ކޮވިޑް-19: ޓެސްޓްކުރުމަށްޓަކައި 41 ސާމްޕަލް ނަގައިފި

5 އޮގަސްޓު 2020 0

ސާމްޕަލް ނެގުމުގައި އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ހަރަކާތްތެރިވަނީ. އިހަވަންދޫއިން ނަގާ ހުރިހައި ސާމްޕަލެއް ނެގުމުގައި ހަރަކާތްތެރިވަނީ އެ މަރުކަޒުގެ މުވައްޒަފުން.

ކޮވިޑި-19 އަށް ޓެސްޓް ކުރުމަށްޓަކައި އިހަވަންދޫއިން 41 ފަރާތެއްގެ ސާމްޕަލް ނަގައިިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭނެގި ސާމްޕަލްތަކުގެ ތެރެއިން 38 ސާމްޕަލްއަކީ އިހަވަންދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކާ ގުޅުންހުރި ސާމްޕަލްތަކެވެ. އަނެއް 3 ސާމްޕަލްއަކީ އިހަވަންދޫގައި މިވަގުތު ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ސާމްޕަލްއެވެ.

އެހެންކަމުން އިހަވަންދޫއިން ފައްސިވެފައިވާ ފަރާތްތަކާ ގުޅުންހުރި 51 ސާމްޕަލް މިރެއާހަމައަށް ވަނީ ނަގައިފަ އެވެ. އިހަވަންދޫއިން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސްއާ ގުޅިގެން ކުރިން ނެގުނު 13 ސާމްޕަލްގެ ތެރެއިން 11 ސާމްޕަލް ނައްސިވެ 2 ފަރާތެއްގެ ސާމްޕަލްވަނީ ފައްސިވެފައެވެ.

ރޭނެގި 41 ސާމްޕަލް ޓެސްޓްކުރުމަށްޓަކައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބުދަދުވަހުގެ ހެނދުނު 9:30 ގައި ފޮނުވާނެކަމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒްގެ އޮފިޝަލަކުވަނީ މަޢުލޫމާތު ދެއްވައިފައެވެ.

އިހަވަންދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ މާލެއިން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ފަޅުވެރިއެކެވެ. ކޮވިޑް-19ގެ ޢަލަމާތްތައް ފެންނަމުންދާތީ ޓެސްޓްކުރުމުން ކޮވިޑް-19 އަށް އޭނާ ފައްސިވެފައިވަނީ ޖުލައި 31 ވަނަ ދުވަހުގެ ރެއެވެ.

ކޮވިޑް-19އާ ގުޅިގެން އިހަވަންދޫގައި 27ގެ އާއި މާލެ ދަތުރުކުރާ 2 ބޯޓުގެ އިތުރުން 1 މަސްދޯނި ކަރަންޓީނުކުރެވިފައިވާކަމަށް އިހަވަންދޫ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ