[HEADER BANNER]
[AD]

ދެފުރާނަ އެކުވެފައިވާ (13 ވަނަ ބައި)

"ފަނަރަ އަހަރުގެ އަންހެން ކުއްޖަކު ބަނުމަށްފަހު ފަސް ފިރިހެނުން ބަކަށްޓަކާ އެކު...."، "ގެވެށި އަނިޔާގެ ހާއްޔަކުން އަންހެން ކުއްޖަކަށް ފުލުހުން ހިމާޔަތްދީފި"، "ޅިޔަނަކާއި ހަތަރު ފިރިހެނުން އަންހެން ކުއްޖަކު ބަނދެފައި އޮއްވާ ރެޑް ވެއްޖެ" ހިމޭޝްގެ ލޮލުގައި އަޅައިގަތީ ނޫސްތަކުގެ ސުރުޙީ ތަކާއެކު ހުރި ޚަބަރު ތަކެވެ. ނަޖުމާ އާ ގުޅޭގޮތުން ނޫސްތަކުގައި ޖަހާފައިވާ ވާހަކަތައް އެކިގޮތްގޮތަށް ކަނޑާ ނަގާ ފަރުމާކޮށް ފޮތުގައި ތަތްކޮށްފަ އެވެ. އެ ފަސް މީހުންގެ ފޮޓޯތައް ވެސް ނޫހުގައި ހުރިގޮތަށް ފޮތުގައި ތަތްކޮށްފައި ހުއްޓެވެ. މަޑުމަޑުން އެ ފަސްމީހުންގެ ފޮޓޯގައި ނުރުހުމުގެ ނަޒަރުން ބަލާލަމުން ހިމޭޝް އިނގިލި ޖައްސާލި އެވެ. ފޮތުގެ ތެރެއަށް ނަޒަރު ހުއްޓާލަމުން އިތުރު ގަނޑުތަކުގެ ނުފުށުގައި ފޮރުވިފައިވާ ކަންކަން ކިޔާލުމަށް އޭނާގެ ހިތް އަވަސް ވަމުން ދިޔަ އެވެ.

"ކޮބާ ހިމޭ... އޭނާ ކޮންތާކު ހުންނަނީ! ކޮޓަރީ ހުންނަނީތަ؟" ހިމޭޝްގޭގައި ގެންގުޅޭ މީހާ ފެނުމުން ސުވާލު ކޮށްލި އެވެ.

"ކޮޓަރި ތިބެނީ... އަބަދު ފޮތް ކިޔާ ހުންނަނީ... މިހާރު އަބަދު އަންހެން ކުދިންނާ ފޯނުން ވާހަކަދައްކާ ހުންނަނީ" އައިޝަމްގެ މޫނަށް ބަލާލަމުން ކޮށި ދިވެހިބަހުން އެމީހާ މުޚާތަބު ކުރި އެވެ. ހިނިތުންވެ ހުރެގެންނެވެ.

"އޯކޭ" ހިމޭޝްގެ ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލަމުން ކޮޓަރި ތެރެއަށް އައިޝަމް ބޯދިއްކޮށްލި އެވެ.

ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ފަޅުކަމެވެ. މަޑުމަޑުން އެތެރެއަށް ވަދެ ހޮޅިބުރި ދިއްލާލި އެވެ. ކޮޓަރިއަށް ނަޒަރު ހިންގާލި އެވެ. ތަރުތީބުކަމާއެކު އަތުރާލެވިފައިވާ ރީތި ފުރިހަމަ ކޮޓަރި އެކެވެ. ހިމޭޝް އެކަނި އުޅުނެއްކަމަކު އޭނާގެ ތަރުތީބުކަން ކޮޓަރިންވެސް ހާމާ ވަމުން ދިޔަ އެވެ. ކޮޓަރި ތެރޭގައި އެއްވަސް ކުރުވާފައިވަނީ އެމީހުންގެ އެންމެ މަޤްބޫލު ސެންޓްގެ ވަހެވެ. އައިޝަމްގެ ލޮލުގައި އަޅައި ގަތީ އެނދުމަތީ އޮތް ފޮތެވެ. ފޮތުގެ ބަނޑޭރިގަނޑުގެ ބެބުޅުންތަކުން ފޮތް ނަގާ ހިތްވި އެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލަމުން ފޮތް ނަގާ ބަލާލި އެވެ. ފޮތުން ކިޔުނު ހިސާބު ފާހަގަކޮށްލުމަށް ލާފައިވާ ރިބަން ފަށުގައި ހިފާ ހުޅުވާލި އެވެ. އައިޝަމް ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ހުޅުވާލެވުނު ހިސާބުން ފެނުނު ފޮޓޯ އިންނެވެ. ކޮންމެވެސް ވަރަކަށް އޭނާ ދަންނަ މޫނެކެވެ. އޭނާއަށް ދެކެ ފަރިތަ ހިނިތުންވުމެކެވެ. އެހެންމެ، އޭނަ ކޮންމެވެސް ތަނަކުން ދުށް އަތުލިޔުމެކެވެ. އެހެންވެ އޭނާ ދެތިން ފޮޅުވަތް ކިޔާލި އެވެ. ފޮތުގެ މެދުން ފެށުނެއް ކަމަކު ފަރުވާލެއް ނުބަހައްޓާ އޭނާ ފޮތުގެ ތެރެއަށް ފީނައިގަތީ އިޚްތިޔާރުން ބޭރުވެ އިނދެގެންނެވެ.

"އެރެއަށް ފަހު އަހަރެންގެ އެކަނި ވެރިކަން އިންތިހާއަށް ދިޔަ އެވެ. އަޅާލާނެ ޔާރެއް އިޔާރެއް ރަށުން ނުވުމުން އަހަރެން ނިންމީ މާލެ އައުމަށެވެ. މާލޭގައި ކޮންމެވެސް ވަރަކަށް ދަންނަ ދެކެ ފަރިތަ ރަޙްމަތްތެރިން ތިބޭނެތީ އެވެ. މާލެ ފުރުމަށް އަހަރެން ނިންމާ އެކަމަށް ތައްޔާރުވެ ފުރަން އޮތް ރޭ އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ އާދަޔާ ޚިލާފު ރެ އެވެ. ހިތުގައި އުފެދިފަ އިތުރުވަމުން އައި ބޮޑެތި ސުވާލުތަކަށް ޖަވާބު ލިބުނު ރޭވެސް މެ އެވެ. އެރޭ، އަހަރެން ސަލާމަތްކުރި މީހާގެ ކަންކަން އަހަންނަށް ހާމަވި ރެ އެވެ. އާދެ، ރާޒް އަހަރެންނަށް އޭނާގެ ހަޤީގަތްތައް ކިޔައިދީ ފުރަތަމަ ފަހަރަށް އޭނާ ފެނުނު ރޭވެސް މެ އެވެ."

އައިޝަމް އެނދުގައި ހަމަ ޖެހިލަމުން ފޮތް ރަނގަޅަށް ބަލާލި އެވެ. އަދި އޭނާގެ ޖީބުން ފޯނު ނަގާ ކަންފަތުގައި ޖައްސާލި އެވެ.

"ކިހިނެއްވީ؟"

"ކޮންތާކު އާދެބަ މޭރީ ބްރައުންއަށް" އެކޮޅުން ވާހަކަދެއްކީ ފަރުޙާން އެވެ.

"ނޫނޭ" މިގަޑީ ކުޑަކޮށް ބިޒީ ކަމެއްގަ މިއުޅެނީ" އައިޝަމް ބޭނުންވީ ފޮތް ކިޔާލާށެވެ.

"މަޑުކޮށްބަ" ފަރުހާން އޭނާއަށް ފޯނުގައި މަޑުކުރުމަށް އެދުނެވެ.

"އޭ! ކީއްކުރަނީ؟ އަހަރުން މިތިބީ ކޮފީގަ އާދެ ބަ؟" މި ފަހަރު ވާހަކަ ދެއްކީ ހިމޭޝް އެވެ.

"ހިމޭދޯ! މި އޮތީ ހިމޭގެ ރޫމުގަ! ފޯނު ނިވާލާފަ އޮތީމަ ގެއަށް އާ އިރަށް އެ ބޮންދު ބުނީ ކޮޓަރީ އޭ..."

"ކޮޓަރީ ކީއްކުރަނީ؟ ތިތާ އޮވެ ނިދަނީތަ؟"

"ނޫނޭ! ހިމޭގެ ވާހަކަ..."

"އޭ ތި.. ތި... ނުކިޔަ.. ބާއްވަ... ޝިޓް" ހިމޭޝް ހާސްވެ ކަންބޮޑުވަން ފެށި އެވެ.

"ކިހިނެއްވީ؟ މި އަހަރެންނަށް ވަރަށް މުހިއްމު އެއްޗަކަށްވެއްޖެ މިހާރު... މި ކިޔާފަ ނޫނީ ދެނެއް ދޫނުކޮށްލެވޭ..."

"އޯކޭ މަ އެބަދަން.." ހިމޭޝް ކަންބޮޑުވެ އިންމިންވަރު އޭނާގެ ރާގުން ދޭހަ ވި އެވެ.

އައިޝަމް އެނދުމަތީގައި ފޯނު ބާއްވާލަމުން އެނދުގައި ހަމަޖެހިލާ ފޮތްހުޅުވާލި އެވެ. ފޮތުގެ ތެރެއަށް ގެނބިގެން ދިޔައީ ހީވެސް ނުކުރާހާ ބާރު މިނެއްގަ އެވެ.

"ނަޖޫ..." ނަޖުމާ ދިޔައީ ސިއްސައިގެންނެވެ. ދަބަހަށް އެޅުމަށް ފަތްޖަހަމުން ދިޔަ ހެދުންތައް ވެސް އެނދުމައްޗަށް ނުވެރުނީ ހަމަ ކިރިޔާ އެވެ. އޭނާ ވަށައިގެން ހޯދާލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށް ހީވި ގޮތް ކަމަށް ނިންމާ ހެދުންތައް ފަތްޖެހުމަށް ސަމާލުވި އެވެ.

"ނަޖޫ އަހަންނޭ!" އަޑު އިވުނީ ނަޖުމާއާއި ދާދި ގާތުން ނެވެ. އެހެނަސް އޭނާ އަޅާ ނުލާ އިނީ އެވެ.

"ނަޖޫ... ރުޅިއައިސްތަ؟ މީ އަހަރެންނޭ"

"ކާކު؟ ކާކުތަ؟" ނަޖުމާ ފަރުވާ ކުޑަގޮތަކަށް ވާހަކަ ދެއްކި އެވެ.

"އަހަރެން ރާޒް"

"ކޮން؟ ނުދަންނަން"

"އަހަރެން އަހަރެން ނަޖޫ... ނަޖޫ އަށް ވެސް އަހަރެން އެނގޭނެ މިހާރު"

"ކޮން؟ އަހަރެން ނުދަންނަން ރާ...ޒް ކިޔާ އެކަކު ވެސް" ނަޖުމާ ސަމާލުވެ އިނީ އޭނާ ފަތްޖަހަމުން ދިޔަ ހެދުންތަކަށެވެ.

"އެންމެ ރަނގަޅު... ކުރިން ރޭ ނަޖޫ އެމީހުންގެ ކިބައިން ސަލާމަތްކުރި މީހާ ނަޖޫ ނުދަންނަންތަ؟"

ނަޖުމާ ހައިރާންވެ އަނގަހުޅުވުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ފަހަތް ބަލާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ވަށައިގެން ހޯދާލެވުނީ އެހެންވީ މަ އެވެ. އޭނާ ހީކުރީ މީހަކު އޭނާގެ ފަހަތުގައި ހުރެ ވާހަކަ ދައްކާހެންނެވެ.

"އެމީހަކީ އަހަރެން ދަންނަ މީހެއް ނޫން؟ އެފަދަ އޯގާތެރި މީހަކީ ތިހާ ފިނޑި މީހަކަށް ނުވާނެ... ފިލައިގެން ތިބެ ގުނބޯ ގުނބޯ ގޮވާނީ ފިނޑިން" ނަޖުމާ ގަދަކޮށްލި އެވެ.

"ހަޤީގަތް އެނގުނީމަ ނަޖޫ ވެސް ފިލާނީ... އެހެންވީމަ މި ގޮތް އަހަންނަށް މި ވަގުތަށް މާރަނގަޅު" މި ފަހަރު އެ އަޑުގައި އަސަރު އެކުލެވުނު ކަން ނަޖުމާ ދެނެގަތެވެ.

"އެ މީހަކީ ކޮންމެ މީހަކަށް ވިޔަސް އަހަރެންގެ ހިތުގައި އެމީހަކަށް ދީފައިވާ ޖާގައަކަށް އެއްވެސް ބަދަލެއް ނާންނާނެ... އަހަންނަށް މިހާރު ޝައްކު ތީ އެމީހާ ކަމަށް"

"އެންމެ ރަނގަޅު... ކިހިނެއް ހަދަންވީ ޔަޤީންކޮށްދޭން"

"ކަމެއް ކުރާނެ ކަމެއް ނެތް؟"

"އެންމެ ރަނގަޅު... އަހަރެން އެރޭވެސް ބުނީމެއްނު ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭ ނަމޭ... މިރޭ އަހަރެން މިއައީ ނަޖޫއަށް ހުރިހާ ހަޤީގަތެއް ކިޔައިދޭން... އަހަރެން ބޭނުން ނަޖޫއަށް އެހީތެރިކަން ފޯރުކޮށްދޭން... އަހަންނަށް އެނގޭ ނަޖޫ އަށް އަޅާލާނެ އެއްވެސް ޔާރެއް އިޔާރެއް މިދުނިޔެ މަތީގައި މިހާރު ނެތްކަން"

ނަޖުމާ އިސްޖަހައިގެން އިނދެ ވިސްނާލި އެވެ. އެއްވެސް މީހަކު ނުފެނި އަޑެއް އިވޭތީ އޭނާ ކަންބޮޑުވީ އެހާ ހިސާބުންނެވެ.

"ނަޖޫ... ޤަބޫލުކޮށްބަލަ... ނިކަން އަހަންނަށް ބަލާލާފަ އަހަރެންގެ ލޮލަށް އެއްފަހަރު ނަމަވެސް ބަލާލާފަ ތިގޮތަށް..."

ނަޖުމާ ފަސް އެނބުރި ބަލާލި އެވެ. އޭނާއަށް ހައިރާންކަން ލިބުނީ އެހާހިސާބުންނެވެ. ރީތި ފުރިހަމަ ފިރިހެންވަންތަ ޒުވާނެކެވެ. އިސްކޮޅުގައި ފަސް ފޫޓަށް ވުރެ ދިގުވާނެ ކަމަށް އޭނާއަށް ލަފާކުރެވުނެވެ. ލައިގެން ހުރި ޖީންސާއި ޓީޝާޓްގުޅެ އެވެ. އޮމާން ރީތި މޫނެކެވެ. ފުރިހަމަ ކަމާއެކު ތަރުތީބު ކުރެވި ދޫކޮށްލެވިފައިވާ ފަން އިސްތަށި ގަނޑެކެވެ. ނަޖުމާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އަދި އެ ގޮތް ނޭގޭ މީހާއާ ގާތަށް ޖެހިލެވުނެވެ. ބޭއިޚްތިޔާރުގަ އެވެ. ނަޖުމާއަށް ބުނަން ނޭގޭ ފަދަ ބާރަކުން ދަމާ ގެންދާ ކަހަލަ އެވެ. ކަޅިވެސް ޖަހާ ނުލާ ހުރެ މަޑުމަޑުން ކުރިއަށް ދެވުނީ އެ ޒުވާނާ ގެ މޫނަށް ބަލލައިގެން ހުރެ އެވެ. މައުސޫމު މޫނެކެވެ. އޯގާތެރިކަމާއި ކުލުނުގެ އަސަރުތައް ލޮލުން ހާމަވަމުން ދިޔަ އެވެ.

"ރާޒް... ކާކު؟ އަހަރެން ދަންނަނީ ކިހިނެ..." ނަޖުމާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް އެ ޒުވާނާ ނަޖުމާގެ ތުންފަތުގައި އިނގިލި ޖައްސާލި އެވެ.

"އިއުރާޒް... ލޯބިން ކިޔަނީ ރާޒް... ވަރަށް ކުރިން އެންމެ ކުޑަ އިރުންސުރެ އަހަރެން ދަންނަން" އިއުރާޒް ނަޖުމާގެ ހޯލި އިނގިލިތަކުގައި ހިފާ މަޑުމަޑުން މޮޑެލި ކަހަލަ އެވެ.

"އަހަރެން ނުދަން..." ނަޖުމާ އިސްޖަހާލި އެވެ.

"އެއީ މައްސަލަ އެއްނޫން... އަހަރެން ބޭނުމީ ނަޖޫއަށް އެހީވާން... އެރޭ ވެސް އަހަރެން ނަޖޫއަށް އެހީވީ ހިތަށް ކެތް ނުވެގެން... ނަޖޫއަށް ލިބެމުން ދިޔަ ހުރިހާ އަނިޔާތަކާއި ހުރިހާ ތުރާތަކެއް އެންމެ ގާތުން ބަލަމުން ދިޔަ އެކަކީ އަހަރެން"

ނަޖުމާ ސުވާލުން ފުރިގެންވާ ނަޒަރަކުން އިއުރާޒްގެ މޫނަށް ބަލާލި އެވެ. އެ ބެލުމުން އެތަކެއް އަސަރު ތަކެއް ހާމަވަމުން ދިޔަ އެވެ. ފެންކަޅިވަމުން ދިޔަ އެ ފުން ދެލޮލަށް އިރުރާޒް ބަލާލުމުން އޭނާއަށް ވެސް އަސަރުކުރުމުން އޭނާ އިސް ޖަހާލި އެވެ.

"ނަޖޫ... އަހަރެން ނަޖޫ ދެކެ އިންތިހާއަށް ލޯބިވަން... އަހަންނަށް ހީވާ ކަހަލަ އަހަރެން މި ދުނިޔެ އަށް ނޭވާ މިލަނީ ނަޖޫގެ ޙައްޤުގައޭ... އަހަރެންގެ ފުރާނަ މި ހިނގަނީ ނަޖޫގެ ޙައްޤުގައޭ... އެކަމަކު މި ދެ ފުރާނަ އެކުވެގެން ނޫނީ މި ގުޅުމަށް އުފާ ފާގަތި ކަމެއް... ހިތްހަމަ ޖެހުމެއް ލިބުމެއް ނެތް... ނަޖޫގެ ނުރުހުމުގައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން..." އިއުރާޒް ފެންކަޅި ވި އެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އޭނާ އިސްޖަހައިގެން ހުރީ އެވެ.

"އަހަރެން... އެއްވެސް މީހަކަށް... އެއްވެސް މީހަކަށް އަމުދުން ފިރި... އަހަރެން...." ނަޖުމާ ފަހަތަށް ޖެހިލި އެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށީ އެހާ ހިސާބުންނެވެ.

"އަހަންނަށް އެނގޭ ނަޖޫއަށް ކުރާނެ އަސަރު... އަހަންނަށް އިޙްސާސްކުރެވޭ ނަޖޫގެ ހިތުގައި ފިރިހެނުންނާ މެދު އޮންނާނެ ހަސަދަވެރިކަން... އިންސާނަކަށް ތަހައްމަލު ކުރަން ޖެހޭ ހުރިހާ ތުރާތަކެއް ނަޖޫ ތިވަނީ ތަހައްމަލު ކޮށްފަ... ކޮންމެ ވަގުތަކު ކޮންމެ ރެއަކު ނަޖޫއަށް ލިބެމުންދިޔަ ވޭންތަކާއި ތުރާތައް އެންމެ ގާތުން ބަލަމުން ދިޔަ މީހަކީ އަހަރެން... ނަޖޫ ގިސްލަ ގިސްލާ ރޯން އޮންނަ ކޮންމެ ރެއަކު، މަންޒަރު ބަލަން ހުރެ އަހަންނަށް ވެސް ގިސްލަ ގިސްލާފައި ރޮވޭ..."

"ދެން... ދެން... ކީއްވެ އަހަރެން...؟"

"އަހަންނަކީ އެއްވެސް ބާރެއް އޭރު ލިބި ހުރި މީހެއް ނޫން... އިންސާނުންނަކީ ހުރިހާ ކަމެއްވާ ކަން ދައްކާލާ... ހުރިހާ ކަމެއް އެއްމެ ނުބައިކޮށް... އެންމެ ގޯހުން ގޯހަށް ގެންދާ..." އިއުރާޒް ހުއްޓާލި އެވެ. އޭނާއަށް އަސަރު ކުރަމުން ގޮސް އެކަން އޭނާގެ ލޮލުން ވެސް ފާޅުވާން ފެށީ އެވެ.

"ނަޖޫ ޕްލީޒް... އަހަރެން ބޭނުމެއް ނޫން ނަޖޫ އެކަނި ކޮށް ދޫކޮށްލާކަށް... އަހަރެން އެރޭ ވެސް ނަޖޫ ސަލާމަތްކުރީ އަހަރެން ނަޖޫ ދެކެ އިންތިހާއަށް ލޯބި ވާތީ... އަހަރެން ބޭނުން ނަޖޫއާ އެކު އުފަލުގައި ދުވަސްތައް ހޭދަކުރަން... ނަޖޫ މާލޭގަ ހުންނާނީ އަހަރެންގެ ގޭގައި... އަހަރެންގެ ގާތުގައި... އެކަމަކު...! މި ރޭ އަހަރެން މިއައީ ނަޖޫ އަށް ހުރިހާ ގޮތަކުން އެހީތެރިކަމާ އެއްބާރުލުން ދިނުމަށް ތައްޔާރު ވެގެން... އެ ބާރުވެރިކަމާ އެކު" އިއުރާޒް ނަޖުމާ އާ ގާތްވެލައި އޭނާގެ ދެ އަތުގައި ހިފާލި އެވެ.

= ނުނިމޭ =

[BOTTOM CONTENT BANNER]
ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ