އައްޔޫބީ ދައުލަތުގެ ފެށުން

10 އޮގަސްޓު 2020 0

އައްޔޫބީ ދައުލަތް އުފެދިގެން އައީ ޒަންކީދައުލަތުންނެވެ. އެދުވަސްވަސްވަރަކީ ، ޞަލީބީ ހަނގުރާމައިގެ ނަންދެވުނު ހަމަލާތަކެއް، އިސްލާމީ ދުނިޔެއަށް ކުރިމަތިވެގެން އައި ޒަމާނެކެވެ. ހަމައެހެންމެ ، އެއިރު މުސްލިމުންގެ މެދުގައި އޮތީ ބައިބަވުމާއި ދެކޮޅުވެރިކަމެވެ. މުޅި އިސްލާމީ ދުނިޔެ އޮތީ ދާޚިލީ ހަމަނުޖެހުއެއްގެތެރޭގައެވެ. އެގޮތުން ، އިސްލާމީ ދުނިޔޭގެ އިރުމަތީ ބިތުގައި އޮތް ޢައްބާސީ ޚިލާފަތައް ސަލްޖޫގީންގެ ނުފޫޒު ފޯރައި ، އެދަޢުލަތް ރޫޅިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެދައުލަތުގެ އަމީރުންގެ މެދުގައި ވެރިކަމާއި ނުފޫޒުގެ ކޯޅުންގަނޑު ފެށުނެވެ. އަދި މިޞްރުގައި އޮތް ފާޠިމީ ދައުލަތުގެ އަމީރުންވެސް ޚަލީފާއިންގެ މައްޗަށް ނުފޫޒުފޯރުވަމުން ދިޔައެވެ.

އިސްވެދިޔަ ދެ ދަޢުލަތުންވެސް (ސަލްޖޫޤީންނާއި، ފާޠިމީންވެސް) އަމާޒަކަށްވީ ޝާމްކަރައެވެ. ނަމަވެސް މިބައިމީހުންނަށް އެރަށަށް ބާރުފޯރުވޭވަރެއް ނުވިއެވެ. އެކަރައިގެ އަމީރުން އެއަށްވުރެ މާ ހުޝިޔާރެވެ. އެގޮތުން ކޮންމެ އަމީރަކުވެސް މަސައްކަތްޕުޅު ކުރެއްވީ އެއަމީރެއްގެ މިލްކިއްޔާތު ފުޅާކުރެއްވުމަށެވެ. މިކަމުގެ ތެރެއިން ޝާމްކަރަ ހިމެނޭ ސަރަޙައްދުގެ ވެރިކަން ޢަޒުމްވަރުގަދަ އަމީރުންކޮޅެއްގެ މެދުގައި ބެހިގެން ދިޔައެވެ. ނަތީޖާއަކަށްވީ އެބޭފުޅުންގެ ވެރިކަން ، މޫޞިލާއި، އަންޠާކިޔާއާއި، ރަހާއާއި، ޙަލަބާއި، ދިމިޝްޤާއި، ބައިތުލްމަޤްދިސްއާއި އެނޫންވެސް ތަންތަނުގައި އުފެދުމެވެ. ނަމަވެސް އިސްވެދިޔަ ކޮންމެ ބަޔަކީވެސް އެބަޔަކަށް ޚާއްޞަ ސިޔާސީ އިޖްތިމާޢީ ސިފަތަކެއް ލިބިގެންވި މިނިވަންބައެކެވެ.

ޞަލީބީން އައީ މިކަހަލަ ނާޒުކުފައްތަރެއްގައި އިސްލާމީ ދުނިޔެ އޮއްވައެވެ. އެގޮތުން ޢަރަބި ކަރައިގައާއި ޝާމްގެ ރަށްތަކުގައި ޞަލީބީ ހަނގުރާމައިގެ ހުޅުގަނޑު ރޯވިއެވެ. ނަތީޖާއަކަށްވީ ރުހާ އާއި ، އަންޠާކިޔާ އާއި ބައިތުލްމަޤްދިސާއި، ޠަރާބުލަސް ގައި ޞަލީބީން ލެޓިނުންގެ ސަރުކާރެއް ޤާއިމްކުރުމެވެ. މިފަދަ ކަންތައްތަކެއްގެތެރޭގައި މުޅި އިސްލާމީ ދުނިޔެ ވަނިކޮށް އައްޔޫބީ ދައުލަތް މިވުޖޫދުގައި ޤާއިމްވީއެވެ. 

ޝަޖަރަތުއް ދުއްރު

ޝަޖަރަތުއް ދުއްރަކީ މަލިކުއް ޞާލިޙްނަޖުމުއްދީން އައްޔޫބުގެ އަނބިކަބަލުންނެވެ. އެކަމަނާގެ ބަނޑުފުޅުން މިރަސްގެފާނަކަށް ދަރިއަކު ލިބިވަޑައެއް ނުގަންނަވައެވެ. ޝަޖަރަތުއް ދުއްރަކީ ޠޫރާން ޝާހްގެ ދޮންމަންމާފުޅެވެ. އެކަމަނާއަކީ މަމާލިކުންގެ ބޭފުޅެކެވެ. ސަބަބަކީ އެކަމަނާއަކީ މަލިކުއްޞާލިޙް ބައްލަވައިގަތް އަރްމިނީ ދަރިކޮޅުގެ ޖާރިޔާއެކެވެ. ޠޫރާން ޝާހް އަވަހާރަކޮށް އައްޔޫބީ ދަޢުލަތް ނިމުމަކަށް ގެނައުމުގައި ޝަޖަރަތުއް ދުއްރުގެ ވަރަށް ބޮޑު ދަޢުރެއް އަދާކުރެއްވިއެވެ. އަދި އެކަމަނާއަކީ ވަރަށް ޙިކުމަތްތެރި ބޭކަނބަލެކެވެ.

 ޝަޖުރަތުއް ދުއްރުގެ ޙިކުމަތްތެރިކަން އެނގޭ ހާދިޘާއެއް

ޝަޖަރަތުއް ދުއްރުގެ ހިކުމަތްތެރިކަން އެނގޭ އެއްގޮތަކީ މަންޝޫރާ ހަނގުރާމަ ކުރައްވަމުން ދަނިކޮށް އައްޔޫބީންގެ ރަސްގެފާނު އަލްމަލިކުއް ޞާލިޙް ނަޖުމުއްދީން އައްޔޫބު އަވަހާރަވުމުން އެކަމަނާ ކަންތައްކުރެއްވި ހިކުމަތްތެރިގޮތެވެ. މިކަމަނާ ކުރެއްވި ކަމަކީ ރަސްގެފަނު އަވަހާރަވެއްޖެކަން ސިއްރު ކުރެއްވީއެވެ. އަދި ރަސްގެފާނާއި އެއްވެސް މީހަކު ބައްދަލުކުރުން ޑޮކްޓަރުން މަނާކުރާ ކަމުގައި ޚަބަރު ފެތުރުއްވިއެވެ. އެއަށްފަހު މަލިކުއް ޞާލިޙުގެ ދަރިކަލުންނަށް ބައްޕާފުޅު އަވަހާރަވި ވާހަކައާއި އެމަނިކުފާނަށް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް މިސްރަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. އަދި ތޫރާން ޝާހް ވަޑައިގަންނަވަންދެން ރަސްގެފާނުގެ އެންމެ އިސް ވަޒީރު ފަހުރުއްދީން ޔޫސުފަށް ގައުމުގެ އެންމެހާ ކަންކަން ހިންގެވުމަށް ހަވާލުކުރެއްވިއެވެ. އަދި މަންޝޫރާ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ފާރިސުއްދީން އަޤްޠާއީ އާއި ރުކުނުއްދީން ބޭބްރަސް އަށް އެންގެވިއެވެ. ޝަޖަރަތުއް ދުއްރުގެ މިހިކްމަތްތެރި ހިންގުމުގެ ސަބަބުން މި ނުރައްކާތެރި ދަނޑިވަޅުގައި ރަސްގެފާނު އަވަހާރަވުމުން ހިނގައިދާނެ އެއްވެސް ނުރައްކަލެއް ނުހިނގާ ވަރަށް އޮމާންކޮށް ހުރިހާ ކަމެއް ނިމިގެންދިޔައެވެ.

މިހާ ސިއްރުކުރެވިފައި އޮއްވާވެސް ޞަލީބީންނަށް އެޚަބަރު ލިބުނެވެ. ނަތީޖާއަކީ މިބައިމީހުންނަށް އިތުރަށް ހިތްވަރުލިބި ހަނގުރާމައިގެ ފޯރިގަދަކޮށްލުމެވެ. އެހެން ނަމަވެސް ކުރިންބުނި ދެކޮމާންޓަރުން ފާރިސުއްދީނާއި ރުކުނުއްދީނާއި ދެބޭފުޅުން އާ ޕްލޭނެއް ރޭއްވުމަށްފަހު ޝަޖަރަތުއް ދުއްރާ މަޝްވަރާކުރެއްވުމުން އެކަމަނާ އެއަށް ރުހުންދެއްވުމުން މަންޝޫރާ ހަނގުރާމަ ކުރިއަށް ގެންދެވުނެވެ. އެގޮތުން މުސްލިމުންނަށް މިހަނގުރާމައިން ވަރަށް ފުރިހަމަ ނަސްރެއް ލިބުނެވެ. 

އައްޔޫބީ ދަޢުލަތުގެ ނިމުން

މަމާލިކުންގެ ދަޢުލަތް އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އައްޔޫބީންގެ އެންމެފަހުގެ ރަސްގެފާނު ޠޫރާން ޝާހަށް މަމާލިކުންނާއި، އެމަނިކުފާނުގެ ދޮންމަންމާފުޅުގެ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަން ނުކުރެއްވުމާއި، ބައްޕާފުޅު ގެންގުޅުއްވިފަދަ ހަރުދަނާ އުސޫތަކެއް ނުގެންގުޅުއްވުމާއި ބައްޕާފުޅު އަރިހުގައި ގެންގުޅުއްވި ހަރުދަނާ ވަޒީރުން އެކަހެރި ކުރެއްވުން ހިމެނެއެވެ.

ދޮންމަންމާފުޅުގެ އިސްތަށިފުޅުގައި ތަފާތު ތުހުމަތުތައް އަޅުވައި އެކިއެކި ފިއްތުންތައް ކުރިމަތިކުރައްވަން ފެއްޓެވުމުން އެކަމަނާ އެކަމަނާގެ ޖާނުފުޅާއިމެދު ބިރުހީވެ އެކަމަނާއަށް ވަފާތެރި ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ޠޫރާންޝާހް އަވަހާރަކޮށްލެއްވިއެވެ. އެހިސާބުން އައްޔޫބީ ނަސްލުން މިސްރުގައި ވެރިކަން ކުރައްވާނެ ބޭފުޅެއްނެތުމުގެ ހުސްކަން ބެއްދުމަށްޓަކައި އެންމެ ގާތުން ހުންނެވި ސަޖަރަތުއް ދުއްރުގެ ވެރިކަމެއް ފެއްޓުނެވެ. ސަޖަރަތުއް ދުއްރަކީ އަންހެންބޭފުޅަކަށް ވީތީ މިކަމުގައި އައްބާސީ ހަލީފާގެ ރުހހުން ހޯދުމައްޓަކައި  މިކަމަނާގެ ނަމުގައި ވެރިކަން ކުރެއްވުމަށްޓަކައި މަމާލިކުންގެ ބޮޑަކާއި ކައިވެނި ބައްލަވައިގަތީއެވެ. ހުދު އެކަމަނާއަކީވެސް މަމާލިކުންގެ ބޭފުޅެއްކަމުގައި ބެލެވެއެވެ. މިހާހިސާބުން ހިޖުރައިން 648 ވަނަ އަހަރު އައްޔޫބީ ދަޢުލަތް ނިމި މަމާލިކުންގެ ދަޢުލަތް އުފެދިގެން ދިޔައީއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ