[HEADER BANNER]
[AD]

ދެފުރާނަ އެކުވެފައިވާ (ހަތްވަނަ ބައި)

"ކޮބާ ހިނގާދާން"

"ހައް. ޕިސް ޕިސް... ސިއްސައިގެންނޭ ދިޔައީ" ހިމޭޝްއަށް ލިބުނު ކުއްލި ސިހުމާއެކު އެނބުރި ފަހަތް ބަލާލިއެވެ. "ބަލާބަ ތިއޮށް ކަމެއް" ހިމޭޝް ޝައުޤުވެރިކަމާއެކު ބަލަހައްޓައިގެން ހުރެ އެ ދިމާއަށް އިޝާރާތްކޮށް އައިޝަމްއަށް ދައްކާލިއެވެ.

"ގަދަ އެއްނު... އެންމެންގެ ތެރޭގަ... އެޔޭ ހިމޭމެން ތިބުނާ ތަހުޒީބަކީ..."

"ތިއެއް ނޫނޭ... ހިނގާ އެ ސަރަހައްދަށް... އޭރުން އެމީހުންނަކަށް އެހެން ނޫޅެވޭނެއްނު... ގޮސް އެތަނުގަ ޖައްސާނީ"

"އެކީއްކުރަން ސަކަރާތްވީތަ؟"

"ބުނީމެއްނު ވާހަކައެއް ޝެއަރ ކުރަން އެބައޮތޭ"

"އާނ ދޯ... ހިނގާ... މިއަދު ހާދަ ހޫނު ގަދައޭ ދޯ..." އައިޝަމް އާއި ހިމޭޝްގެ މަންޒިލަކަށްވީ އެ ޒުވާން ޖޯޑުގެ މަންޒިލެވެ. ދެ ބޭނުމެއްގަ އެވެ. އެ ޖޯޑަށް ޖެއްސުން ކޮށްލުމާއި މިނިވަންކަން ލިބިގަތުމެވެ.

"ހޫނު ވީމަ ދަތުރެއް މަޖާވާނީ... ފައިވާންނެތީމަ މިހާ ހޫނު ވަނީ... އަނެއްކާ ދަތުރު އައިސް ތިއުޅެނީ ކޯޓުފަޓުލޫނުގަ" ހިމޭޝް ޖޯކު ޖަހާލީ އައިޝަމްގެ ހެދުމަށެވެ.

"މި ވާހަކަދޯ... ބަލަ ޖީންސް ލީ ސަބަބެއް އޮތީމައޭ... މަ ދެން ތިވަރު ނުވިޔަސް މަވެސް ހުރީ ކުޑަކޮށްގެންނޭ ކުރިން... ހިމޭ ދެން ތީ މާ ބޮކުސާ ވެގެން އުޅޭމީހެއްނު. ތި ޓީޝާޓް ނެތް ނަމަ އެނގޭނީ ތިހުރި ވަރެއްވެސް" ހިމޭޝްގެ ގޯންޏެއް ކަހަލަ ޓީޝާޓާއި އޭނާ ލައިގެން ހުރި ކުރު ބޮކުސާ ސޯޓަށް އައިޝަމް ކުދިކިޔާލިއެވެ.

"ތިއޭ ކަޑަވާ ތަނަކީ... ދިވެހިންނަކަށް ނޭނގޭނެ މުނާސަބު ހެދުން އަޅާކަށް... ބަލަ މަށެއް މަޖީދީމަގުގަ ނޫޅެމޭ މިކަހަލަ އެއްޗެހި ލައިގެންނެއް... ނުފެންނާނެ ޝަމް އަކަށްވެސް މި ގޮތަށް މަށެއް ދަތުރު އަންނަ ފަހަރަކު ނޫނީ... އެ ތަނަކާ ގުޅޭގޮތަށް އެއްޗެހި ލުމަކީ އެއީ ތަހުޒީބަކީ..." ހިމޭޝްގެ ވިސްނުން ހުރިގޮތް އައިޝަމް އަށް ހިއްސާކުރަމުން ދިޔައެވެ.

"ކޮންތާކު ޖައްސާނީ... އަހަރުން އަންނާތީ އެގޮލައިން އެ ނައްޓާލީ... އެ ދޯ ތިބުނާ ތަހުޒީބަކީ" އައިޝަމް އިޝާރާތްކުރީ އެކަކު އަނެއްކަކަށް ތަތްވެގަނެގެން އެމީހުންނަށް ފަސްދެމުން ދިޔަ ޒުވާން ޖޯޑަށެވެ.

"ލަދުން ބޯހަލާކު... މަ ވެސް ލަދުގަތް ފިރިހެން ގޮލާ އެހާ ކުރު ޓައިޓް ބޮކުސާއެއް އެކަނި ލާފަހުރީމަ އަނެއްކާ އެހުރީ..."

"ދެން ތި ކޮން ވާހަކައެއް ހިމޭ ބުނާ ތަހުޒީބު ތިފެންނަނީ" އައިޝަމް ގަހުގެ ހިޔަލުގައި ހަމަޖެހިލި އެވެ. ހިމޭޝްވެސް އައިޝަމުގެ ކުރިމަތީ ދެފައި ވަށްކޮށްލި އެވެ.

"ހޫނ! ފަށާބަ"

"ހިމޭ މީ ވަރަށް ސީރިއަސް ވާހަކައެއް. ކުރިން ކިޔައިދެމުން އައި ވާހަކައަށް މިވާހަކަވެސް އިތުރުކޮށްލާ... މިއަދު މޫދުގަ އުޅެނިކޮށް އަނެއްކާ ވަރަށް އާދަޔާ ޚިލާފު ކަމެއް ވެއްޖެ"

"ކިހިނެއްވީ؟ އެގަޑީ ނުބުނީ ކީއްވެ؟"

ހިމޭޝްގެ ހިތުގައި ސުވާލު އުފެދެން ފެށިކަން އައިޝަމް ދެނެގަތެވެ.

"އެހެން މީހުން ތިބީ... ހިމޭ ހެންނެއް ނުވާނެ އެހެން މީހުންނެއް... ވަރަށް އަނގަބޮޑުވާނެ... މަށަށް އެނގޭ މަށާ ކިތައްމެ ދިމާ ކުރިއަސް ހިމޭ ސީރިއަސް ނުވާކަން... އަނެއްކާ މަ ހަޔާތުގެ އެއްވެސް ކަމެއް ބޭނުމެއް ނޫން ހިމޭ ނޫން މީހަކަށް ޝެއަރ ކުރާކަށް... އެހެންނޫނީ މަށަށް މި އުޅޭހެން ނުވެސް އުޅެވޭނެ މިހާ މިނިވަންކޮށް"

"ތި ވާހަކަދައްކަންތަ ތިއައީ... މިހާރު ބުނެފިން ދޯ ހިމޭ މީ ޝަމްގެ ބޭބެއަކަށް ނުވިޔަސް ބޭބެއެކޭ... ޝަމްގެ ސަބަބުން ހިމޭއަށް މިހާ ހިސާބަށް މިއާދެވުނީ... ޝަމް ހިމޭ އަށް ކޮށްދޭ ކަންތައްތަކަށް... ދެން ނޭނގެ މި އަބަދު ދައްކާ ވާހަކައަކަށް ނަހަދަބަ... މޫދުގަ ވީގޮތެއް ކިޔައިދީބަލަ" ހިމޭޝް ކެތްތެރިކަން ކޮޅުންލިއެވެ.

"ބަލާބަ..." އައިޝަމް އޭނާ ލައިގެން އިން ޖީންސްގެ ކަނާތު ފައިކުރި މައްޗަށް އަރުވަން ފެށިއެވެ.

"ކިހިނެއްވީ؟ ކޮން ބޮޅުތަކެއް؟" އައިޝަމްގެ ކުޑަކަޅުވާ މަސްގަނޑާ ދިމާ އަރިމަތީގައި ފެހިކަޅު ކުލައަށްދާ ކުލައަކުން ކަނޑާނެގިފައިވާ ތިން ބޮޅަށް ޝައުޤުވެރިކަމާއެކު ބަލާމުން ސުވާލު ތަކުރާރުކޮށްލި އެވެ.

"ހީވަނީ ޓްރޮފީއެއްގެ ނިޝާންހެން ދޯ... ކީއްވެ މިހެން؟"

"މީ ދޯ ސުވާލަކީ؟ މިކަންވީ ގަޑީގައި މުޅި މޫދު އޮތީ ދިއްލިފަ. އަހަރެން އަޑިއަށް ދިޔަތަނާ ފާޑެއްގެ އަޑެއް އިވުނު... އަންހެން ކުއްޖެއްގެ ރުއިމުގެ އަޑުކަހަލަ... އެއާ އެކު ކައިރިން ހިޔަންޏެއް ކުރިކަނޑާލި ދެން މޫދުގައި ދިއްލިފައިވާ ދިމާއިން އާ ގަދަ ވިދުވަރެއް އައިސް އަހަރެން ވަށާލީ ޓްރާސްޕޭރަންޓް ބޮޑު ބޯޅައެއް ހެން... އެ ގަދައަލީ އޮވެ ކުޑަވަގުތުކޮޅެއްގައި އަހަރެންނަށް ވަރަށް ގިނަކަންތައް ކުރެވުނު... ހުރިހާކަމެއް ހަނދާނެއް ނެތް... އަހަރެންނަށް މޫދު އެތެރެވެސް އެއްގަންވެސް ސާފުކޮށް ފެނުނު އެގަޑީގަ... ކޮންމެވެސް މީހަކު ސުވާލުކުރީމާ ޖަވާބުވެސް ދިނިން..ކަންތައްގަނޑު އެއްކޮށް ހަނދާންކޮށްކޮށް ހަނދާނެއް ނުވި ހިމޭއަށް ޝެއަރކުރަންވެސް... ވަރަށް އިރުވަންދެން އަޑީގަ އޮވެފަ މައްޗަށް އެރީ ފަރޭއަންނަތަން ފެނުނީމަ އެއަލިގނަޑު ރާސްލާފަ ދިޔައީ...  އަހަރެންގެ ވަށައިގެން ލެވިފައިވާ ބޯޅަކަހަލަ އެތި އައިސް ވަނީ މި ތަންތަނުން އަހަރެންގެ ހަށިގަނޑުތެރެއަށް" އައިޝަމްގެ ފައިގައިވާ ލަކުނުތަކެއް ފަދަ ތަންތަނަށް އިޝާރާތްކޮށްލި އެވެ.

"ތަދުވޭތަ؟" ހައިޝަމްގެ މޫނުމަތިން ސީރިއަސްކަމުގެ ކުލަވަރު ފާޅުވެ ފާޅުވެ ހުއްޓެވެ.

"ނޫން... ފާޑެއްގެ އަރާމު ފިންޏެއް ވަނީ... މޫދުގަ އުޅުނު ގަޑީ ހުރީ ރަތްކުލައިގަ... މިހާރު ކުލަ ބަދަލުވަމުން އެދަނީ"

"އެގަޑީ މަ ކޮބާ"

"އޭއީ އަހަރުން ވޯޓަރ ބޯލް ކުޅެން އުޅުނު ގަޑީ... ހިމޭ ހުރީ ދިޔަރެސްމަތީގައި އަހަރެން އޮތީވިލުދޮޅީގަ... ފަރޭ އޮތީ ތަންކޮޅެއް ދުރުގަ... އަހަރެން އެހާ ބޭރަކަށް ނުދަން އެކަމަކު އެހިސާބަށް ދެވުނު ގޮތެއްވެސް ނޭނގޭ... މިކަމާ ވަރަށް އަޖައިބުވެފަ މި ހުންނަނީ"

"ތީ އާދަޔާ ޚިލާފުކަމެއް... މާލެ ގޮސް ޑޮކްޓަރަށް ދައްކަންވީނު... ޓެސްޓެއް ހަދާ"

"ނޫން މީ ތި ކަހަލަ ކަމެއް ނޫންކަންނޭނގެ... އެހެން ޒާތެއްގެ ކަމެއް... ބަލާ ފާޑެއްގެ ނިޝާނެއްނު މި އިނީ" އައިޝަމް އޭނާ ފައިގައި އުފުލިފައިވާ ނިޝާނުގައި އަތްކާއްތާލި އެވެ. ހީވަނީ ކުރެހުންތެރިއަކު ފަރުވާތެރިކަމާ އެކު ކުރާހާފައިވާ ލޯގޯ އެއް ހެންނެވެ. މަސްގަނޑުން ބައެއް ތަންތަން އުފުލި އަނެއްބައިތަންތަން އަޑިވަދެފަ އެވެ. އޮމާންކަމާއެކުވާ ހަންގަނޑު ދަޅައަޅަމުން ދިޔައީ ކޮކާ އަވި އެ ނިޝާނަށް އެޅުމުންނެވެ.

"އަނެއްހެން ވަރަށް ސަޅި ދޯ... ހީވަނީ ޓެޓޫ އެއްހެން... ދައްކާލަބަ މަ އަތްލަން ތަދުވޭތޯ ބަލަން" ލަކުނެއް ފަދައިން ކަޅުކުލައަށް ފޭދިފައިވާ ތަނުގައި ހިމޭޝް ވެސް އަތްލުމަށް ކަނާތު ޝަހާދަތް އިނގިލި ޖައްސާލި އެވެ. އިނގިލި ޖައްސާލުމާ އެކު ކުއްލިއަކަށް ސިހިފައި އިނގިލި ފަހަތަށް ދަމައިގަތެވެ.

"ކިހިނެއްވީ؟"

"ކަރަންޓް އަންނަނީ"

"އާނ... ސީކޮށް... އަދި އަތްލަބަ... މަ އަތްލިއަސް ކަމެއް ނުވޭ މިހުރީނު" އައިޝަމް އޭނާގެ ކަނާތު ފައިގައިވާ ލަކުނުތަކުގައި އިނގިލި ކާއްތާލަމުން ހައިރާންވެ އިނދެ ބުންޏެވެ.

"ނޫން ކަމެއް ވެދާނެ ބިރުގަނޭ ޝަމް ތީ ސުޕަރ ނެޗުރަލް މީހެއް"

"އަހަނ ބަލާބަ މި އޮށް ފިލަނީ ހިމޭ އިނގިލި ޖެއްސި ތަން... ބަލާ" ހައިރާންވެ އިނދެ އައިޝަމް ހިމޭޝް އަށް ދައްކާލި އެވެ. ހިމޭޝްވެސް ހައިރާންވެ އަނގަހުޅުވި އިނދެ މަންޒަރު ބަލަމުން ދިޔަ އެވެ. ތެދެކެވެ. ހިމޭޝް އިނގިލި ޖެއްސި ނިޝާންގެ ކުލަ ފަނޑުވަމުން ފަނޑުވަމުން ގޮސް އެނިޝާން ލޮލަށް ޣައިބުވިއެވެ. އެހެނަސް  އެނިޝާނުގެ މަތިން ބައިރިއަށް އިން އިތުރު ދެނިޝާން ކުރިއެކޭ އެއްގޮތަށް އަޅިކަޅުކުލައިން އުފުލިފައިވާ ތައްގަނޑެއް ގޮތަށް އިނެވެ.

"ކާކު މި ގުޅަނީ" ހައިޝަމް ޖީބުގައި އޮތް ފޯނު ނަގަމުން ބުނެލި އެވެ. އެއަށްފަހު ފޯނު ބަލާލަމުން ކަންފަތުގައި ޖެއްސި އެވެ.

"ކީކޭ މަންމާ"

"މަންމަ ބުނީ އެއްވެސް ކަމެއް ވެއްޖެހޭ" ނަޖުމާގެ އަޑު ފޯނުން އިވިއިވި ހުއްޓެވެ.

"ނޫނޭ... ކަމެއް ނުވޭ.." އައިޝަމް ނަޒަރު ހުއްޓާލީ ހިމޭޝްގެ މޫނަށެވެ. ހިމޭޝް ނޫނެކޭ ބުނާފަދައިން ދެފަރާތަށް ބޯ ތަޅުވާލި އެވެ. ނަޖުމާއަށް ވެގެން އުޅޭގޮތް އަންގަން ހިމޭޝް ބޭނުންވީ ސަބަބެއް ނެތީމަ އެއް ނޫނެވެ. އެހެނަސް އޭނާ އެވަގުތު ހަނު އިނީ އެވެ.

"ދަރިފުޅާ މަންމަ އަށް އެބައެނގޭ ކަމެއް ވެއްޖެކަން... ދަރިފުޅު ހިމޭޝް ގާތު ތި ދައްކާ ހުރިހާ ވާހަކައެއް މަންމަ އަށް އެބަ އެނގޭ..." އައިޝަމް ހައިރާނެއް ނުވެ އެވެ. ނަޖުމާގެ އަޑު ފޯނުން ފުރޭނިގެން އިވިއިވި ހުއްޓެވެ. ނަޖުމާގެ ވާހަކަތައް ހިމޭޝްއަށްވީ އަޖައިބު ކުރުވަނިވި ކަމަކަށެވެ. އައިޝަމް ކުރިން އެކަހަލަ ވާހަކަތައް ހިއްސާކޮށްފައި އޮތަސް ނަޖުމާގެ އާދަޔާ ޚިލާފުކަން މިފަހަރު އޭނާ އަށް ވަޒަން ކުރެވޭތީ އެކަމަށް ސަމާލުވެ އިނދެވުނީ ބަސަރާކާޅެއް ފަދައިންނެވެ.

"ކޮން ވާހަކަ އެއްތަ މަންމާ..." އައިޝަމް ބޭނުންވީ ޔަޤީންކުރާށެވެ. ނަޖުމާއަށް އެނގެނީ ކިހާ މިންވަރެއްކަމެވެ. އަދި ހިމޭޝްއަށް އެކަން ޔަޤީންކޮށްދޭން ވެސްމެ އެވެ.

"ހިމޭޝްގެ ޝަހާދަތް އިނގިލި ޖެއްސީމަ އެ ލަކުނަށް ވީގޮތް... އެ ލަކުނު ދަރިފުޅުގެ ފައިގަ ހަރުލިގޮތް" ކަންވީ ގޮތް ޚުލާޞާކޮށްލަމުން ނަޖުމާއަށް އެނގޭކަން އަންގާލި އެވެ. ހިމޭޝް އަޖައިބުން އަޖައިބުވެ ހައިރާންވީ އެހާ ހިސާބުންނެވެ.

"ކާކު ބުނީ... ތި ވާހަކަތައް ބުނި މީހަކަށް ކަންވީގޮތްވެސް އެނގޭނެ ދޯ... މަންމަ ކީއްވެތަ ނުބުނަން ތި އުޅެނީ"

"ބުނިމީހާތަ މުހިއްމީ... ދަރިފުޅެއްނު އޮޅުވާލަން ތި އުޅެނީ... މަންމައަށް މިއަދު ވިސްނިއްޖެ ދަރިފުޅަށް މި މަންމަ..." ނަޖުމާގެ އަޑަށް އަންނަމުން ބަދަލުތަކުގެ ސަބަބުން ހިމޭޝްއަކަށް މަޑަކުން ނީދެވުނެވެ. އައިޝަމްގެ އަތުން ފޯނު ޖަހައިގަތެވެ.

"ހަލޯ ނަޖުއްތާ... މީ ހިމޭ... ހިމޭ އެކަންވީ ގޮތް ކިޔާދީފަ... ނަޖުއްތައަށް މިކަން އެނގުނު ގޮތް ނިކަން ބުނެދީ އަހަރެން މީ ދުރު މީހެއްކަމަށް ނުދެކި ނިކަން ކިޔާދީ ބަ" އެއް ނޭވާއިން ހުރިހާ ވާހަކަތަކެއް އަމުނާލި އެވެ.

"ހިމޭ އަދި މީ ސިއްރެއް ޝަމް އަށް އިވޭ ހިސާބުގަ ބުނެވޭކަށް ނެތް ތަންކޮޅެއް ދުރަށް ޖެހިލާ... ނަޖުއްތައަށް އިނގޭ ތީ ނޮކިއާ ބައްތި ފޯނުކަން... ތި ފޯނުން ބޭރަށް އަޑު އިވޭނެކަން" ނަޖުމާ އަޑުގައި އެކުލެވިގެންވާ އިޙްސާސްތަކުން ހިމޭޝްގެ ހިތް ލަންބުވަމުން ދިޔަ އެވެ.

"އޯކޭ... މިހާރު ކިޔައިދީ" ހިމޭޝް ދުރަށް ޖެހިލި އެވެ.

"އެވާހަކަ ބުނީ ޝަމްގެ ބައްޕަ... ހިތަށް އަރާނެ ކޮބައިހޭ ޝަމްގެ ބައްޕައަކީ މި ވީހާދުވަހު ނުފެނިފަ ދޯ" ހިމޭޝްގެ ހިތުގައި އުފެދުނު ސުވާލުވެސް ނަޖުމާ ކޮށްލި އެވެ.

"ހޫނ" ހައިރާންވީ ވަރުން ހިމޭޝްގެ އަނގައިން އެއްޗެއް ބުނެވޭ ވަރެއް ނުވި އެވެ.

"ޝަމްގެ ބައްޕަ އަކީ މުސްލިމު ޖިންނި އެއް ނަމަކީ ރާޒް" ނަޖުމާގެ އަޑުގައި އަޒުމު އެކުލެވި ވާކަން ހިމޭޝް ދެނެގަތެވެ.

= ނުނިމޭ =

[BOTTOM CONTENT BANNER]
ދެފުރާނަ އެކުވެފައިވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ