އިހަވަންދޫ ކަރަންޓިން ކޮށްފި

3 އޮގަސްޓު 2020 0

އިހަވަންދޫން ކޮވިޑް19 އަށް ބައެއް މީހުން ޕޮސިޓިވްވެ އަދި ބައެއް މީހުންގެ ކިބައިން ކޮވިޑް19އިގެ އަލާމާތްތައް ފެންނަމުންދާތީ މިއަދު 15:46އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އިހަވަންދޫ ކަރަންޓީންކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، މިއަދު އިހަވަންދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބަޔާންކޮށްފައި ވަނީ، "ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެެރުން މަނާ"ކޮށްފިން ކަމަށެވެ.

އިހަވަންދޫ ކަރަންޓިން ކުރަން ނިންމިއިރު، 242 ބޯޓުގެ ކައްޕި ވަނީ މި މަހު އެއްވަނަ ދުވަހު ކޮވިޑް19 އަށް ފައްސި ވެފައެވެ. އަދި ތަޚުތު ބޯޓުގެ ފަޅުވެރިއަކާއި 242 ބޯޓުގެ ކޭޝިޔަރުވެސް މިހާރު ވަނީ ކޮވިޑް19 އަށް ފައްސި ވެފައިވެއެވެ. މި އެންމެނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ހޯދައި، ކަރަންޓީން ކުރަން ޖެހޭ މީހުންނާއި ތަންތަން ކަރަންޓީންކޮށް ޓެސްޓްކުރުމުގެ މަސައްކަތް އިހަވަންދޫ ކައުންސިލާއި އާމިނާދިޔޯ ހެލްތު ސެންޓަރު ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ