[HEADER BANNER]
[AD]

އަދު މާދަމާއަށް މިއަދު ފަށައިފި..

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގަށް ފަންސަވީސް އަހަރު ފުރުމާ ގުޅިގެން،  ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އަދު މާދަމާއަށް"ގެ ހަރަކާތް މިއަދު ފަށައިފިއެވެ.

މިއީ، ފުޓުބޯޅައިގެ ތެރެއިން ހަރުދަނާ ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. މިގޮތުން ކުދިންގެ އަޚްލާގު ރަނގަޅު ކުރުމާއި މޮޅެތި ކުޅުންތެރިން އުފެއްދުމާއި ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަކީ ވެސް މި ޕްރޮގުރާމުގެ މަޤުޞަދެކެވެ. އަދި ދީނާ ވަޠަން ދެކެ ލޯބިވާ، އިޖުތިމާއީ ކަންކަމަށް ކުދިން ފައްކާކޮށް މާދަމާއަށް ޓަކައި ރަނގަޅު ޖީލެއް ބިނާކުރުމަކީ ވެސް މި ހަރަކާތުގެ އަމާޒެކެވެ.

ގްރޭޑް 1 ފެށިގެން 6 ގެ ކުދިންނަށް އަމާޒުކޮށްގެން، އިމަގު ސްޕޯޓްސް ވިންގުގެ ފަރާތުން ހިންގޭމި ހަރަކާތް ކުރިއަށް ގެންދަނީ ޖުމްލަ 42 ކުދިންނާއެކު، 3 ގުރޫޕަކަށް ބަހައިލައިގެންނެވެ. ޓްރައިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެފް.އޭ.އެމް އިން ހިންގި ގްރާސް ރޫޓް ފުޓްބޯޅަ ކޯޗިން ކްލިނިކް ޕްރޮގުރާމް ގައި ބައިވެރިވެ ޓްރެއިންވެފައިވާ ޓްރެއިނނަރުންނެވެ. އެއީ،

ސައިފުﷲ އަހުމަދު، މޫރިތިގެ، ހއ. އިހަވަންދޫ

އަހުމަދު މަންސޫރު، މާވަޑިގެ، ހއ. އިހަވަންދޫ

މުހައްމަދު ނަޝީދު، އާރު، ހއ. އިހަވަންދޫ

 ހެނދުނު 6:00 ން 7:15 ޕްރެކްޓިސް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖެއްގެ އަތުން ކޮންމެ މަހަކު 100 ރުފިޔާގެ ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

"މިފަހަރުގެ އަމާޒަކީ ދަތިތަކާއެކު ވެސް "އަދު މާދަމާއަށް" މި ހަރަކާތް ކުރިއަށް ގެންދިއުން" އިމަގު ޖަމިއްޔާގެ ސްޕޯޓްސް އަދި އެކަޑަމީ ހިންގުމާ ހަވާލުވެ ހުންނެވި ސައިފުﷲ އަހުމަދު ވިދާޅުވިއެވެ.

"މިހާރުވެސް އެކަޑެމީއަށް ވަނުމަށް ކުދިން އެދެމުންދޭ. ނަމަވެސް، މިހާރުގެ ބެޗްގެ ޕްރެކްޓިސް ކުރިއަށްދާ ގޮތަށް ބަލާ އިތުރު ކުދިންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާ. މީ މާދަމާއަށް ކުރެވޭ އިންވެސްޓެއް. މި ޕްރޮގްރާމްގެ ފޮނި ނަތީޖާ 4  އަހަރު ދުވަސް ތެރޭ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ" ސައިފުﷲ އަހުމަދު  ވިދާޅުވިއެވެ. މި ހަރަކާތް ހިންގުމުގައި އެފްސީ ބޮޑުމަގާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގެ ފަރާތުން  އެހީތެރިކަން ލިބެމުންދާކަމަށް އިމަގުން ޖަމިއްޔާއިން ފާހަގަކުރެއެވެ.

މިއީ، އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި ހިމެނޭ ޚާއްޞަ ހަރަކާތެކެވެ. އިމަގު ޖަމިއްޔާއަކީ 1996 އަހަރުން ފެށިގެން ހިންގަމުން އަންނަ އިހަވަންދޫގެ އެންމެ ދުވަސްވީ ޖަމިއްޔާއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ