[HEADER BANNER]
[AD]

ދެފުރާނަ އެކުވެފައިވާ (އަށްވަނަ ބައި)

"އެކަމަކު"

"އެކަމަކު މިކަމެއް ޝަމް އަކަށް ނޭނގޭނެ... ޝަމް އަށް ލިބިފައިވާ ހުރިހާ ބާރެއްގެ އަސްލަކީ މީ... ނަޖުއްތަ އަށް އެނގޭ ހިމޭ އަކީ ޝަމްގެ ކާކުކަންވެސް... ހިމޭއަށްޓަކައި ޝަމް ނަޖުއްތަ ގާތުދައްކާ ވާހަކަތައްވެސް... މިއަދު ހިމޭ ވެސް ކުރިއަރައިގެން ތި ދަނީ ރާޒުގެ ސަބަބުން..."

"ދެން..." ހިމޭޝް އަނގައިން ބަސްހުއްޓުނު ކަހަލަ އެވެ. އޭނާއަށް އައިޝަމް ކިޔައިދީފައިވާ އާދަޔާ ޚިލާފު ހުރިހާ ވާހަކަތަކެއްގެ ހަނދާން އާވަމުން ދިޔަ އެވެ. އައިޝަމް އާ ދިމާ ނުވާ އިރު ފިލާވަޅު ދަސްކުރަން އުޅުނު ހާލު ހިތަށް އަރަން ފެށި އެވެ. ގުރޭޑް 6 އާ ހަމައަށް އެއްވެސް މާއްދާއަކުން ފާސްނުވާ ރިޕޯޓް ފޯމު ހިފައިގެން ގެއަށް ދިޔުމުން ދައްތައާއި ބައްޕަ ކަރުނަ އެޅި މަންޒަރުތައް ސިފަވަމުން ދިޔަ އެވެ. އައިޝަމް އާ ދިމާވުމުން އޭނާގެ ވިސްނުމާ ފިކުރަށް އައި ބަދަލުތަކާ އާއިލާއަށް ލިބެމުން ދިޔަ ތިޔާގި ތަނަވަސްކަން ހަނދާނަށް އައުމުން ތަންކޮޅެއް ދުރުގައި ހުރި އައިޝަމްގެ މޫނަށް ބަލާލެވުނެވެ. ރަޙުމުން ފުރިގެން ވާގޮތަކަށެވެ.

"ދެން ކޮށްދޭންވީ ކަމަކީ ޝަމް އަށް ފަރުވާތެރި ވެދޭންވީ... ނަޖުއްތަ މި ދެއްކި ވާހަކަ އެއްވެސް މީހަކު ގާތު ނުދައްކާތި އިނގޭ... ޝަމް ގާތުވެސް ނުބުނާތި... އެހެން ނޫނީ... އެހެން ނޫނީ ހުރިހާކަމެއް ބީ..." ނަޖުމާ ހުއްޓުން އެރި އެވެ.

"ކިހިނެއް ސަމާލުވާންވީ..."

"މޫދަށް އެރި އުޅުމުގައި ސަމާލުވާންވީ އޭނާ އެއްގޮތަކަށްވެސް މޫދަށް ނާރުވާންވީ..." މިފަހަރު އިވުނީ ފިރިހެނެއްގެ އަޑެވެ. ދުވަހަކުވެސް ނާހާ އަޑެކެވެ. އަޑުގައި އައިޝަމްގެ އަޑާ ވައްތަރު ގޮތެއް ހުއްޓެވެ. ހިމޭޝް ޔަޤީންކުރީ އެއީ އައިޝަމްގެ ބައްޕަ ކަމުގަ އެވެ.

"ހައިރާންވީ ދޯ... މީ ޝަމްގެ ބައްޕަ... ނަޖުއްތަ އެބުނީ ހަމަ ހަޤީޤަތް... މިއަދު މިކަން ހިމޭޝްއަށް އެނގެން ޖެހޭތީ މި ހިއްސާކުރީ... މި ދުނިޔޭގައި މިކަން އެނގޭނެ އިތުރު މީހަކަށް ތިބޭނީ ނަޖުއްތައާ ހިމޭޝް... އަމާނާތަށް ޚިޔާނާތްތެރި ވުމީ އަހަރުމެންގެ ސިފައަކަށް ވެގެން ނުވާނެ..." ފޯނުން އިވެމުންދިޔައީ ރާޒްގެ އަޑެވެ.

"އާދެ އެކަމަކު އަޅުގަނޑުގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އެބަހުރި... އެސުވާލުތައް..." ހިމޭޝް އަދަބުވެރިވީ ސަބަބެއް ނެތީމައެއް ނޫނެވެ. އެއީ އޭނާ ޤަދަރު ކުރަން ޖެހޭ މީހަކަށްވީމައެވެ. އަނެއްކޮޅުން އޭނާގެ ކޮއްކޮއެއް ފަދަ އައިޝަމްގެ ބައްޕައަށް ވީމައެވެ.

"ތިކަން އެނގޭ... ތި ހުރިހާ ސުވާލެއްގެ ޖަވާބު އަދި ލިބޭނެ... އިންތިޒާރުކުރޭ... ދެން ބޭބެ މިބުނާ ގޮތަށް ކަން ކުރޭ... ޝަމް މޫދަށް ނާރުވާ... ބޭބެގެ ބާރު ވެރިކަމެއް މޫދަކު ނުހިނގާނެ... މޫދަކީ އަހަރުންމެން ފަދަ އެހެން ބައެއްގެ ބާރުވެރި ތަނެއް... އެތަނަކީ އަހަރުމެންގެ ދުޝްމަނުންގެ ކިއްލާއެއް..." ރާޒްގެ ވާހަކަތަކުން ހިމޭޝްގެ ހިތުގައި ޖެހެމުން ދިޔަ ސުވާލު މާކުތައް އިންތިހާއަށް އިތުރުވަމުން ދިޔަ އެވެ.

"އާދެ... ތިކަން ތި ގޮތަށް ކުރާނަން... އެކަމު ލަކު..." ހިމޭޝް ހުއްޓާލީ ރާޒް ވާހަކަދައްކަން ފެށީމަ އެވެ.

"ލަކުނުތައް އަތް ނުލާ ބައްހައްޓާ... ދެން ބާކީ ހުރި ލަކުނު ތަކުގައި އެހެން މީހަކު އަތްލާފި ނަމަ ޝަމްގެ ފުރާނައަށް ނުރައްކާ ވެދާނެ... މިވަގުތު ބުނެދެވެން އޮތީ މިހާހިސާބަށް" ރާޒްގެ ވާހަކަ ހުއްޓާލީ އައިޝަމް ހިމޭޝްގެ ކައިރިއަށް އަންނަން ފެށުމުންނެވެ. ހީވަނީ މަންޒަރު ބަލަން ދުރުގައި ހުރެ ގުޅައިގެން އުޅޭހެންނެވެ. ވާހަކަ ދެއްކުމުގައި ބަދަލުވަމުން އަންނަ އޮއިވަރު އެހާ ސާފުވެފައި ހުށިޔާރެވެ.

"ދެން ނަޖުއްތަ އަށްޓަކައި މިކަން މި ގޮތަށް ކޮށްދީ..." ފޯނުން ދައްކަމުން ދިޔަ ވާހަކަތައް ފުރޭނިގެން އައިޝަމް އަށް އިވި އިވި ހުއްޓެވެ.

"އޯކޭ ނަޖުއްތާ... ތިކަން ކޮށްދޭނަން ތި ކަމާ ދެރަ ނުވޭ... ޝަމް އެއީ އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ކޮއްކޮއެއް... ޝަމް އަށް ދެރަގޮތެއް ވިޔަކަ ނުދޭނަން... ޔަޤީންކުރޭ..." ހިމޭޝްގެ ބޭނުންވީ އައިޝަމްއަކީ އޭނާގެ ކާކުކަން ނަޖުމާއަށާއި އައިޝަމްއަށް ސާފުކޮށް އަންގައިދޭށެވެ.

"އޯކޭ ބޭއްވީ" ހިމޭޝް ފޯނު ދިއްކޮށްލަމުން ލޯބިން ފުރިގެންވާ ފަދަ ނަޒަރަކުން އައިޝަމް އަށް ބަލާލި އެވެ. އޭނާގެ އެބެލުމުގައި ކުލުނާއި އޯގާތެރިކަން އެކުލެވިގެންވާ ކަން އައިޝަމްވެސް ދެނެގަތެވެ.

"ކޮންހާ ވާހަކައެއް... އަނެއްކާ މަންމަ ހިއްލީތަ" އައިޝަމްގެ މަޖާކޮށްލި އެވެ.

"އާނ ހިއްލަންވީތާދޯ ނުލާހިކު ސްމާޓް މަންމަ އެއްވިއްޔަ... ކިހާ ރަނގަޅު މަމް އެއް.. މި ދަތުރުގެ ވެސް ހުރިހާ ކަމެއް ސެޓްކޮށްދިނީ މަންމަ އެއްނު..."

"އެވާހަކަދޯ ކިޔާދިނީ... އަނގަބޮޑު މަންމަ...."

"ހެއް... ޝުކުރުވެރިވެ ބަލަ މަންމަ އެހާ ރަނގަޅުވީމަ... ބަލާބަ އަހަރެން މަންމަ ނެތީމަ އުޅެން ޖެހޭގޮތް..." ހިމޭޝް ފެންކަޅިވީ އެހާހިސާބުންނެވެ. އެކަން އެނގުމުން އައިޝަމްގެ ވާހަކަ ހުއްޓާލި އެވެ.

**** *** *** ****

"ކޮން ރުއިމެއް ރޯކަށް... މީހަކު އެއްޗެކޭ ބުނާއިރަށް ބަޑި ފަޅައިގެން ދާންޖެހޭތަ..." ފަރުހާން ވާހަކަދެއްކީ ޒިދުނާ އާ އެވެ.

"ނުރޮން ދެރަވީ އެމީހުން މަލާމަތްކުރީމަ" ޒިދުނާގެ މޫނުގައި އަޅާފައިވާ އަތް ނަގަމުން އިސްއުފުލާ ބަލާލަމުންކުރަކިވެފައިވާ އަޑަކުން ވާހަކަދެއްކި އެވެ.

"ބުނީ ޖޫހުގަ ފޮނި ގަދައޭ... ޝަމްވެސް ހިމޭވެސް... މަށަށް ޖޯކު ޖަހަނީ..."

"ދަތުރުގަ މަޖާނަގާނެދޯ އަޅާނުލާބަ... އެއީ އެމީހުންގެ ވައްތަރު އެމީހުންގެ ކަމަކަށް އޮއްނާނީ ދިމާކުރުމާ ޖެއްސުންކުރުން..." ފަރުހާން ޒިދުނާއަށް ވިސްނައި ދެމުން ދިޔަ އެވެ.

"ދެންދޭ އެ ގުރޫޕު ހުކުރުން އަންނަންވާ އިރަށް ހައްވަތަމެންނާ އެކު ކައްކަން... މިފަހަރު އެގުރޫޕް ކައްކަން ނޫޅުނީ ޒިދޫ އާ ހައްވަތަ އައީމަ... އެހެން ނޫނީ ތި ހުރިހާ ކަމެއް ކުރާނީ ޝަމް އާ ހިމޭ... އެމީހުން ވަރަށް ގަދަ ވާނެ ކެއްކުމަށް" ފަރުހާން ވާހަކަ ދައްކަމުން ކައްކަން ތައްޔާރުކޮށްފައިވާ ޖަގަހައަށް މިސްރާބު ދީލާލި އެވެ. ޒިދުނާ ވެސް ފަރުހާންގެ ކަނާއަތް ފަރާތުގައި އިސްޖަހައިގެން ހުރެ މަޑުމަޑުން ހިނގަމުން ދިޔަ އެވެ. ޒިދުނާގެ ތުއިކަން ކަނޑުވަން ފަރުހާން މަސައްކަތް ކުރަމުން ދިޔައީ ސަބަބުތަކެއް ހުރީމަ ކަމަށް ބުނަމުންނެވެ. އޭނާގެ މަޤްޞަދަށް އެ ކަމުން ހުރަސްއަޅާކަން ކިޔައި ދެމުންނެވެ.

"އޭ ބަލަ ހާދަ ކަޑަވެފަ ތިއޮތީ ކިހިނެއްވީ..." ހިމޭޝް ވާހަކަދައްކަމުން ޒިދުނާގެ މަގަތުގައި އޮށޯތެވެ.

"ކެއީމަ މާބޮޑަށް ލޮޑުވީ... ހައްވަތަމެންނާ އެކު ވޮލީ ކުޅެފަ މިއައީ... ވަރަށް ހޫނުވޭ އެބަ" ޒިދުނާ ވާހަކަދެއްކީ ދިއްގާގަށް ބަލަން އޮވެ އެވެ.

"މިއަދު ވަރަށް ދެރަވެގެން ރުއި ވާހަކައިވުނު..."

"ކާކު ބުނީ ފަރޭ ދޯ"

"ހައްވައްތަ... ތެދެއްދޯ އެއީ"

"އާނ ދެރަވި... އަސްލު ޝަމް ކަންތައް ކުރިގޮތުން... އޭނާ އެއްވެސް ވަރަކަށް ނުވިސްނާ..."

"ކޮންކަމަކަށް...؟"

"ހިމޭވެސް ހުންނާނީ އޭނާ ކޮޅަށް މަށާއެކު އެކަކުވެސް ނެތް"

"ކޮބާތަ މައްސަލައަކީ..."

"ދެން މާ ނޭނގޭކަމަށް ނަހަދަބަ... އަހަރެން ޝަމް ހޯދަން ފުރުޞަތެއް ލިބޭތޯ މިތަނަށް ހައްވައްމެންނާ އެކު މިއައީވެސް"

"ޝަމްގެ ޚިޔާލު ދޫކޮށްލާ... އޭނަގެ ނެތް ތިކަހަލަ ވިސްނުމެއް... އެއީ މުޅިން އެހެން މީހެއް... ނިކަން މަ ކައިރީ އަހާބަލަ..." ހިމޭޝް ހިނިގަނޑެއް ޖަހާލި އެވެ. އަދި ދިއްގާގަހުން ވެއްޓިފައި އޮތް މަލެއް ނަގައި އޭގެ ކަރުގަނޑާ ކުޅެން ފެއްޓި އެވެ.

"ހައް ހައް" ޒިދުނާ ގާތަށްވެސް ހިނި އައެވެ. އެހެނަސް އޭނާ އެކަން ފޮރުވަން އުޅުނީ އައިޝަމް އަންނަތަން ފެނުމުންނެވެ.

"ހިމޭ މަށާ ރައްޓެހިވާނަންތަ... ސީ ކޮށްތަ ތި އަހަނީ" އައިޝަމް އަށް އިއްވަން ޒިދުނާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް އޭނާ ހުރީ ހެޑްސެޓްޖަހައިގެން ތަންކޮޅެއް ދުރުގައި ކަމުން އޭނާއަށް އެ އަޑެއް ނީވެ އެވެ.

"އާނ ކީއްވެ ނުވަންވީ... މަ ހުތުރީތަ؟" އައިޝަމް ފޫޓެއްހައި ކައިރިއަށް އައިސްހުއްޓުނީ ހިމޭޝްގެ ބޮލާ ވީކޮޅަށެވެ. ޒިދުނާ އޮތީ ހިމޭޝްއާ ދެކޮޅަށްވާ ގޮތަށްކަމުން އައިޝަމްގެ ހަރަކާތްތައް ޒިދުނާއަށް ފެނުނަސް ހިމޭޝް އަކަށް ނުފެނެއެވެ.

"ނޫނޭ... ޔު އަރ ސޯ ކިއުޓް.. ޔޫ ހޭވް މޮޑެލް ބޮޑީއެއް.. އައި ލައިކް.. އެކަމުތީ ނަވީގެ ކަމެއްނު... ހިމޭވެސް އެކުއްޖާއަށް ތިހެން ނަހަދަ ސީރިއަސްވެބަލަ" ޒިދުނާގެ ވާހަކަތައް ހަމަ ރަނގަޅަށްވެސް އައިޝަމްއަށް އިވޭނެއެވެ.

"ޕްލޭސްމަންޓް ހަމަ ޖެހޭއިރަށް އެބަޖެހޭ މެލޭޝިޔާއަށް ކިޔަވަން ނައްޓާލަން... ބައްޕަމެން ވަރަށް އެބަ އުދަނގޫކުރޭ އެކޮޅަށް ނުދާން ގަދަ ދައްކާތީ"

"ދެން"

"އެހެންވީމަ ކިޔަވައިގެން އައިސް އެކަމާ އުޅޭނީ... މި ރަނގަޅު ޗާންސެއް ޓު ޗެކް ހަރ... މަ ވަރަށް ފޫހިވާ ކަމެއް ރައްޓެހިވެގެން މާ ވެގަނެގެން އުޅުން... މަ ބޭނުމީ މަ ދެކެ ލޯބިވާ ކުއްޖާ ފެންނައިރަށް އެކުއްޖާ ޗެކުކޮށްލާފަ ޓަސް ހަމަ މެރީކުރަން... އެހެންވެ ލަސްކުރަނީ... އެކަމު އަދި ނޭނގެ ވާނެގޮތެއް އިނގޭ" ހިމޭޝް ޖޯޝާއެކުވާހަކަ ދެއްކިއެވެ.

"ދެން ތިކަން ނަވީ އަށް އެނގޭނެތަ"

"އާނ ބުނެފަ އޮންނާނީ އޭނާ ބުނި ވެއިޓް ކުރާނަމޭ... އެކަމު ތްރީ އިޔަރސްވިމަޔޯ"

"ބަލަ އަހަރުން އެންމެން ޔުނިވަރސިޓީއަށް ފޯމުލައިފަވީ... ހީވަނީ ހޮވޭނެ ހެން ދޯ ޝަމް" ޒިދުނާ އައިޝަމްއަށް ދޯ ދިނީ އޭނާގެ ކަންފަތުގައި ޖަހާފައިވާ ހެޑް ސެޓް ނައްޓާލުމުން ނެވެ.

"ކީކޭ"  އައިޝަމްވެސް އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއަށް ގުޅުނެވެ.

"މި ބުނީ ހިމޭ ނޫން އެންމެން ޔުނިވަރސިޓީއަށޭ ވަންނަނީ" ޒިދުނާ އިސްނެގި އެވެ.

"މަ ކަޑަ ކުރަންދޯ ތި އުޅެނީ" ހިމޭޝް ވާހަކަދެއްކީ މާ ނޫންކަމަށް ހެދި އޮވެގެންނެވެ.

"ހިމޭ ދެން އެކޮޅުން ނިންމާފަ އާދޭ... އަހަރުން މިފަހަރު މިކޮޅުން ދޯ ޝަމް"

"ޒިދޫ ލީ އެހެން ކޯހަކަށްނު... އަހަރެންބޭނުމީ ލޯ ހަދަން..." އައިޝަމް މާ ނޫންވެގެން އިނދެ ވާހަކަފެށި އެވެ.

"ދެން ކޮބާ މައްސަލައަކީ" ހިމޭޝް އައިޝަމްއަށް ބަލާލި އެވެ. އެމޫނުމަތީގައި ޒިދުނާއަށްޓަކައި އެއްވެސް ކަމެއް ވޭތޯ އެވެ.

"މައްސަލައެއް ނެތް... މަ ވެސް ވަރަށް މެލޭއަށް ދާ ހިތްވޭ... މައްސަލައަކީ މަމް އެކަނި ގޭގަ ހުންނާތީ"

"އެތަން ކަޑައޭ... ރާއްޖެ މާ ސަޅިވާނެ... މިހާރު ރާއްޖޭ ހުރެގެންވެސް މެލޭގެ ޔުނިވަރސިޓީ ކޯސްތައް އެބަހެދެ އެއްނު"

"އެކަމު ވަރަށް އަގުބޮޑު އަހަރުންނާ ނުބައްދަލު ދޯ ޝަމް"

"މައްސަލައަކީ އަހަރެން ބޭނުންވާ ދާއިރާ ނެތީމަ... އަހަރެން ނޫޅެން ޓީޗަރަކަށްވެގެން ގަނަތެޅޭކަށް... މަމްވެސް ބުނި ޓީޗިން އެ އަންހެން ކުދިންގެ ފީލްޑެކޭ"

"ކީއްވެ ގަނަތެޅޭ ވާހަކަ ތިބުނީ... ޝަމްގެ މަންމަވެސް އެއީ ޓީޗަރއެއްނު"

"އާނ މަންމަ ސައުވީސް ގަޑިއިރު އުޅެގެން ވެސް ލިބެނީ ނައިން ސަމްތިން... ކުނިއުކާލާ ބޮންދުން ވެސް މަހަކު އެވަރު ނަގާނެ... އެހެންވީމަ ކަޑައެއްނު"

"ދެން އޯކޭ އޭ... އަހަރުން ކަހަލަ ކަޑަ މީހުންނަށް އެ ވެސް ރަނގަޅު ފީލްޑެއް ދޯ" ޒިދުނާ މާޔޫސީ ރާގަކަށް ބުނެލި އެވެ.

"ތިއެއް ނޫނޭ... ޝަމް ދެކެ ވަރަށް ލޯބިވާ ކުއްޖަކު މިއަދު ވަރަށް ރުއިކަން އެނގޭތަ" ހިމޭޝް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.

"ރޯން ޖެހޭވަރު ކަމެއް ނުކުރަން... އެހެން ނޫނަސް މަ ނޫޅެން މަތިން ބައިން ޖެހިގެންނެއް... މަށަކަށް ނޭނގެ ބޮއްކުރާ ދަށަށް އޮޑި ކަނބާކަމެއް... ހާ ފަހަތުން ކުކުޅު ދުވާކަމެއް..." އައިޝަމްގެ ވާހަކަތައް ސީދާ އަމާޒުކުރީ ޒިދުނާއަށެވެ.

އެއާއެކު ޒިދުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށި އެވެ. އުއްޑުން އޮށޯވެ އޮތް މީހާއަށް ކުއްލިއަކަށް ތެދުވެވުނެވެ. ދެލޮލުގެ ހިމަކޮޅުން ކަރުނަ ހިލެން ފެށުނެވެ.

"ޝަމް ދެން...." ހިމޭޝްގެ ކެތްތެރިކަން ކޮޅުންލީ އެހާހިސާބުންނެވެ.

ޒިދުނާއަށް ގިސްލެވެން ފެށުނީ ބޭއިޚްތިޔާރުގަ އެވެ. އޭނާގެ ހިތުގައި ޖެހުނީ އައިޝަމް އޭނާއާ މެދު ފާޅުކުރި ބަސްތަކުންނެވެ. އޭނާއަށް ރައްދުކުރި މަލާމާތުގެ ޖުމުލަތަކުންނެވެ. އައިޝަމް ދެކެ ލޯބިވާކަން އިސްވެ އޭނާ ހާމަކޮށްފައި ވުމުންނެވެ.

"ލޯތްބަކީ ގަސްތުގައި ވާ އެއްޗެއް ނޫން... ޒިދޫއަށް ޝަމް ދެކެ ލޯބިވެވުނީ އޭނާ އެކަން ކުރަން ބޭނުންވެގެން ނެއް ނޫން... އޭނާއަށް ޝަމް ފެނުނު ފުރަތަމަ ދުވަހުންވެސް ގަޔާވެވިގެން... ޝަމް އަށް ހިތްކިޔައިގެން.... އަހަންނަކަށް ނޭނގެ މީހަކު މީހަކު ދެކެ ލޯބިވެވުން އެއީ މައްސަލައެއް ކަމެއް... އަދި މަލާމަތްކޮށް ޖެއްސުން ކުރަން ޖެހޭ ވަރުގެ ކަމެއްކަމެއް..." ހިމޭޝް ބޭނުންވީ އައިޝަމް ރުޅިއަޔަސް އޭނާއަށް ކުރެވުނީ ގޯސްކަމެއް ކަން ވިސްނައިދޭށެވެ. ޒިދުނާގެ ޙަޤީޤަތް އޭނާއަށް ރަނގަޅަށް އެނގޭތީ އެވެ. އެފަކީރަށް ހަމްދަރުދީ ވާތީ އެވެ.

"އޯކޭ މިއަދު އަހަންނަށް ވިސްނިއްޖެ... އަހަންނަން މި ކުރެވުނީ ގޯސްކަމެއްކަން... އަހަރެން ބޭނުމެއް ނޫން ނުޤަބޫލުގަ އެއްވެސް ކަމެއް... ކަމެއް ކުރާކަށް... އަހަންނަށް ޝަމްގެ ލޯތްބަށް އިންތިޒާރުކުރެވުނީ... އިންތިޒާރުކުރެވުނީ ޝަމް އަހަންނާ ދޭތެރޭ ދެކޭގޮތް ނޭނގޭތީ... އެކަމަކު މިހާރު...." ޒިދުނާއަށް އޭނާ ބުނަން ބޭނުންވާ ވާހަކަ ނިންމާ ނުލެވެނީސް ބަޑިފަޅައިގެން ދިޔައެވެ. އިޙްތިޔާރުން ބޭރުގައެވެ. ލޯތްބަށްޓަކައި ކަރުނަ އެޅުމަކީ މިއަދު އޭނާއަށް އާދަވެވިފައިވާ ކަމެއްކަން އޭނާ ދެނެހުއްޓެވެ. އެހެނަސް، ކާމިޔާބީގެ މަންޒިލެއް ނެތް ހުސްއިންތިޒާރެއް ކުރުވުނީތީ އޭނާ މާދެރަވި އެވެ. ރާސްތާއެއް ނެތް ފުންކަނޑެއްގެ ތެރޭގައި މަންޒިލުގެ ހިޔަނި ކުރެހުނީތީ އޭނާ އެކަމާ ލަދުވެތިވެ އެވެ. އެހެނަސް އެލޯބި ހޯދުމަށް އޭނާއަށް ސަބުރުވެރިވުން ނޫން ގޮތެއް ނެތެވެ.

"ޒިދޫ ދެން ނުރޮއެ... އިރާދަ ކުރެއްވިއްޔާ އަދި ޒިދޫ އަށް ޒިދޫ ދެކެ ލޯބިވާ ރަނގަޅުކުއްޖަކު ލިބޭނެ... ދެން ހުއްޓާލަ... މި ފަހަރުގެ މިކަންތައް ގަނޑުންވެސް ޒިދޫ ޢިބުރަތެއް ޙާޞިލުކުރޭ..." ހިމޭޝް މަސައްކަތްކުރީ ޒިދުނާ ހަމައަކަށް އެޅުވޭތޯ އެވެ. އެމަންޒަރު ބަލަން އައިޝަމް ފެންކަޅިވެ އިނެވެ.

"އަދި މާ އިމޯޝަނަލްވާކަމަށް ހެދިގެން އެބަ އިނެއްނު... ޝަމް ތީތަ މީހުން ކަންތައް ކުރަންވާ ގޮތަކީ... ލޯބި ނުވާވާހަކަ ބުނާނީ ތިހެންތަ... ނިކަން ވިސްނާލަބަ... ޝަމް... ޖެހޭނެ ޒިދޫއަށް ލިބޭ ކޮންމެ ގެއްލުމަކަށް މިއަދު ޒިންމާވާން... އަހަރެން މިދަނީ... ދެމީހުން ވާހަކަދައްކައިގެން މިކަން ހައްލުކުރޭ..." އެއާ އެކު ހިމޭޝް އެތަނުން ތެދުވި އެވެ. އިރުއިރުކޮޅާ ފަހަތް ބަލަމުން އެމީހުންނާ ފަސްދީ ދިޔައެވެ. އައިޝަމްގެ ހަރަކާތްތަކަށް ފާރަވެރިވަމުންނެވެ.ދަތުރު އައިސްގެން އުޅޭ އެމީހުންގެ ގުރޫޕުގެ ކައިރިއަށެވެ. އޭނާއަށް ޔަޤީންވާކަމަކީ އައިޝަމްއަކީ އެހާ ހިތްހަރު މީހެއް ނޫންކަމެވެ. އައިޝަމްގެ މިޒާޖުގައި ރުންކުރު ގޮތެއްހުރެ ވާހަކަދެއްކިޔަސް މީހަކު ދެރަވެ ރޯކަމަށްވަންޏާ އޭނާއަށްވެސް ރޮވޭނެކަން ހިމޭޝް ތަޖުރިބާކޮށްފައިވާތީ އޭނާ ހިތްހަމަ ޖެހުނެވެ. ހިމޭޝް އެތަނުން ތެދުވީ އައިޝަމްގެ މޫނުމަތިން އޭނާ އެމައްސަލަ ހައްލު ކުރާނެ ކަމުގެ އިޝާރާތެއް ވުމާވެސް އެކުގައި އެ ޔަޤީންކުރާ ހާލުގައެވެ. ހިމޭޝްއަށް ޔަޤީން ނުވާކަމަކީ މައްސަލަ ނިމޭނީ ކިހިނެއްކަމެވެ.

ހިމޭޝް ދިއުމުން އައިޝަމް ޒިދުނާއާ ގާތްވެލި އެވެ. އޯގާތެރިކަމާއެކު ވާހަކަދައްކަން ފެށިއެވެ. އެހެނަސް އޭނާގެ ރާގުގައި ރުންކުރު ގޮތެއް ހުއްޓެވެ. ޒިދުނާގެ މައްޗަށް އޭނާއަށް ވެވުނީ ވަގުތީ ހަމުދަރުދީއެކެވެ. އޭނާގެ ހިތުގައި ޒިދުނާގެ ނަން ނެތްކަން އައިޝަމް ޒިދުނާއަށް ސާފުކޮށް ކިޔައިދިނެވެ. އޭނާ ކުއްޖަކާ ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާކަމަށާއި އޭނާ ބޭނުންވާކަހަލަ ކުއްޖަކު ނުފެންނަ ކަމަށްވެސް ޒިދުނާއަށް ވިސްނައިދިނެވެ.

"އަހަރެން ޤަބޫލެއް ނުކުރަން ކޮންމެ ކޮންމެ މީހަކަށް އަހަރެންގެ ޙަޔާތަށް އާދެވެން ޖެހޭނެ ކަމަކަށް. އަހަރެންގެ ޙަޔާތަށް ގެންނަން އަހަރެން ބޭނުންވާ ކަހަލަ ސިފަތައް ހުރި ކުއްޖަކާ ދިމާވުމުން ނުޖެހޭނެ އެކަމަށް އެދި އާދޭސްކުރާކަށް" އައިޝަމް ފުންނާވާއެއް ދޫކޮށްލީ ޒިދުނާގެ ގިސްލުން އިތުރުވުމުންނެވެ. މަތިހަށި ނަގާ ޖެހޭމިންވަރު ހާމަވާން ފެށުމުންނެވެ. އައިޝަމް ހިމޭންވެލީ ޒިދުނާއަށް ފުރުޞަތު ދިނުމަށެވެ. އެހެނަސް ޒިދުނާގެ ބަހެއް ނުކިޔުމުން އަނެއްކާވެސް ފެށި އެވެ.

"އައިމް ސޯ ސޮރީ ޒިދޫ... ޒިދޫ އަހަރެން ދެކެ ލޯބިވުން އެއީ ޒިދޫގެވެސް އަހަރެންގެވެސް ކުށެއް ނޫން... ލޯބިވާކަން ހާމަ ކުރުންވެސް އެއީ މައްސަލައެއް ނޫން... މީ ހަމަ އެކަނި ޒިދޫގެ ލައިފެއްވެސް ނޫން... އަހަރެންގެވެސް ލައިފު... އަހަރެންގެ ލައިފުގަ ކުރަހާނެ މަންޒަރެއް އެނގޭނީ އަހަންނަށް... އެމަންޒަރުގަ ޖައްސާނެ ކުލައެއްވެސް އެނގޭނީ އަހަންނަށް... އަހަރެން ޙަޔާތުގެ މަންޒަރުގެ ތެރޭ ޒިދޫ... އަހަރެންގެ ލައިފުގެ ބައިވެރިއަކަށް ހެދުމަށް ޒިދޫ... އެލިސްޓުގައި ޒިދޫގެ ނަމެއް ނެތް... އަހަރެން ޤަބޫލެއް ނުކުރަން ދިމާވާ ކޮންމެ ކަމަކަށް ކަރުނައަޅާ މީހަކަށް އަހަރެންގެ ހަލަބޮލި މިޙަޔާތަށް އާދެވޭނެކަމަކަށް... މީ ހަޤީގަތަކީ... މިއަދު އައިޝަމް މިގޮތަށް ޒިދޫއަށް ފެނުނަސް... ޒިދޫވެސް ހިމޭ އެބުނިގޮތަށް އެހެން ކަމަކާ އުޅުން މާ ރަނގަޅުވާނެ... އަހަރެން... އަހަރެންނަށް ތިކަން ކޮށްދެވޭކަށް ނެތް... ޕްލީޒް ފޮގިވް މީ ޒިދޫ" އައިޝަމް ދައްކަން ބޭނުންވާތައް ނިންމާލުމަށް ފަހު ދިޔުމަށްޓަކައި ކޮޅަށް ތެދުވި އެވެ. ޒިދުނާއަށް ފަސްދީ ދިޔުމަށް ފައި ހިއްލާލި އެވެ. އޭނާ އަށް ލިބުނު ކުއްލި ސިހުމާއެކު ހުއްޓުން އެރި އެވެ. ހީވަނީ އޭނާއާ އެކު މުޅިމަންޒަރު ވެސް ހުއްޓުނުހެންނެވެ. ޓީވީގެ މަންޒަރެއް ހުއްޓޭހެންނެވެ.

= ނުނިމޭ =

[BOTTOM CONTENT BANNER]
ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ