ކަރަންޓިންގެ ހާލަތުގައި އަޅާ ފިޔަވަޅުތައް ހާމަކޮށްފި

3 އޮގަސްޓު 2020 0

އިހަވަންދޫން ކޮވިޑް19 އަށް ބައެއް މީހުން ޕޮސިޓިވްވެ އަދި ބައެއް މީހުންގެ ކިބައިން ކޮވިޑް19އިގެ އަލާމާތްތައް ފެންނަމުންދާތީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިހަވަންދޫ ކަރަންޓިންކޮށް ރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު، ރައްކާތެރިކަމުގެ ގޮތުން މި ވަގުތު އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ދެންމެ އާންމު ކުރި ލިޔުމެެއްގައި ބަޔާންކޮށްފައި ވަނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާއި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން ގޭގައި މަޑުކުރުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާދަށް މިސްކިތަށް ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މާސްކާއި މުސައްލަ ބޭނުންކުރުމަށާއި، އިޖުތިމާއީ އާންމު އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި، އާންމު ޚިދުމަތްދޭ ތަންތަނުން ކަމާބެހޭ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ޚިދުމަތް ހޯދަން ދާ މީހުންވެސް މާސްކް އެޅުމާއި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން، މި ހާލަތުގައި ރަށަށް އަރައި ނުފޭބޭނެ ކަމަށް ކައުންސިލްގެ މި އެންގުމުގައިވެސް ވެއެވެ.

މި ފިޔަވަޅުތައް އަޅަން ނިންމިއިރު، 242 ބޯޓުގެ ކައްޕި ވަނީ މި މަހު އެއްވަނަ ދުވަހު ކޮވިޑް19 އަށް ފައްސި ވެފައެވެ. އަދި ތަޚުތު ބޯޓުގެ ފަޅުވެރިއަކާއި 242 ބޯޓުގެ ކޭޝިޔަރުވެސް މިހާރު ވަނީ ކޮވިޑް19 އަށް ފައްސި ވެފައެވެ. މި އެންމެނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ހޯދައި، ކަރަންޓީން ކުރަން ޖެހޭ މީހުންނާއި ތަންތަން ކަރަންޓީންކޮށް އެ މީހުން ޓެސްޓްކުރުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލާއި އާމިނާދިޔޯ ހެލްތު ސެންޓަރުން މިހާރު ދަނީ ކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ