ހަމަހަމަކަމުގެ އުޞޫލެއްނެތް ޑިމޮކްރަސީ

ޑިމޮކްރަސީގެ އެންމެ އަސާސީ ސިފައަކީ ހަމަހަމަ ކަމާއި އިންސާފް އެވެ. މިސިފަތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި ގާއިމްކުރުމެވެ. ރައްޔިތުން އެދެނީވެސް އެގޮތަށެވެ. ޒަމާނީ ޑިމޮކްރެސީތަކުގައި ބާރު އަޅަނީ ވެސް މިކަމަށެވެ. ނުފޫޒާއި ބާރުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ޖަންގަލީގެ ގޮތްތައް ދޫކޮށްލުމަށެވެ. ތަހުޒީބީ އުސޫލުތަކަށް ހިޖްރަކުރުމަށެވެ.

ފަގީރުންނާއި މުއްސަނދީންނާއި ޝަރަފުވެރިންނާއި ބޮޑުންނާ ދެމެދު ޖިނާއީ މައްސަލަތަކުގައި  ތަފާތުކުރާ ނަމަ، އެ ތަނެއްގެ އިޖުތިމާއީ އަދާލަތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ ނަމުގައި އޮތަސް އެ ހިސާބުން އެ ހިނގަނީ ޖަންގަލީގެ ގާނޫނެވެ. "އިހުގެ އުންމަތްތައް ހަލާކުވެގެން ދިޔައީ، އެބައި މީހުންގެ ތެރެއިން ޝަރަފުވެރިއަކު ވައްކަންކުރުމުން، އެއީ ކަމަކަށް ނުހަދައި ދޫކޮށްލާފައި، އާދައިގެ ދެރަ ނިކަމެތި މީހަކު ވައްކަކުރުމުން އޭނާގެ މައްޗަށް ހައްދު ގާއިމުކުރުމުގެ ނުބައި އާދަ އަށަގެންފައި އޮތުމުން ކަމަށް މި އުންމަތުގެ މާތް ނަބިއްޔާ އިންޒާރުކުރައްވާފައިވެ އެވެ."

އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާންވަނީ ވީދިކުދިކުދި ވެފައެވެ. ނޭވާހާސްވެ ބަންދުވެފައެވެ. ހަފުސްވެފައެވެ. ތަފާތުކުރުމާއި ބޭއިންސާފާއި އަޅުވެތިކުރުންވަނީ މުޅިމުޖުތަމަޢުގައި ވަކިހިއްޕާލާފައެވެ. ވަޒީފާލިބެނީ ކޮންމެވެސް ސިޔާސީ މީހެއްގެ ނުފޫޒުގެ ހިޔާވަކިކަންލިބިގެން ޕާޓީގެ އަޅަކަށްވެގެން ފޯމްފުރައިގެންނެވެ.

ކުށުގެ ނިސްބަތް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ގޭންގްތައް އުފެދި ގޭންގްކުށްތައްވެސް އެބަހިނގައެވެ. މައްސަލަތައްހައްލުކުރުމަށް މަޝްވަރާކުރެވުނަސް އަމަލާ ބަހާ ދިމަލެއް ނުވެއެވެ. ޓްރެފިކް ގާނުނަށް އަމަލުކުރަން ފެށުމާއެކު ޓްރެފިކް ޕޮލިހުން ރޭގަނޑު ހޭލާތިބެގެންވެސް ޓްރެފިކް ބެލެހެއްޓިއެވެ. ހަތްސަތޭކަ ރުފިޔާއިން ޖޫރިމަނާކުރި އެތައްބަޔަކު އެބަތިއްބެއެވެ. މިހާރު ހީވަނީ އެގާނޫނު އުވާލީހެންނެވެ. ބައިސްކަލް ބައްތިޖެހުމެއް، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭހެން ބާރު ސްޕީޑްގައި ސައިކަލް ދުއްވުމާއި ދެމީހުންނަށްވުރެން ގިނައިން މީހުން ސައިކަލަށް އެރުވުމާއި މިފަދަ ކުށްތައް މީހުންކުރަނީ ފާޅުކަން ބޮޑުގޮތެއްގައި ހާމަޔަށެވެ.

މިރުސްގަހެއް އިންދަން ވަލުތެރެއިން ކަޅުފަސްކޮޅެއް ގޭނަމީހާއަށް ކޮށްލިވަރު އެނގޭތޯއެވެ. އޭނާ ހަތަރެސްފައިގައި ބިޑިއަޅައި ފުލުސް އޮފީހުގައި ހައްޔަރުކުރިއެވެ. މިހާރު ގޮނޑުދޮށުންނާއި ވަލުތެރެއިން ވެލިގެންނަނީ ކިތައްކިތައް މީހުންތޯ އެވެ.

ގޯތިތަކުގެ އިންފާރު ރާނާއިރު ކަންވައްކުރަންޖެހޭ ވަކިމިނެއް އޮވެއެވެ. ކަންވައްކުރުމުގައިވެސް ބައެއް ފަރާތްތަކުން ވައްކަން ކުރާއިރު މިކަންތައްތައް ބައްލަވަންޖެހޭ ސަހަރޯވެރިންނަކަށް ނުފެނެއެވެ. ނަމަވެސް ދެރަމީހަކު ކުޑަކޮށް ކަންވައްކޮށްފިނަމަ ފާރު ތަޅައިގެންވެސް މިނަށް ކަންވައްކުރަން ޖެހެއެވެ.

އިސްލާމީ ޑިމޮކްރެސީގެ ވެސް އެންމެ ފުރަތަމަ ސިފައަކީ އަދުލުވެރިކަން ގާއިމުކުރުމެވެ.ހަމަހަމަކަމާއެކު އިންސާފްކުރުމެވެ. ނަމަވެސް ފާޅުގައި އަދުލުވެރިކަން ނަގާލައި، ގާނޫނާއި ގަވާއިދުގައި  އިއްޒަތްތެރިންނާއި އަޑުގަދަމީހުންނާއި މުއްސަނދިން ބަރީއަކޮށް ފަގީރުން އެކަނި ކުށްވެރިކުރުމަކީ އެ ގައުމެއްގެ ހަލާކު ކަމުގައި ނޫނީ ނުވާނެ އެވެ.

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ