[HEADER BANNER]
[AD]

ދެފުރާނަ އެކުވެފައިވާ (16 ވަނަ ބައި)

"އެ ދުވަހަކީ ހުރިހާ ކަމެއް ބަދަލުވި ދުވަސް. މަންމަގެ ފިކުރުތަކާ ވިސްނުން މުޅިން ތަފާތުވި ދުވަސް. ކުރެވެމުން ދިޔަ ނަފުރަތު ބަދަލުވި ދުވަސް. ދުނިޔެ މަތިން ފޫހިވެފަ ހުއްޓާ މުޅި މީހާ... މުޅި މީހާ ތާޒާވެލި ދުވަސް... ރާޒް މަންމަ މިގެއަށް ގެނެސް މިގޭގެ ހުރިހާ ކަމެއް ބެލެހެއްޓުން ހަވާލުކުރި ދުވަސް. އެދުވަހު މަންމަ... މަންމަގެ ހިތުގަ ފިރިހެނުންނާމެދު އޮތް ނަފުރަތު އިތުރަށް... އިތުރުވެގެން ދިޔަ... މަންމައަށް ވިސްނުނީ މުޅިން ތަފާތުކޮށް... މިހާ ބޮޑު ގެއެއްގަ މަންމަ އެކަނިމާއެކަނި ހިލޭ ފިރެހެނަކާއެކު އުޅެން... މަންމަގެ ވިސްނުން... މަންމައަށް ވީގޮތެއްވެސް ނޭނގުނު... ހިތަށް އަރަމުން ދިޔައީ... ކުރިން އެމީހުންގެ ފަރާތުން ލިބުނު އަނިޔާއަށް ކެތްކޮށްލައިގެން ރަށުގަ އުޅުނު ނަމަ މި... މިހެންނެއް ނުވާނޭ... މީ ވެސް ވަކި ސަހަލު މީހަކަށް ނުވާނޭ... ސަހަލު މީހެއް ނަމަ ހިލޭ އަންހެނަކު ބޮޑު ގެއެއްގަ... އަނެއްކާ ރާޒް އެއީ ދުވަހުކޮޅުން ވެސް މަންމަ ލޮލުން ދުށް މީހެއް ނޫން..." ނަޖުމާގެ އަޑުގައި ޖަޒުބާރުގެ ވާރޭ ކަނިޖަހަމުން ދިޔަ އެވެ. އޭނާ ހިތްވަރުކޮށްފައި ހުއްޓަމުން ހުއްޓަމުން ކުރިއަށް ގެންދިޔަ އެވެ.

"މަންމަގެ ފިކުރުތައް އިންތިހާއަށް ދިއުމުން ވީގޮތްވެސް ބުނެދޭން ވެސް ނޭނގުނު. ކުއްލިއަކަށް ބޮލަށް އުނދަގޫތަކެއް ވެރިވާން ފެށި. ދެން ވީގޮތް އެއްގޮތަކަށް ވެސް ނޭނގުނު. ހޭލުވުނީ... ވަރަށް ގިނަ ދުވަހު އަރާމު ނިންޖަކުން ނިދާފަ ހޭލެވުނުހެން ހީވި. މަޑުމަޑުން ދެލޯ ހުޅުވާލިން. ކޮންމެވެސް ބަޔަކު އުޅޭހެން ހީވެގެން. އެއްވެސް މީހަކު ފެންނާކަށް ނެތް. ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އެނދުގެ ކުރިމަތިންހުރި ފާރުގައި ހަރުކޮށްލެވިފައިވާ ރަތްކުލައިގެ ލިޔުންކޮޅަށް... ހައިރާން ކަމާއެކު އަވަހަށް ކިޔާލެވުނު.. "ވެލްކަމް ޓު ނިއު ލައިފް" އޭގެތިރިން ރަންކުލައިން ފަވާލެވި ކޮމާކޯޅި ކުރެވިފައިވާ "ލޯބި ނޫނީއޮތީ ކޮން އަރާމެއް މިތާ.." މި ޖުމުލައިން އިތުރަށް ހައިރާންކަން ގެނުވި. ހައިރާންކަން އިންތިހާއަށް ވެރިވަމުން ދިޔަ ހިތަށް، އެއްވެސް ހަނދާނެއް އެއްވެސް ފިކުރެއްގެ އެއްވެސް ގިލަންވެރިކަމެއް ވެރިއެއް ނުވޭ... ކުރެވެމުން ދިޔައީ އުފާވެރި ހިތްހަމަޖެހޭ އިޙްސާސްތަކެއް! މަޑުމަޑުން ބޯހިއްލާލާ އެނދުން ތެދުވަން މަސައްކަތްކުރުމުން ކޮންމެވެސް މީހަކު އެހީތެރިކަން ލިބުމުން ފަހަތްބަލާލިއިރު، ރާޒް އަހަރެންގެ މަގަތުގައި ބޮލުގައި އަތްވިދެލައިގެން އިން... އަހަންނަށް މަޑުމަޑުން އޭނާގެ ތަނަވަސް މޭމަތީގައި ބޯ އަޅާލެވުނު... ރާޒް ވެސް އަހަންނަށް މަރުޙަބާ ކިޔަމުން ދިޔަ... "އަހަރެން... އަހަރެން މިތަނަށް މި ގެނައީ... މީ ކޮންތަނެއް...؟ އަހަރެން ނިދާފަ...." އަހަރެންގެ ސުވާލުތަކަށް ރާޒް ހިނިތުންވެލަމުން ޖަވާބު ދިން... "ނަޖޫ ބަލިވެގެން އަހަރެންގެ މީހުން ހުރިހާކަމެއް ކޮށްދިނީ... ޑޮކްޓަރަށް ދައްކާ ނަޖޫއަށް ބޭސްދީ ހުރިހާކަމެއް... މީ އަހަރުމެންގެ ތަން. އަހަރުމެންގެ ދުނިޔެ. މި ދުނިޔެއަކީ އަހަރުމެންނަށް ޚާއްޞަ ދުނިޔެއެއް. މިއީ އަހަރެންގެ މަންމަގެ މުސްކުޅިގެ... ނަޖޫ ހޭނެތިފަ ތިގޮތަށް އޮންނަތާ މިހާރު 3 ދުވަސްވީ... އެހެންވެ މަންމަގެ އެދުމަށް އަހަރެން ގެނައީ... ދެން ދާންވީ..." ރާޒްގެ މި ބަސްތަކުން އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދި އަޑިނޭގޭ ކަންތައް ގަނޑެއް އުޅޭކަން މޭރުންވި" ނަޖުމާ މަޑުމަޑުން ކުރިއަށް ޖެހިލަމުން އައިޝަމްމެން އިށީނދެ ތިބި ސޯފާއާ ގާތްވެލި އެވެ. އެއަށްފަހު ވާހަކަ ކިޔައިދެމުން ކަންވީ ގޮތް އޮޅުން ފިލުވައިދެމުން ދިޔަ އެވެ. އައިޝަމް އާއި ހިމޭޝް ނަޖުމާގެ ވާހަކައިގައި ޖެހި ޣަރަގުވަމުން އެކަމުގެ ތެރޭގައި ވިއްސިވިހާލިވަމުން ދިޔައީ ވާރޭތެރޭގައި މަންޒިލް ގެއްލި ވަޔާ ބެހެމުންދިޔަ ކޮކާތަކެއް ފަދައިންނެވެ.

"ނަޖޫ މިހާރު އޯކޭތަ؟ އެއްކޮށް ފިޓްވެއްޖެތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟" އިއުރާޒް ހިނިތުންވެލަމުން ނަޖުމާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން އެ ފަން އިސްތަށިގަނޑުގައި އަތްފުނާއަޅަމުން ދިޔަ އެވެ.

"ރަނގަޅު. ހީވަނީ މުޅިން އެހެން... ނޭނގެ ބުނެދޭކަށްވެސް ވަރަށް ލުއި... އެއްވެސް އުނދަގުލެއް ނުވޭ..." ނަޖުމާ ތެދުވެލަމުން އިށީނދެލި އެވެ.

"ކިހިނެއްވީ؟" ނަޖުމާ ތެދުވުމުން އިއުރާޒް ސުވާލިކޮށްލި އެވެ.

"އަހަންނަށް އެވާހަކަތައް ކިޔައިދޭންވީނު... މި ކޮންތަނެއްތަ؟ މީ ކޮން ކަންތައްގަނޑެއްތަ؟" ކުށްލިއަކަށް ކަމެއް ހަނދާންވާހެން ނަޖުމާ އެއްފަހަރާ ސުވާލުތައް ތަކުރާރުކޮށްލި އެވެ.

"މީ އަހަރެންގެ ގެ... މީ އަހަރެންގެ ދުނިޔެ... ނަޖޫ އަށް އަހަރެންގެ ފަރާތުން އެއްވެސް އުދަނގުލެއް އެއްވެސް ގެއްލުމެއް ނުލިބޭނެ... ނަޖޫ މިތަނަށް ގެނައީ އަހަރެން... މިތަނަށް ގެނެސް އަހަރުމެންގެ ޑޮކްޓަރުންގެ ނަޖޫ ބެލުމަށްފަހު ފަރުވާކޮށް މިހާރު ނަޖޫ ތިހުރީ ރަނގަޅުވެފަ... މިތަނުގެ ކަންތައްތައް ވަރަށް ތަފާތުވާނެ..." އިއުރާޒް ކޮޅަށް ތެދުވަމުން ނަޖުމާއާ ކުރިމަތިލިއެވެ.

"އަހަރެން ސުވާލު މިކުރަނީ ތިޔަ ކަންތައްތަކާ... ކޮން ދުނިޔެއެއް... ކޮން ޑޮކްޓަރެއް..." ނަޖުމާ ބޭނުންވީ ސާފުކުރާށެވެ. އޭނާގެ ހިތުގައި ޖެހިފައިވާ ސުވާލު މާކުތަކަށް ޖަވާބު ހޯދާށެވެ.

"އަހަރެން މަސައްކަތް މިކުރަނީ ތިކަންތައް ނަޖޫއަށް ކިޔައިދޭކަށްނު... އަހަރެން... އަހަރެން މި ދައްކާވާހަކަ ނަޖޫއަށް ވިސްނައިދޭން ކިހިނެއް ހަދަންވީ. ނަޖޫ މިކަން ޤަބޫލުކުރާނީ ކިހިނެއް ކިޔައިދިނީމަ ބާއޭ އަހަރެންގެ ހިތުގަ މިހާރު ސުވާލު އުފެދޭ."

"އަހަރެން ރާޒަށް އިތުބާރު ކުރާތީ މިހާހިސާބަށް މި ގުޅުން މިގެންދެވުނީ ވެސް. ތިޔައީ ކޮންފަދަ ގޮތަކަށް ކޮންމެ ފަދަ ތަނަކުން އައިސް ހުރި މީހެއް ނަމަވެސް އަހަރެންގެ މިހާރަށް ހުރިހާ މީހަކީވެސް ތިޔައީ. ވީއިރު އަހަރެން ރާޒަށް... އަހަރެން ރާޒަށް އިތުބާރުކުރާނަށް"

"ވަރަށް އުފާވެއްޖެ. އަހަރެން ނަޖޫގެ ފަރާތުން ބޭނުންވީ ތިކަންތައް." އިއުރާޒް ހިނިތުންވެލަމުން އެނދުގައި ނަޖުމާއަށް ކުރިމަތިލައިގެން އިށީނެވެ.

"މަންމާ! މަންމާ!" އިއުރާޒް ދެތިންފަހަރަކު ގޮވާލުމާއެކު ހުދުކުލައިގެ މަޑުމަޑު ނޫއަލިފަށެއް ފަންގިފިލާއިން ތިރިއަށް ފޭދިގެން އައެވެ. ހިމުން ތޫނު މިއުޒިކީ އަޑަކާވެސް އެކުގަ އެވެ. އެއަލި ވާފަށެއް ފަދަ ވިދުވަރާއެކު ދެބައި އުމުރަށްދާ އަންހެނަކު އެނދުގެ ކައިރިން ފާޅުވި އެވެ. ހިނިތުންވުމެއް މޫނުމަތިން ފާޅުވާން ހުއްޓެވެ. ނަޖުމާ ދިޔައީ ފަހަތަށް އެއްލިގެންނެވެ. އެފަދަ ގޮތަކަށް އެފަދަ ކަމެއް އޭނާއަށް ފެނިދާނެކަމަށް ކުރިން ވިސްނިފައިނެތީ އެވެ. މަޑުމަޑުން ބެޑްޝީޓްގައި ހިފައިލެވުނެވެ.

"ކަންބޮޑު ނުވޭ. އަހަރެން ކޮއިފުޅަށް އެއްވެސް ދެރައެއް ނުދޭނަން" ނަޖުމާގެ ކުރިމަތިން ފެންނަން ހުރި އިއުރާޒްގެ މަންމަ، ހައްވަ އޯގާތެރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

"މީ އަހަރެން ކުޑައިރުއްސުރެ ބަލާބޮޑުކުރަމުންދާ އަހަރެން މި ހާލަތަށް ވާޞިލުކޮށްދިނުމަށް އެއްމެ އެހީތެރިވަމުންދާ އަހަރެންގެ މަންމަ" އިއުރާޒް ކުރިމަތީ ހުރި އޭނާގެ މަންމަ ނަޖުމާއަށް ތަޢާރަފުކޮށްދިނެވެ.

އިއުރާޒްގެ ބަސްތަކުން ނަޖުމާއަށް ލިބެމުންދިޔައީ އިތުރު ހައިރާންކަމެވެ. އޭނާގެ ހިތުގައި ޖެހެމުންދިޔަ ސުވާލުތައް އިތުރުވަމުން ދިޔައެވެ. ހިތުގައި އުފެދުނު ގިލަންވެރިކަން މަޑުމަޑުން ފުހެވެމުން ފުހެވެމުން ދިޔައީ އެދެ ފަރާތުގެ އޯގާތެރި ބަސްތަކުންނެވެ.

"އާނ! ރާޒް އެއީ އަހަރެންގެ އުފަން ދަރިއެއް! އަހަރެންގެ ލޭ ނުހިނގި އެއް ކަމަކު އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ މިލްކެއް! ތިޔަ ހީކުރި ގޮތަށް އަހަންނަކީ އިންސިއެއް ނޫން! އެކަމަކު! ރާޒް އެއީ..." ހައްވަ މަޑުމަޑުން ކުރިއަށް ޖެހިލާ އެނދުގައި އިށީނެވެ.

"ޖިންނި... އަހަރެން އަހަރެން..." ނަޖުމާ ޖެހިލުންވާންފެށީ އެހާހިސާބުންނެވެ.

"ކަންބޮޑު ނުވޭ. އިހަށް އަޑުއަހާ. މަންމަ އެ ދައްކާވާހަކަ އިހަށް އަޑުއަހާ. އޭރުން ނަޖޫގެ ހިތުގަ ތިޔަހުރި ހުރިހާ ސުވާލަކަށް ޖަވާބު... ޖަވާބު ލިބޭނެ"

"އަހަންނަކީ އިންސާނަކު ދެކެ އިންތިހާއަށް ލޯބިވެވި އެކަމުގެ ހިތްދަތިކަން ތަޙައްމަލުކުރި މީހެއް... އިންސާނުންގެ ސަފުގައި އަހަރެން ނުވުން އެއީ އަހަރެން ކުށެއް ނޫން. އަދި އިންސާނަކު ދެކެ ލޯބިވުން އެއީ އަހަރެންގެ ކުށެއްވެސް ނޫން. އަހަރެން ދެކެ އެންމެ ފުރަތަމަ ލޯބިވީ ވެސް އަހަރެންނަށް އެކަން ހާމަކުރީ ވެސް އޭނާ. އަހަރެން ރާޅުގަނޑު ސަރަހައްދު ތޮށީމަތީ އިށީނދެ އިންދާ ފަހަތުން އައިސް މޫނުގައި އަތްއަޅާ އަހަރެން ސިއްސުވައިލި ދުވަސް އެއީ އަހަންނަށް އޭނާ، މިފްޒާލް އެންމެ ފުރަތަމަ ފެނުނު ދުވަސް. އެދުވަހު މިފްޒާލްގެ ފިރުމުންތަކުން އަހަރެންގެ ހިތް މިފްޒާލްގެ މައްޗަށް ލެނބިގެން ދިޔަ. ލޯތްބަކީ ކޮން އެއްޗެއްކަން އަހަންނަށް އެނގުނީ އޭނާގެ ފަރާތުން. އަދި އިންސާނުންދެކެ ލޯބިވުމަކީ ވަރަށް ފަސޭހަކަމެއްކަން ވެސް އަހަންނަށް އެނގުނީ އެދުވަހަށް ފަހު. ކޮންމެއަކަސް އަހަންނާއި މިފްޒާލްގެ ލޯބި އިތުރަށް ތަރައްޤީވަމުން ގޮސް ދެމީހުންނަށް ވަކި ނުވެވޭ ވަރުވީ އިރަށް އަހަންނަށް ހުރިހާކަމެއް... ހުރިހާކަމެއް ފަޅާއެރީ... މިފްޒާލަކީ މީހެއްގެ ފިރިއެއްކަން ވެސް އޭނާގެ އަންހެނުން ވިހަން ތައްޔާރުވެފައި އިންކަން ވެސް... އެހާހިސާބުން އަހަރެން... އަހަރެން މިފްޒާލް މަތިން...އަހަރެންގެ މަޤްޞަދު ވިއްސިވިހާލިވާކަމުގެ... އެހެންވެ މިފްޒާލް މަތިން ފޫހިވި... ނަމަވެސް އެކަން އޭނާއަށް އަހަރެން ނާންގަން... އަހަރެން އޭނާގެ ހުރިހާކަމެއް ތަންކޮޅެއް ގާތުން ބަލަމުން ގެންދިޔައިން... އެދުވަހަކީ މިފްޒާލްގެ އަންހެނުން ވިހަން ބަނޑުގައި ރިއްސާތީ އުޅުނު ދުވަސް... މިފްޒާލް ހުރީ އޭޑީކޭގައި ކަން އެނގުމުން ނޭނގޭކަމަށް ހެދިގެން އެތަނަށް އަހަރެން ދިޔައިން... އޭނާ ހުރީ ވަރަށް ކަންބޮޑުވެފަ... މުޅި މީހާ ހުރީ ހާސްވެ މާޔޫސްވެފަ... އަހަރެން ފެނުމާއެކު އޭނާ އައިސް އަހަރެންގެ ގައިގައި އޮޅުލައިގެން ރޯންފެށި. ގިސްލަ ގިސްލާފައި ރޮމުން އަހަރެންގެ ގައިގައި އޮޅުލަމުން ދިޔަ... ވީގޮތް އެނގުނީ ލައްކަ މަސައްކަތުން އެތަކެއް ވާހަކައެއް ދެއްކުމުން. މުޅިމީހާ ހަމައަކަށް އަޅުވާލެވުނީ ޑޮކްޓަރުންނާއި ނަރުހުން އަދި އަހަރެންގެ ވެސް ލައްކަ މަސައްކަތުން... އަހަންނަށް އޭނާގެ ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދިން... އަހަންނާ ރައްޓެހިވީ ކީއްވެކަން އޮޅުން ފިލުވައިދިން... ޑޮކްޓަރުންގެ އިންޒާރުތައް ދެމުންދަނިކޮށް އަންހެނުން ބަލިވެ އިނުމާ ވިދިގެން އެކަމުގެ މާޔޫސްކަމުގެ ތެރެއިންކަމާ، އަންހެނުން ބަލިވެ އިނދެއްޖެ ނަމަ ފުރާނައަށް ނުރައްކާވާނެ ކަން އެނގިއެނގި ހުއްޓާ، އަންހެނުން އަމިއްލައަށް އޭނާއަށް އޮޅުވާލުމުން ކަމަށް ބުނެދިން. އަދި އޭނާއަކީ އެކަނިވެރިއެއް ކަމާ އަޅާލާނެ ޔާރެއް އިޔާރެއް ނެތް މީހެއްކަން ބުނެދެމުން ގިސްލަގިސްލާފައި ރޮމުންދިޔަ. އަހަރެންގެ ހިތުގައި މިފްޒާލާ މެދު އުފެދިފައިވާ ކިލަނބުކަން އޮނބި އޭނާއަށް އިތުބާރު އާލާވެ ގުޅުން ބަދަހިވި.. އެދުވަހަށް ފަހު މިފްޒާލުގެ އަލަތު ތުއްތު ދަރިފުޅުގެ ހުރިހާކަމެއް އަހަންނާ ހަވާލުވި... އަހަރެން މިފްޒާލުގެ ގެއަށް ބަދަލުވެ އުފާވެރިކަމާއެކު އުޅެމުން ދިޔައިން... މިފްޒާލްގެ އެދުމުގެ މަތިން އަހަރެން ވެސް ބޭނުންވެގެން ކައިވެނިކޮށް އާ ޙަޔާތެއް ފަށައިގެން އުފަލުގައި އުޅެމުން ދިޔައިން... ދުވަސްކޮޅެއްގެ ތެރޭގައި އަހަރެން މިފްޒާލްގެ ކުއްޖަކަށް ބަލިވެ އިން... ދެން ދިމާވީ މާ ހިތްދަތި ގޮތެއް... މާލޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މިފްޒާލް ދުނިޔެއަޅާ ދިއުން. އަހަރެންގެ ދުނިޔެ އެކުގައި ބަދަލުވިކަހަލަ... މުޅި މީހާ މާޔޫސްވެ ހަނދާނެގޮތް ހުސްވި... އުފަލުގައި ވޭތިކުރަމުން އައި ޙަޔާތަށް ނިމުން އައީ ކަމުގައި ބެލެވެން ފެށި... އެހާހިސާބުން އަހަންނަށް މަޖުބޫރުވީ ލިބެން އުޅޭ ދަރިފުޅުގެ ޙައްޤުގައި އަހަރެންގެ ދިރިއުޅުން އެކުގައި މި ކޮޅަށް ބަދަލުކުރަން... އަހަރެންގެ އާއިލާގެ އެންމެންގެވެސް އެދުމާއެކު... އެހާހިސާބުން މިފްޒާލްގެ ދޮށީ ދަރިފުޅު، އައިޒާލް އާއެކު ދިރިއުޅުން އާއިލާގެ ކައިރިއަށް ބަދަލުވީ... އަހަރެންގެ ބަނޑަށް ދުވަސްފުރި އިންސީންގެ ނަސްލުގެ ކުއްޖަކު އަހަންނަށް ލިބުނު... އެއީ... އަހަރެން އިންސީންގެ ތެރެއަށް ދާންޖެހުނު މަޤްޞަދު އަހަންނަށް ޚާޞިލުވުމުން ހިތްހަމަ ޖެހުން ލިބުނު އަދި އާއިލާގެ އެ ބޮޑު އެދުން ފުރިހަމަ ކޮށްދެވުމުން އުފާވެރިކަން އެތައް ގުނައަށް އިތުރުވި..." މަޑުމައިތިރި ކަމާއެކު ލަސްލަހުން ހުއްޓަމުން ހުއްޓަމުން ހައްވަ ވާހަކަކުރިއަށް ގެންދިޔައިރު އޭނާގެ އުފާވެރިކަން އެކުލެވިފައިވާ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވަމުން ދިޔަ އެވެ. މީހާގެ އަޑުންނާއި މޫނުމަތިން ޖަޒުބާތީ ވާރޭ ކަނި ޖަހަމުން ކޯތާފަތްމަތިން އެކަން ހާމަވަމުން ދިޔަ އެވެ.

"އެހެންވީމަ ރާޒް އަކީ..." ނަޖުމާ ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވެނެވެ.

"އާނ! ރާޒް އެއީ ތިޔަ ނަސްލުގެ މީހެއް! އެހެނަސް އެއީ އާދައިގެ އިންސާނަކަށްވުރެ ބާރުވެރިކަން ލިބިވާ މީހެއް! އެކަމަކު ރާޒަށް އިންސީންގެ ތެރޭގައި އުޅެވޭނީ... ވަކި ވަގުތުތަކެއްގަ! އިންސާނެއް ފަރާތުން ދަރިއަކު އުފަންވުމަށްފަހު... އެ ދަރިފުޅުގެ ފަރާތުން ރާޒްގެ ދުޝްމަނުން ބަލިކުރެވުމުން ނޫނީ އޭނާއަށް އާދައިގެ އިންސާނުން އުޅޭ ބީދައަކުން އިންސާނުންގެ ތެރޭގައި ނޫޅެވޭނެ. އޭނާއަށް... އޭނާއަށް އެގޮތުގައި..." ހައްވަ ހުއްޓާލި އެވެ. އިއުރާޒް ފެށުމުންނެވެ.

"އަހަރެން ނަޖޫގެ ކިބައިން މި އެދެނީ އަހަންނަށް އަހަރެންގެ އުފާތައް ހޯދައިދިނުމަށް.... އެހެން އިންސާނުންނެކޭ އެއްގޮތަށް އެންމެންގެ ލޯތަކަށް ފެނި އެހެނިހެން އިންސާނުންނެކޭ އެއްގޮތަށް އަހަރެންނަށްވެސް ދިރިއުޅެވޭނެ ގޮތެއް ހަދައިދިނުމަށް އެހީތެރިވުމަށް! އަހަރެން ނަޖޫގެ އަތުގައި ހިފީ އަހަންނަށް ނަޖޫގެ ފަރާތުން މި ކަމަށް އެހީތެރިކަން... އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކޮށްގެން... ނަޖޫ ދެކެ ލޯބިވެސް ވެވިގެން" އިއުރާޒް  އަޑުގައި ހަރުދަނާކަން އެކުލެވިފައިވެއެވެ. އޭނާގެ އަޑު ގައި ޔަޤީންކަމުގެ އަސަރު ގުގުމަމުން ދިޔައެވެ.

"އެކޮއި އަހަރެންގެ މި ދަރިފުޅަށް... އުފާވެރިކަން ގެނެސްދީ އެކޮއިގެ ލޯބިދިނުމަށް މި ދައްތަ އާދޭސްކޮށް ސަލާން ޖަހަން... މިދައްތަގެ ދެލޯ ނޭދި އެދޭ މި ދަރިފުޅަށް ހިތްދަތިކަން ލިބޭތަން ދެކޭކަށް މި ދައްތައަކަށް ކުޅަދާނައެއް ނޫން... އާދޭސްކޮށްފަ މި ކަންތައް ސިއްރެއްގެ ގޮތުގައި ބާއްވަދީ މި ދައްތައަށްޓަކައި މިކަމުގަ އެހީތެރިވެދީ" ހައްވަގެ އަޑުގައި ތުރުތުރެއް އުފެދެމުން އަޑުފަނޑުވަމުން މަޑުމަޑު ގިސްލުމަކަށް ބަދަލުވަމުން ދިޔައެވެ.

= ނުނިމޭ =

[BOTTOM CONTENT BANNER]
ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ