[HEADER BANNER]
[AD]

މުދައްރިސުންގެ ދުވަހު މުދައްރިސެއްގެ ދުލުން.....

9 މާރިޗު 2013 0

މިއަދަކީ މުދައްރިސުންގެ ދުވަހެވެ. ވަރުބަލިކަމެއްނެތި ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މައިދާނުގާ ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާ އެދުރުންގެ ދުވަހެވެ. ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހައި މުދައްރިސުންނަށް އަރިސްކުރަމެވެ. މުޖުތަމައަށްޓަކައި ތިޔަކޮށްދެއްވާ އަގުހުރި މަސައްކަތަށް އަމިއްލަ ނަފުސަށާއި ތިއެންމެ މުދައްރިސުންނަށް ޝުކުރުވެރިވާ ޙާލުގައެވެ.

ދުވަހަކީ ކިތައްމެހައިވެސް އުފާވެރި ދުވަހެކެވެ. ފާހަގަކުރަން މުހިންމު ދުވަހެކެވެ. ދުވަހުގެ އުފާވެރިކަން އިތުރުވެގެންދަނީ ދަރިވަރުންގެ ފަރާތުން އެދުރުންނަށް ތަޙްނިޔާ ދެންނެވުމަށްޓަކައި ވެފައިވާ އަދި ވަމުންދާ ތައްޔާރީތައް ފެނުމުންނެވެ. އެކަމަށް ދަރިވަރުން ބަހައްޓާ ސަމާލުކަމާއި ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހަށް ދަރިވަރުން އެތައް ދުވަހެއްކުރިން އިންތިޒާރު ކުރެއެވެ. އިންތިޒާރުގެ ނިމުން އަންނަނީ ވަރަށްވެސް ފޮނިކޮށެވެ. ދަރިވަރުންގެ "ރޭވުމާ" އެއްގޮތަށް ހުރިހާ ކަމެއް ދުވަހުގެ އުފައުވެރިކަމާއެކު ނިމިގެން ދެއެވެ.

ލޮބުވެތި ދަރިވަރުންނޭ..! ތިޔަ ދަރިވަރުންނެކޭ އެއްފަދައިން ތިޔަދަރިވަރުންގެ މުދައްރިސުންގެވެސް އުއްމީދު ތަކެއް ވެއެވެ. ހުވަފެންތަކެއް ދެކެއެވެ. ތިޔަކުދިންގެ ފަރާތުން ކަމަކަށްއެދި އިންތިޒާރު ކުރެވެމުން ދެއެވެ. ފަހަރެއްގައިވެސް އެއީ "ކޭކް" އަކަށް ނޫނެވެ. ނުވަތަ "ވިޝް" ކޮށްލާފައިދޭ ކާރޑަކަށް ނޫނެވެ. ތިކުދިންގެ ފަރާތުން އަބަދުވެސް މުދައްރިސުން ބޭނުންވަނީ ރަނގަޅު ނަތީޖާއެކެވ. ރިވެތި އަޙްލާޤެވެ.

އެހެންކަމަށް ވީހިނދު މުދައްރިސުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުން ތިޔަދަރިވަރުންގެ ފަރާތުން މުދައްރިސުންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ މިދެންނެވިފަދަ ރަނގަޅު ނަތީޖާއަކާއި ތިކުދިންގެ ފަރާތުން ރިވެތި އަޙްލާޤެއް ދައްކައިދިނުންކަން މިހިނދު މިހިނދަށްވެސް ހަނދާން ކޮށްދެމެވެ. އެކަން ތިޔަ ދަރިވަރުންނަށް ކޮށްދެވޭނީ މުދައްރިސުންގެ ދުވަހަށް ނުވަތަ އެދުވަސް ފާހަގަ ކުރުމަށް ތިޔަ ދަރިވަރުން ބަހަށްޓާ ސަމާލުކަން ކިޔެވުމަށްވެސް ދީގެންނެވެ. މުދައްރިސުންނަށް އަދަބު އިޙްތިރާމު އަދާކުރުމުގައި ލާމަސީލު ނަމޫނާއެއް ދައްކައި ދެވިގެންނެވެ.

މިއަހަރު، އާދެ ހިނގަމުންމިދާ 2012 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުން ޔުނިސެފުން ކަނޑައަޅާފައިވާ ޝިޔާރަކީ "ޓޭކް އަ ސްޓޭންޑް ފޯރ ދަ ޓީޗަރސް" ނުވަތަ މުދައްރިސުންނަށްޓަކައި ތެދުވާށެވެ. މިއީ މިފަދަ ދުވަހެއް ފާހަގަ ކުރުމުގައި މިއަދު ބޭނުންކުރަން އެންމެ މުނާސަބް ޝީޔާރުކަމުގައި ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މުދައްރިސުން އަދާކުރަމުންދާ ބުރަ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި މުޅި މުޖުތަމަޢުގެ އެހީތެރިކަން މުދައްރިސުންނަށް ބޭނުންވެއެވެ. ބަލައިލި ކޮންމެ ރޮނގަކުންނެވެ. މުދައްރިސުންގެ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން ސޮފުހާއެއް ހުޅުވައިލެވޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފޯރިޔާއެކު ދެކެވޭ އެއްވާހަކަ އަކީ މުސާރައިގެ ވާހަކަ އެވެ. ކުރަމުން އަންނަ މަސައްކަތާ އެއްވަރުގެ އުޖޫރައެއް މުދައްރިސުންނަށް ނުދެވޭ ވާހަކައެވެ. އެއީ އަޅުގަނޑުވެސް ހިތާމަކުރާ ކަމެކެވެ. ނަމަވެސް ޤަބޫލުކުރަންޖހޭ ހަޤީގަތަކީ އުނގަނނައި ދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ދަތިކަމެއް ކަމެވެ. އެހެނެއްކަމަކު މިއަދު އެވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެން ނޫނެވެ. ދައްކާންހުރި އެހެން ވާހަކަތައް ގިނަވުމާވެސް އެކުގައެވެ.

މުދައްރިސުން ކޮށްދެނީ ކޮންކަމެއްތޯ ވިސްނާލާށެވެ. ދަރިވަރުން މީހަކަށް ހަދައިދިނުމުގެ މަސައްކަތެވެ. އެންމެހައި ރިވެތި އަޙުލާޤުގެ ސިފަތަކުން ދަރުވަރު ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ. ދަރިވަރުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތެވެ. މާދަމާ ޤައުމުގެ އެކި ވުޒާރާތަކުގެ މަޤާމުތަކަށް ފައްކާވެފައިތިބި ޤާބިލު މީހުން ތައްޔާރު ކުރުމުގެ މަސައްކަތެވެ. ކުރުކޮށް ބުނަނީނަމަ ޤައުމު ޤައުމަކަށް ހަދައިދިނުމުގެ މަސައްކަތެވެ. މިއަށްވުރެ ވަކީން މުހިންމު މަސައްކަތެއްކުރާ ބަޔަކު މިޤައުމުގައި ތިބެދާނެކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

ކޮންމެ މުދައްރިސެއްގެވެސް އަމިއްލަ ޢާއިލާއެއް ވާނެކަން ޔަޤީނެވެ. މަންމައާއި ބައްޕައެވެ. އަނބި ދަރީންނެވެ. އެހެންކަމުން މިބުނެވިދިޔަ އެންމެހައި މަސައްކަތްތަކަށް މުދައްރިސުން ވަގުތު ހޯދަނީ ވަރަށްގިނަ ކަންތައްތަކެއް ޤުރުބާން ކުރުމަށްފަހުގަ އެވެ. އަމިއްލަ އުފާތަކަކަށް ފުރަގަސް ދިނުމަށްފަހުގަ އެވެ. އެހެން ބަޔަކަށްޓަކައެވެ. އެހެން ބަޔެއްގެ ދަރީންނަށްޓަކައެވެ. މިހުރިހައި ކަމެއްވެސް ކުރަނީ ދިވެހި ޤައުމަށްޓަކަ އެވެ. މާތްވެގެންވާ އިސްލާމް ދީނަށްޓަކައެވެ. އެހެންކަމުން މުދައްރިސުންނަށްޓަކައި އެމީހުންގެ ހައްޤުގައި ތެދުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

މުދައްރިސުންގެ ދުވަހުގެ އުފާ ފާހަގަ ކުރަމުންދާ މިދުވަހުގައި މުދައްރިސަކަށްވިތީ އުފާކުރާ ކުރާޙާލު އަޅުގަނޑަށް ލިބިފައިވާ ޢިލްމަކުން ދިވެހި ދަރީންތަކަކަށް ކޮންމެވެސް އެއްޗެއް އުނގަންނައި ދިނުމުގެ ފުރުސަތު މިންވަރުކޮށްދެއްވި ކަމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ޝުކުރު ފަށްފަށް ކުރަމެވެ. އަދި މިކަމުގައި ކުރިއަށް ދިއުމުގައި އަޅުގަނޑުގެ ޢާއިލާއިން ލިބޭ ފުރިހަމަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާހާލު ނިހާޔަތަށް މަޢާފަށް އެދެމެވެ. އެހެނީ އަލަތު ކައިވެންޏަށްފަހު ބައްޕައަކަށް ވުމަށް ކުޑަތަންވެފައިވާއިރު ޢާއިލާއާއެކު އެކަށީގެންވާ ވަގުތު ހޭދަނުކުރެވުމަކީ ކުށެކެވެ. ޝަކުވާ ނުކުރިކަމުގައި ވިއަސް ހިތްދަތިވާނެކަން ޤަބޫލުކުރާ ޙާލު އަމިއްލަ ނަފުސު ކުށްވެރިކޮށް މަޢާފަށް މިއެދެވެނީ އެހެންވެގެންނެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރަކަށް "ޓޭކް އަ ސްޓޭންޑް ފޯރ ދަ ޓީޗަރސް" ވީހިނދު، އިހަވަންދޫ މަދަރުސާގެ މުދައްރިސުންގެ އިސްނެންގެވުމުގެ މަތިން ވަރަށް ހާއްސަ ހަރަކާތެއް 5 އޮކްޓޯބަރ، އާދެ މުދައްރިސުންގެ ދުވަހާ ދިމާކޮށް ރާވާފައިވާކަން މިފުރުސަތުގައި ފާހަގަ ކުރަމެވެ. އެއީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް އެކަލޭގެފާނަށް ނިސްބަތް ކުރައްވައި، ހަޤީގަތާ ހިލާފު ދޮގު ވާހަކަތަކެއް ހިމަނައިގެން ދާދި ފަހުން ޔަހޫދީޔަކު އުފެއްދި ފިލްމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި ބާއްވައި ހިނގާލުމެވެ.

ދުނިޔޭގެ ތާރީޙް ހެކިދީފައިވާގޮތުން އެކަލޭގެފާނަކީ މިދުނިޔެ ދެކެފައިވާ އެންމެ ޤާބިލް އެންމެ ކުޅަދާނަ މުދައްރިސެވެ. ޖަހާލަތުގެ އަނދިރިން މުޅި ދުނިޔެ ނިދާފައިވަނިކޮށް އެނިދިން ހޭލައްވާލައި، ދުނިޔޭގެ އެކިކަންކޮޅުތަކަށް ޢިލްމުގެ ނޫރު ފޯރުކޮށްދިނީ އެކަލޭގެ ފާނެވެ. އެކަލޭގެ ފާނު ފޮނުވިގެންވަނީ ހެވާއި ނުބައި ބުނެދެއްވުމަށެވެ. އެމަސައްކަތް ފުރިހަމަ ކުރެއްވުމަށްޓަކައި ދިމާވި އެކި އުނދަގޫތަކާ ކުރިމަތިލައްވައި ކެތްތެރިކަމާއެކު އެކަލޭގެފާނު ވަނީ އެބުރަ މައްސޫލިއްޔަތު އަދާ ކުރައްވާފައެވެ. ކަންތައް ކުރަންވީ ގޮތް އަމަލުފުޅުން ދައްކަވަމުންނެވެ. އެހެން ކަމުން ދިނިޔެ މިހާތަނަށް ދުށް އެންމެ ކުޅަދާނަ މުދައްރިސްގެ ޝަހުސިއްޔަތުގެ ޙައްޤުގައި ތެދުވުމަށް މާދަމާއަކީ މުނާސަބު ދުވަހެއްކަމުގައި ދެކެމެވެ. އުއްމީދު ކުރަނީ މާދަމާ ހަވީރު 4:00 ގައި އިހަވަންދޫ މަދަރުސާ ކައިރިން ފެށުމަށް ހަމަޖެހިފައިވާ މިހިނގާލުމުގައި އިހަވަންދޫގެ އެންމެހައި ރައްޔިތުން ބައިވެރިވާނެ ކަމަށެވެ.

ޢިލްމުގެ ކޯރަކުން ފެންވަރުވައިދީ ދަރިވަރުންގެ އުޅުމާއި ވިސްނުން ތަރަށްޤީ ކުރުމަށް ދިއްލިފައިވާ ދަންމަރެއްފަދަ މުދައްރިސުންގެ އަގުވަޒަން ކޮށްދެވޭނީ އެމުދައްރިސުންގެ އުއްމީދުތައް ތިކުންދިން ހާސިލްކޮށްދިނީމައިކަން ވަކިވެލުމުގެ ކުރިންވެސް ހަނދާންކޮށްދެމެވެ. އުނގަންނައި ދިނުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އެންމެހައި މުދައްރިސުންނަށް ކެތްތެރިކަން ދެއްވައި އެރޮނގުން ކުރިއަށްދިއުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި! އާމީން...!

 

[BOTTOM CONTENT BANNER]
އިނަފް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ