23 ޑިސެމްބަރު އިއްތިހާދުގެ ހަގީގީ ސޫރަ

9 މާރިޗު 2013 0

23 ޑިސެމްބަރ އިއްތިހާދަކީ ގައުމާއި ދީނުގެ ދިފާއުގައި ކަމަށް ބުނެ، ދީނުގެ ނަމުގައި އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށް އުފެއްދި ހަރަކާތެއް ކަމަށް މިހާރު ގަބޫލުކުރެވެ އެވެ. ދީނާއި ގައުމިއްޔަތު ނިވާފަތްގަނޑަކަށް ހެދީ ސިޔާސީ މަންފާއެއް ހާސިލްކުރަން ކަމަށް ވެސް ބެލެވެ އެވެ. ބަނގުރަލާއި އޫރުމަހާއި ވިއްކަމުން އަދި ނުވީތާކަށް މަސާޖުޕާލާތައްވެސް ހިންގަމުން 23 ޑިސެމްބަރު އިއްތިހާދުގެ ޕޯޑިޔަމްތައް ފަޅުފިލުވަމުންދިޔަ މަހުޖަނުންގެ ވާހަކަ މިއަދު ދައްކަންޖެހެ އެވެ. 2011 ވަނަ އަހަރުގެ ޑިސެމްބަރ 23 ވަނަ ދުވަހު އިސްލާމް ދީނުގެ ޙިމާޔަތުގައި ކަމަށްބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަހާސިންތާ އެއްގެނަމުގައި ބޭއްވި މުޒާހަރާތަކުން ދީނަށް ލިބިގެންދިޔަ އެއްވެސް ނަޞްރެއް ނެތެވެ. 23 ޑިސެމްބަރ އިއްތިހާދުން ހިންގި ހަރަކާތްތަކަކީ ދެއްކުން ތެރިކަން އެ ހަރަކާތުގައި ހިމެނިގެން ދިޔަ ޑްރާމާއެއްކަން ހާމަ ވަނީ ފުންކޮށް ވިސްނާލުމުންނެވެ. 23 ޑިސެމްބަރ އިއްތިހާދުގެ ނަމުގައި ރާއްޖޭގެ ޢިލްމުވެރިން އިސް ސަފުގައި ތިބެ، އިސްލާމް ދީނަށް ޙިމާޔަތްކަން ދޭނެކަމަށްބުނެ ކޮށްފައިވާ މުޒާހަރާގެ ސަބަބުން ދީނަށް މިއަދު ލިބިފައިވާ ނިކަމެތިކަމުގެ ޒިންމާ އެނގި ތިބެ އެ ހަރަކާތުގައި ބައިވެރިވި ކޮންމެ ފަރުދަކު ވެސް އުފުލަން ޖެހޭނެ އެވެ. އަދި އެ ހަރަކާތުގެ ސަބަބުން ދީނީ އިލްމުވެރިނަށް ރައްދުވެފައިވާ މަލާމާތުގެ ޒިންމާ ހީލަތްތެރިކަމާ އެކު އެކަން ރާވާ އިންތިޒާމް ކުރި ފަރާތްތަކުން ނަގަންޖެހޭނެ އެވެ.

2011 ޑިސެމްބަރ 23 ވަނަ ދުވަހުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތާއީދާ އެކު ދީން ޙިމާޔަތް ކުރުމުގެ ނަމުގައި ނިކުތީ ސިޔާސީ މަހުޖަނުންތަކެއްގެ ހީލަތްތެރި ރޭވުމެއްގައި ފިތިފައި ތިބި ދީނީ އިލްމުވެރިން ތަކެއްކަން ހަގީގަތް ގަބޫލުކުރާ ކޮންމެ މީހަކު ވެސް މިއަދު ގަބޫލު ކުރާނެ އެވެ. އެ މުޒާހަރާތަކުގައި ބައިވެރިވި ދީނީ ޢިލްމުވެރިން ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ދެއްކި އިރުގައި މިއަދުގެ ވެރިކަމުގައި ހަމަ އެދުވަހުގައި ތަކުރާރުވެފައިވާ ކަންތައް ތަކުރާރުވެފައިވާތީވެ އެއީ ޙިކުމަތާއި އެކުގައި ކުރިކަމެއް ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. ވީމާ އެ ދުވަހު ދީން ހިމާޔަތް ކުރަން ނިކުތް ބީދައިން މިއަދު ވެސް ދީން ޙިމާޔަތް ކުރުމަށް ނުނިކުންނަންވީ ސަބަބެއް ނެތެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ އެ ދުވަހު ދީނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެއްކި ފަރާތަތްއް މިއަދު ތިބީ އެ ގޮންޖެހުންތައް ކުރިމަތި ކުރުވާ ފަރާތްތަކުގެ ގޮތުގަ އެވެ. އެ ހަރަކާތަކީ ހީލަތެއް ކަމަށް މި ބުނަނީ އެހެންވެ އެވެ.

23 ޑިސެމްބަރު އިއްތިހާދުގެ ހީލަތްތެރި ކަމުގެ އެންމެ މިސާލެއް ދަންނަވާލަންތޯ އެވެ. ހަމަ ކުޑަކުޑަ މިސާލެކެވެ. އެއީ ޕިއްލޭ މައްސަލާގައި ރައީސް ނަޝިދު މާފަށް އެދެން ޖެހުނު ހާދިސާ އެވެ.

23 ޑިސެމްބަރުގައި ކުރި ފުރަތަމަ ޑިމާންޑަކީ އދގެ ހިޔުމަން ރައިޓްސް އެންބެސެޑަރ ޕިއްލޭ، ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީނުގެ ޙައްދުތަކަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާތީވެ، އެނާގެ ވާހަކަތަކަށް މާއާފަށް އެދި ރައީސް ނަޝީދު އެކަން އިޢުލާން ކުރެއްވުމެވެ. މިކަމުގައި "ހެއްވާ" ކަމަކަށްވީ އެކަމަށް ރައީސް ނަޝީދު މާފަށް އެދެންޖެހުމެވެ. ޕިއްލޭއަކީ ނަޝީދާއި ކޮންބެހޭ މީހެއްތޯ އެވެ؟ ޕިއްލޭ ރާއްޖެ އައީ ޑިޕްލޮމޭޓެއްގެ ހައިސިއްޔަތުންނެވެ. ޕިއްލޭ ވާހަކަދެއްކީ މަޖުލީހުގަ އެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު އެކަންހުއްޓުވާކަށް މަޖިލީހުގެ އެއްވެސް މެމްބަރަކު ނޫޅެ އެވެ. ވީމާ ހަގީގަތުގައި މައާފަށްއެދެން ޖެހޭނީ މަޖިލީހުގެ ރައީސާއި މެމްބަރުން ނޫންތޯ އެވެ. އިއްތިހާދުގެ ކުރީސަފުގައި ހިމެނޭ ޕާޓީތަކުގެ ގިނަ މެމްބަރުން ވެސް އެދުވަހު ޕިއްލޭ ވާހަކަދައްކަމުން ދިޔައިރު ތިބީ އަތްޖަހާލަޖަހާލަ އެވެ.

ކަން މިގޮތަށް ހިނގާފައި ވަނިކޮށް ދާދިފަހުން ރައީސް ވަހީދުގެ ދައުވަތު ދީގެން އިސްލާމް ދީނަށް މަލާމާތް ކުރާ އިންޑިއާގެ ފާދިރީ އަކު ރާއްޖެ ގެނެސް އޭނާ އަށް ކާންދީ އެވޯޑު ދިންއިރު އިއްތިހާދުގެ އިލްމުވެރިންނަށް އެކަން ހިނގިހެން ހީވެސް ނުވާކަހަލަ އެވެ. އިއްތިހާދުގެ "ބާނީ" ޝައިޚް އިމްރާނު ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ވަހީދުގެ ސިޓީ ފުޅުގައި "އިޙްތިރާމް ލިބިގެންވާ" ފަދަ އިބާރާތެއް ބުދު ދީނުގެ ފާދިރީ އަކަށް ނިސްބަތް ކުރުމުން ވެސް އެކަމަކުން ދީނަކަށް ކުރި އެއްވެސް އަޘަރެއް ނުފެނުނެވެ.

ސްރީ ސްރީ ރަވީ ޝަންކަރަކީ ދުނިޔޭގެ އެތަކެއް ޤައުމުތަކެއްގައި އޭނާގެ އިންސާނިއްޔަތުގެ ލާމަސީލު ނަމޫނާ ދައްކައި ދިނުމަށް ހަދައިގެން އުޅޭ ފައްޅިތަކުގައި އިންސާނިއްޔަތުގެ ނަމުގައި މީސްތަކުންނަށް ތަފާތު ނަޞޭހަތްތަކެއް ދެމުން ދެމުންގޮސް އެންމެ ފަހުން ބަޔަކު އޭނާއަކީ ކަލެއް ކަމުގައި ދައުވާ ކުރާމީހެކެވެ. މިރަވީ ޝަންކަރުއަށް ނިސްބަތްވާ ބައެއް ވެބްސައިޓުތަކުގައި ބުނާގޮތުގައި މީނާއަކީ ދުނިޔެއަށް އުފަންވި މީހެއްނޫންކަމަށާއި މީނާ އަކީ ދުނިޔެއަށް ފޮނުއްވުނު މީހެއްކަމުގަ އެވެ. ކޮންމެއަކަސް މީނާއަށް ވެގެން މިއުޅޭ ގޮތަކީ މީނާއަށް ވަރަށް މީރުވާނޭހެން ޖާފަތެއް ތައްޔާރުކޮށް ނުވިތާކަށް ހަނދާނީ ފިލައެއްވެސް ތަނެއްގައި އެރުވުނު ކަމެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމެއްގައި ހިނގި ކަމެއްނަމަ އިއްތިހާދުގެ ބޭފުޅުން މުތުނަށް އަރުއްވާނެ އެވެ.

23 ޑިސެމްބަރ އިއްތިހާދުގެ ޙީލަތްތެރިކަން ފެންނަން ހުރީކީ އެންމެ ކަމެއް ދެ ކަމެއްގައެއް ނޫނެވެ. ޖީއެމްއާރު މައްސަލައަށް ބެލިކަމުގައި ވި ނަމަވެސް އެވެ. ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް ހޯދާ ދިނުމަށޭ ބުނެ އެ ކުރާ މަސައްކަތް ކަމުގައި ވިޔަސްވެހެވެ. ނެކްސް ބިޒް އޯކޭވި ގޮތަށް ބެއްޔަސް ހަމަ ފެންނާނީ އެ މަންޒަރެވެ. އައްޑޫގައި ހުރި މޮނިއުމަންޓްތައް ބުއްދާއަށް ހެދި ގޮތަށް ބެލިޔަސް ހަމަ އެއް މަންޒަރެކެވެ. ރިސޯޓުތަކުގައި ވިއްކާ ރަލާއި މަސާޖުޕާލާ ތައް ހުއްޓުވުމަށް ކުރީ ސަރުކާރު ނިންމި ނިންމުމަށް ދިން ފިނި ހެއްވާ ޖަވާބު ތަކުންވެސްމެ އެވެ. އަދި ކިއެއްތަ އަރަބިއްޔާ ސްކޫލް މައްސަލައަށް ބެލިޔަސް ހަމަ އެއް މަންޒަރަކެވެ. އެންމެ ނުބައި އެއް ޢަމަލަކީ ދިވެހި ރައްޔިތުން ހޮވާފައިވާ ވެރިމީހާ ދީނުގެ ނަމުގައި މުޅި ގައުމު ފަސާދަކުރުމަށް ފަހު "އާ ވައްތަރެއްގެ ބަޣާވާތަކުން" ވައްޓާލި ވައްޓާލުމެވެ. ފެބްރުއަރީ 8 ގައި ހިންގި ލާ އިންސާނީ އަނިޔާތަކަށް ދިން ބީރު ކަންފަތްތަކަށް އަދި ކަނުކަން އިޚްތިޔާރު ކުރި ލޯތަކަށް ބެލުމުން ވެސް އެއްވެސް ޝައްކެއް ނެތި 23 ޑިސެމްބަރުގެ ހީލަތްތެރިކަން ސާބިތުވެ އެވެ.

23 ޑިސެމްބަރ އިއްތިހާދުގެ ފިތުނަވެރި ހީލަތްތެރި ވާހަކައަކީ ދައްކާ ކޮޅުންލާކަށް އޮތް ވާހަކައެއް ނޫނެވެ. ދިވެހި އެންމެހާ ދަރިންނަށް އަޅުގަނޑު ގޮވާލާނީ މިފަދަ ފިތުނާގައި ނުޖެހި ތެދުމަގުގައި ސާބިތުވެ ތިބުމަށެވެ. ދީނީ އިލްމްވެރިންގެ ނަމުގައި އައިސް ޤައުމު ފަސާދަކުރުމުގެ ފުރުސަތުނުދޭށެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ