިވެ އިންކަމުގައިވާނަމަ ތިބާއަށް މަރުޚަބާ ކިޔަމެވެ. މިހާރު ތިބާ ކުރިމަތިލާން ތިޖެހުނީ ބޮޑުބަދަލަކާއެވެ. ހިތްވަރާއެކުގައި ކުރިއަށްދާށެވެ. ކުރިއަށްދެންއޮތީ އިންތިޒާރުގެ ދުވަސްތަކެކެވެ.
ޚިޔާލު ފައުޅުކުރުން