[HEADER BANNER]
[AD]

އަހަރެން ވާން އެންމެ ބޭނުމީ..!

މުދައްރިސަކު ފެންކަޅި ކުރުވި އަސަރުގަދަ ލިޔުމެކެވެ. ދަރިވަރަކުލިޔެފައިވާ ލިޔުމެކެވެ. އުމުރުގެ ގޮތުން ދޮށީ ނޫނަސް ރަފުރާގެ އަހަރުތަކުގެ ކުރީ އަހަރުތައް ގުނަންފެށި، ޕުރައިމަރީ ގުރޭޑުތަކުގެތެރެއިން ގުރޭޑެއްގައި ކިޔަވަމުންދިޔަ ދަރިވަރަކު ލިޔެފައިވާ ލިޔުމެކެވެ. އެދަރިވަރުގެ އިނގިރޭސި މުދައްރިސް ހަވާލުކުރި މަސައްކަތް ފުރިހަމަކުރުމުގެ ގޮތުންނެވެ.

ދަރިވަރަކީ، ފިލާވަޅުތަށް ނިންމުމުގައި ވަފާތެރި ދަރިވަރެކެވެ. ކުޑަކުޑަ "ދޭސި" ކަމަކާއިއެކުގައި  ނަމަވެސް، ފިލާވަޅުތައް ނިންމުމަށް އަހަންމިއްޔަތުކަންދޭ ދަރިވަރެކެވެ. ދަރިވަރަށް މިފަހަރު ހަވާލުވި މަސައްކަތަކީ، ކުލާހުގެ އެހެންދަރިވަރުންނަށްވެސް ހަވާލުކުރި މަސައްކަތެކެވެ. މުދައްރިސް ހަވާލުކުރާ މައިގަނޑުނަމަކަށް 3 ޕެރެގުރާފަށްވުރެ ކުރުނޫން ލިޔުމެއް ލިޔުމެވެ.

މުދައްރިސް ލިޔުމުގެ ސުރުހީ ބޯރޑުގައި އަޅައިލިއެވެ. "އަހަރެން ވާން އެންމެ ބޭނުންވަނީ.... " . ސުރުހީ ފުރިހަމަކުރަން ޖެހެނީ އެދަރިވަރަކު އަމިއްލަ އަށެވެ. ކުދިންގެ ހިޔާލުތައް ވަރަށް ތަފާތެވެ. އެކުދިން އެކިކުދިންނާ ހިޔާލު ބަދަލުކޮށްވެސް ހެދިއެވެ. ކޮންމެ އަކަސް ލިޔުންތައް ނިންމަންޖެހޭ ވަގުތުޖެހިއްޖެއެވެ. ދަރިވަރުން އެކުދިން ލިޔެފައިވާ ލިޔުން، ނިންމާ އެކުދިންގެ ފޮތްތައް މުދައްރިސާ ހަވާލުކުރިއެވެ.

"ސްޓާފް ރޫމަށް"  ވަދެ ހަމަޖެހިލައި ފޮތްތައް މާރކުކުރުމަށް މުދައްރިސް ތައްޔާރުވިއެވެ. ޢާއްމުކޮށް އެމުދައްރިސް ފޮތް މާރކުކުރުމަށް ގެންގުޅޭ ފިޔާތޮށި ކުލައިގެ ޑިސްކޯ ގަލަން ނަގައިގެން އައިސް، ބަރިޖަހާލެވިފައިވާ ފޮތްތަކުގެ ކުރިމަތީގައި އިށީއިނެވެ.

ފޮތަކަށްފަހު ފޮތެއްގައި ލިޔެފައިވާ ލިޔުންތައް ކިޔަމުން، ކުށް ފިލުވައި ބޮޅުއަޅައި ދަށުރޮނގުދަމާ ވަކިވަކިން "ކޮމެންޓް" ލިޔަމުން ގެންދިޔައެވެ. ތަފާތު ސުރުހީތައް ފެނުނެވެ. މުދައްރިސް ހީކުރިގޮތަށެވެ. "އަހަރެން ވާން އެންމެ ބޭނުންވަނީ މުދައްރިކަށެވެ". "އަހަރެން ވާން އެންމެ ބޭނުންވަނީ ޕައިލެޓަކަށެވެ". "އަހަރެން ވާން އެންމެ ބޭނުންވަނީ ކައްކާ އަކަށެވެ." "އަހަރެން ވާން އެންމެ ބޭނުންވަނީ ޕްރިންސިޕަލަކަށެވެ". ޑޮކުޓަރަކަށެވެ. ނަރުހަކަށެވެ. މިފަދަ އެތަކެއް ހިޔާލުތަކެވެ.

ނަމަވެސް، ވަރަށް ތަފާތު ސުރުހީއެއް މުދައްރިސްގެ ލޮލުގައި އަޅައިގަތެވެ. ހީނުކުރާފަދަ އާދަޔާ ޚިލާފު ސުރުހީއެކެވެ. ލިޔުމުގައި ލިޔެފައި އޮންނާނޭ އެއްޗަކާމެދު ހިޔާލުކޮށްލަންވެސް އުނދަގޫވިއެވެ. އުފެދުނު ޝައުޤުވެރިކަން ވަރަށް ބޮޑުވިއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލައި ލިޔުން ކިޔަންފެށިއެވެ. ލިޔުން ފަށާފައިވަނީ މިހެންނެވެ.

"އަހަރެން ވާން އެންމެ ބޭނުންވަނީ ޓީވީ އަކަށެވެ".

ދިރިއުޅުމުގައި އެކިކުދިން އެކި ކަހަލަ ހިޔާލު ކުރެއެވެ. އަދި އެކިކަހަލަ ހުވަފެންތައް ދެކެން ބޭނުންވެއެވެ. އަހަރެންވެސް މެއެވެ. އެކި މީހުންވާން ބޭނުންވަނީ އެކި މަސައްކަތްކުރާ މީހުންނަށެވެ. އަހަރެންގެ ރައްޓެހި ކުދިންވެސް އެގޮތެވެ. އެހެންނަމަވެސް، އަހަރެންގެ ވާހަކަ ތަފާތެވެ. "އަހަރެން ވާން އެންމެ ބޭނުންވަނީ ޓީވީ އަކަށެވެ. "

ލިޔުމުގެ ފެށުމާމެދު، މުދައްރިސް ކުޑަކޮށް ވިސްނައިލިއެވެ. އަދި "ގަލަން ހިންގައިލުމެއް ނެތި" ޖެހިގެން އޮތް ޕެރެގުރާފު ކިޔަންފެށިއެވެ.

އަހަރެން ސުކޫލުން ނިމިގެންދާއިރު ގޭގެ އެންމެން ޓީވީބަލަން ތިބެއެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެހެންތިބެގެން ބައެއް ފަހަރަށް ހީލާނެއެވެ. އަނެއްބައި ފަހަރަށް ހަޅޭލަވައިވެސް ގަނެއެވެ. އަދި ހަމައެހެންމެ އެކަމަކާ ދޭތެރޭ އެންމެން އުފާކޮށް ވާހަކަ ދައްކާ އުޅޭ ތަންވެސް އަހަރެންނަށް ފެނެއެވެ. އެމީހުން އެހެނީ އެ ޓީވީއާ ދިމާ ބަލަބަލައިފައެވެ. އެޓީވީގެ ސަބަބުން ހާދަބޮޑު އުފަލެއް އެއެންމެންނަށް ލިބެއެވެ. އަހަރެންނަކީ، އެޓީވީ ކަމުގައި ވީނަމަ ނޫންހެއްޔެވެ؟ އެހައިރުން އަހަރެންގެ މަންމައަށްވެސް އަހަރެންގެ ސަބަބުން ހާދަބޮޑު އުފަލެއް ލިބުނީހެވެ. އަހަރެންގެ އާއިލާގެ އެންމެންނަށްވެސް މެއެވެ.

ދެން ލިޔެފައިވަނީ ކީކޭތޯ ބަލައިލުމަށް، އުފެދުނު ޝައުޤުވެރިކަން ވަރަށް ބޮޑެވެ. ހިތުގައި "ފިތުމުގެ އަސަރެއް" ވާހެންވެސް ހީވަން ފަށައިފިއެވެ. ތިންވަނަ ޕެރެގުރާފުވެސް ކިޔަންފަށައިފިއެވެ. އަތުގައިއޮތް ގަލަން މޭޒުމަތީގައި ބޭއްވުމަށްފަހުގައެވެ.

އަހަރެން އެކަނިމާއެކަނި ގޭތެރޭގައި ކުޅެން އުޅެމެވެ. "އަހަރެންގެ ބޯޅައާ އެކުގައެވެ." އަހަރެންނާ އެކީގައި ކުޅެލައިނޭ މީހަކު ނުހުންނާތީއެވެ. އަހެންއުޅޭ އުޅުމުގައި އަހަރެން ގެންގުޅޭ ބޯޅަ ބައެއްފަހަރުގޮސް ޓީވީގައި ޖެހެއެވެ. ޓީވީ ބަލަން ތިބޭމީހުން ހަޅޭލަވާގަންނާނެއެވެ. އަހަރެންގެ ނަމުން ގޮވައިގަންނާނެއެވެ. "ޓީވީގައި ތިހެން ނުޖަހާށެވެ. ޓީވީ ވެއްޓިދާނެއެވެ. ޓީވީ ހަލާކުވެދާނެއެވެ. މަޑުން ހުންނާށެވެ." އަޅެ އަހަރެންމީ ޓީވީކަމުގައިވީނަމަ ނޫންހެއްޔެވެ؟ އޭރުން އަހަރެންގެ ގައިގާ ރަބަރު ބޯޅައަކުން ޖެހުމަށްވެސް އެމީހުން ނޭދުނީހެވެ.

މުދައްރިސްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހިތުގައި އަސަރުތައް އުފެދެން ފަށައިފިއެވެ. ނޭވާ އަވަސްވާކަމުގެ އިހުސާސެއްވެސް ކުރެވުނެވެ. އެންމެ ފަހުޕެރެގުރާފުގައި ލިޔެފައިވަނީ ކީކޭބާވައެވެ؟

ބައެއް ފަހަރު އަހަރެން މަޖަލަކަށް ހަދައިފާ ދުވެފައިގޮސް ޓީވީ ނިންވާލަމެވެ. އެންމެންނާ މަޖާކޮށްލުމުގެ ބޭނުމުގައެވެ. އަހަރެންނަށްވެސް އެނގިފައި އޮންނަނީ ބޮޑުފިތަށް އޮބައިލުމުން ޓީވީ ނިވޭކަމެވެ. އެހިސާބުން މައްސަލަވަރަށް ގޯސްވާނެއެވެ. ބައެއް ފަހަރަށް އަހަރެންކޮށްލާ މަޖާ އަހަރެންނަށް ވޭނަކަށް ވެއެވެ. އަހަރެންގެ ބުރަކަށީގައި "އެތިފަހަރު ފަހަރު" ޖަހާތަންވެސް އާދެއެވެ. އަޅެ އެމީހުން ޓީވީ ދެކެ ހާދަ ލޯބިވެއެވެ. އަހަރެން މީ ޓީވީ ނަމަ، އަހަރެންގެ ގައިގާ އެހެން މީހަކު ޖެހުނަވެސް ނުދިނީސް ނޫންހެއްޔެވެ؟ އެންމެން އަހަރެންގެ ހިމާޔަތުގައި ތިބީނޫންހެންޔެވެ؟

ޞަފުހާގެ އެންމެ ތިރީގައި ފެންތިއްކެއް ޖެހިފައިވާތަން މުދައްރިސަށް ފެނުނެވެ. އިރުކޮޅަކުން އެފެންތިކި ޖެހިފައިވާ ތަނުގެ ކައިރިއަށް އެހެން ފެން ތިއްކެއް ވެއްޓިއްޖެއެވެ. ކަނާއަތް ނަގާ ލޮލުގެ ކައިރީގައި ނޭފަތާ ދުރަށް ހިންގައިލިއެވެ. އިތުރު "ފެން ތިއްކެއް" ވެއްޓިއްޖެއެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ފުންނޭވާއެއް ލެވުނެވެ. އަދި ގަޑި ބަލައިލިއެވެ. ކުދިން ފޮނުވާލާ ގަޑިޖެހެނީއެވެ. ބަލައިނިމިފައިވާ ފޮތްތައް ހިފައިގެން މުދައްރިސް ކުލާހަށް ދިޔައެވެ. "ޒިޝާން" މަޑުކޮށްލަދިނުމަށް އެވަގުތު އެކުލާހުގައިހުރި މުދައްރިސްގެ ކިބައިން އެދުނެވެ.

ކުދިންބަލައި އައިސް އެކުއްޖެއްގެ ބެލެނިވެރިޔަކު އެކުއްޖަކު ގޮވައިގެން ހިނގައްޖެއެވެ. "ޒިޝާން" ބަލާ ނާންނަނީތޯ މުދައްރިސް ސުވާލުކުރިއެވެ. އެއްޗެކޭ ނުބުނެ "ޒިޝާން" ވެސް ދެކޮނޑު އަރުވާލިއެވެ.

10 މިނިޓް ފާއިތުވެގެން ދިޔަފަހުން ތަންކޮޅެއް ބާރަށް ހިނގައިފައި އައި ފިރިހެނަކު ކުލައިހުގެ ކުރިމައްޗަށް ހުއްޓުނެވެ. "މާ ލަސްވީ ދޯއެވެ" އެމީހަކު ސުވާލެއް ކުރިއެވެ. މުދައްރިސްގެ މޫނުމަތީގައިވާ މާޔޫސީކަން އެމީހަކަށްވެސް ފާހަގަކުރެވުނީކަންނޭނގެއެވެ. " އަނެއްކާ ޒިޝާން ކަމެއް ކުރީތޯއެވެ؟ " ސުވާލު އަމާޒުވީ މުދައްރިސަށެވެ. " ނޫނޭ މިފޮތުގައި މިއޮތް ލިޔުން ކިޔާލައިފައި އަހަރެންނަށް ... " މުދައްރިސް މިހެން ބުނަމުން އެމީހާއަށް ފޮތް ދިއްކޮށްލިއެވެ.

ސުރުހީ ކިޔާލާފައި ކުޑަކޮށް ހިނިއައެވެ. އަދި ޕެރެގުރާފަކަށްފަހު ޕެރެގުރާފެއް ކިޔަމުން ދިޔަވަރަކަށް އޭނާއަށްވެސް އަސަރުތަކެއް ކޮށްފިއެވެ. އަދި މުދައްރިސާ މުހާތަބުކޮށް ބުންޏެވެ. " ކޮންމެ ގޮތެއްވިޔަސް މިކުއްޖާގެ މައިންބަފައިންނަކީ ވަރަށް ގޯސްބައެކެވެ. އެކުއްޖާއަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ."

މުދައްރިސް މަޑުމަޑުން އެފިރިހެންމީހާއަށް ބުނިލިއެވެ. "އަހަރެން ހިތަށް މިއަރަނީ އެހެންނެވެ. އަޅެތިކުއްޖެއްގެ ނަންބަލައިލަބަލާށެވެ." "ޒިޝާން އަހުމަދު" އޭނާއަށް ލިބުނީ ސިހުމެކެވެ. ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. އަދި މުދައްރިސްގެ މޫނަށް ބަލައިލިއެވެ. ހިތާހިތާ ސުވާލުތައް ކުރަމުން، ފޮތް ދަބަހުގެ ތެރެއަށް އެފޮތް ލިއެވެ. އަދި ދަބަހުގެ ޒިބު އަޅުވައިލުމަށްފަހު ދަރިފުޅުގެ އަތުގައި ހިފައި ކުލާހުން ނިކުތުމަށް ހިނގައިގަތެވެ. ފަސްއެނބުރި މުދައްރިސާ ދިމާ ބަލައިލިއެވެ. ކުށަށް އިއުތިރާފުވާ ފަދައިން ބޯޖަހައިލިއެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ