ސަމްސޮންގްގެ ލެނބޭ ސްކުރީން

ފޯނުއުފެއްދުމުގައި ބޮޑުކުރިއެރުމެއް ހޯދާފައިވާ ސައުތުކޮރެއާގެ  ސަމްސޮންގް ކުންފުނީގެ އައުއުފެއްދުމެއް ކަމަށްވާ، ލަންބާލުމުގެ ގާބިލްކަން ލިބިފައިވާ، ސުކުރީން ވެގެންދިޔައީ 2012 ވަނަ އަހަރުގެ ކޮންޒިއުމާރ އިލެކްޓރޯނިކްސް ޝޯގައި މިއަހަރު އެންމެ ގިނަބަޔަކަށް ހައިރާންކަން ގެނުވި އުފެއްދުމަށެވެ. އަދި އެންމެ ބޮޑު ތަރުޙީބެއްވެސް ލިބިފައިވާ އެއް އުފެއްދުމަށެވެ.

އެގޮތުން ސަމްސޮންގް ކުންފުނިންވަނީ އެމީހުންގެ މިއީޖާދު ބޭނުންކޮށްގެން އުފައްދާފައިވާ ވިންޑޯސް މޯބައިލް ސުމާރޓް ފޯނެއް ދައްކާލައިފައެވެ. އަދި ހަމައެހެންމެ، "ކާރވު" ކޮށްލެވިފައިވާ އޯލެޑް 55 އިންޗީގެ ޓީވީއެއްވެސް ދައްކާލައިފައެވެ.

ލަސްވެގަސްގައި ބޭއްވިގެންދިޔަ މިޝޯގައި ތަފާތު ބާވަތްތަކުގެ އެލެކްޓްރޯނިކް އާލަތްތައް ދައްކާލާފައިވާއިރު، އެންމެ ގިނަބަޔަކު މި އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ،  މިއުފެއްދުން އެހެން އުފެއްދުން ތަކަށްވެސް އިންގިލާބެއް ގެނެސްދޭނެތީއެވެ.

މިސާލަކަށް ބުނަނީނަމަ، މިއުފެއްދުމުގެ ސަބަބުން ކުރިމަގުގެ ފޯނުތަށް އަދި ޓެބްލެޓްތަކުގެ ތަސައްވުރު ކުރަހާލެވެނީ، ފައްޖަހާލާފައި ނުވަތަ އޮޅާލާފައި ޖީބަށް ލާ ކުޑަކުޑަ އެއްޗެއްގެ ސިފާގައެވެ.

މިއީ މުސްތަޤުބަލްގައި ސަމްސޮންގް ޑިވައިސްތަކުގައި ބޭނުންކުރެވޭނެ ޓެކުނޮލޮޖީއެއްކަމަށް އެކުންފުނިން ހާމަކޮށްފައިވާއިރު، އަދި މިހާތަނަށް ބާޒާރުގައި މިޓެކުނޮލޮޖީ ބޭނުން ކޮށްފައިވާ ވަސީލަތެއް ލިބެން ނުހުންނާނެއެވެ.

ކަރުދާސްގަނޑެއްގެ ބައްޓަމަށް ލަންބާނުލެވުނު ކަމުގައިވީނަމަވެސް، މިސުކުރީން ތަކަކީ، އޮޅާލުމުގެ ޤާބިލްކަން ލިބިފައިވާ ސްކުރީންތަކަކެވެ. މިކުންފުނިން ހާމަކޮށްފައިވާ ވީޑިޔޯއަކުން ދައްކަދޭގޮތުގައި، ފޯނެއްގެ ސައިޒުގައި ފޮތެއްގެ ސިފައިގާ ހުޅުވޭގޮތަށް ތައްޔާރުކޮށްފައިވާ ޓެބުލެޓް ސައިޒުގެ ޑިވައިސްއެކެވެ.

މިޑިވައިސްތަކުގެ ސުކުރީން ތައްޔާރުކޮށްފައިވަނީ އޯލެޑް (އޯރގަނިކު ލައިޓް އެމިޓިންގ ޑިއޮޑެސް) ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިއީޖާދުގެ ސަބަބުން، ވަރަށްތުނިކޮށް ސުކުރީންތައް ފަރުމާކުރެވި، ތައްޔާރުކުރެވޭނެ ޤާބިލްކަން ލިބެއެވެ. މިހާރުވެސް، ފަހުގެ ސަމްސޮންގް ފޯނުތަކުގައި މިޓެކްނޮލޮޖީ ބޭނުންކުރެއެވެ. ނަމަވެސް އެއީ ބިއްލޫރި ސުކުރީން ތަކެކެވެ.

މިފަހަރު ސަމްސޮންގުން ދައްކައިލި ސުކުރީންތައް ލަންބައިލައި އޮޅައިލުމުގެ ޤާބިލްކަން ލިބިގަތުމަށް އެ ސުކުރީންތަކުގައި ބިއްލޫރީގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ޙާއްޞަ މާއްދާތަކަކުން ތައްޔާރުކޮށް ލަންބައިލުމުގެ ޤާބިލްކަން ގެނެސްގެންފައިވާ ޕުލާސްޓިކް ސްކުރީން ތަކެކެވެ. މިފަދަ ޙާއްޞަ ކަވަރެއްނެތިވެސް ސުކުރީން މަސައްކަތް ކުރާނެއެވެ. ނަމަވެސް، އޯލެޑް ސުކުރީންތަކަކީ، އޮކުސިޖަން ބަންދުނުކުރެވިއްޖެނަމަ ވަރަށްއަވަހަށް ހަލާކުވެދާނެ އާލާތެކެވެ.

މިބަޔާންކުރެވުނު އީޖާދާއެކުގައި މުސްތަޤުބަލްގެ ފޯނުތައް ސިފަކުރެވޭނީ ވަރަށް ތުނި އަދި އެހެންމެ ވަރަށް ކުޑަ އެއްޗެއްގެ ގޮތުގައެވެ. އަދި ޓީވީތައް ވެގެންދާނީ ފައްޖަހާލުމަށްފަހު ކަބަޑުތަކަށްލާ ފޮރުވޭނެ އެއްޗަކަށެވެ. އަދި ޓެބުލެޓްތައް ވާނީ އޮޅާލެވިފައިވާ، ކަރުދާސްގަނޑެއްގެ ސިފައިގައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ