ޕާސްވޯޑްއާ މެދު ގޫގުލްއިން ދެވަނަ ވިސްނުމަކަށް

9 މާރިޗު 2013 0

ތަފާތު މުޢާމަލާތްތަކާއި ކުންފުނިތަކުގެ ސިއްރު ލިޔެކިޔުންތަކާއި ބެންކިން އާއި ވިޔަފާރިތައް އިންޓަރނެޓަށް ބަރޯސާވެފައިވާއިރު އެންމެ ބޮޑު ބޮލުގައި ރިހުމަކީ އޮންލައިން ސެކިޔުރިޓީ އެވެ. ޤަބޫލްކުރާށެވެ! ޕާސްވޯޑަކީ މިއަދުގެ ޓެކް އިންޑަސްޓަރީގައި އިތުބާރު ހިފެހެއްޓޭފަދަ ރައްކާތެރިކަމެއް އޮތް އެއްޗެއް ނޫނެވެ. މަދު ދުވަސްކޮޅެއްވެފައިވާ ތަފާތު އޮންލައިން ސެކްޔުރިޓީގެ ބާވަތްތަކުގެ ފޫވައްޓާލައި ފަރުދާގެ އަނެއްފަރާތަށް ހެކަރުން ފަސޭހަކަމާއެކު ވަދެގަނެ އެވެ. ރަނގަޅު ޕާސްވޯޑެއް ހިޔާރުކުރުމުގައިވެސް ބޭނުންކުރާ ފަރާތްކުން ކަންނެތްވުމުން މިކަން އިންތިހާއަށް ފަސޭހަ ވެއެވެ. އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެމީހުންގެ ކަސްޓަމަރުންގެ މަޢުލޫމާތު ރައްކާތެރިކޮށްދިނުމުގައި އެންމެ އެކަށޭނެ ރައްކާތެރިކަމެއްނުގެންގުޅެއެވެ.

މިކަމާމެދު މާޔޫސްވެފައިތިބި ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް ގޫގުލްއިން ދީފިއެވެ. ގޫގުލް އިން ޤަބޫލްކުރާގޮތުގައި ޕާސްވޯޑަށް ދިމާވެފައިވާ ބަލީގެ ފަރުވާއަކީ ޔޫއެސްބީ އޮތެންޓިކޭޝަން ޑިވައިސްއެއް ބޭނުންކުރުމެވެ. ގޫގުލްގެ ޕައިލޮޓް ޕޮރެޖެޓެއްކަމަށްވާ، ޔުބިކޯ (Yubico)ގެ ނަން ދީފައިވާ ކުޑަކުޑަ ޔޫއެސްބީ ޑިވަސް ކޮމްޕިޔުޓަރުގެ ޔޫއެސްބީ ޕޯޓަށް ލެއްވުމާއެކު އޮޓަމެޓިކުން ގޫގުލް އެކައުންޓަށް ލޮގިންވާނެ އެވެ. މި ޑިވައިސް އޮންނާނީ ޔޫސާރ އަތުގައިކަމަށްވާތީ ތިންވަނަފަރާތަކަށް ޔޫސަރ އެކައުންޓްގެ އަމިއްލަ އަދި ސިއްރު މަޢުލޫމާތުތައް ލިބުމުގެ ފުރުޞަތު ކުޑަވެ އެވެ.

ނަމަވެސް ގޫގުލްގެ ޕައިލެޓް ޕޮރޮޖެކްޓުގެ ޔުބިކޯ ޓޯކެންސްގައި ބައިގަނޑުގަނޑު އެބަހުއްޓެވެ. ޓޯކެން ކާޑުކޮޅު ގެއްލިއްޖެނަމަ، ނުވަތަ ވަގަށް ނަގައިފިނަމަ [ޕާސްވޯޑެއް] ބޭނުންކުރުމަށްވުރެ ބޮޑު ނުރައްކާ އެބަ އޮތެވެ. އެހެންކަމުން ޤޫގުލްއިން ވިސްނަނީ ޓޯކެން ޑިވައިސް ކޮމްޕިޔުޓަރއިން ޤަބޫލްކުރުމުގައި އޮތެންޓިކޭޝަން ފޯމަކާ ގުޅާލުމަށެވެ. ގޫގުލް ސެކިޔުރިޓީގެ ވައިސް ޕްރެޒިޑެންޓް އެރިކް ގްރޮސެ ބުނިގޮތުގައި މައިގަނޑު އޮތެންޓިކޭޝަންގޮތުގައި ޓޯކެން ބޭނުންކުރާއިރު، ސްކްރީން އަންލޮކެއްގެ ގޮތުގައި ޕާސްވޯޑެއް ނުވަތަ އެނޫން އެހެންގޮތެއް ބޭނުންކުރެވި ދާނެ އެވެ. އެހެން ކުންފުނިތަކުންވެސް މިއާ އެއްފަދަ ގޮތްތަކެއް ތަޖުރިބާކޮށްފައިވާއިރު، ކޮންޒިޔުމާރ ވޯލްޑްގައި ކާބިޔާބީއާ ހަމައަކަށް ނުދެވެ އެވެ. ނަމަވެސް ގޫގުލް އަކީ ދުނިޔެ ޤަބޫލްކުރާ ބޮޑު ކުންފަޏަކަށްވުމުން އެމީހުންގެ އިސްނެގުމުގައި، ޕޮރެޖެކްޓް ކާމިޔާބުކުރެވޭނެކަމާމެދު ގޫގުލް އޮތީ އުއްމީދުގަ އެވެ.

ޔުބިކޯ ޓޯކެންގައި ބޭނުންކުރާ ޕްރޮޓޮކޯލް ތައްޔާރުކޮށްފައިވަނީ ހަމައެކަނި ގޫގުލް ސައިޓްތަކަށް އެކަނި ބޭނުންކުރެވޭގޮތަކަށް ނޫނެވެ. އަދި ޔުބިކޯ ޓޯކެން ބޭނުންކުރާގޮތަށް އިންޓަރނެޓް ބްރޯޒާތައް ހުރުން ފިޔަވައި އިތުރު ސޮފްޓްވެއަރއެއްވެސް ބޭނުމެއްނުވާނެ އެވެ. އެހެންކަމުން ރައްކާކޮންގެން ގެންގުޅެންޖެހޭ އުނދަގޫ ދިގު ޕާސްވޯޑުތަކާއި ޕާސްވޯޑު ހަނދާންނެތިގެން  ދިމާވާ މައްސަލަތައް މި ޑިވައިސްގެ ސަބަބުން ނެތިގެންދާނެކަމަށް ޤަބޫލްކުރެވެ އެވެ. ގޫގުލްގެ މި ޕޮރްޖެކްޓް ކާމިޔާބުވެއްޖެނަމަ [ޕާސްވޯޑު]ގެ ބަދަލުގައި ބޭނުންކުރާނެ ފަސޭހަ އިތުބާރުހުރި ރައްކާތެރިކަން ބޮޑުގޮތަކަށް ވާނެ އެވެ. އޭރުން އިންޓަރނެޓް ސިކިޔުރިޓީއަށް ދިމާވެފައިވާ ބޮލުގަ ރިހުމަށް ލުއެއް ލިބިގެންދާނެ އެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ